ޔޫވީ ބަލިކޮށް ވިކްޓަރީ ތިންވަނައަށް

ޔޫވީ ބަލިކޮށް ވިކްޓަރީ ތިންވަނައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

އެސްޓީއޯ މާލޭ ލީގުގައި ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރި މެޗު ނިމުނީ 1-3 ގެ ނަތީޖާއިންނެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗު ފަށައިގެން ވެސް ގިނަ ނުރައްކާ އުފައްދަމުން ދިޔައީ ވިކްޓަރީގެ ފަރާތުންނެވެ. އެ ގޮތުން ވިކްޓަރީގެ ކުރިއަށް ދެ ފަޅިއަށް ކުޅެމުންދިޔަ އަހުމަދު ނާޝިދު (ނާއްޓޭ) އާއި ޕެޑްރޯ ހެންރީކޭގެ ކުޅުން ފާހަގަކޮށްލެވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ނާއްޓޭ ވަނީ ވިކްޓަރީއަށް މެޗުގެ ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ލަނޑާއެކު ވިކްޓަރީ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔައީ ވިކްޓަރީގެ ފަރާތުންނެވެ. ފުލުފުލުގައި އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ މެޗުގެ 61 ވަނަ މިނެޓުގައި ވިކްޓަރީއިން މެޗުގެ ލީޑު ފުޅާކުރުމެވެ. ވިކްޓަރީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެންހަލް ކަރަސްކޯ މުނޯޒެވެ. މެޗުގެ 87 ވަނަ މިނެޓުގައި ވިކްޓަރީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ރަޝީދެވެ. ޔޫވީގެ ހަމައެކަނި ލަނޑު މެޗު ނިމެންދަނިކޮށް ކާމިޔާބުކޮށްދިނީ ސަމުއަލް ކޯޑެލްއެވެ.

މި މެޗުގެ ނަތީޖާއާއެކު ވިކްޓަރީ ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 15 ޕޮއިންޓާއެކުގައެވެ. މި މެޗުން ބަލިވި ޔޫވީ އޮތީ 6 ޕޮއިންޓާއެކު ހަތްވަނައިގައެވެ.

މާލޭ ލީގުގައި ތާވަލުގެ އެއްވަނައިގައި ނިއު ރޭޑިއަންޓް އޮތީ 19 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މާޒިޔާ އޮތީ 16 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި ޓީސީއަށް 14 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އީގަލްސް އޮތީ 12 ޕޮއިންޓާއެކުގައެވެ. ހަވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ވެލެންސިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެވެ.

މާލޭ ލީގުގައި މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ. ހުކުރު ދުވަހުގެ ހަވީރު ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީއެވެ. ހުކުރު ދުވަހުގެ ރޭ ބައްދަލުކުރާނީ ވިކްޓަރީއާއި ނިއު ރޭޑިއަންޓެވެ. ހޮނިހިރު ދުވަހުގެ ހަވީރު އީގަލްސްއާއި ވެލެންސިއާ ބައްދަލުކުރާއިރު، އެ ދުވަހުގެ ރޭ މާޒިޔާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް