ފަހު ވަގުތު ޖެހި ލަނޑުން ޓީސީން މާޒިޔާ ހިފަހައްޓައިފި

ފަހު ވަގުތު ޖެހި ލަނޑުން ޓީސީން މާޒިޔާ ހިފަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތުއެސްޓީއޯ މާލޭ ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.
މި މެޗުގެ ނަތީޖާއާއެކު މާޒިޔާ އޮތީ ލީގު ތާވަލުގެ ދެވަނައިގައި 17 ޕޮއިންޓާއެކުގައެެވެ. ތިންވަނައިގައި އޮތް ކްލަބް އީގަލްސްއާއި، ހަތަރުވަނައިގައި އޮތް ޓީސީއާއި، ފަސްވަނައިގައި އޮތް ވިކްޓަރީއަށް ވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. އެއްވަނައިގައި ނިއު ރޭޑިއަންޓް އޮތީ 22 ޕޮއިންޓާއެކުގައެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމު ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް، މެޗުގެ ކުރީކޮޅު ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ މާޒިޔާއިންނެވެ. އެ ގޮތުން، މާޒިޔާގެ އަހުމަދު ހަސަނާއި ނާއިޒު ހަސަން (ދާދު) ގެ ފަރާތުން ފެނިގެން ގޮސްފައިވާ ކުޅުން ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައިވަނީ ވެސް މާޒިޔާއިންނެވެ.

މާޒިޔާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 29 ވަނަ މިނެޓުގައި ކޯނެލިއަސް ސްޓެްވާޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހުމަދު އިމާޒު (އާއްކޮ) އެވެ. ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން މާޒިޔާ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ވަރުގަދަކޮށް ފެނުނީ މާޒިޔާއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 65 މިނެޓުގައި ކޯނެލިއަސް ސްޓެވާޓް ވަނީ ލަނޑެއް ޖަހައި މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ. މާޒިޔާއިން ދެ ލަނޑުގެ ލީޑެއް ނަގައިފައިވަނިކޮށް، މެޗުގެ 68 ވަނަ މިނެޓުގައި ޓީސީއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. އެއީ މާޒިޔާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޓީސީގެ އެނަޓޮލީ ވްލަސިޗޭވަށް މާޒިޔާގެ ޑިފެންޑަރު މިލޯސް ކޮވަސިޗެވް ކުރި ފައުލަކާ ގުޅިގެން މެޗުގެ ރެފްރީ ދިން ޕެނަލްޓީއެކެވެ. ވްލަސިޗޭވް ފޮނުވާލި ޕެނަލްޓީ މާޒިޔާގެ ކީޕަރު މައުރޯ ބޮއެރްޗިއޯ މަތަކުރި ނަމަވެސް ކުރިއަށް އައި ބޯޅަ ވްލަސިޗޭވް ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ. ޓީސީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެންދަނިކޮށެވެ.

ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހުމަދު އާރިފު (އާރީ) އެވެ.
މާލޭ ލީގުގައި ދެން މެޗެއް ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ރޭ ބައްދަލުކުރާނީ މާޒިޔާއާއި އީގަލްސްއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް