ފޭދޫ އިއްބެގެ ހެޓްރިކާއެކު ޓީސީ މޮޅުވެ ތިންވަނައަށް

ފޭދޫ އިއްބެގެ ހެޓްރިކާއެކު ޓީސީ މޮޅުވެ ތިންވަނައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު


އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ ބައްދަލުކުރި މެޗުގައި ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ ހެޓްރިކަކާއެކު ޓީސީ މޮޅުވެއްޖެއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗުން ވެލެންސިއާގެ މައްޗަށް ޓީސީއިން ކުރިހޯދީ 0-4 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ޓީސީގެ ޔާމީން އިބްރާހިމް (ޔާންބެ) އާއި، ޑިއޯ ވިލިއަމްސްއާއި، ފޭދޫގެ އިއްބެގެ ހަމަލާތައް ފާހަގަކޮށްލެވެއެވެ. މި ހާފުގައި ޓީސީގެ ހަމަލާތައް ހިފެހެއްޓުމުގައި ވެލެންސިއާގެ ޑިފެންސް ލައިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އޭގެ އިތުރުން، ވެލެންސިއާގެ އަންސަރު އިބްރާހިމް (އަންކޮ) އާއި، ރިޝީން ވަލޭރީއަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނުއިރު، މެޗުގައި ޓީސީން ކާމިޔާބުކުރި ހަތަރު ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ ފަހު ހާފުގައެވެ. އެ ގޮތުން، ފުރަތަމަ ލަނޑު ޖަހައި ޓީސީއަށް ލީޑު ނަގައިދީނީ މެޗުގެ 56 ވަނަ މިނެޓުގައި ފޭދޫ އިއްބެއެވެ. މެޗުގެ 71 ވަނަ މިނެޓުގައި ފޭދޫ އިއްބެ ވަނީ އިތުރު ލަނޑެއް ޖަހައި ޓީސީއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ފޭދޫ އިއްބެ އޭނާގެ ހެޓްރިކް ފުރިހަމަކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ޓީސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 84 ވަނަ މިނެޓުގައި ޑިއޯ ވިލިއަމްސްއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޓީސީ ލީގުގެ ތިންވަނައިގައި އޮތީ 18 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އީގަލްސްއަށް ވެސް 18 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސްއަށް ކުރި ލިބެނީ ލަނޑު ފަރަޤުންނެވެ. ރޭގެ މެޗުން ބަލިވި ވެލެންސިއާ އޮތީ ލީގުގެ އެންމެ ފުލުގައި ޕޮއިންޓަކާއެކުގައެވެ. ލީގުގެ އެއްވަނައިގައި 22 ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓެވެ.
މާލޭ ލީގުގައި މިރޭ ވެސް މެޗެއް ކުޅޭނެއެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް