ސެންޓޭގެ ހެޓްރިކާއެކު އީގަލްސް ބަލިކޮށް ނިއު ލީގު ކާމިޔާބުކުރުމާ ގާތަަށް

ސެންޓޭގެ ހެޓްރިކާއެކު އީގަލްސް ބަލިކޮށް ނިއު ލީގު ކާމިޔާބުކުރުމާ ގާތަަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު


އެސްޓީއޯ މާލޭ ލީގުގައި ޢަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާއެކު ކްލަބް އީގަލްސް ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފިއެވެ.

ރޭގެ މެޗުން ނިއު މޮޅުވުމާއެކު، ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ނިއުއަށް މިހާރު ބޭނުންވަނީ އެންމެ މޮޅެކެވެ. ލީގު ތާވަލުގެ އެއްވަނައިގައި ނިއު އޮތީ 28 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ހަތަރުވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި އީގަލްސްއަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު، މާޒިޔާއާއި، ވިކްޓަރީއާއި، ޓީސީއަށް ލީގު ނެގުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުން އީގަލްސްގެ މައްޗަށް ނިއުއިން ކުރިހޯދީ 1-4 ގެ ނަތީޖާއިންނެވެ. ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ހާފުގައި ނިއުއިން ވަނީ ތިން ލަނޑު ޖަހައިފައެވެ. މެޗުގެ 7 ވަނަ މިނެޓުގައި ނިއުއަށް މެޗުގެ ލީޑު ހޯދައިދިނީ ޢަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ 12 ވަނަ މިނެޓުގައި ރިހާމް ޢަބްދުލްޣަނީ ދިން ޕާހަކުން ނިއުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. މެޗުގެ 27 ވަނަ މިނެޓުގައި ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ، އަކްރަމް ޢަބްދުލްޣަނީ (އަކޫ) ނަގައިދިން ހުރަހަކުން ހަމްޒާ މުުހައްމަދު (ހަމްޕު) އެވެ. ފުރަތަމަ ހާފު ނިމުނީ ތިން ލަނޑުގެ ލީޑެއްގައި ނިއު އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި، މުހައްމަދު އާރިފު (ބަކާ) އަށް އަހުމަދު ޢަބްދުﷲ (ލިލީ) ކުރި ފައުލަކާ ގުޅިގެން މެޗުގެ ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ސަަބަބުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ވަނީ ބެންޗުން ފޮނުވާލައިފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މެޗުގެ 58 ވަނަ މިނެޓުގައި ނިއުއަށް ލިބުނު ޕެނަލްޓީއަކުން ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަކުރިއެވެ. އެ ޕެނަލްޓީއަކީ އޭރިއާ ތެރޭގައި ސެންޓޭއަށް އީގަލްސްގެ ހުސައިން ސިފާއު ޔޫސުފު ކުރި ފައުލަކާ ގުޅިގެން މެޗުގެ ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީގެ އެ ނިންމުމާ ހިތްހަމަނުޖެހިގެން އީގަލްސްގެ ޞަލާހު ޢަލީ ބުނި ބަހަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އެހެންވެ މެޗުގެ ބާކީ ބައި އީގަލްސްއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ އީގަލްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 84 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ޕުރްސިނޯ ލުއިޒް އެޑުއާޑޯއެވެ.

މާލޭ ލީގުގައި މިރޭ ވެސް މެޗެއް ކުޅޭނެއެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޔުނައިޓެޑް ވިކްޓަރީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް