ފުލިދޫ ރައްޔިތުންގެ އާދޭސް- ރައްޔިތުން މިވަނީ ފާލަމަކަށް ނިހާޔަތަށް ބޭނުންވެފައި

ފުލިދޫ ރައްޔިތުންގެ އާދޭސް- ރައްޔިތުން މިވަނީ ފާލަމަކަށް ނިހާޔަތަށް ބޭނުންވެފައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

ވ. ފުލިދޫ އަކީ ނުހަނު ރީތި ގޮނޑުދޮށަކާއި ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ.

ނަމަވެސް އެރަށަށް ލިބިފައިވާ ރީތިކަމަށް ފަޅުކަމެއް ގެނެސްދީފައިވަނީ ހަމަ އެންމެ ކަމެކެވެ. އެއީ އެރަށަށް އަންނަ އޮޑި ދޯނި ފަހަރު ކައިރިކުރާނެ ފާލަމެއް އެރަށުގައި ނެތުމެވެ.ނަންހާމަ ނުކުރުމަށް އެދި "މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި އެރަށުގެ ރައްޔިތެއް މައުލޫމާތު ދީފައިވަނީ، އެރަށުގައި ފާލަމެއް ނެތުމުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި، ޚާއްސަކޮށް އަންހެނުން ނިކުމެ 2015 ވަނަ އަހަރު ފާލަމެއް އެޅި ކަމަށެވެ.

" އެއީ 2015 ވަނަ އަހަރު، ގިނައިން އަންހެނުން ނިކުމެ އެޅި ފާލަމެއް، ނަމަވެސް އެފާލަމަށް އެއްވެސް ދޯންޏަކަށް ކައިރިއެއް ނުކުރެވޭނެ ދިޔަވަރު ތިލަ ދުވަސްވަރަކު. ދިޔަވަރު ފުން އިރު ކައިރި ކުރެވޭނީ" އެމީހާ ކިޔާދިނެވެ.


ނަމަވެސް އެއިރު އެޅި ފާލަން މީގެ މަހެއްހާ ދުވަސް ކުރިން ވަނީ ހަލާކުވެފައެވެ. ނަން ހާމަ ނުކުރުމަށް އެދި ރަށުގެ ޒިންމާދާރު ވެރިއަކު މައުލޫމާތު ދެއްވި ގޮތުގައި ވިދާޅުވެފައިވަނީ، އެފާލަން ހަލާކުވެ އެއްކޮށް ވެއްޓުނީ އަމިއްލަ ކުންފުންޏަކުން އެދުވަސްވަރު ފުލިދޫ އަށް ދިޔަ ބޯޓެއް، ދިޔަވަރު ތިލައިރު ފާލަމާއި ކާއިރި ކުރުމުގެ ސަބަބުން ފާލަމުގައި ޖެހިގެން ކަމަށެވެ.

"އެފަރާތާއިއެކު ވާހަކަ ދައްކާ އެފަރާތުގެ ވެސް އެހީތެރިކަމާއިއެކު ފާލަން އަލުން ހަދާ ގޮތަށް އެއްބަސްވެފަ ވަނީ. ނަމަވެސް އެމަސައްކަތް އެކުންފުނިން ކުރާ މީހުން މިވަގުތު ރާއްޖޭގައި ނެތުމުގެ ސަބަބުން އަދި މަސައްކަތް ވަނީ ފެށޭ ގޮތް ނުވެފަ" ޒިންމާދާރު ވެރިޔާ ވިދާޅުވިއެވެ.ގެސްޓްހައުސް ވެސް ގިނަ ފުލިދޫގައި ފާލަމެއް ނެތުމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ވަނީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައެވެ.

ނަމަވެސް މިދިޔަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފުލިދޫ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، އެރަށުގައި ފާލަމެއް އަޅުއްވާނެ ކަމަށް ވައުދުވެ، ފާލަމެއް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

"ފާލަން ބިނާ ކުރަން ތަނބުތަކާއި ދަގަނޑުތައް ވެސް ވަނީ ޖަހާފަ. ނަމަވެސް ވަކި ހިސާބަކުން މަސައްކަތް ވަނީ ހުއްޓިފަ. ރައީސް ޔާމީން ގެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނު އެމަސައްކަތް ފައްޓަވާ ދެއްވާފައިވީ ނަމަވެސް، ސަރުކާރުގެ މަޤާމުތަކުގައި ތިބި އެހެން ބޭފުޅުން އެކަމަށް މަސައްކަތް ނުކުރާކަން ހިތާމައާއިއެކު ފާހަގަ ކުރަން. އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން މިރަށުގައި ފާލަމެއް އެޅޭނެ ކަމަށް" ޒިންމާދާރު ވެރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން އެބޭފުޅާ ވިދާޅުވީ، ސަރުކާރުން ފުލިދޫ ގައި އަޅާދިނުމަށް ނިންމާފައިވަނީ 100 ފޫޓުގެ ފާލަމެއް ކަމަށާއި 100 ފޫޓުގެ ފާލަމެއް އަޅައިފިނަމަ ކޮންމެ ހަ މަހުން ހަ މަހުން ޖެހޭނީ އެރަށުގެ ފަޅު ކޮންނަން ކަމަށެވެ.
"100 ފޫޓުގެ ފާލަމެއް އެޅުމުން އެމައްސަލަ ހައްލެއް ނުވޭ. މައްސަލަ ހައްލުނުވާ ކަމުގައިވަންޏާ 100 ފޫޓުގެ ފާލަމެއް ފުލިދޫ ރައްޔިތުން ބޭނުމެއް ނޫން. މައްސަލަ ހައްލުވާނީ 200 ފޫޓުގެ ފާލަމެއް އެޅިގެން. އެއީ ކުރިންވެސް ބުނިހެން ފުލިދޫއަކީ ފަސްބޮޑު ރަށަކަށްވާތީ" ޒިންމާދާރު ވެރިޔާ ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް