ގާސިމް އިބްރާހިމަށް ވީމާ ގޯސްވީ ދެއްތޯއެވެ.

ގާސިމް އިބްރާހިމަށް ވީމާ ގޯސްވީ ދެއްތޯއެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 26 ސިކުންތު

ދިވެހި ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންމިދާ އަނިޔާވެރި ވެރިކަމުން އެ ރަށްޔިތުން ސަލާމަތް ކުރުމަށް އުމްމީދީ ކޯލީޝަނެއް ހަތަރު ލީޑަރަކުވެގެން އެކުލަވާލި ދުވަހަކީ އެއީ މާޔޫސް ކަންމަތީގައި ތިބި އެތަކެއް ދިވެހިންނަކަށް ހިނިތުންވުމެއް ގެނުވާ، އުމްމީދުތަކެއް އާކޮށްދިން ދުވަހެެކެވެ. އެ ހަތަރު ލީޑަރުންގެ ތެރެއިންވެސް އިސްލާހީ ހަރަކާތުގައި އެންމެ ބޮޑު ގުރުބާނީއެއް ވަމުން ގެންދަވާ އެއްބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމީ އެއީ ހަގީގަތެވެ. މިކަމުގައި ހިތާ އެެއްކޮޅުވުމެއްވެސް އަދި ދެކޮޅުވުމެއްވެސް ނެތެވެ. އެއީ ހަގީގަތެވެ. ދިވެހި ގައުމަށް މެދުވެރިވި މިކަހަލަ ހުރިހާ ކަމަކުންވެސް އެ ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް އެންމެ ފުރަތަމަ އަތް އޮޅާލާ ފަރާތަކީވެސް ގާސިމް އިބްރާހިމެވެ. ކުރު ގޮތަކަށް ބުނާނަމަ ގާސިމް އިބްރާހިމްއަކީ، ފަރުވާއަކަށް ބޭނުން ޖެހިއްޖެ ހިނދެއްގައި ފަސްޓް އެއިޑެވެ.

މި ގައުމުގައި ގާސިމް ބިނާ ކުރި ވަރަށް ތައުލީމީ ގާބިލް މީހުން ބިނާ ކުރި ފަރުދަކުވެސް ނެތެވެ. އަދި ގާސިމް އެހީވެދެއްވި ވަރަށް މިއަދާ ހަމަޔަށްވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވެދެއްވި ފަރުދަކު ނެތެވެ. ދަތި އުނދަގޫ ކަމެއް ދިމާވެއްޖެ ހިނދެއްގައި ގާސިމް އިބްރާހިމެވެ. ބޭސް ފަރުވާއަށް ބޭނުންވެއްޖެ ހިނދެއްގައިވެސް ގާސިމް އިބްރާހިމެވެ. ތައުލީމަށް ބޭނުންވެެއްޖެ ހިނދެއްގައިވެސް ގާސިމް އިބްރާހިމެވެ. ވެރިކަމެއް، ބާރެއް ބޭނުންވެއްޖެ ހިނދެއްގައިވެސް ގާސިމް އިބްރާހިމެވެ. މި ގައުމުގައި ވެރިކަމަށް ކުރިމަތި ލައިގެން މިހާތަނަށްވެސް އެންމެ ފުރިހަމަ މެނިފެސްޓޯއެއް ހުށަހެޅި ފަރާތަކީވެސް ގާސިމް އިބްރާހިމެވެ. މި ހުރިހާކަމެއް މިހެން ހުރި އިރުވެސް ގާސިމް އިބްރާހިމް ވެރިކަމަށް ކުރިމަތިލާ ކޮންމެ ފަހަރަކު ތިޔަ އަމާޒުކޮށްލާ ފާޑު ކިއުންތަކަކީ އެއީ ހަމަ ކިޔާ ހިތުން ކިޔާ އެއްޗެހިތަކެއް ބާވައެވެ. ގާސިމަށް ވީމާ ރުޅި އަންނަންވީ ބަޔަކު އެގޮތަށް ބޭނުންވީމާތޯއެވެ. ގާސިމް އަކީ، އެމަނިކުފާނަކީ މި ގައުމު ހިންގޭނެ ކަން ހުރިހާ ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ފުރުސަތު ނުދެއްވަންވީ ކޮންކަމަކާތޯއެވެ؟

ދެން މިއޮތީ ގާސިމް އެކުލަވާ، ކުރައްސާލެއްވި ހިޔަނި ކެބިނެޓްގެ ވާހަކައެވެ. ގާސިމް އެ ބޭބޭފުޅުންނާއި މަޝްވަރާ ނުކުރައްވާ ނަންތައް އިއުލާން ކުރެއްވުމުން ލަދޭ ހަޔާތޭ ކިޔާ ފާޑުކިޔަމުން ދުވާ މީހުންގެ ވާހަކަތަކެވެ. ގާސިމް އިބްރާހިމް ވިދާޅުވީ ފަސްޓް ޕްރިއޯރިޓީއަކީ، ކޯލިޝަނުން އެއް ކެނޑިޑޭޓަކު ނެރުން ކަމަށެވެ. ހިޔަނި ކެބިނެޓަކީ އެކަން އެ މަގުން ނުހިނގައިފި ކަމަށްވާނަމަ ދެން އަމަލު ކުރައްވާނެ ގޮތުގެ ވާހަކައެވެ. ގާސިމް އެކުލަވާލެއްވި ކެބިނެޓަށް ފާޑުކީ ހަމަ ހަގީގަތުގައިވެސް އެ ކެބިނެޓްގައި އެ މަގާމުތައް އަދާ ކުރެވޭނެ ވަރުގެ ގާބިލިއްޔަތުކަން ހުރި މީހުން ނެތީމަބާއެވެ. ނޫނީ އެ ބޭފުޅުންވެސް އެ މަގާމުތަކަށް ކުފޫ ހަމަ ނުވާކަމަށް ހަގީގަތުގައިވެސް އަމިއްލަ ފުޅަށް ގަބޫލުފުޅު ކުރައްވަނީ ބާވައެވެ. ހަމަ ގައިމުވެސް ގާސިމްގެ ޗޮއިސްތަކަކީ ހަމަ އެއްވަނައިގެ "ހެސްކިޔާފަސަޅީ" ޗޮއިސްތަކެކެވެ. ކެބިނެޓްގައި ހިމެނުއްވީ، މުޅިންވެސް ކަމަށް ކަމޭހިތައިގެން ކަން ކުރެވޭނެ ވަރުގެ ތައުލީމީ ގާބިލް ބޭބޭފުޅުންނެވެ. ވަކި ޕަޓީއަކަށް ނުވަތަ ބަޔަކު ފާޑު ކިޔާފާނެ ކަމަށް ބިރުން އެބޭބޭފުޅުން އެކަމަށް އާނބަސް ނުބުނުމަކީ އެެެއީ އަދި މުޅީން އެހެންވާހަކައެކެވެ.

ދެން އޮތީ ލަދުގެ ވާހަކައެވެ، ހޭޝްޓެގް ލަދު ދެއްތޯއެވެ. އެހެން ކިޔާތީ މީސް މީޑިއާއިން ފެނެއެވެ. އެހެންނަމަވެސް ހަގީގަތުގައި މިއަދު ލަދު ގަންނަންވީ އެހެން ކިޔާ މީހުންނެވެ. ފުރަތަމަ ކަމަކަށް ވެރިކަންވެސް ތިޔަ ބަޔަކަށް ލިބުނީ ގާސިމް އިބްރާހިމްގެ ތާއިދާ އެކުގައެވެ. އޭގެ ފަހުން ތިޔަ ބަޔަކު ގާސިމްއާ ދޭތެރޭ އަމަލު ކުރި ގޮތުން ގަތް ލަދުގެ ވާހަކަ ބާއްވަމާ ދެއްތޯއެވެ. މި ވަގުތަކަށް މި ވާހަކައާއިގެން ކުރިޔަށް ދާނީއެވެ. ފާޑު ކިޔަން ތިޔަ ފެށީ ހަތަރު ލީޑަރުން ކެނޑިޑޭޓެއް ނެރެން މަސައްކަތް ކުރަމުންދަނިކޮށް، ގާސިމް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް ހާމަ ކުރެއްވީމާ ދެއްތޯއެވެ. ހަތަރު ޕާޓީގެ ތެރެއިން އެންމެ ފުރަތަމަވެސް އެ ކޯލީޝަނާއި މަޝްވަރާނުކޮށް، ކެނޑިޑޭޓަކު ކަނޑައަޅައި "ޖަޒީރާ" ކެމްޕެެެއިން ފަށައިގަތީވެސް ގާސިމް ތޯއެވެ. ވެރިކަމަށް އަންނާނީ ތިމާކަމަށްބުނެ، ބައިނަލް އަގުވާމީ މީޑިއާގައްޔާއި، ދިވެހި މީޑިއާތަކުގައި އެވާހަކަތައް ދެއްކެވީވެސް ގާސިމްތޯއެވެ. އެވާހަކަ ދެއްކެވި އިރު މަޝްވަރާ ކުރެއްވިތޯއެވެ؟ އެއްކެނޑިޑޭޓަކު ނެރެން މަސައްކަތް ކުރާތާވެސް ލައްކަ ދުވަސް ވެއްޖެއެވެ. އަލިމަގެއް އަދިވެސް އެކަމަށް އޮތީ ނުފެނިއެވެ. ގާސިމް އިބްރާހިމް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ފެނިވަޑައިގަންނަވާ ތަސައްވަރު އިއުލާން ކުރެއްވީމާ އަނެއްކާވެސް ތިޔަ އިއްވާލީ ކުރިމިނަލް ކޯޓުން އިއްވި ހަމަނުޖެހޭ ހުކުމުގެ ދެވަނަ ހުކުމެވެ. ގާސިމް ގޯސްވީއެވެ. ދެންތިބި މީހުން ރަނގަޅުވަނީ ކޮން ހައިސިއްޔަތަކުންތޯއެވެ.

އެހެން ނަމަވެސް ޖުމްހޫރީޕާޓީއަކީވެސް ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީންވެސް މަސައްކަތް ކުރާނީ އެ ޕާޓީއަށް ވެރިކަން ހޯދުމަށެވެ. އެހެން ނޫންނަމަ ޕާޓީ އޮތުމުގެ ބޭނުމަކީ ކޮބާ ބާވައެވެ. ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ގާސިމް އެކުރެއްވި ކަން ކުރަން މާ ލަސްވެސް ވެއްޖެ އެވެ. ޖުމްހޫރީޕާޓީގެ ކުރިމަގު ކުރަހާނީ އެ ޕާޓީންނެވެ. ބައިގިނައީ ތިމަންނަމެންގެއޭ ވެރިކަމަކީ ތިމަންގެ ހައްގެގޭ ބުނުމަކުން، އެދެއްކެނީކީއެއް ސިޔާސީ ގޮތުން ކުފޫ ހަމަވާކަހަލަ ވާހަކައެއް ނޫނެވެ. ޖުމްހޫރީޕާޓީ އަދިވެސް އޮތީ ހަތަރު ލީޑަރުންނާއެކު ވެވުނު އެއްބަސްވުމާއި އެއްކޮށް ކުރިޔަށްދާންކަން އެޕާޓީން ހާމަކޮށްފައިވާއިރު، އަދިވެސް ޖޭޕީން މަސައްކަތް ކުރާނީ ހަތަރު ޕާޓީގެ ތެރެއިން "އެއް" ކެނޑިޑޭޓަކު ނެރެންކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެހެނީ ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ކޮންމެ ކަެއްގައިވެސް އަބަދުވެސް ރައްޔިތުން އިސްކުރައްވާނެ ބޭފުޅެކެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
ހަސަން އަލީ