އީޕީއެސްއަށް 50 އަހަރު ފުރުން: މުޅި ޤައުމަށް ޕްރިންސިޕަލް ޙަސަން މާހިރުގެ ހިޔާ!

އީޕީއެސްއަށް 50 އަހަރު ފުރުން: މުޅި ޤައުމަށް ޕްރިންސިޕަލް ޙަސަން މާހިރުގެ ހިޔާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 23 ސިކުންތު

މިއަދަކީ ރާއްޖޭގައި އަމިއްލަ ބައަކު އިނގިރޭސި މީޑިއަމަށް ހިންގަން ފެށި އީޕީއެސް އުފެދުމަށް 50 އަހަރު ފުރޭ އުފާވެރިދުވަހެވެ.

މިއަދުގެ ޙަޤީޤީ ފަޚުރުވެރިއަކީ ވަރަށް އާދައިގެ ގޮތަކަށް ހިންގަން ފެށުނު އީޕީއެސް، އީޕީއެސްއެސް އަކަށް ބަދަލުކުރެއްވި، ޒަމާނީ ތައުލީމަށް ސްކޫލްގެ ކިޔަވައި ދިނުން ބަދަލުކުރައްވަމުން، ސްކޫލް ރާއްޖޭގެ އެންމެ ކުރިއަށް ނެރުއްވަމުން ގެންދެވި ޚިދުމަތްތެރި ޕްރިންސިޕަލް ޙަސަން މާހިރެވެ.

ރާއްޖޭގެ ތާރީޚަށް ބެލި ނަމަވެސް ދަރުމަވެރިއެއްގެ ގޮތުގައި ހިލޭ ސާބަހަށް ސްކޫލެއްގެ ޕްރިންސިޕަލްކަން އެންމެ ދިގު މުއްދަތެއްގައި ކޮށްދެއްވުމުގެ ފަޚުރުވެރި ރެކޯޑް ހޯއްދަވާފައިވަނީ ހަސަން މާހިރު ކަމަށްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ މަތީ ޝަރަފެވެ.

އީޕީއެސް ސްކޫލުން ކިޔެވި ދަރިވަރުންގެ އަދަދު 26،000 އަށްވުރެ ގިނައިރު މީގެ ތެރެއިން 95 އިންސައްތައަށްވުރެ ގިނަ ދަރިވަރުންގެ ޕްރިންސިޕަލަކީ ޙަސަން މާހިރު ކަމަށްެވެވަޑައިގަތުމަކީ އެމަނިކުފާނު ހޯއްދަވާފައިވާ އެންެމެ މަތިވެރި އެއް ޝަރަފެވެ.

ރާއްޖޭގެ މިއަދަށް ބެލި ނަމަވެސް އެންމެ މަތިން ފެށިގެން ތިރިއަށް ފެނިގެންދާނީ ލޮބުވެތި ޙަސަން މާހިރު ދިއްލެވި ދަންމަރުތަކެވެ. ނައިބް ރައީސް ޢަބްދުﷲ ޖިހާދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙްގެ އިތުރުން ދައުލަތުގެ ގިނަ އަދަދެއްގެ މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައާއި ސަރުކާރުގެ އިސް ގިނަ މަޤާމުތަކުގައި ޤައުމަށް ޚިދުމަތްކުރައްވަމުން ގެންދަވަނީ ޙަސަން މާހިރުގެ ދަރިވަރުންނެވެ.



މީގެ އިތުރުން ތަފާތު ދާއިރާތަކުގައި ހަރަކާތްތެރިވާ އެންމެ ފުންނާބު އުސް ޚިދުމަތްތެރިންނަކީ ވެސް ހަމަ ހަސަން މާހިރުގެ ދަރިވަރުންނެވެ. ޤާނޫނީ ދާއިރާއަށް ބަލައިފިނަމަ ހުސްނުއްސުޢޫދު ޑރ. މުނައްވަރު ފަދަ ބޭފުޅުން އެންމެ އިސް ސަފުން ފާހަގަކުރެވޭއިރު ޞިއްޙީ ދާއިރާއަށް ބެލިނަމަވެސް ޑރ. ޢަފީފް، ޑރ. ޙަބީބް، ޑރ. ޝާފިއު ފަދަ އެތައް ޚިދުމަތްތެރިންނަކީ ހަމަ ލޮބުވެތި ޙަސަން މާހިރުގެ ދަރިވަރުންނެވެ.

ވިޔަފާރީގެ ދާއިރާއަށް ބެލި ނަމަވެސް ލޮބުވެތި ހަސަން މާހިރުގެ ދަރިވަރުން ހޯދާފައިވާ ކާމިޔާބީ ދަނީ ފެންނަމުންނެވެ. ރާއްޖޭގެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ލޮބުވެތި ޙަސަން މާހިރުގެ ގިނަ އަދަދެއްގެ ދަރިވަރުން ހިމެނޭކަން އެއީ ވެސް ފެންނަން އޮތް ޙަޤީޤަތެކެވެ. ސޮނީ ސޕޯޓްސް އަހްމަދު ކަލީމް، އިބްރާހީމް ކަލީމް، ފެންޓަސީ އިބްރާހީމް ރަޝީދު، އޭރީޒް މައުޞޫމް، ސަންފްރޮންޓް ރަޝާދު ފަދަ އެތައް ސަތޭކަ ދަރިވަރުން ފެނިގެންދާތީއެވެ.

މަތީ ތައުލީމު ޙާޞިލުކުރައްވައިގެން ރާއްޖެއިން ބޭރުން ބޭފުޅަކު ރާއްޖެވަޑައިގެންފިނަމަ އެބޭފުޅަކީ އީPީއެސްގެ ޓީޗަރަކަށް ހަޖެއްސެވުމަކީ ޙަސަން މާހިރު އެންމެ އިސްކަން ދެއްވި އެއްކަންތަކުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އީޕީއެސް އިން ފެންވަރު ރަނގަޅު، މޮޅު ދަރިވަރުންތަކެއް އުފެދިގެންދިއަ ސަބަބަކީވެސް އެއީކަމުގައި ޤަބޫލުކުރެވެއެވެ.

މުޅި ރާއްޖެއަށް ބެލި ނަމަވެސް ލޮބުވެތި ޙަސަން މާހިރުގެ ދަރިވަރުން ޚިދުމަތް ކުރަމުން ނުގެންދާ ރަށެއް ރާއްޖޭގައި ނެތްކަމަށް ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ.

އީޕީއެސް ކުރީގެ ދަރިވަރުންގެ ޖަމިއްޔާ އުފައްދަން ބޭނުންވެގެން އިސްދަރިވަރުން މަޝްވަރާ ކުރުމުން "ތިއަކަން ވާނީ ސްކޫލަށް ޖެހެންއުޅޭ ބޮޑު ވަބާއަކަށް" ކަމަށް ވިދާޅުވި ފައުންޑަރުން މިއަދު އިސްދަރިވަރުންގެ ހަރަކާތްތަކުން އެގެންދަވަނީ ފަޚުރާއި ޝަރަފު ހާޞިލުކުރައްވަމުންނެވެ.

އެހާލަތުގައި ވެސް ކުރީގެ ދަރިވަރުންގެ ޖަމިއްޔާ ރަޖިސްޓްރީ ކުރުމަށް ލޮބުވެތި ޙަސަން މާހިރު ވަނީ ހުރިހާ ގޮތަކުން އެހީތެރިވެވަޑައިގެން ދެއްވައިފައެވެ. ބޭނުންވި ހުރިހާ ކަންކަމަށް މަގުފަހިކޮށްދެއްވެވިއެވެ.

މަސްއޫލުވެރިންގެ ގޮތުގައި ހަަމަޖައްސަން އުމުރު 25 އަހަރުވެފައި ތިބި ކުރީގެ ދަރިވަރުން ނެތިގެން ކުރިމަތިވި މައްސަލަ ހައްލުކޮށްދެއްވީ ވެސް ހަމަ ހަސަން މާހިރެވެ.

ދުނިޔޭގައި ކަންކަން ހިނގާނީ މާތްﷲ މިންވަރުފުޅު ކުރެއްވެވި ގޮތަކަށެވެ. އީޕީއެސް އަށް 50 އަހަރު ފުރޭ އުފާވެރި ރަން ޢީދު ފާހަގަކުރަން މިޖެހުނީ ހަމަ އެކަނި އެމަނިކުފާނުގެ ހަދާނާއި ޛިކުރާ އައުކުރަމުންނެވެ.

ހިޖުރީ ސަނަތުން ބަަލައިފިނަމަ 72 އަަހަރުފުޅުގައި ލޮބުވެތި ޕްރިންސިޕަލް ޙަސަން މާހިރު ވަނީ މި ފަނާވަނިވި ދުނިޔެ ދޫކުރައްވައިފައެވެ. އެއީ ހިޖުރީ ތާރީޚުން ނަމަ 10 ރަޖަބް 1433 އެވެ. މީލާދީ ތާރީޚުން ނަމަ 31 މެއި 2012 އެވެ.

ލޮބުވެތި ޙަސަން މާހިރު އީPީއެސް ސްކޫލަށާއި ދިވެހި ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ޛިކުރާ ދާނީ (އިން ޝާ ﷲ) އަބަދުވެސް މިޤައުމުގައި ފާހަގަކުރެވެމުންނެވެ.

ލޮބުވެތި ޙަސަން މާހިރަކީ ޢާއިލީ ދިރިއުޅުއްވުމުގައިވެސް ނަމޫނާ ދެއްކެވި ހަރުދަނާ ޝަޚްޞިއްޔަތެކެވެ. އަލަތު ކައިވެނި މަތީގައި ދެމިހުންނެވިއެވެ. ލިބިވަޑައިގެންނެވި ބޭފުޅުން ތަރުބިއްޔަތު ކުރެއްވެވުމުގައި ވަނީ ވަރަށް ފުރިހަަ ނަމޫނާ ބައްޕައެއްގެ ދައުރު އަދާކުރައްވައިފައެވެ. ދީނީ ކަންކަމަށް އަބަދުވެސް އިސްކަން ދެއްވެވިއެވެ. ހުކުރު ދުވަހު ހުދު މުންޑުކޮޅާ ހުދު ގަމީސްކޮޅުގައި ހުކުރަށް ވަޑައިގެން ދަރިވަރުންނަށް ނަމޫނާ ދައްކަވައިދެއްވެވިއެވެ.

ލޮބުވެތި ޙަސަން މާހިރު ކާމިޔާބުކަމާއިއެކު އީޕީއެސްއެސް ހިންގަވަމުން ގެންދަވަނިކޮށް، ކުއްލިއަކަށް ގެނައި އިންޤިލާބަކުން ޙަސަން މާހިރު ގަދަކަމުން ކޮށްޕައި ސްކޫލުން ބޭރުކުރެވުނު ގޮތާއި އެއިރު ސްކޫލުގެ އެކައުންޓުގައި ހުރި ފައިސާތަކަށް ވެގެންދިއަ ގޮތާއި ސްކޫލް ނިކަމެތިވެ ބާކީވިގޮތާއި ވިއްކައިލެވުނު ގޮތާއި ނުކުމެފައިވާ އޭސީސީގެ ރިޕޯޓްތަކުގެ ވާހަކަ ދެއްކުމަކީ މިފަދަ އުފާވެރި ދުވަހަކާއި މުނާސަބު ކމަކަށް ނުވާތީ އެބައިތައް މުނާސަބު ވަގުތަކަށް ބަހައްޓައިލީ ބައެއް އިސް ދަރިވަރުން އެކަމަށް އެދުމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް