ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ތެރޭގަ ބޭސްފަރުވާ ކުރުމާ ޗުއްޓީ ލިބުމުގެ ހަމަހަމަކަން ހިމެނޭ

ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ތެރޭގަ ބޭސްފަރުވާ ކުރުމާ ޗުއްޓީ ލިބުމުގެ ހަމަހަމަކަން ހިމެނޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ބޭސްފަރުވާ ކުރުމާއި ޗުއްޓީ ލިބުމުގެ ހަމަހަމަކަން ހިމެނެއެވެ.

ރައްޔިތުންގެ ފައިސާ އިން ޚަރަދުކޮށްގެން ބޭސްފަރުވާކުރާނަމަ ވަކި މީހަކަށް ބޮޑު އިނާޔަތް ލިބުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫނެވެ. ޢާންމު ރައްޔިތު މީހާ ބަލިހާލު ބޮޑުވާ ކޮންމެ ފަހަރަކު އެތައް ހާލެއްގައި އުޅެގެން އާސަންދަ ހޯދައިގެން ލަންކާ އާއި އިންޑިއާއިން ބޭސްފަރުވާ ކުރަންޖެހޭއިރު އިތުރު ކަމެއް ދިމާވެގެން ފަރުވާކުރެވެނީވެސް އިތުރު ހުއްދައެއް ހޯދައިގެންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިންގަޕޫރާއި ތައިލަންޑާއި އެމީހަކު ހިތަށްއެރިހައި ޤައުމަކުން ބޭނުންވިހައި ކަމަކަށް ފަރުވާކުރަމުން އެގެންދަނީ ހަމަ ރައްޔިތުންގެ ފައިސާ އިންނެވެ.

ޗުއްޓީއަށް ބަލާއިރު ކޮންމެ 3 މަހަކުން މަޖިލިސް ޗުއްޓީއަށް އެބަދެއެވެ. ކޮންމެ ޗުއްޓީއެއްގައި މަސް ދެ މަސް އެބަ ނަގައެވެ. ހަމަ މަހަކު ލައްކައެއްހައި ރުފިޔާގެ މުސާރައާއި އިނާޔަތްތައް ނަގަމުންނެވެ. ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް ބައެއް ފިރިންނަށް ރަށުގައި ނުތިބެވުން ފަދަ މައްސަލަތައް ކުރިމަތިވެފައިވާތީ ޢާއިލާއާއިއެކު ދިރިއުޅެވެނީ ވަރަށް މަދުންނެވެ. ބައެއް ފިރިންނަށް އަހަރަކު އެއްފަހަރު ލިބޭ ޗުއްޓީގައި އެކަންޏެވެ. ނަމަވެސް ރަށުގައި ތިބޭ ދެމަފިރިންނަށް އެ ފުރުޞަތު އޮންނަނީ ވަރަށް ފަހިކޮށެވެ.

ވީހައި ގިނަ ވަގުތު އެކުގައި ދިރިއުޅެން ކޮންމެ ޢާއިލާއަކުންވެސް ބޭނުންވާނެއިރު އެއްބައަކަށް އެ ފުރުޞަތު މަދުން ލިބޭނަމަ އެކަމާއިމެދު ދެރަވެ ހިތާމަކުރާނެއެވެ. ޚާއްޞަކޮށް ދަރިން އެކަމުގައި ވަރަށް ބޮޑަށް ހިތާމަކުރާނެއެވެ. ވީމާ އެކުގައި ދިރިއުޅުމަށް ހަމަހަމަ ފުރުޞަތު ލިބެންޖެހޭނެ ގޮތަކަށް މަޖިލީހުން ބިލެއް ފާސްކޮށް އެ ބިލަށް އަމަލުކުރުމަކީ އެކަމުގެ ފައިދާ ޢާއިލާތަކަށް، ޚާއްޞަކޮށް ދަރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ. މަޖިލީހުގެ މެންބަރުންނަށް ކޮންމެ 3 މަހަކުން ޗުއްޓީ ލިބޭފަދައިން ޗުއްޓީ ލިބެން ހަމަ ކޮންމެ މުވައްޒިފަކުވެސް ބޭނުންވެއެވެ. އަނބިދަރިންނާއިއެކު ވަގުތު ހޭދަކޮށް ޗުއްޓީ ހޭދަކުރަން ބޭނުންވެއެވެ.

ރިޔާސީ އިންތިޚާބަށް ކުރމަތިލާ ހުރިހާ ކެންޑިޑޭޓުންނަށް ހުރިހާ ޓީވީތަކުން ހަމަހަމަ ފުރުޞަތު ލިބެންޖެހޭނެ ގޮތަށް މަޖިލީހަށް މިއަދު ވަނީ ބިލެއް ހުށަހަޅައިފައެވެ. މިބިލާއިއެކު މިދެންނެވި ފަދަ ރައްޔިތުން އިންތިހާއަށް ބޭނުންވެގެން ތިބި ކަންކަން ލިބޭނެ ފަދަ ބިލެއް ހުށަހެޅިނަމަ އެކަމުގެ ފައިދާ ރާއްޖޭގެ ހުރިހާ ޢާއިލާތަކަށް ކުރާނެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލާނީ ގިނަވަގެން ވެސް ،3 4 ކެންޑިޑޭޓުން ކަމަށްބެލެވޭއިރު ރާއްޖޭގެ އާބާދީއަށް ބަލައިފިނަމަ އެއީ ވަރަށް މަދު އަދަދެކެވެ. ނަމަވެސް ކޮންމެ ރައްޔިތަކީވެސް ކޮންމެވެސް ޢާއިލާއަކަށް ނިޞްބަތްވާނެ މީހެކެވެ. ވީމާ ހަމަހަމަ ފުރުޞަތު ރައްޔިތުންގެ މަޖިލީހުން ،3 4 މީހަކަށް ހޯދައިދޭއިރު ހުރިހާ ރައްޔިތުންނަށްވެސް އެފަދަ ހަމަހަމަ ފުރުޞަތުތައް ފަހިކޮށް ނުދޭންވީ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް ނުފެނެއެވެ.

ޚާއްޞަކޮށް ބޭސްފަރުވާ ކުރުމުގައެވެ. ބަލިވީމާ ވީހައި ފަސޭހައިން ވީހައި ރަނގަޅު ފަރުވާއެއް ހަމަ ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެއެވެ. އެމީހެއްގެ އަމިއްލަ ފައިސާ ޚަރަދުކޮށްގެން ކުރާ ކަންކަމަށް އުޞޫލުތައް ކަނޑައަޅާއިރު ރައްޔިތުންގެ ފައިސާއިން ބޭސްފަރުވާ ކުރާނަމަ ތަފާތު އުޞޫލުތައް ނައްތާލައި އެންމެންނަށް ވެސް އެއް އުޞޫލަކުން ބޭސްފަރުވާ ކުރެވޭނެ އުޞޫލެއް ފާސްކުރަންވެސް އެބަޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޙަޤީޤީ ބޭނުމަކަށްވެސް ވާންޖެހޭނީ ކޮންމެ ކަމެއްގެ ބޮޑުބައި އަމިއްލައަށް ނެގުމެއް ނޫނެވެ. ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް