އިސްކަންދަރު ރަސްގެފާނުގެ ވިސްނުންފުޅު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވިނަމަ ކޯޓުތަކުގެ ފުރާޅުން ޓިނު ނަންގަވާނެތަ؟

އިސްކަންދަރު ރަސްގެފާނުގެ ވިސްނުންފުޅު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވިނަމަ ކޯޓުތަކުގެ ފުރާޅުން ޓިނު ނަންގަވާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 39 ސިކުންތު

"އިސްކަންދަރު ރަސްގެފާނު ވިދާޅުވިއެވެ. އަޖައިބެއް ނުވާނޭހޭ އިސްލާމީ ހުކޫމަތެއްގައި ފަނޑިޔާރުގެއިން ނިޔާއިއްވީމާ އެއީ ތަޚުތު ހޫނުކުރާން ހުންނަ މީހާގެ މަސްލަހަތަށް ބަލައިފައިނޫނީ ތަންފީޒުކުރެވިގެންވާނޭ ނިޔާއަކަށް ނުވަނީ ބާވައެވެ. ވަކި ގޮތަކަށް އައިމާ އެވީ ފަނޑިޔާރުގެ ރޫޅާލަން ބާވައެވެ. ހަމަހިލާ ތިޔަހެނެއް ނުވެވޭނެއެވެ. މިހެން ވިދާޅުވެފައި ދައުވާކުރިމީހާގެ މުދަލުގެ ހައްގުތައް އަދާކުރައްވައި ނިންމަވައިފިއެވެ."


ކޮލަމް: ފަނޑިޔާރުގެއަށް ފާލަން އެޅީ ކާކުތޯއެވެ.

- އައްޑޫލައިވްގަ ޢަލީ ހުޒާމް ލިޔުއްވާފައިވާ ލިޔުމެއް-

އިސްކަންދަރު ރަސްގެފާނުގެ ދައުރުގައި ފަނޑިޔާރުތަކުރުފާނަށް މާވަރުގަދަ ސަރިޔަތެއް ހިންގަވާން ޖެހިވަޑައިގަތެވެ. ދައުވާ ލިބޭ ފަރާތަކީ އިސްކަންދަރު ރަސްގެފާނެވެ. ދައުވާކުރަނީ އެންމެ އާދައިގެ ނިކަމެތި ރައްޔިތެކެވެ. ކޮންމެވެސް ބަކުރެކެވެ. މައްސަލަޔަކީ މުދަލުގެ މައްސަލައެކެވެ. ހައްގު ހޯދުމުގެ މައްސަލައެކެވެ. ފަނޑިޔާރުކަމުގައި ހުންނެވީ ހުސައިން ގުތުބުއްދީނެވެ. އައްޑޫ މީދޫ ބެއިކަލެކެވެ. މައްސަލައާމެދު ބައްލަވަންޖެހޭ ހުރިހާ ބެއްލެވުމެއް ބައްލަވައި ގުތުބުއްދީނު ފަނޑިޔާރުތަކުރުފާނު ފައިސަލާކުރެއްވީ އިސްކަންދަރު ރަސްގެފާނާ ދެކޮޅަށެވެ.

ދައުވާކުރާ މީހާގެ ހައްގުތައް އަދާކުރެއްވުމަށް ފަނޑިޔާރުގޭގެ ނަމުގައި ރަސްގެފާނުގެ މައްޗަށް އަމުރުކުރައްވައި ސިއްކަ ޖައްސަވައިފިއެވެ. އިސާހިތަކު އެތެރެކޮއިލަށް ވާސިލުވެ ރަސްގެފާނަށް ބަސް ދަންނަވައި އުޅޭ މީހުންގެ ތެރެއިން ހައްދުންމަތީ ތަކުރަކާއި މާޅޮސްމަޑުލު ތަކުރަކާއި މިހެންގޮސް ހައެއްކަ ތަކުރުން ރަސްގެފާނުގެ ފައިންޕުޅުދެކި ފަނޑިޔާރުތަކުރުފާނު ހިމަރޯނުން ބަނުމަށާއި ފަނޑިޔާރުގެ ރޫޅާލުންފަދަ ކަންކަމަށް ލަފާއަރުވައިފިއެވެ.

އިސްކަންދަރު ރަސްގެފާނު ވިދާޅުވިއެވެ. އަޖައިބެއް ނުވާނޭހޭ އިސްލާމީ ހުކޫމަތެއްގައި ފަނޑިޔާރުގެއިން ނިޔާއިއްވީމާ އެއީ ތަޚުތު ހޫނުކުރާން ހުންނަ މީހާގެ މަސްލަހަތަށް ބަލައިފައިނޫނީ ތަންފީޒުކުރެވިގެންވާނޭ ނިޔާއަކަށް ނުވަނީ ބާވައެވެ. ވަކި ގޮތަކަށް އައިމާ އެވީ ފަނޑިޔާރުގެ ރޫޅާލަން ބާވައެވެ. ހަމަހިލާ ތިޔަހެނެއް ނުވެވޭނެއެވެ. މިހެން ވިދާޅުވެފައި ދައުވާކުރިމީހާގެ މުދަލުގެ ހައްގުތައް އަދާކުރައްވައި ނިންމަވައިފިއެވެ

އެއީ މީގެ ތިންސަތޭކަ ފަސްދޮޅަސް އެތައް އަހަރެއް ކުރީގެ ހާދިސާއެކެވެ. އެހާދިސާގެމަތިން ދިވެހިންގެ ހަނދާންތައް އާވަނީ ގުތުބުއްދީނު ފަނޑިޔާރު ތަކުރުފާނުގެ މަހާނަ ގަލުގައި ބިންވަޅުނަގައި ލިޔެފައިވާ ލިޔުންކޮޅުންނެވެ. އެލިޔުން މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގެ ތެރެއިން މިހާރުވެސް ފެންނާން އެހެރީއެވެ. އެލިޔުންކޮޅުގައިވެއެވެ. މިތާގައި މިއޮންނެވީ މޫނަކަށް ކަނދުރާޔަކަށް ނުބައްލަވައި އިންސާފުގެ މަގުން ފައިސަލާ ކުރެއްވި ތަކުރުފާނެވެ. ރޭގަޑަކަށް ދުވާލަކަށް ނުބައްލަވައި އަޅުކަމާއިގެން އުޅުއްވި ތަކުރުފާނެވެ. މިއިން ދޭހަވަނީ ކޮންއެއްޗެއް ބާވައެވެ.

ފައިސަލާކުރުމުގައި ނުފޫޒަކަށް ނުބައްލަވާ ފަނޑިޔާރުންވެސް ދިވެހި ތާރީޚު ދެކިފައިވާކަމެވެ. އެފަދަ ބޭކަލުންގެ ޒިކުރާ ތާއަބަދަށްވެސް ދެމިހުންނާނޭކަމެވެ. ލޯމާފާނާއި ފަންވަތާއި ލަކުޑިޔާއި ހިރިގަލާއި ކަރުދާސްފަދަ ތަކެތީގައި ދިވެހި ތާރީޚު ލިޔެވެމުންދާތާ ހާހެއްހައި އަހަރުވަނީއެވެ. ދަރުމަވަންތަ ރަސްގެފާނާއި ހަމައިން ފެށިގެން ތަރުތީބުކުރީމާ ދިވެހި ސިންގާސަނާގައި އެކި ހައިސިއްޔަތުން ވެޑުވިގެން ތިއްބެވި ބޭފުޅުންގެ އަދަދު ސަތޭކަޔާއި ކައިރިކުރެއެވެ. ރަސްރަސްކަލުންނާއި ރިޖެންޓުންނާއި ރައީސުންވެސް ހިމެނޭގޮތުންނެވެ. މިހާރު އެހުންނެވި މަނިކުފާނުވެސް ހިމަނައިގެންނެވެ. ސިންގާސަނާއަކީ ވެރިކަމުގެ އެންމެ މަތީ ގޮނޑިއެވެ.

މިހާރު އެހުންނެވި މަނިކުފާނަށް ސަނާކިޔާ މީހުން އަޑަށް ބާރުލައިފައި ގޮވާތީ އިވެއެވެ. މިވަރުގެ ކީރިތިކަމަކާއި މޫރިތިކަމެއް ދިވެހި ތާރީޚު ދެކިފައެއް ނެތެވެ. މިވަރުގެ އަދުލުވެރިކަމަކާއި އިންސާފެއްވެސް ނުދެކެއެވެ. މިމަނިކުފާނަކީ މުޅި ދިވެހި ތާރީޚަށް ނިސްބަތްކުރާނަމަ ރޭގަޑުގެ ވަގުތުގައި އުދަރެހުން އެފެންނަ އެންމެ އަލިގަދަ ތަރި ކަމަށްވާ ކައުކަބެވެ. އެވިދުމާ އެއްފަދަ އެހެން ވިދުމެއް ނެތެވެ. ކައުކަބަކީ ވީނަސް ޕްލެނެޓެވެ. ކޮންމެއަކަސް މިޒާތުގެ ގޮވެލި ކެނޑިނޭޅި އިވޭތީ ބޮލަށް ތުރާވުން ބޮޑުކަމުން ތާރީޚުން މިސާލުދައްކައި އާނ ދޮގޭ ތިޔަކަން އޮތީ އަދި ތިޔެހެނަކުން ނޫނޭ ބުނާން މަޖުބޫރުވަނީއެވެ.

ގުތުބުއްދީނު ފަނޑިޔާރުތަކުރުފާނު ނިޔާއެއް އިއްވެވީމާ އިސްކަންދަރު ރަސްގެފާނު އެކަން ގަބޫލުކުރެެއްވީއެވެ. ފަނޑިޔާރުތަކުރުފާނު ހިމަރޯނުން ނުބަންނަވައެވެ. ފަނޑިޔާރުގެ ރޫޅައިނުލައްވައެވެ. މިހާރު ހުންނެވި މަނިކުފާނު ކަންތައް ކުރެއްވީ ކިހިނަކުންބާވައެވެ. އެމަނިކުފާނު ހިތްޕުޅާނުވާ ކަހަލަ ނިޔާއެއް ފަނޑިޔާރުގެއިން އައިމާ ފަނޑިޔާރުގޭގެ ފުރާޅު ނައްޓައިލެއްވީއެވެ. ހަނގުބޭކަލުން ފޮނުއްވައިގެން ތަން ބަންދުކުރެއްވީއެވެ. ފަނޑިޔާރުން ބިންމަތީގައި ދަމާކޫއްތާފައި ހުރަގެޔަށް ގެންދެވީއެވެ. ލިބިވަޑައިގެންނެވި ކޮންމެ ފުރުސަތެއްގައި އެފަނޑިޔާރުންގެ އަބުރާއި އިއްޒަތް ނަންގަވައިލައްވަނީއެވެ.

ކުޑަބަންޑާރައިންގެ ދައުރުގައި މާލެތެރެ ގަޑުބަޑުވެގެންދިޔަ ދުވަސްވަރު ކަކާގެއާ ދެކޮޅު ވަރަށް ގިނަ މީހުން ހައްޔަރުކޮށް އަރުވައިލާން ބޭނުންވިއެވެ. އެކަމަކު ހެއްކާއި ގަރީނާގެ މައްޗަށް ނޫނީ ސަރިޔަތެއް ހިންގާން ފަނޑިޔާރުކަލޭގެފާނުގެ ރުހުމެއް ނެތެވެ. ފަނޑިޔާރުކަމުގައި ހުންނެވީ މަޝްހޫރު ނާއިބުތުއްތުއެވެ. މިހެންދިމާވީމާ ފަނޑިޔާރުގެޔަށް އަތިރީގޭ ބޭފުޅުން އަތް ބާނުއްވަނީއެކޭ ކުޑަ ބަންޑާރައިން ވިދާޅެއް ނުވެއެވެ.

މިހާރު ހުންނެވި މަނިކުފާނު އެހެންތޯއެވެ. އެމަނިކުފާނާއި ދެކޮޅު މީހެއްގެ ދަރިޔަކު އެެއްވެސް ކުށަކާނުލައި ހައްޔަރުކޮށް ހުރަގޭގައި ބާއްވައިގެން އުޅެއުޅެވެސް ސަރިޔަތެއް ހިންގޭޒާތުގެ ހެއްކެއް ގަރީނާއެއް ފެންމަތި ނުކުރެވިގެން ފަނޑިޔާރުގެއިން އެންމެފަހުން ދޫކޮށްލީއެވެ. މިކަން މިހެންވާނެކަން އެގިވަޑައިގެން ހަމައެދުވަހު އެއްކަލަ މީހާގެ ބޮލުގައި އިލްޒާމުތަކެެއް އަޅުއްވައިފިއެވެ. ފަނޑިޔާރުގެއަށް ކުރު ފާލަމެއް އަޅައިގެން އުޅޭ މީހެއްކަމަށް ސިފަކުރައްވައިފިއެވެ.

މިހިރީޔަކީ ކައުކަބަކާއި އެކަށީގެންވާ ކަންކަމެއް ނޫނެވެ. އެކަށީގެންނުވާ އަދި އެހެން ބައެއް ކަންކަމުގެ ވާހަކަވެސް ދަންނަވައިލާނަމެވެ. ހޭރުވުމަކީ ކޮންކަހަލަ ސިފައެއް ބާވައެވެ. ނަޝީދުގެ ވެރިކަމުގެ ދައުރުގައި މާލޭ ހެންވޭރުކޮޅު އަތިރިމަތީގައި ބޭއްވުނު ޖަލްސާއެެއްގައި ނަޝީދުގެ އަޑުން ވާހަކަދައްކަން އުޅުނީ ކާކުކަން އެންމެންވެސް ދަންނާނެއެވެ. އެކަހަލަ އެހެން މިސާލެއް ތާރީޚުން ފެންނާކަށް ނެތެވެ. އުމުރުން ދުވަސްވީ އިއްޒަތްތެރިޔަކަށް ނިސްބަތްކޮށްފައި މުސްކުޅި ސާރިދޯޅިއެކޭ ބުނީ ކާކުބާވައެވެ.

ސާރިދޯޅިއަކަށްވީ ފޯނު ނުދައްކައިގެންވެސް ނޫނެވެ. ފޯނު ނުދައްކައިގެން ނުވަތަ ނުދީގެން ހުރަގޭގައި އޮނަން ޖެހުނު ވާހަކައަކީ މާފަހުގެ ވާހަކައެކެވެ. ތާރީހުގެ ތެރެއަށް ފީނައިގެންވެސް މިޒާތުގެ އަހުލާޤު ވަރަށް ނުފެނެއެވެ. މިކަހަލަ ވާހަކަތަކާއި ކަންކަމަށް ރިޔާއަތްކުރުމަށްފަހު ބުނާން ޖެހެނީ މިހެންނެވެ. މިކަހަލަ ލަދުވެތި ދައުރެއް ހޯދައިހޯދައިވެސް ނުފެނުނެވެ. މެމްބަރު މުހުއްމާގެ ބަހުރުވައިން ނަމަ ދެކެދެކެވެސް ނުދެކެމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް







Hameem 2018-07-20 21:11:14

Yaameenuge hury hitler ge visnun


އަބްދުއްލަތީފް