ﷲ އަށް އިތުބާރުކުރި އަންހެންކުއްޖަކު ދުޢާކުރުންމަތީގަ އިންދާ ވަގުތުން އިޖާބަކުރެއްވެވި ގޮތުގެ ވާހަކަ!

ﷲ އަށް އިތުބާރުކުރި އަންހެންކުއްޖަކު ދުޢާކުރުންމަތީގަ އިންދާ ވަގުތުން އިޖާބަކުރެއްވެވި ގޮތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

މީހަކު ހައްޖަށްދާން ޤަޞްދުކުރިއެވެ. އެޒަމާނުގައި ހައްޖަށް ދިއުމަކީ ބޮޑުކަމެކެވެ. އެތައް މަސް ދުވަހެއް ހޭދަކުރަންޖެހޭ ކަމެކެވެ. ގޭގައި ކާނެ މާގިނަ އެއްޗެއް ނެތެވެ. އެހެންކަމާއިއެކުވެސް އޭނާ ޙައްޖަށް ދާން ބޭނުންކަމަށް އަނބިދަރިން ގާތު ބުންޏެވެ.

އަނބިމީހާ ބުނީ ގޭގައި ކާނެ ތަކެތި ނެތްކަމަށާއި ތަނަވަސްކަމެއް ލިބެންދެން މަޑުކޮށްލުމަށް އެދޭކަމަށެވެ. ނަމަވެސް ހަގު އަންހެން ދަރިފުޅު އެދުނީ ހައްޖަށް ދިއުމަށެވެ. "ބައްޕާއެވެ. ބައްޕަ ނިޔަތް ގަތް ފަދައިން ހައްޖަށްދާށެވެ. އަހަރެމެންނަށް ﷲ ތަޢާލާ ކޮންމެވެސް މަގެއް ދައްކަވާނެތެވެ."

ހައްޖަށް ދަތުރުފުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ގެއިން ކާތަކެތި ހުސްވިއެވެ. މަންމަ ކުށްވެރިކުރީ ދަރިފުޅެވެ. "އަހަރެމެންނަށް މިހާލު މިޖެހުނީ ދަރިފުޅުގެ އަނގަބޮޑުކަމުން" ކަމަށް ބުންޏެވެ.

ދަރިފުޅު ވަރަށް ދެރަވިއެވެ. އަދި އޭނާގެ ކޮޓަރިއަށް ވަދެ ﷲ ތަޢާލާއަށް ދުޢާކުރިއެވެ. "ޔާ ﷲ! ތަޤްވާގެމަތީގައި އިނބަ ﷲ އަށް ވަކީލުކޮށްގެން ހެޔޮ އަމަލުކުރުންމަތީގައި ދެމިތިބޭ މީހުންގެ ޙާޖަތްތައް ފުއްދަވައިދެއްވުމަކީ އިނބަ ﷲ ގެ ވަޢުދެކެވެ. އަޅަމެންނަށް މިއަދު މިވަނީ ހައިހޫނުކަން ކުރިމަތިވެފައެވެ! ޔާ ﷲ! އަޅަމެންނަށް ރިޒްޤްލިބޭނެ މަގެއް ފަހިކޮށްދެއްވާނދޭވެ!" ކިޔައި ދުޢާކުރަން އިންދާ އިވުނީ މީހަކު ދޮރުގައި ޓަކިޖަހާ އަޑެވެ.

ނުކުމެ ބެލިއިރު އަމީރުގެ ޚާދިމެކެވެ. އަމީރު ވަޒީރުންނާއިއެކު ނުކުމެވަޑައިގެން އުޅުއްވުމުގެ ތެރޭގައި ހިއްޕަވާނެ ފެން ފޮދަކަށް ބޭނުންފުޅުވެގެންނެވެ. އަވަސް އަވަހަށް ރީތިކޮށް ތަށިދޮވެ ރީތި ތަބަކަކަށް ތަށި ލާފައި ދިނެވެ.

ރަސްގެފާނަށް އެފެން ފޮދު ވެގެން ދިއައީ ވަރަށް މީރު ފެންފޮދަކަށެވެ. އެހެންކަމުން ފެންފޮދު ގެނައި ގެ އޮޅުންފިލުއްވުމަށްފަހު ގޭގެ ވެރި މީހާއާއި ބައްދަލުކުރައްވަން ބޭނުންފުޅުވިއެވެ. ގޭގެވެރިމީހާ ވީ ޙައްޖުގައި ކަމަށް ދެންނެވުމުން "އެހެން ކަމަށްވާނަމަ ޢާއިލާ ބެލެހެއްޓުމަކީ އަހަރެމެންގެ ޒިންމާއެއް" ކަމަށް ވިދާޅުވެ އެގެއާއި ދިމާއަށް ވަޑައިގަތެވެ.

ގޭގެ ދޮރުމަތީގައި ހުއްޓިވަޑައިގަތުމަށްފަހު ޖީބުފުޅުން ރަން ކީސާއެއް ނަންގަވައި ގޭތެރެއަށް އެއްލަވައި ލެއްވެވިއެވެ. އަދި އަމީރު އަމަލު ކުރެއްވި ފަދައިން ކޮންމެ ވަޒީރަކުވެސް އަމަލުކުރައްވަން ވިދާޅުވިއެވެ. އިސާހިތަކު ގޭތެރޭގައި އޮތީ ރަންފޮތިތަކެވެ.

ދުޢާކުރި ދަރިފުޅު ގިސްލައި ރޯންފެށިއެވެ. ދެލޮލުން ކަރުނަ ބާލަމުންނެވެ. އެވަގުތު މަންމަ ސުވާލުކުރިއެވެ. "ދަރިފުޅާއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އަހަރެމެން ތިބީ މިރޭ ކެވޭނެ ގޮތަކާއިމެދު ކަންބޮޑުވެފައެވެ. އެއިރަކު ދަރިފުޅު ނުރޮމުއެވެ. މިހައި ބޮޑު ތަނަވަސްކަމެއް ލިބުމުން ތިއަވަރަށް ތިއަ ރޮނީ ކީއްވެގެން ހެއްޔެވެ؟"

އެހިނދު ދަރިފުޅު ޖަވާބު ދިނެވެ. "މަންމާއެވެ! މަންމަ އެކަމުގެ ޝަކުވާކުރުމުން އަހަރެން ކޮޓަރިއަށް ވަނީ އަހަރެމެން އެންމެންގެ ބެލެނިވެރި ﷲ ތަޢާލާއަށް ދުޢާކުރާށެވެ! އޭނާ ޓަކި ޖެހީ އަހަރެން ދުޢާކުރަން އިންދައެވެ. ދުޢާ ނުވެސް ނިމެނީހެވެ. ދުޢާކުރުންމަތީގައި އިންދާ ﷲ ތަޢާލާ އަހަރެންގެ ދުޢާ އަޑުއައްސަވައި މިވަނީ ހީވެސް ނުކުރާވަރުގެ ބޮޑު މުއްސަނދިކަމަކާއިއެކު ފުއްދަވައި ދެއްވަވައިފައެވެ. ވީއިރު ﷲ ދެއްވި މިބޮޑު ނިޢުމަތްތަކަށް އުފާކޮށް ޝުކުރުކޮށް ލޮލުން ކަރުނަ ނުބާލަންވީ ކީއްވެގެން ހެއްޔެވެ؟"

ރަސްގެފާނު ވަޑައިގަންނަވާކަން ދައްކަވާފައި ހުންނެވީ އެމީހުން ފައިސާއަށް ދަހިވެތިވެގެން ތިބިތޯ ބައްލަވާށެވެ! އަސްލު އެހައި ގިނައިން ދެއްވީވެސް އެމީހުން އިމްތިޙާނު ކުރެއްވުމަށެވެ. ބިތުގައި ކަންފަތްޕުޅު ޖައްސަވައިގެން ހުންނަވަނިކޮށް އެދެމައިން ދެއްކި ވާހަކައިން އެމިހުން ތިބި ހާލާއި އަންހެން ކުއްޖާގެ ތަޤްވާވެރިކަން އެނގިވަޑައިގަތުމުން އަލުން ދޮރުމައްޗަށް އަރުއްވައި އަންހެން ކުއްޖާއަށް ގޮވާ ގެންނަވައި އިތުރު 2 ކީސާގެ ރަން އަންހެން ކުއްޖާއަށް ދެއްވެވިއެވެ. އަދި އަމީރުގެ ދަރިފުޅުގެ ކައިވެނި ކޮށްދެއްވާނެ ތަޤްވާވެރި އަންހެން ކުއްޖަކު ހޯދަވަމުން ގެންދާ ކަމަށާއި އަންހެން ކުއްޖާގެ ބައްޕަ ހައްޖުން އެނބުރި އައުމުން ކައިވެނީގެ ކަންތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާ އަންގަވަނީ ﷲ ތަޢާލާއަށް ފުރިހަމައަށް ތަޤްވާވެރިވުމާއިއެކު ﷲ ތަޢާލާއަށް އިތުބާރުކޮށް ވަކީލު ކުރުމަށެވެ. އެފަދައިން އަމަލުކުރާ މީހުންނަށް މިފަދަ ނިއުމަތްތައް ދެއްވަވާނެކަން އެއީ ޔަޤީން ކަމެކެވެ.

- ލަވް އިސްލާމްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް