އެހީ ރިޕޯޓު: ހިތުގެ ތިން އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ޒާރާއަށް އެހީތެރިވަމާ!

އެހީ ރިޕޯޓު: ހިތުގެ ތިން އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ޒާރާއަށް އެހީތެރިވަމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 48 ސިކުންތު

ދަރިންނަށް ދުޅަހެޔޮ ރަނގަޅު ސިއްޙަތެއް ލިބި ހެޔޮގޮތް މެދުވެރިވުމަކީ ކޮންމެ މަޔަކުވެސް އަދި ބަފަޔަކު ދެކޭނެ އެންމެ ފޮނި ހުވަފެނެވެ.

އެދަރީންނަށް ކުޑަނަމަވެސް ދެރައެއް، ވޭނެއް އަދި އުނދަގުލެއް ވާކަށް، ދަރީން ދެކެ ލޯބިވާ އެއްވެސް މަޔަކު ބަފަޔަކު ނޭދޭނެއެވެ. ދަރީން ދުނިޔެއަށް އެންމެ ފުރަތަމަ އުފަންވުމުގެ ކުރިން ވެސް އެކުދިންނާއިމެދު ނުހަނު ފޮނި ހުވަފެންތަކެއް މައިންބަފައިން ދެކެއެވެ.އެފަދަ ހުވަފެންތަކެއް ހ. ފެންތިލަގެ މަރިޔަމް ޒާރާ (10އ.) އާއިމެދު އޭނާގެ މައިންބަފައިން ވެސް ދެކެއެވެ. ދަރިފުޅު ނުހަނު ދުޅަހެޔޮ ސިއްޙަތެއްގައި ބޮޑުވެ މުސްތަޤުބަލު އުޖާލާވުމެވެ.

ޒާރާގެ ދިރިއުޅުން ތަފާތެވެ. އެކުޑަކުޑަ ކުއްޖާގެ ހިތުގެ މައްސަލަތަކެއް އުފެދިފައިވާކަން، އޭނާ އުފަންވުމުގެ ކުރިން ޑޮކްޓަރުން ޒާރާގެ މައިންބަފައިންނަށް ކިޔައިދީފައިވެއެވެ.

ޒާރާގެ ހިތުން ސިކުނޑިއަށް ލޭ ދައުރުކުރާ ނާރު އުފެދިފައެއް ނުވެއެވެ. އަދި އުފަންވީއިރު ވެސް އޭނާގެ ހިތުގެ އެހެން މައްސަލަތަކަކާއިއެކު، ލޯވަޅުތަކެއް ވެސް އުފެދިފައިވެއެވެ."މިއަދުނޫހަށް" މައުލޫމާތު ދެމުން ޒާރާގެ މަންމަ ނަޝީދާ ބުނެފައިވަނީ ޒާރާގެ ހިތުގެ އެފަދަ މައްސަލަތަކެއް ހުރިކަމަށް، އެކުއްޖާ އުފަންވީއިރު ވެސް ޑޮކްޓަރުން ބުނި ކަމަށެވެ.

"އުފަންވެގެން މާގިނަ ދުވަހެއް ނުވެ އަވަހަށް އިންޑިއާ އަށް ދިޔައީ ބޭސްކުރަން. އެއިރު އެމީހުން ބަލާފަ ބުނި އޮޕަރޭޝަން ކުރަން ޖެހޭ ވާހަކަ. ނަމަވެސް އެއިރު ޒާރާގެ އުމުރުން އެންމެ އަށް ދުވަސް ވީމަ، އެތަނުގެ ޤާނޫނު ބުނާ ގޮތުން ނުކުރެވޭ ތުއްތު ކުއްޖެގެ އޮޕަރޭޝަނެއް. އެއީ 2008 ވަނަ އަހަރު" ޒާރާގެ މަންމަ ކިޔާދިނެވެ.

އޭގެ ފަހުން ޒާރާގެ އުމުރުން ހަތަރު މަހުގައި އަމިއްލަ ގޮތުން ޚަރަދު ކޮށްގެން ޒާރާ ގޮވައިގެން އިންޑިއާގެ ކޮޗިން އަށް އަނެއްކާވެސް ދިޔައެވެ. އަމްރިތާ ހޮސްޕިޓަލަށް ގޮސް ދެއްކުމުން އެތަނުން ބުނީ، ޒާރާގެ ހިތުގެ ތިން އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށެވެ."އެއިރު އާސަންދަ އެހީއެއް ނުލިބޭ. ޒާރާގެ ޓެސްޓުތައް ހަދާ، ހަމައެކަނި އެޑްމިޓު ކުރުމަށް ވެސް އެތަނުގެ ފައިސާއިން އެއް ލައްކަ 50،000 ރުޕީސް ބޭނުންވާނެ ކަމަށް ބުނި. އެވަރު ބޮޑު ތަނަވަސްކަމެއް ނެތުމުން އެނބުރި އައީ. ފަހުން މަދަނަ އެހީއާއި އާސަންދަ ތަޢާރަފްވުމުން ކޮންމެ އަހަރަކު ދެ ފަހަރު ޗެކަޕަށް ދަން އަމްރިތާ ހޮސްޕިޓަލަށް" ނަޝީދާ ކިޔާދިނެވެ.

ޒާރާގެ ތިން އޮޕަރޭޝަނެއް ކުރަން ޖެހޭއިރު، އެންމެ ފުރަތަމަ ކުރާނީ ދެ އޮޕަރޭޝަން ކަމާއި އެ ދެ އޮޕަރޭޝަން ކާމިޔާބު ވެއްޖެނަމަ އެންމެ ފަހުން ކުރާނީ ހިތުގައި އުފެދިފައިހުރި ލޯވަޅުތައް ބެއްދުމުގެ އޮޕަރޭޝަންކަމަށް ފަހުން ޑޮކްޓަރުން ބުނެފައިވެއެވެ. ނަމަވެސް އެ ދެ އޮޕަރޭޝަނަށް 35،000 އެމެރިކާ ޑޮލަރު ބޭނުންވެއެވެ.

އެހެންކަމުން ރާއްޖޭގައި ޓްރީޓޮޕް ހޮސްޕިޓަލު ގާއިމު ކުރުމުން އެހޮސްޕިޓަލަށް ވެސް ޒާރާ ދެއްކިއެވެ. ނަމަވެސް އެތަނުން ޓެސްޓުތަކެއް ހެދުމަށްފަހު އެއޮޕަރޭޝަން ޓްރީޓޮޕް ހޮސްޕިޓަލުން ކުރެވެން ނެތްކަމަށް ބުނުމުން 23،000 ރުފިޔާގެ ބިލެއް ދެއްކުމަށްފަހު ޒާރާގެ މައިންބަފައިން ނިންމީ އިންޑިއާއަށް ފަރުވާއަށް ދެވޭތޯ މަސައްކަތް ކުރުމަށެވެ.

އާއިލާގައި ޒާރާގެ އިތުރުން ތިން ކުދިން ތިބުމާއެކު އެފަދަ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން، ބައެއް ގާތް އެކުވެރިންގެ އެހީގައި ފަންޑް ރެއިސިންގ އިވެންޓުތަކެއް ބާއްވާ، އެހެނިހެން ބައެއް ފަރާތްތަކުން ވެސް އެހީ ހޯދުމަށްފަހު، ކޮންމެވެސް ވަރަކަށް މިހާރު ހުރީ ފައިސާ އެއްވެފައެވެ.

ޒާރާއަށް ފަރުވާ ކުރުމަށް މިއަންނަ އަންގާރަ ދުވަހު އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވާއިރު، އޭނާގެ ބޭސްފަރުވާއަށް އާސަންދަ ހަމަޖެހިފައިވެއެވެ. ނަމަވެސް މިއީ ދިގު މުއްދަތަކަށް ކުރަންޖެހޭނެ ފަރުވާއެއްކަމުން، އެތަނުގައި ހުރުމާއި ކެއިން ބުއިމުގެ ޚަރަދުތައް ވެސް ދާނެތީ، އެކަމަށް ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީ ޒާރާއާއި އޭނާގެ އާއިލާ ބޭނުންވެއެވެ.

ޒާރާއަށް އެހީތެރިވުމަށް ފައިސާ ޖަމާ ކުރައްވާނީ:
ބީއެމްއެކް އެކައުންޓް ނަންބަރު 7703158237102 (ނަޝީދާ ހަސަން)
އިތުރު މައުލޫމާތު 7585530 ނަންބަރު ފޯނާއި ގުޅުއްވައިގެން އޮޅުން ފިލުވުން އެދެމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ