ނިދިއްޖެނަމަ މިކުއްޖާ މަރުވެދާނެ ކަމަށް ޑޮކްޓަރުން ބުނޭ

ނިދިއްޖެނަމަ މިކުއްޖާ މަރުވެދާނެ ކަމަށް ޑޮކްޓަރުން ބުނޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

އިނގިރޭސި ވިލާތުގެ ގޮސްޕޯޓް އަށް އުފަން، އުމުރުން 19 އަހަރުގެ ލިއަމް ޑާބިޝާރ އަކީ އުފެދުމުގައި ވެސް އާދަޔާ ޚިލާފު ބައްޔެއް ހުރި ކުއްޖެކެވެ. މިބަލީގެ ސަބަބުން ލިއަމް އަށް ނިދޭ ކޮންމެ ފަހަރަކު އޭނާގެ ނޭވާލުން ހުއްޓެވެ. އެހެންކަމުން ނިދުން ވެފައިވަނީ އޭނާގެ ފުރާނައަށް ވަރަށް ނުރައްކާތެރި ކަމަކަށެވެ.

ލިއަމް އުފަންވީއިރު ޑޮކްޓަރުން އެންމެ ފުރަތަމަ ބުނެފައިވަނީ، އޭނާ ދުނިޔޭގައި ހުންނާނީ އެންމެ ހަ ހަފްތާއަށް ކަމަށެވެ. ނަމަވެސް މާތް ﷲ ގެ ކުޅަދުންވަންތަ ކަމާއި އޭނާގެ މައިންބަފައިންގެ ހިތްވަރާއި ބުރަ މަސައްކަތުން، އޭނާ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ.

ސެންޓްރަލް ހައިޕޮވެންޓިލޭޝަން ނުވަތަ "އޮންޑައިންސް ކަރސް" ނަމަކަށް ކިޔާ މިބައްޔަކީ ފްރާންސްގެ ފުލޯކު ވާހަކައެއްގެ މައްޗަށް ބިނާކޮށް ނަންދީފައިވާ ބައްޔެކެވެ. އެވާހަކާގައި އޮންޑައިން ނަމަކަށް ކިޔާ މީހަކު އަންހެނަކާއި ލޯބީގެ ގޮތުން ގުޅި، އޭނާގެ ހޭވެރިކަން ހުރިހާދުވަހަކު އެންމެ ފަހު ނޭވާއާއި ޖެހެންދެން އަންހެން މީހާ ދެކެ ލޯބިވާނެ ކަމަށް ބުނުމުން، އެއަންހެން މީހާވަނީ އޭނާގެ މައްޗަށް ބައްދުޢާއެއް ކޮށްފައެވެ. އެއީ އޮންޑައިންގެ ހޭވެރިކަން ހުންނަހާ ހިނދަކު އޭނާއަށް ނޭވާ ލެވޭނެ ކަމަށާއި ނަމަވެސް ނިދިއްޖެނަމަ ނުވަތަ ހޭވެރިކަން ގެއްލިއްޖެނަމަ ނޭވާލުން ވެސް ހުއްޓޭނެ ކަމަށް ބުނެ ކުރި ބައްދުޢާ އެކެވެ.

މިވާހަކައަކީ ޚުދު ފްރާންސްގެ މީހުން ވެސް ޤަބޫލުކުރާ ވާހަކައެއް ނޫނެވެ. ނަމަވެސް މިފަދަ ބައްޔެއް ދުނިޔޭގެ އަށް ބައި ކުޅަ އެއްބައި މީހުންނަށް ޖެހޭ ކަމަށް އެންމެންވެސް ޤަބޫލުކުރާތީ، އެބައްޔަށް "އޮންޑައިންސް ކަރސް" ގެ ނަމުން ނަން ދެވުނެވެ.

މިބަލި ޖެހޭ ބައެއް މީހުންނަށް މިކަމުގެ ސަބަބުން އެހާ ބޮޑު އަސަރެއް ނުކުރެއެވެ.

ނަމަވެސް ލިއަމްގެ ހާލަތު މިކަމުގައި ތަފާތެވެ. އޭނާއަށް ކުޑަކޮށް ވެސް ނިދިއްޖެނަމަ، ނޭވާލުން ހުއްޓެއެވެ. އެހެންކަމުން އޭނާގެ މުޅި އުމުރު ހޭދަ ކޮށްފައިވަނީ ސިއްޙީ ގޮތުން ފަރުވާ ހޯދުމަށް ތައްޔާރު ކޮށްފައި ހުންނަ އެނދެއްގައެވެ.

ލިއަމް ނިދާ އެނދުގައި ލައިފް ސަޕޯޓް ސިސްޓަމް ހަރުކޮށްފައި ހުރެއެވެ. އޭގެ ސަބަބުން އޭނާ ނިދާފައި އޮންނައިރު ފުއްޕާމެއަށް އޮކްސިޖަން ފޮނުވައިދީ ހިތުގެ ވިންދާއި އެއްޗެހި ބެލެމުން ދެއެވެ.
ލައިފް ސަޕޯޓުގެ އެހީގައި ލިއަމް އަށް ނިދުން ކަމުގައި ވިޔަސް، އޭނާ ނިދާފައި އޮންނައިރު އަބަދުވެސް އޭނާ ކައިރީގައި މީހަކު ހުރުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވެއެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ލިއަމްގެ މަންމަ ކިމް ބުނެފައިވަނީ، ލިއަމް އަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް ކަމަށާއި އަބަދުވެސް އެންމެންނާއި ވެސް ގުޅޭ، އުފާވެރި ކުއްޖެއް ކަމަށެވެ. އޭނާ ބެލެހެއްޓުމުގައި އެންމެ ބިރުގަންނަ ހަމައެކަނި ކަމަކަށް ކުރިމަތިވެފައިވަނީ، އޭނާ ގޮވައިގެން ކާރުން ދާއިރު ނިދިދާނެތީ ކަމަށާއި އެކަމަށް ވަރަށް ސަމާލުވާން ޖެހޭ ކަމަށް ވެސް ކިމް ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ