މީޒާނުގައި ފާފައިގެ ކޮޅު ބުރަވި ނަމަވެސް ސަލަމާތްވެވޭ މީހަކަށް ވެވޭނީ ކިހިނެއްތަ؟

މީޒާނުގައި ފާފައިގެ ކޮޅު ބުރަވި ނަމަވެސް ސަލަމާތްވެވޭ މީހަކަށް ވެވޭނީ ކިހިނެއްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 18 ސިކުންތު

ދުނިޔޭގައި ޙަޔާތް ހޭދަކުރަމުން ގެންދާއިރު އެންމެ ގިނަ ބައަކު ޣާފިލުވެފައިވަނީ އެ ވަގުތަކާއިމެދުގައެވެ. އެވަގުތުގެ މަތިން ކިރިޔާ ހަނދާންވާ މީހާވެސް ދުނިޔޭގައި ވަގުތުތައް ހޭދަކުރާނީ އެކަމަށް ސަމާލުކަން ދީގެންނެވެ. އެކަމަށް ސަމާލުކަން ނުދެވެނީ އެ ވަގުތުގެ މަތިން ހަމަ ހަނދާންވެސް ނުވާތީއެވެ.

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެމީހުން ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް، ކޮންެމެ ކަމެއް ކުރި ނަމަވެސް އެމީހުންގެ ތިލަފަތް ހެޔޮކަމުގެ ކޮޅަށް ބުރަވާނެ ކަމަށެވެ. މަދުވާބައި ﷲ ތަޢާލާ ލައްވަވައި ދެއްވަވާނެ ކަމަށެވެ.

ދުނިޔަވީ ނަޒަރަކުން ވިސްނާށެވެ. އެކަމެއް ޙާޞިލުކުރުމަށް މަސައްކަތެއް ކުރުމަކާއި ނުލައި އޮޓޮމެޓިކުން ޙާޞިލުކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ކަންކަން ޙާޞިލުކުރެވެނީ އެކަމަށް އެދި މަސައްކަތްކުރުމުން ނޫން ހެއްޔެވެ؟ މޮރޮކޯގެ ބައެއް މަސްވެރިންނަށް މާވަހަރު ހޮވެއެވެ. ހޮވެނީ މަސްކަނޑަށް ނުކުމެ ރިޒްޤް ހޯދަން މަސައްކަތް ކުރުމުން ނޫން ހެއްޔެވެ؟ ކަނޑަށް ނުނުކުމެ ގޭގައި ތިއްބައެއް ނުފެނޭ ނޫންހެއްޔެވެ؟

ޤިޔާމަތް ދުވަހު ވެސް ކަންކަންވާނީ ހަމަ އެގޮތަށެވެ. މީޒާނުގައި ހެޔޮ އަމަލުތަކުގެ ކޮޅަށް ﷲ ތަޢާލާ ބުރަކޮށް ދެއްވަވާނީ އެކަމަށް އެދި ގަދައަޅައި މަސައްކަތްކުރިމިހާއަށެވެ. ފާފައެއް ކުރެވުނު ނަމަވެސް އެކަމަށް ހިތާމަކޮށް ފުރިހަމަ ގޮތުގައި ތައުބާވާ ބައަކަށެވެ. ކޮންމެ މީހަކީވެސް އެތައް ގިނަ ފާފަތައް ކުރެވޭ މީހެކެވެ. ފާފަ ނުކުރެވި ހުންނާނީ މިލިއަނަކުން މީހަކަށެވެ. ސުވަރުގެ ވަދެވެނީ ހާހަކުން މީހަކަށް ކައުމުގައި ވެގެންދަނީ އެ ސަބަބަށްޓަކައެވެ.

މީޒާނުގައި ތިބާގެ ހެޔޮ އަމަލުތަކުގެ ކޮޅު ﷲ ތަޢާލާ ބުރަކޮށްދެއްވަވާ ބައަކު ތިބޭނެއެވެ. ނަމަވެސް އެއީވެސް އޮޓޮމެޓިކުން ހިނގައިގެންދާނެ ކަމެއް ނޫނެވެ. ﷲ ތަޢާލާ އެއްވެސް އިންސާނަކަށް ބޭއިންސާފުން އެއްވެސް ކަމެއް ނުކުރައްވަވާނެއެވެ. ވީމާ ހުރިހާ ކަންކަން ވެސް ކުރައްވަވާނީ އެންމެ ޢަދުލުވެރި ގޮތުގައެވެ.

މަހްޝަރުގެ މައިދާނުގައި ތިބާގެ އަމަލުތައް މީޒާނުގައި ކިރިގެންދާއިރު ތިބާގެ ފާފައިގެ ކޮޅަށް ބަރުވި ނަމަވެސް ސަލާމަތް ވެވޭނެ ބައަކު ތިބޭނެއެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެ ތައުބާވެ ފާފަ ފުއްސެވުން އެދި ކުރި ހެޔޮ ދުޢާތަކާއި ކުރި ހެޔޮ އަމަލުތަކުގެ ސަބަބުންނެވެ.

އެމީހުންގެ އިޚްލާޞްތެރި ދުޢާތައް ﷲ ތަޢާލާ އިޖާބަ ކުރައްވަވައި ފާފަތައް އެކަލާނގެ އިރާދަކުރައްވަވާ އަޅަކަށް ފުއްސަވައި ދެއްވަވާތީއެވެ. ފާފަތައް ފުއްސަވައި ދެއްވެވުމުން ފާފަތައް މަދުވެ ނުވަތަ ނެތިގެން ގޮސް މީޒާނުގައި ހެޔޮ އަމަލުތަކުގެ ކޮޅަށް ބުރަވެގެންދަނީއެވެ.

ކުރިން ބުނިފަދައިން މިއީ ހަމަހުރެފައި އޮޓޮމެޓިކުން ހިނގާނެ ކަންކަމެއް ނޫނެވެ. އެކަމަށް އެދި ދުނިޔޭގައި ހުރިއިރު ގަދައަޅައި މަސައްކަތްކުރުމުން ޙާޞިލުކުރެވޭނެ ކަންކަމެވެ.

ބައެއް މީހުން ހީކުރަނީ އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެކަމަށް ވުމުން ތިމާ ކޮންމެ ގޮތަކަށް ދުނިޔޭގައި އުޅުނު ނަމަވެސް ޢާޚިރަތް ދުވަހުން ސަލާމަތްވެވޭނެ ކަމަށެވެ. އެކަން އެހެނެއް ނުހިނގާނެއެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ދީލަތިވަންތަ، އޯގާތެރިވަންތަ ކަމުގެ މާނައަކީ އެ ނިޢުމަތްތަކަށް އެދިގެން މަސައްކަތްކުރާ މިހާއަށް ކަންކަން ހިންމަވައި ދެއްވެވުމެވެ.

ކޮންމެ ދުވަހަކު އެތައް ފަހަރު ތަކުރާރުކޮށް ކިޔަމުން މިގެންދާ އަލްޙަމްދުގެ ނުވަތަ ކީރިތި ޤްރްއާނުގެ ފުރަތަމަ ސޫރަތުގެ 5 ވަނަ އާޔަތަށް ބަލާށެވެ. "އަޅަމެން އަޅުކަން ކުރަނީ، ހަމައެކަނި އިނބަ ރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގި އެދެނީ، އިނބަރަސްކަލާނގެ ޙަޟްރަތުންނެވެ."

ފުރަތަމަ މިވަނީ ﷲ ތަޢާލާއަށް އަޅުކަންކުރުމުގެ ވާހަކައެވެ. އެއީ ހަމައެކަނި ނަމާދުކުރުމެއް ނޫނެވެ. ނަމާދުކުރުމާއިއެކު ދެންވެސް ކުރަންޖެހޭ އަޅުކަންތައްތައް ކުރުމެވެ. ފަރުޟު ފުރިހަމައަށް އަދާކުރުމެވެ. ސުންނަތް އަޅުކަމާއި އަމަލުތައް ވީހައި ގިނަ ކުރުމެވެ. ވާގި އެދުމުގެ ބައި މިއަންނަނީ އެއިގެފަހުންނެވެ. އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވެގެންވާ ރަޙްމާންވަންތަ ރަޙީމް ވަންތަ، ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާގެ ޙަޟްރަތުން ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބޭނީ އަންގަވާފައިވާ ގޮތުގައި އަޅުކަންކޮށް ޢަމަލުތައް ސީދާކުރި މީހަކަށެވެ. މީޒާނުގައި އަމަލުތައް ކިރައިލެވޭ ހިނދު ސަލާމަތްކަން ލިބޭނީ އެގޮތުގައި އަމަލުކުރި މީހަކަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް