އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަލުން މިނިވަން ކުރިއިރު، ފައިގެ އިނގިލިތަކެއް ހުރީ ގިރިފަ! ޖެހެނީ އެއިނގިލިތައް ބުރިކޮށްލަން!

ޖަލުން މިނިވަން ކުރިއިރު، ފައިގެ އިނގިލިތަކެއް ހުރީ ގިރިފަ! ޖެހެނީ އެއިނގިލިތައް ބުރިކޮށްލަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު

ޖަލުގައި މީހަކު ހަތް މަހުގެ ހުކުމެއް ތަންފީޒުކޮށް ނިމިގެން މިނިވަން ކުރިއިރު، އެމީހާއަށް އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން އޭނާގެ ދެފައިގެ އިނގިލިތައް ގިރި އެއިނގިލިތައް ބުރިކޮށްލަން ޖެހިއްޖެއެވެ.

މީހެއްގެ ޙައްޤަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި ހަތް މަހަށް ޖަލަށް ލާން ހުކުމް ކުރި އަހުމަދު ނާފިއު (38އ.) ޅ. ނައިފަރު، ހުކުމް ތަންފީޒުކޮށް ނިމިގެން މިނިވަން ކުރިއިރު، އޭނާގެ ދެ ފައިގެ އިނގިލިތައް ވަނީ ވަރަށް ބޮޑަށް ގިރިފައެވެ. އޭނާގެ ވާތު ފައިގެ ބޮޑުވައި އިނގިލި ފިޔަވާ ހަތަރު އިނގިއްޔެއް ގިރިފައިވާއިރު، ކަނާތު ފައިގެ ތިން އިނގިއްޔެއް ވެސް ވަނީ ވަރަށް ބޮޑަށް ގިރިފައެވެ.

މިމަހުގެ 24 ވަނަ ދުވަހު ހުކުމް ތަންފީޒުކޮށް ނިމުމުން، ނާފިއު ވަނީ އޭޑީކޭއަށް ގޮސް ފަރުވާ ހޯދަމުންނެވެ. އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އަށް މައުލޫމާތު ދެމުން ނާފިއު ބުނެފައިވަނީ ރޭގެ ވަގުތެއްގައި އޭނާ ޑޮކްޓަރުން އޭނާގެ އިނގިލިތައް ބެލި ކަމަށާއި އޮޕަރޭޝަން ކުރި ކަމުގައި ވިޔަސް އޭނާގެ އިނގިލިތައް ރަނގަޅު ނުކުރެވޭނެ ކަމަށް ބުނި ކަމަށެވެ. އެހެންކަމުން އެއިނގިލިތައް ބުރިކޮށްލުން ނޫން ގޮތެއް ނެތް ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވި ކަމަށް ނާފިއު ބުނެފައިވެއެވެ.

ނާފިއު ބުނިގޮތުގައި އޭނާގެ ކަނާތު ފައިގައި އެންމެ ފުރަތަމަ ނެގީ ފޮޅެކެވެ. ނަމަވެސް އެތަން ފާރުވެ އިތުރަށް ހާލަތު ގޯސްވީ ކަރެކްޝަންސް ގެ އިހުމާލުން ކަމަށާއި އެކަމުގެ ޒިންމާ ކަރެކްޝަންސް އިން ނަގަން ޖެހޭނެ ކަމަށް ވެސް ނާފިއު ބުނެފައިވެއެވެ.

ނާފިއު ބުނިގޮތުގައި އޭނާގެ ކަނާތު ފައިގެ ބޮޑުވައި އިނގިލީގެ ކޮޅުގައި ފޮޅެއް ނެގީ ގަން ބޫޓަކަށް އެރީމައެވެ.

"އެދުވަސްކޮޅު ޖަލަށްލާން ހުކުމް ކުރީ. އެއިރުވެސް ވަރަށް އާދޭސް ކުރިން ފަރުވާ ދޭން. އެކަމަކު އޭގެ އެތައް ދުވަހެއް ފަހުން ޑޮކްޓަރަށް ދައްކައިދިނީ" ނާފިއު ބުނެފައިވެއެވެ.

ސަރުކާރު ހޮސްޕިޓަލު ކަމަށްވާ އައިޖީއެމްއެޗް އަށް އެންމެ ފުރަތަމަ ދެއްކުމުން އޭނާގެ ފައިގައި ބޭސް އެޅުމަށް އެތަނުން ބުންޏެވެ. އެފަދައިން ކަންތައް ކުރުމުން ވެސް ރަނގަޅު ނުވުމުން، އެހެން ޑޮކްޓަރަކަށް ދައްކައިދޭން އޭނާ އެދުނެވެ. ނަމަވެސް އެފުރުސަތު ކަރެކްޝަންސް އިން ދިނީ ވަރަސް ދުވަސް ފަހުން ކަމަށް ނާފިއު ބުންޏެވެ.

"އޭގެ ފަހުން އައިޖީއެމްއެޗް ގެ ޑޮކްޓަރަކަށް ދެއްކުމުން ފައިގެ އިނގިލިތައް ބުރިކޮށްލަން ޖެހޭނެ ކަމަށް ބުނި. ނަމަވެސް އޮޕަރޭޝަން ކޮށްގެން ރަނގަޅުވާނެ ކަމަށް އޭޑީކޭގެ ޑޮކްޓަރުން ލަފަ ދިނުމުން އޮޕަރޭޝަން ކުރަން ނިންމީ." ނާފިއު ބުނެފައިވެއެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ނާފިއު ބުނީ އޭނާގެ ދެ ފަޔަށް އެމައްސަލަ ދިމާވީ ނާރެއް ބެދިގެންނެވެ. އަދި ރަނގަޅަށް ފަރުވާ ކުރެވިއްޖެނަމަ ހަލާކުވީތަން ރަނގަޅުވާނެ ކަމަށް ގިނަ މީހުން ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

"ޖަލުގައި ހުރިއިރު އޭޑީކޭއަށް ދެއްކުމުން ވަގުތުން އޮޕަރޭޝަން ކުރަން އެންގި. އެކަމަކު ކަރެކްޝަނަލް ސާވިސް އިން އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ނުބެލި" ނާފިއު ބުންޏެވެ.

މާލޭ ޖަލުގައި ނާފިއު ތިން ހަފުތާއަށް ބެހެއްޓުމަށްފަހު އޭނާ މާފުށީ ޖަލަށް ބަދަލު ކުރިއެވެ. އަދި ބޭސް އަޅަން ދެ ދުވަހަކު މާލެ ގެނައި ކަމަށް އޭނާ ބުންޏެވެ.

ނާފިއުއަށް ދިމާވި ހާލަތާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާގެ ބޮޑުބޭބެ ނާޒިމް ބުނެފައިވަނީ ކަރެކްޝަންސް ގެ އިހުމާލުން އެގޮތަސް ކަންތައްވުމުން، އެމައްސަލަ ބަލައިދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވާ ކަމަށާއި އެންޓީ ޓޯޗާރގެ ގާނޫނުގެ ދަށުން ކަރެކްޝަނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ކަރެކްޝަންސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ