އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރުހީންގެ ހިނިތުންވުން އަނބުރާ ގެނެސްދެއްވާ! ދީލަތި އެހީއެއް ވެދެއްވާ!

ފަރުހީންގެ ހިނިތުންވުން އަނބުރާ ގެނެސްދެއްވާ! ދީލަތި އެހީއެއް ވެދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

އުމުރުން އެންމެ ފަސް އަހަރުގެ މަރިޔަމް ފަރުހީން އަކީ އެހާމެ ޅައުމުރުގައި ވެސް ނުހަނު ހިތްވަރު ގަދަ ކުއްޖެކެވެ.

އެންމެންނާއިވެސް އެކުވެރި އެންމެންގެ ހިތްތައް ލޯބިން ފުރާލަދޭ ފަރުހީން އަކީ އުފަންވީ ދުވަހުން ފެށިގެންވެސް ސިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކުއްޖެކެވެ. އަވަސް އަވަހަށް ބަލިވުމުގެ އިތުރުން، ހެދިބޮޑުވުމުގައި ވެސް މައްސަލަތަކެއް ހުރެއެވެ. އޭގެ އިތުރުން، ގިނައިރު ހިނގާފައި ނުއުޅެވުމާއި އަވަސް އަވަހަށް ވަރުބަލިވުންފަދަ ދަތިތަކާއި ވެސް އެކުޑަކުޑަ ކުއްޖާ އަންނަނީ ކުރިމަތިލަމުންނެވެ.

ފަރުހީންގެ ބަލިހާލަތު "މިއަދުނޫހަށް" ކިޔައިދެމުން އޭނާގެ މަންމަ އަމިމިނަތު ނަސްވާ ބުނީ ފަރުހީން އަށް މިހާރު ހިނގާ ބިނގާވެ ނުއުޅުވޭ ކަމަށާއި ނޭވާލާން ވެސް ބައެއް ފަހަރު ދަތިތަކަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ.



"އޭނާއަށް މިހާރު ފަސް އަހަރު. އެކަމަކު ހީވާނީ އެއްއަހަރުގެ ކުއްޖެއްހެން. ވަރަށް އަވަސް އަވަހަށް ބަލިވާނެ. އެންމެ ކުޑައިރުން ފެށިގެން ވެސް ހުންއައުމާ ކަންކަން ވާނެ. ހެދިބޮޑުވެސް ނުވާތީއާއި އެކީ އަޅުގަނޑުމެން ޑޮކްޓަރަށް ދެއްކީ. ޑޮކްޓަރުން ބުނެފައިނީ ވީއެންމެ އަވަހަށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން. ކުރިން ވެސް ދިޔައިން އިންޑިއާ އަށް ވެސް. މިފަހަރު ޑިސެމްބަރ ގައި އަނެއްކާވެސް ދެވޭތޯ މިއުޅެނީ" ނަސްވާ ކިޔައިދިނެވެ.



ޑޮކްޓަރުން ބުނި ގޮތުގައި، ފަރުހީން އަށް ފަރުވާ ދިނުމަށް އޭނާގެ އުމުރުން 12 އަހަރު ވަންދެން ކޮންމެ އަހަރަކު ދެ ފަހަރު އިންޑިއާ އަށް ދާން ޖެހެއެވެ. އުމުރުން 12 އަހަރު ވަންދެން އިންޖެކްޝަނެއް ޖަހަން ޖެހޭއިރު، އިންޖެކްޝަނެއްގެ އަގަކީ 12000 ރުފިޔާ އެވެ.

"މީގެ ކުރިން ވެސް އަޅުގަނޑުމެން އިންޑިއާއަށް ދިޔައީ މީހުން އަތުން ލޯނު ނަގައިގެން. ތިން ފަހަރަށް ދިޔައިރު، ތިން ލޯނު ނެގިފައިވޭ. މިހާރު ނެތް އެހެންވެސް ވާކަށް. މިހާރު އޭނާގެ ހާލަތު ހުރި ގޮތުން، އަޅުގަނޑު އަބަދުވެސް ހުންނަންޖެހެނީ އޭނާ ކައިރީގަ. ކިރިޔާވެސް ދުރަށްދާއިރަށް ރޯން ފަށާފައި ބުނާނެ މަންމާއޭ ކޮއްކޮ ކައިރީގައި ހުންނާށޭ. މަންމަ ދިޔައިމަ ކޮއްކޮއަށް ހީވަނީ އޭ ދެން މަންމައެއް ނުފެންނާނޭ" ދަރިފުޅަށް ވަމުން އަންނަ ގޮތް ހިއްސާ ކުރަމުން ނަސްވާ ކިޔައިދިނެވެ.

"މިހާރު ވަރަށް އެކަހަލަ ވާހަކަތައް ދައްކާ. ކުރީ ދުވަހުވެސް ބުނީ މަންމާ އޭ ކޮންމެ މީހަކު ވެސް މަރުވާނެ ދޯ އޭ. ކޮއްކޮއަށް ހީވަނީ ކޮއްކޮ ވެސް މަރުވާން އުޅެނީ ހެންނޭ!" އަސަރާއެކު ފަރުހީންގެ މަންމަ ކިޔައިދިނެވެ.



ފަރުހީން ގޮވައިގެން މާލެއަށް ޑޮކްޓަރަށް ދެއްކުމަށް އަންނަނީ، ރަށުގައި ގާޑިޔާ ހިންގައިގެން ލިބޭ އާމްދަނީއިން ބައެއް ރައްކާ ކޮށްގެން ކަމަށް ފަރުހީންގެ މަންމަ ބުންޏެވެ.

އިތުރު ފަރުވާއަށް ޑިސެމްބަރު މަހު ފުރުމަށް ތައްޔާރީތައް ވަމުން އަންނައިރު، މިހާރުވެސް ފަރުހީނަށް ދޭން ޖެހޭ ބޭހެއް ހުރެއެވެ. ކުޑަކުޑަ ފުޅިއެއްގައި ހުންނަ އެބޭސްފުޅީގެ ހަތަރު ފުޅި ލިބެނީ 4000 ރުފިޔާއަށެވެ.

ނަސްވާ ބުނިގޮތުގައި އާސަންދައިން ފަރުހީންގެ ބޭސް ފަރުވާއަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެހީތެރިވެދެއެވެ.

"އާސަންދައިން އެހީތެރިވެ ދެއްވިޔަސް، އެކޮޅުގައި (އިންޑިއާ ގައި) މަޑުކުރަން ޖެހޭ 20 ވަރަކަށް ދުވަސް ވަންދެން. އެހާ ދިގު މުއްދަތަކަށް މަޑުކުރަން ޖެހޭއިރު، ހުރުމާއި ކެއުމުގެ ޚަރަދުތައް އަޅުގަނޑުމެން ދެއްތޯ ހަމަޖައްސަން ޖެހޭނީ. އެހެންވެ ވަރަށް ބޮޑަށް އެހީއަށް ބޭނުންވެފަ އަޅުގަނޑުމެން މިހުރީ" ފަރުހީންގެ މަންމަ ބުންޏެވެ.

ކުޑަކުޑަ ފަރުހީން އަށް ދީލަތި އެހީއެއްވެ ދިނުމަށް ބޭނުންވާ ފަރާތްތަކުން ބީއެމްއެލް އެކައުންޓް ނަންބަރު 7730000190827 (އައިމިނަތު ނަސްވާ) އަށް ފައިސާ ޖަމާ ކޮށްދެއްވުން އެދެމެވެ.

ފަރުހީން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7393095 ނަންބަރު ފޯނާއި ގުޅުއްވާ މައުލޫމާތު އޮޅުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ