އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަޔަކު ކިތަންމެ ރުޅިއައި ނަމަވެސް ދީނީ ޢިލްމުވެރިން ގެންދަނީ ޙައްޤުބަސް ބުނަމުން!: ޑރ.އިޔާޛް

ބަޔަކު ކިތަންމެ ރުޅިއައި ނަމަވެސް ދީނީ ޢިލްމުވެރިން ގެންދަނީ ޙައްޤުބަސް ބުނަމުން!: ޑރ.އިޔާޛް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 12 ސިކުންތު

ސ. އަޅުގަނޑުގެ ސުވާލަކީ ދީނީ ޢިލްމުވެރިންގެ ވާޖިބަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަމިއްލަ މަންފާއަށް ސިޔާސީ ވައުދު ބުނެދިނުންތޯ؟ ދީނީ ބޭކަލުންނަށް ހެދިގެން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ފާޅުވެ ސިޔާސީ ވައުދު ބުނެދީގެން ގެންނަ ސަރުކާރުން ދީނާ ޚިލާފު ކަންކަން ކުރާއިރު ދަންނަ ބޭކަލުންނަށް ވެގެން އުޅޭ ބޭފުޅުން ހަނު ތިބުމަކީ ދީނުގައި ކިހާވަރެއްގެ ކަމެއްތޯ؟

 

މިހާރުވެސް ބައެއް އިލްމުވެރުން ސިޔާސީ ވައުދު ބުނެދީގެން ދީން އައްޑަނަ އަކަށް ހަދައިގެން އިންތިހާބު ކުރި މީހުން މިޔުޒިކު ޝޯތައް ބާއްވާ ބިރަކާނުލާ މަޖާކުރާ ހަފްލާތަށް ބާއްވާއިރު، އެއްކަލަ ޢިލްމުވެރިން ހަނު ތިއްބެވުމަކީ ކޮންކަހަލަ ކަމެއްތޯ؟

 

ޖ. ފުރަތަމަ ދަންނަވަން އޮތީ ހިތުގައި ތިޔަ އޮތް ނަފްރަތާއި ރުޅިވެރިކަން އެއްފަރާތެއްގައި ބާއްވާފައި އިންސާފުވެރި ނަޒަރަކުން ވާހަކަ ދައްކާށެވެ.

އިންތިހާބުގެ ކުރިންވެސް އަދި އޭގެ ފަހުން ވެސް ދީނީ އިލްމުވެރިން ދީނީ ނަސޭހަތްތަކާއި ރައްޔިތުންނަށް މަންފާ ކުރަނިވި ނަސޭހަތްތަކާއި އިރުޝާދުތައް ދެއްވަމުން ގެންދަވައެވެ.

 

ރިޔާސީ އިންތިހާބަކީ ޤައުމުގެ ހުންގާނެއް އެފަރާތަކާއި ހަވާލު ކުރުމަށް ބޭއްވޭ އިންތިހާބެއް ކަމަށް ވެފައި، އެއިންތިހާބުގައި ފައިސާއަށް ވޯޓު ވިއްކުމާއި އެނޫންވެސް ނުރަނގަޅު އެތައް ކަމެއް ހިނގާތީ، އެކަންކަމުގެ ނުބައިކަން ބުނެ ދިނުމަކީ ދީނީ އިލްމުވެރިންނައި އެހެނިހެން މީހުންގެ ވެސް ވާޖިބެކެވެ.

 

ކޮންމެ ބަޔަކު ކުރި ނަމަވެސް ގޯސް ވާނީ ގޯހަށެވެ. އެއީ ޢިލުމުވެރިން އެބަޔަކަށް ތާއީދު ކުރެއްވި ބޭފުޅުން ވިޔަސް ނުވަތަ އަނެއްބައި މީހުން ވިޔަސް މެއެވެ. މިޔުޒިކު ޝޯވ ބޭއްވުމަކީ އަދި ދެ ޖިންސުގެ މީހުން އެތަނަށް އެއްވެ ނަށާ ހެދުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަންތަކެއް ނޫނެވެ. އެއީ ކޮންމެ ސަރުކާރަކުން ނުވަތަ ކޮންމެ ބަޔަކު ކުރި ނަމަވެސް، ހުއްދަ ވާނެ ކަމެއް ނޫނެވެ.

 

ވީމާ މިފަދަ ކަމެއް ހިންގަން އުޅޭ ކޮންމެ ފަހަރަކު އެކަން އެގޮތަށް ނުކުރުމަށް ނަސޭޙަތްތެރިވެ ހަނދާންކޮށް ދެމުން ގެންދެއެވެ.

 

ނަމަވެސް އަޑު އިވޭނީ ކަންފަތުގައި އިވުމުގެ ބާރު ތިބި ބަޔަކަށެވެ. ފެންނާނީ ލޮލުގައި ފެނުމުގެ ބާރު ހުރި ބަޔަކަށެވެ. ވިސްނޭނީ ހިތުގައި ބާރު ލިބިފައިވާ ބަޔަކަށެވެ.

 

ދީނީ ޢިލްމުވެރިންގެ ވާޖިބަކީ ޙައްޤު ގޮތް ބުނެ ދިނުމެވެ. އެއީ ބަޔަކު މީހުން ކިތަންމެ ރުޅި އަރާ ގޮތެއް ކަމުގައި ވިޔަސް ވެސް އެވެ. އެބަސް ޤަބޫލު ނުކުރުމުން އެތަނަކަށް ގޮސް އެކަން ހުއްޓުވުމަކީ ދީނީ ޢިލްމުވެރިންނަށް ކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ ކަންތައް ހުއްޓުވުމުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ބޭނުންވެއެވެ.

 

އެގޮތުން ރައްޔިތުން އެފަދަ ތަންތަނަށް ނުގޮސް، އަދި އެފަދަ ކަންތައްތައް ކުރުން ނުރުހޭކަން ފާޅުކުރާނަމަ، އެކަންތައްތައް އިންތިޒާމް ކުރާ ފަރާތްތަކަށް އެކަމާ މެދުގައި ވިސްނަން ފުރުސަތަކަށް ވީހެވެ.

 

ނަމަވެސް ރައްޔިތުން އެތަނަށް ގޮސް، އެމީހުންނާއިއެކު އެމުންކަރާތުގައި ބައިވެރިވެފައި، ދެން ދީނީ ޢިލްމުވެރިން ކޮބައިޖޭ ކިޔާ ގޮވިޔަސް ކުރާނެ ކަމެއް ނޯންނާނެއެވެ.

 

ވާނެހާވެސް ވަރަކީ އެއްޗެތި ގޮވާ މީހުންގެ ހެޔޮ ކަންތައް އެއްޗެހި ގޮވޭ މީހުންނަށް ބަދަލު ވާނީއެވެ. އަދި ހެޔޮ ކަންތައް ހުސްވެއްޖެނަމަ އެއްޗެހި ގޮވޭ މީހުންގެ ނުބައި ކަންތައް އެއްޗެހި ގޮވާ މީހުންނަށް ބަދަލު ޥާނެއެވެ.

 

ވީމާ ބޭނުމެއް ނެތް ގޮތުގައި ތިމާގެ ހެޔޮ ކަންތައް އެހެން މީހަކަށް ބަދަލުވާން ނޭދޭނަމަ، ތިޔަ ޒާތީ ގޮތްގަނޑު ދޫކޮށްލާ، ޙައްޤު މަގަށް ރުޖޫޢަވުމަށް ނަސޭޙަތްތެރިވެ ވަސިއްޔަތް ކުރަމެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ