އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންނަށް ޚިދުމަތް ކުރުމަށްވުރެ ސުވަރުގެ ދިއުމަށް މަގު ފަސޭހަވާ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް އިބްން ޢައްބާސް ވިދާޅުވި: ވައްހާޖް ޠަރިން

މައިންނަށް ޚިދުމަތް ކުރުމަށްވުރެ ސުވަރުގެ ދިއުމަށް މަގު ފަސޭހަވާ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް އިބްން ޢައްބާސް ވިދާޅުވި: ވައްހާޖް ޠަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

މީހަކު އައިސް އިބްން ޢައްބާސް (ރޢ) އަށް ދެންނެވިއެވެ. "އަހަރެންގެ އަތުން މީހަކު މަރައިލެވިއްޖެއެވެ. ނުވަތަ މަރުވެއްޖެއެވެ. ﷲ ތަޢާލާގެ "ކޯޓުގައި" (ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުގައި) އަހަރެންނަށް މިކަމުން ސަލާމަތް ވެވި ސުވަރުގެ ލިބޭނެ މަގެއް ވިދާޅުވެދެއްވަބައްލަވާށެވެ. ނުވަތަ އެބަ އޮތްތޯއެވެ؟"

 

ޖަވާބުގައި ސުވާލުކުރެއްވީ އޭނާގެ މައިމީހާ ދުނިޔޭގައި އެބައިންތޯއެވެ.

 

އެހިނދު އިބްން ޢައްބާސްގެ ދަރިވަރުން ސުވާލުކުރިއެވެ. "އޭނާ މީހަކު މަރައިލުމާއި އޭނާގެ މައިމީހާ އާއި ހުރި ގުޅުމަކީ ކޮބައިތޯއެވެ." ޖަވާބުގައި އިބްން ޢައްބާސް ވިދާޅުވީ  ސުވަރުގެ ލިބިގަތުމަށް މައިމީހާއަށް ޚިދުމަތް ކުރުމަށްވުރެ ފަސޭހަ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ﷲ ތައާލާގެ ރުއްސެވުން ލިބިގަތުމަށްޓަކައި މައި މީހާއަށް ޚިދުމަތް ކުރުމަށްވުރެ ރަނގަޅު ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ."

 

ޙައްޖުގެ ދުވަސްވަރު ޠަވާފް ކުރުމަކީ ކިހައި ބުރަކަމެއްކަން އެނގޭ ނޫން ހެއްޔެވެ؟ މީހަކު ﷲ ތައާލާގެ ރުއްސެވުމާއި ރަސޫލް (ޞޢވ)ގެ ލޯބި ލިބިގަތުމަށް އޭނާގެ މަންމަ ކޮޑަށް ލައިގެން ޠަވާފްކުރަމުން އިބްން ޢުމަރު (ރޢ) ދެންނެވިއެވެ. "އަހަރެންގެ މަންމައަށް ޚިދުމަތް ކުރުމަށްޓަކައި އަހަރެން ޠަވާފް މިކުރަނީ މައި މީހާ ކޮނޑަށް ލައިގެންނެވެ. މިވަރުން މަންމައަށް ޚިދުމަތެއް ކޮށްދެވިއްޖެތޯއެވެ؟ މައިމީހާ ކޮށްދިން ޚިދުމަތަށް މިވަރުން އަގު އަދާކުރެވުނު ކަމަށް ވާނެތޯއެވެ؟"

 

ޖަވާބުގައި އިބްން ޢުމަރު ވިދާޅުވީ މައިމީހާ ތިބާއަށް ކޮށްދިން ޚިދުމަތަށް ބަލާއިރު ތިއަ އަމަލުގައި އެންމެ އައުންސެއްގެ ބުރަދަންވެސް ނެތް ކަމަށެވެ. (އައުންސަކީ ގާތްގަނޑަކަށް 28.35 ގްރާމެވެ.)

 

ވައްހާޖް ޠަރިންގެ ދަރުސަކުން

 

މިފަދައިން ބަޔާންވެގެންވާއިރު މައިންނާއިމެދު މިއަދު އަޅުގަނޑުމެންގެ އަމަލުތައް މިހުރީ ކޮންފަދައަކުންތޯއެވެ! މައިމީހާއަށް ޚިދުމަތެއް ކޮށް ނުދެވޭތަނުގައި ހާލު ބަލައިލެވޭ ހެއްޔެވެ؟ ބަލިވީމާ ޑޮކްޓަރަށް ދައްކައިލް ދެވޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން މައިމީހާ ހުރީ ކައިގެންތޯ އެބަ ބަލައިލެވޭ ހެއްޔެވެ؟

 

މައިމީހާއަށް ކުޑަކުޑަ ޚިދުމަތެއް ކޮށްދެވުނު ނަމަވެސް ޤަބޫލުކުރެވެނީ އެއީ ވަރަށް ބޮޑު ކަމެއް ކޮށްދެވުނީ ކަމަށެވެ. ނިކަން ވިސްނައިލަބަލާށެވެ! އިބްން ޢުމަރު (ރޢ) އެ ވިދާޅުވަނީ ހައްޖުގެ ބާރު ބޮޑު ދުވަސްވަރު މައިމީހާ ކޮނޑަށް ލައިގެން ޙަރަމްފުޅު ވަށައި ޠަވާފުކުރުމުން އެކަމުގެ ބުރަދަނުގައި އެންމެ 30 ގްރާމް ހަމަނުވާ ވާހަކައެވެ. ވީއިރު މައި މީހާއަށް މާބޮޑު ކަމެއް ކޮށްދެވުނު ކަމަށް ހީކުރެވިގެން ތިއަ އުޅެނީ ކޮން ކަމެއް ކޮށްދެވިގެންބާވައެވެ!

 

އަހަރެމެން ކޮންމެ މީހަކީ ވެސް ސުވަރުގެ ލިބުމަށް އެދޭ މީހެކެވެ. ދުޢާ ކުރަންވީ މައި މީހާގެ އުމުރު ދިގު ކުރެއްވެވުން އެދިއެވެ. އިތުރަށް އެންމެ ދުވަހަކު ނަމަވެސް ޚިދުމަތެއް ކޮށްލައި ދެވޭތޯއެވެ! އެކަމުގެ ސަވާބާއި ދަރުމައިގެ ބޭނުމުގައެވެ. ކިތަންމެ ބަލި ހާލުގައި ނަމަވެސް މެއެވެ. ބަލި ހާލު ބޮޑުވުމުން އެދެންވީ އަވަހަށް މަރުވުމަކަށް ނޫނެވެ. ޢުމުރު ދިގު ކުރެއްވެވުމަށެވެ. ބޮޑަށް ބުރަ އުފުލައިގެން ޚިދުމަތް ކުރި ވަރަކަށް ލިބޭނެ ސަވާބާއި ދަރުމަ އިތުރުވާނެތީއެވެ.    

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް