އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންގެ ޚިދުމަތަށް ގެނެވުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ގެނެވުނު ބަދަލު: ރައީސް

ފުލުހުންގެ ޚިދުމަތަށް ގެނެވުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ގެނެވުނު ބަދަލު: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް، ބަދަލުވުމަށްފަހު އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ދާދިފަހުން ގެނެވުނު ބަދަލުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރުމުގެ މުނާސަބާގައި ދެއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ފުލުހުންގެ އިސްވެރިންނާއި އެންމެހާ ފުލުހުންނާ އަދި ފުލުހުންގެ ޢާއިލާތަކަށް ފޮނުއްވިއެވެ. ހަމަ އެހެންމެ ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ދިވެހި ފުލުހުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި އެންމެހާ ފުލުހުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން އަންނަ ފުލުހުންގެ އައު ޤާނޫނުގެ މައްޗަށް އަލިއަޅުވާލައްވައި، އެ ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރައްވާފައި ވެއެވެ. އަދި މި އައު ޤާނޫނުގެ ބޭނުމަކީ ވެސް މިނިވަން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި، ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، ފުލުހުންނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަމާއި، ޤާނޫނީ ބާރާއި، ޤާނޫނީ ހައިސިއްޔަތު، ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިނުންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި އެ ބަދަލާއެކު ފުލުހުންގެ ޚިދުމަތް އިތުރަށް ލާމަރުކަޒުވެ، ކޮމިޔުނިޓީ ޕޮލިސިންގެ އުސޫލުން، އަދި ރައްޔިތުންނާ ގާތުން ދެވޭ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ބަދަލުވެގެންދާނެކަމަށާއި އަދި ހަމައެއާއެކު ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރުވެގެންދިއުމަށް މަގުފަހުވެގެންދާނެކަމުގައިވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން ވަނީ ފުލުހުންގެ ޚިދުމަތަށް ނުކުންނަ ފަރާތްތަކަކީ ތަޢުލީމީ ގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ޤާބިލު ބަޔަކަށް ހެދުމަށާއި ފުލުހުންގެ ވެލްފެއާ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު