އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި އަހަރުގެ ފުރަތަމަ ކުއާޓަރ ނިންމާލިއިރު، ރާއްޖޭގެ އިޤްތިޞާދު ވަނީ ހީނަރުކަމުން އަރައިގަންނަން ފަށާފަ: މަބްރޫކް

މި އަހަރުގެ ފުރަތަމަ ކުއާޓަރ ނިންމާލިއިރު، ރާއްޖޭގެ އިޤްތިޞާދު ވަނީ ހީނަރުކަމުން އަރައިގަންނަން ފަށާފަ: މަބްރޫކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

މި އަހަރުގެ ފުރަތަމަ ކުއާޓަރ ނިންމާލިއިރު، ރާއްޖެ އިޤްތިޞާދު ވަނީ ހީނަރުކަމުން އަރައިގަންނަން ފަށާފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ވާޗުއަލްކޮށް ބޭއްވި މީޑިއާ ބްރީފިންއެއްގައި މަބްރޫކް ވިދާޅުވީ، ނިމިދިޔަ 2020 ވަނަ އަހަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއާ އަދި މުޅި ދުނިޔެއަށް ކުރިމަތިވި ދަތިއުނދަގޫ ޙާލަތާއެކު މިއިން ޒަމާނަކުވެސް ރާއްޖެ ތަޙައްމަލު ނުކުރާހާ މިންވަރަށް އިޤްތިޞާދީގޮތުން ދަތި ޙާލަތެއް ތަޙައްމަލުކުރަން ޖެހުނު އަހަރެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދު 26 އިންސައްތައާ 29 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް ދަށަށް ދިޔަކަމަށާއި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރ ނިންމާލިއިރު، ރާއްޖެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަން ފަށާފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެނދުގެ 80 އިންސައްތަ އޮޕަރޭޝަނަލައިޒްވެފައި ވާކަމަށާއި އެހެންކަމުން މި އަހަރުގެ ދެވަނަ ކުއާޓަރގައި ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތައް އަންނަން ފަށާނެކަމަށް ބެލެވޭކަމުގައި މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންގެންދާ ޤައުމީ މަސައްކަތްތަކުގެ ތަފްޞީލުތައް ދެއްވަމުން މަބްރޫކް ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގ ގެ ދެވަނަ ޑޯޒް އެޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދޭން ފަށާނެކަމަށާއި އެއާއެކު އެޕްރީލް އަދި މެއި މަސް ނިމޭއިރު އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް-19ގެ ދެ ޑޯޒް ވެކްސިން ފުރިހަމަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ހާމަކުރައްވަމުން މަބްރޫކް ވިދާޅުވީ ފާއިތުވި 2 އަހަރަކީ ރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުހިންގާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދިޔަ ދެ އަހަރު ކަމަށާއި އަދި މި ވަގުތަކީ އެންމެ ގިނަ މަޝްރޫޢު ކުރިޔަށްދާ ވަގުތުކަމަށެވެ. އެގޮތުން މިހާރުވެސް މި ސަރުކާރުގެ ޖުމްލަ 1200 އަށްވުރެ ގިނަ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާކަމަށާއި ފާއިތުވި މަސްދުވަހުގެ 9 މަޝްރޫޢެއް ނިމި 7 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށިފައިވާކަމުގައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކުގެ އެކްޓެންޝަން، ފެރީ ޓާރމިނަލްތައް މަރާމާތުކުރުމާއި ބަނދަރުތަކާއި ޖިމްތައް ހެދުންފަދަ މަޝްރޫއުތައް ހިމެނޭކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެތައް ޒަމާނެއްވެ ފުނިޖެހި ނެގޭނެ ގޮތެއް ނެތިފައިހުރި ކުނިތައް ނެގުމުގެ މަޝްރޫޢެއް ފެށިގެން ކުރިޔަށްދާކަންވެސް މަބްރޫކް ފާހަގަކުރެއްވިއެވެ. ރަށްރަށުގެ ކުނިނައްތާލުމުގެ ނިޒާމަށް ރަނގަޅު ބަދަލެއް ގެނައުމަށް ކުރެވޭ މި މަސައްކަތުގެ ދަށުން 8 ރަށެއްގެ މަސައްކަތް ނިމި 6 ރަށެއްގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި އަދި އިތުރު 6 ރަށެއްގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ރޭވިފައިވާކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކްވަނީ ސަރުކާރުގެ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު