އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަންހެން ދަރިއަކަށްވުމުން އިންތިހާއަށް ބާކީކޮށް ހިތްކޮށައިލި ނަމަވެސް މިއަދު މަންމަ މިބަލަނީ ލޯތްބާއެކުގައެވެ!

ޙަޤީޤީ ޙާދިސާ: އަންހެން ދަރިއަކަށްވުމުން އިންތިހާއަށް ބާކީކޮށް ހިތްކޮށައިލި ނަމަވެސް މިއަދު މަންމަ މިބަލަނީ ލޯތްބާއެކުގައެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 18 ސިކުންތު

އިބުރަތްތެރި ވާހަކައަށް މި ނޫހުގެ އަހުލުވެރިން ޝައުގުވެރިކަން ހުންނަ ހުރުން އަހަރެންނަށް ވަރަށް ކަމުދެއެވެ. މި ވާހަކަތައް ނޫހާއި ހިއްސާމިކުރަނީވެސް ތިޔަ އެކުވެރިންނަށް އިބުރަތަކަށް ވާނެކަމަށް އުއްމީދުކޮށްށެވެ.

އަންހެންދަރިންނަކީ މާތް ﷲ ގެ ބަރަކާތުގެ ތެރެއިން ވާކަމެއްކަމަކު އަންހެންދަރިން ބޭނުންވަނީ ވަރަށް މަދު ބައެކެވެ. އަންހެންދަރިންނަށް ގަޔާވާ މައިންބަފައިން މަދުވެ. އަންހެންދަރިންގެ ހަރަދުތައްބޮޑުވެ އެކަމާ ޝަކުވާކުރާ އިންސާނުން މިރާއްޖޭގައިވެސް ކިހައި ގިނަހެއްޔެވެ؟ ފަރަގުކަން ބޮޑު ގޮތަކަށް އަންހެން ދަރިންނާއި ފިރިހެން ދަރިން ތަފާތުކުރާ މައިން އަދި އިންތިހާއަށް ގިނަހެންވެސް ހީވެއެވެ.  

ހަނދާންހުންނަން ފެށީއްސުރެވެސް އަހަރެންގެ މަންމައަކީ އަހަރެންނަށް އަނިޔާވެރިއެކެވެ. އަނިޔާ އަހަރެންސިފަ މިކުރަނީ ނަފްސާނީ އަދި ޖިސްމާނީ ދެގޮތަށެވެ. ތިން އަހަރުގެ ތުއްތު ކުއްޖެއްގެ ބޮލުގައި ވަގުބަދުނާމު އެޅުވުން ކިޔާނީ ނަފްސާނީ އަނިޔާގެ ތެރެއިން ނޫންތޯއެވެ؟ ގެއިން ކޮންމެވެސް މީހަކު ވަގަށް ގެންދިޔަ ސީޑީއެއްނެގީ އަހަރެންކަމަށް ބުނެ އަހަރެންގެ ބައްޕަގާތު ޝަކުވާކޮށް އަހަރެންނަށް ޖިސްމާނީ އެތައްއަނިޔާއެއް އެދުވަހުވެސް ދިނެވެ.  

މަންމަގެ މިއުޅުމާއިމެދު އަހަރެން ސުވާލު ކުރާނެއެކަކުވެސް ނުހުރެއެވެ. އެކަމަކު މަންމަ އެއްބަނޑު ބޮޑުދައިތައެއްގެ އަނގައިން އަހަރެންނަށް އެއްދުވަހުބުންޔެވެ. "ކަލޭދެކެ އަބަދު މަންމަ ރުޅިއައިސްފައި ހުންނަނީ ކަލޭ ތިއީ އަންހެން ކުއްޖެއްވީމަ"އެވެ.  

އަހަރެންނަށް އެންމެ ތުއްތު އިރުއްސުރެ ލިބެމުން ދިޔަ އަނިޔާގެ ތެރޭގައި ކުޑަކުއްޖަކު ކުރާކަހަލަ އެއްވެސް އިހުސާސެއް ކޮއްލަންނުލިބުން ހިމެނެއެވެ. މިސާލަކަށް މަންމަޔާއިއެކު އަހަރެންގެ އިހްސާސްތައް ހިއްސާކުރުން، މަންމައާއިއެކު ލޯބިން ވަގުތުހޭދަކުރުން އަދި ބަލިވުމުން މައެއްގެ ފުށުން ލިބެންޖެހޭ އޯގާތެރިކަންހިމެނެއެވެ.  

އަހަރެންގެ ދުވަސް ހިއްސާކޮއްލާނެ މީހަކު ނުހުރެއެވެ. ސްކޫލުން އަދި ޓިއުޝަން ކުލާސްތަކުން އަހަރެންނަށް ދިމާވާ ކަންކަން ކިޔައިދޭނެ އެކަކުވެސް ނުހުރެއެވެ. އަވައްޓެރި ގޭގެއަށް ޓީވީ ބަލަން މަންމަ ދާއިރު މަންމަކައިރިއަށް އަހަރެންދިޔަސް ނަމާދުކޮށް ގުރުވާންކިޔަވަން ދާށޭބުނެ އަހަރެން ފޮނުވާލާނެއެވެ. އަހަރެންގެ ނިތްކުރިފަޅައިގެން ގޮސްގެން އެއްދުވަހު ސެންޓަރަށް ނުގެންގޮސް ބާއްވާފައިއޮތީ ބައްޕަ މަހުންލަފަންދެންނެވެ. އަވައްޓެރިންގެއަށް ބޯދިއްކޮށް އަހަރެންނަށް ކާންދީ ބޭސްދީ ހެދި ހަނދާންއަދިވެސް ވެއެވެ. ޑޮކްޓަރަށް ނުގެންގޮސް އޮންނަނީ ކީއްވެގެންތޯ އަހައިލީމަ ބުނަނީ ގެންދާނެ ލާރިއެއްނެތްކަމަށެވެ. ނަމަވެސް ކޮއްކޮއަކު ވެއްޓި ކަކޫ މެށުނަސް، ބައްޕަނެތަސް ރޮއެރޮއެފައި ގޮސް ސެންޓަރުން ބޭސްއަޅުވައިގެން ގެންނަ ހަނދާން އަހަރެން ވެއެވެ. ކާންހަދައިން ކައި އުޅެނީ އެކަންޔެވެ. ކައްކާތެލިތައް ހުންނާނީ އަހަރެންނަވުރެ ދޮޅު ފޫޓެއްހައި އުސް އައްޓެއްގައިއެވެ. ތެލިތަކަށް އުނދުޅިބާނައިން ބަތްތައްޓައް ރިހަ އަޅަން އުޅުމުގެ ތެރޭ އަމިއްލަގަޔަށް ބަންޑުންވާ ފަހަރުވެސް ވަރަށް ގިނަވާނެއެވެ. މަންމައާއި ގުޅޭ އަވައްޓެރިއެއް ވަރަށް މަދުވާނެއެވެ. ގުޅޭ އާއިލާ މީހަކު ނުވެސް ހުންނާނެއެވެ.

ކޮންމެއަކަސް އެހެންކުދިންގެ މަންމައާއި އަހަރެންގެ މަންމަ އަޅާކިޔަން އަހަރެންނަށް ދަސްވީ ރައްޓެހިންނާއި ހުރެއެވެ. އެއިންކުއްޖެއްގެ ބެލެނިވެރިއެއްގެ އަނގައިން އަހަރެންގެ މަންމައަށް އެއްޗެއްބުނިއަޑު މަންމައަށް އިވުނު ދުވަހު އަހަރެންނާއިދިމާލަށް ބުނީ" މަންމަ ގޯސްކޮށްފައި އަހަރެން މީސްމީހުންކައިރި ވާހަކަ ކިޔަނީ" ކަމަށެވެ. އަނެއްކައިވެސް ނަފުރަތެވެ.

ކޮއްކޮމެންދެކެ ހަގީގަތުގައި އަހަރެން ވަރަށް ލޯބިވެއެވެ. ނަމަވެސް އެލޯބި އަހަރެން ވިޔަނުދީ ތިން ބެއިން އެކަކުއަނެކަކަށް ޖެއްސުވީވެސް ހަމަ އަހަރުމެންގެ މައިމީހާއެވެ. ކޮއްކޮމެނައް ކާން ހަދައިދީ ކާންލަވައި ލޯބިން އެކުގައި ވަގުތު ހޭދަކޮށްހަދައެވެ. އަހަރުމެންގެ ތެރޭގައި ބައެއްކަންކަން ފަރަގު ކުރުމެއްނެތި ހިނގަމުންދިޔަސްގިނަ ކަންކަމުގައި ހިތް ނުރުހޭތީ ކުރާތަފާތުކުރުމެއްކަމަށް އަހަންނަށް ހީވިއެވެ. ކޮއްކޮމެންދެކެ ލޯބިން ނަސޭހަތެއްދިނަސް އެއީ އަހަރެން "އަމާހެދިގެން" އުޅެނީ ކަމަށް ބުނެއެވެ. އަދި ކޮއްކޮމެނާއިއެކު އަހަރެންނާއި ދިމާލަށް އެއްޗެތިގޮވައި މަލާމަތްކޮށް ހަދާ އަހަރެން ރޮއްވައިލައެވެ. 

ބައްޕަ މަހުންލެފުމަށް ފަހު އަހަރުމެންގެ އާއިލާ އެއްކޮށް ކާކެއުމަކީ ހަމައެކަނި ރޭގަނޑުގެ ކެއުމެވެ. މިކެއުމަކަށްވެސް ދުވަހަކުވެސް އަހަރެންނަކަށް ދައުވަތެއް ނުލިބޭނެއެވެ. އަބަދުވެސް މޭޒުދޮށަށް ޖަމާވާނީ މަންމައާއި ދެފިރިހެން ކޮއްކޮ އަދި ބައްޕައެވެ. އެއްދުވަހު އަހަރެން ސްކޫލުން އައިސް އެމީހުނަށް ވުރެ ކުރިން ކެއި ދުވަހެއް މަތިން އަދިވެސް ހަނދާންއެބަހުއްޓެވެ. އެދުވަހު ކާންއަރާފައި ބައްޕަދިމާލަށް މަންމަބުނީ މިއަދު ލައިންކާނެ އެއްޗެއް ނެތްކަމާ "ކަލޭގެ އަންހެންދަރި މިއަދު އެންމެނަށްވުރެ ކުރިންއަރައި ރިހަތެލީގައި ހުރިހައި މަހެއްކައި ހުސްކޮށްލައިފި"ކަމަށެވެ.  

މަންމައަކު މިގޮތަކަށް ކަންތަކެއް ނުކުރާނެއޭ ބުނާ ވަރަށް ގިނަ ކިޔުންތެރިން ތިބެދާނެއެވެ. ބުނަން ހެއްޔެވެ. ކޮންމެ މަޔަކު ހިތަކު ރަހުމެއްނުހުންނާނެއެވެ. ދަރިންނަކީ އިމްތިހާނެކެވެ. ހަމައެފަދައިން މައިންބަފައިންނަކީވެސް އިމްތިހާނެވެ. މިކަންވެސް މިހެން މިހިނގީ އެހެންވެގެންނެވެ. މިކަން ހިއްސާމިކުރަނީވެސް މިކަމާމެދު ހޭލުންތެރިކޮށް ދަރިންނާއި މެދު ހިތްނިޔަތް ހާލިސްކުރަން ހަނދާންކޮއްދިނުމައްށެވެ.

ކޮންމެއަކަސް އަހަރެންގެ އެކަނިވެރިކަމާ ހުރެ، އުމުރުން ވަރަށް ޅައިރު އަހަރެން ކައިވެނިކުރީމެވެ. އަހަރެންނަށްވުރެ އެތައް އަހަރެއް ދޮށީ ފިރިހެނަކާއެވެ. ނަމަވެސް އެއީ އަހަރެންނަށް އަޅައިލުންތެރިކަންދީ އަހަރެންނަށް އޯގާތެރި އިންސާނެކެވެ. މަންމަގެ ނުރުހުމުގައި ކައިވެނި ކުރެވި މާގިނަ ދުވަސް ނުވަނީސް އަހަރެންނަށް ދަރިއަކު ލިބުނެވެ. ދަރިފުޅުލިބުނު ފަހުން މަންމަ އަހަރެންނާއި ބައްދަލުކުރަން އަހަރެން ގެއަށް އައި ފުރަތަމަ ދުވަހު ބުނި އެތި އަދިވެސް ހަނދާންއެބަހުއްޓެވެ. ދަރިފުޅާއެކު ކުޅެކުޅެފައި އެމަންޖެ ބަނޑުހައިވެ ރޯންފެށުމުން މަންމައަށާއި ފަހަރިއަކަށް ކާން ހެދުމަށްފަހު އެމަންޖެއަށް ގާތުން ދޭންފެށީމެވެ.

އެވަގުތު މަންމަ މަލާމާތުގެ ރާގަކަށް ބުނެލީ "ދެން ކަލޭގެ ދިރިއުޅުން އޮންނާނީ ތިހެންނެވެ. ތިޔަހެން ކިރުމައި ހެދިގެން އޮތުން ނޫން އެހެންކަމެއް ނެތް ކަމެވެ." އަހަރެންނަށް އެދުވަހުވެސް އަހަރެން ނިކަމެތި ކޮއްލި ކަމުގެ އިހުސާސް ކުރެވިގެން ދިޔައެވެ. ނަމަވެސް ކެތްކޮއްލީމެވެ.

މިހާރު އެމައިމީހާގެ ގައިބާރު ދެރަވެ އެކަނި އުޅެވޭ ވަރެއްނުވެއެވެ. އެހާބަލިވުމުގެ ކުރިން ކަންތައްވީގޮތް ކިޔާލަމާ ހިނގާށެވެ. ދެ ފިރިހެން ކޮއްކޮގެ ތެރެއިން ހަގަށް ހުންނަ ސޮރު މަސްތުވާތަކެއްޗަށްގޮސް ހުސްވިއެވެ. މައިންބަފައިންގެ މުދަލުން ވައްކަންކޮށް އެމީހުންގެ ގަޔަށް ބޮލަށްއަރައި އަނިޔާވެސް ކުރެއެވެ.

ދޮށްޓަށް ހުންނަ ސޮރު އެއީ ނެތްދަރިއެއްފަދައެވެ. އަނބިމީހާއާއެކު މީގެ ހަތްއަހަރުކުރިން ގެއިންނިކުމެގެން ދިޔަގޮތައް ގެއަށްބޯވެސް ދިއްކޮށްނުލައެވެ. ބައްޕަނިޔާވެގެން ދިޔަފަހުން މަންމަ އަހަރެންގައަށް ބަދަލުކުރީ ހަގު ކޮއްކޮ ދިން އަނިޔާއެއްގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮއްފައި ބޭއްވުމައްފަހު އާދޭސް ކުރުމުންނެވެ. މަންމަ ހުރީ ނާންނާށެވެ. ނަމަވެސް އަހަރެން އާދޭސް ކުރުމުންނާއި އަދި އެކަނިހާލައިގެން ނޫޅެވޭތާނގައި ކޮއްކޮ ދެންކޮއްފާނެ އަނިޔާއަކަށް ބިރުން އެއްބަސްވީހެން އަހަންނަށް ހީވެއެވެ.  

ގޭގައި އަހަރެން އެމައިމީހާ މިގެންގުޅެނީ އެނދުމަތިކޮއްގެންނެވެ. ފެންވަރުވާ ރީތިކޮށް ކާންދީ ހަދާއިރު މަންމަ ކުރިން ބުނެފައި ހުރި ބައެއް އެއްޗެހި ހަނދާންވެއެވެ. އަހަރެންގެ ބައްޕަޔާ ރުޅިހެދުމަށްފަހު ދެކޮއްކޮ ގޮވައިން ގެއިންނިކުންނަމުން އަހަރެން ނުގެންދާނަމޭ ބުނާނެއެވެ. އަދި ދުވަހަކުވެސް ބައްޔެއްވެގެންވެސް އަހަރެންކައިރިއަށް ނާންނާނެކަމަށް ބުނާނެއެވެ. އެއްވެސް ކަމަކުވެސް އަހަރެންކައިރިއަކު ނުކިޔާނެއެވެ.  

ތަގުދީރު އެނގިގެން ގަދަކަންމަތީ އުޅެމުންދިޔައީ ކޮންމެ ދުވަހަކު އަހަރެން ރޮއްވާފައޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. މިހާރު އަހަރެންނަށް މަންމައަށް ހިދުމަތްކުރަން ލިބޭތީ ހަގީގަތުގައި ވަރަށް އުފާވެއެވެ. އެއީ އަހަރެންގެ ވެރި ރައްބު ވަރަށް ލޯބިވާ ސިފައަކަށް ވާނެތީ އެވެ. މަންމައަށް ހިދުމަތް އަހަރެން މިކޮއްދެނީ ހަމަ އަހަރެންގެ ވެރި ރައްބަށްޓަކައިއެވެ. އަދި މިފަދަ ފުރުސަތެއް އަހަރެންނަށް ދެއްވި ކަމަށްޓަކައިވެސް އެކަލާނގެއަށް ޝުކުރުވެރިވަމެވެ. އަހަރެންގެ ފިރިމީހާގެ އެހީތެރިކަންވެސް މިކަމުގައި ވަރަށް ބޮޑެވެ. އަދި އަހަރެންގެ ދަރިންނަށްވެސް އަހަރެން މަންމައަށް އިހްތިރާމްކުރަން ދަސްކޮށްދެމެވެ.  

އަހަރެންގެ މަންމަ ވަކި ކޮޓަރިއެއްގައި ނިދަން އޮތެއްކަމަކު ފަތިހު ކައްކަން އަހަރެން ނިކުންނަނީ ފުރަތަމަ މަންމައަށް ކާންދީ މަންމަގެ އެނދު ސިޓިންރޫމަށް ނެރެފައެވެ. އެއިރުން މަންމަ އެކަނިވުން ކުޑަވެ އަހަރެންގެ ކުދިން އަދި ފިރިމީހާއަށްވެސް މަންމައާއި އެކު ވަގުތު ހޭދަކުރެވޭނެތީއެވެ. އަދި ރޭގަނޑުގެ ދެނަމާދު އަހަރެން އަބަދުވެސް ކުރަނީ މަންމައާއި އެކު މަންމަކޮޓަރީގައިއެވެ. އަހަރެންގެ ދަރިން ކުރެ ހަގަށް ހުންނަ މަންޖެވެސް އަންނާނެއެވެ. މަންމަ ނިދުމުން ނޫނީ އަހަރުމެން ދެމައިން ބޭރަށް ނުނިކުންނަމެވެ.  

ނަމަވެސް ބުނަންތޯއެވެ. އަހަރެންގެ މަންމަ އެބަލިހާލުގައިވެސް އެއްކަލަ ދެކޮއްކޮގެ ވާހަކަ ދައްކައި ނުރޯ ހަމަ އެއްވެސް ދުވަހެއްނުދެއެވެ. ކާންދޭ ވަގުތުވެސް، ފެންވެރުވިއަސް އަދި ބައެއްފަހަރު އަހަރެން ފިރިމީހާ ގާތުވެސް ހަމަ ތަކުރާރުކޮށް އެކުދިންގެ ވާހަކަ ދައްކައެވެ. ދޮށީ ފިރިހެންކޮއްކޮވެސް އަހަރެންގެއަށްވެސް ވަދެވެސް ނުލައެވެ. މިއަދު އެމަންމަ އެކުދިންނާއިހެދި ރޯތަންފެނުމުން އަހަރެންގެ ދުއާގައި އަހަރެން މިއީ ދަރިންނަށް ތަފާތުނުކުރާ މައެއްގޮތުގައި ލައްވައިތޯ އަހަރެންގެ ވެރި ރައްބައް ދަންނަވަމެވެ.  

ކިޔުންތެރިންނޭވެ! މިފަދަ މަޔަކު ލިބިފައިވާނަމަ އެމަންމައަށް ދުއާކޮއްދީ ތިބާގެ އަމަލުތައް ސީދާ ކޮއްލައްޗެވެ. އަދި ވީވަރަކުން މާފްކުރެވޭތޯ ވެސް ބަލަންވާނެއެވެ. އެކަމަށް ރައްބުގެ ހަޒްރަތުން މަދަދަޢް އެދުމުން އިރާދަފުޅުން އެކަންވެސް ވާނެއެވެ.

މައިންނަށް ބުނެލަންއޮތީ އަންހެންދަރިންނަށް އޯގާތެރިކަން ދޭށޭއެވެ. އެއްވެސް މީހަކަށް ތަގުދީރު ނޭނގޭއިރު އޯގާތެރިކަން އިސްކުރުން ކިހައި މުހިއްމުހެއްޔެވެ؟ ދަރިންނާއި މެދު މައިންބަފައިންނާވެސް ސުވާލުކުރެވޭނެއެވެ. އެކަން އޮންނަނީ ހަމައެކަނި ދަރިންނަށް ކަމަށް ހީނުކުރާށެވެ. ދެމަފިރިން އެކުވެ އާއިލާއެއް ފަށާއިރު އެކަކު އަނެކަކަށް އެއްބާރުލުން ދީގެން ކުރެވޭތޯ ބަލަންވީކަމަކީ ދަރިންގެ މެދުގައި ތަފާތުނުކުރަން އެކަކު އަނެކަކަށް ވިސްނައިދީ ހެޔޮ ތަރުބިއްޔަތެއް އެކުދިންނަށް ދެވޭތޯ މަސައްކަތްކުރުމެވެ. އަހަރެން ދެކޭގޮތުގައި ކާމިޔާބު މައިންބަފައިންނަކީ އެއީއެވެ.   

- މިއަދުނޫހުހެ ކިޔުންތެރިއެއް

(މިލިޔުން ޝާއިޢުކޮށްފައި އެވަނީ ކިޔުންތެރިޔާ ފޮނުވިގޮތަށް އޭނާގެ ޢިބާރާތުންނެވެ! ޙިއްޞާ ކުރައްވާށެވެ! އިޞްލާޙްކޮށްގެންވެސް ޝާއިއުކޮށްދޭނަމެވެ!) 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް