އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފަޤީރުކަމުން ވަކިވެގެންދިއަ އަނބިމީހާ ހޮސްޕިޓަލުން "ހޮވައި" އެހީތެރިވުމުގަ ލާމަސީލު ދެމަފިރިއެއްގެ ވާހަކަ!

ޙަޤީޤީ ޙާދިސާ: ފަޤީރުކަމުން ވަކިވެގެންދިއަ އަނބިމީހާ ހޮސްޕިޓަލުން "ހޮވައި" އެހީތެރިވުމުގަ ލާމަސީލު ދެމަފިރިއެއްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

މިކިޔައިދެނީ މާކުރީ ޒަމާނެއްގައި ހިނގައިދިއަ ކަމެއްގެ ވާހަކައެއް ނޫނެވެ. ހަމަ މި ކޮވިޑް ތެރޭގައި ހަމަ މި ފުރަމާލޭގައި ހިނގައި ދިއަ ކަމެކެވެ.

ހުން އަންނާތީ އަހަރެންގެ އަނބިމީހާ އޮތީ އެޑްމިޓްކޮށްފައެވެ. ހަމަ އެވޯޑްގައި ސްކްރީން ޖަހާފައި ހުންނަ އެނދެއް ހުރެއެވެ. ސްކްރީންކޮށްފައި ހުންނާތީ އެ އެނދުގައި އޮންނަ މީހާއެއް ނުފެނެއެވެ. ވީމާ އެއީ ކާކުކަމެއް ނުއެނގެއެވެ. 

މުޅި ދުވަސް ފާއިތުވެގެންދާއިރުވެސް އެ ތަނަށް ޑޮކްޓަރުންނާއި ނަރުހުން ނޫން ބައަކު ވަދެ އުޅޭތަނެއް ނުފެނެއެވެ. އެހެންވެ ރައްޓެހި ނަރުސް ކުއްޖެއްގެ ގާތު އެބަލިމީހާ އާއި ބެހޭ ގޮތުން ސުވާލުކޮށްލުމުން ދިން މައުލޫމާތުން ދިއައީ އެނބުރުން އަރައިގެންނެވެ. 

އެ އެނދުގައި އޮންނަނީ އަހަރެންގެ އަލަތު އަނބިމީހާއެވެ. އެހީތެރިއަކު ނެތީއެވެ. ވީމާ އެއްވެސް މީހަކު އައިސް ނުއުޅެނީއެވެ. ކާންބޯންދީ ހަދަނީ އެވޯޑުގެ ނަރުހުންގެ އެހީތެރިކަމާއެކު ކޮންމެވެސް ހެޔޮ އެދޭ މީހެކެވެ. 

ސްކްރީން ޖަހާފައި ހުންނަނީ ދެން ތިބި ބަލި މީހުންނަށް އެމީހުންގެ އެހީތެރިން ކޮށްދޭ ޚިދުމަތް ފެނުމުން އޭނާއަށް އުނދަގޫވާތީ އޭނާގެ އެދުމަށެވެ. ކޮންމެހެން މާބޮޑު ބައްޔެއް ޖެހި ޙާލު ސީރިއަސްވެގެނެއް ނޫނެވެ. އަދި މިހާރު ހޮސްޕިޓަލުގައި އެއޮންނަނީ ޙަވާލުވެގެން ގެންދާނެ މީހަކު ނުވެގެންނެވެ. 

މިއަޑުތައް އަހަން އަހަރެންނަށް ފަސޭހައެއް ނުވިއެވެ. އަދި ރެއާއި ދުވާލު ހަމަ އެވޯޑުގައި އަހަރެން އަހަރެންގެ އަނބިމީހާ އާއި ދައްކާ ބައެއް ވާހަކަވެސް އޭނާއަށް އަޑުއިވޭނެކަންވެސް ހިތަށް އެރިއެވެ. 

އޭނާ އަހަރެންނާއި ވަކިވީ އަހަރެން ފަޤީރަކަށްވީތީ ކަމުނޮގޮސްގެންނެވެ. ތަނަވަސް މީހަކާއި ކައިވެނިކުރުމަށެވެ. އަހަރެން ކުރި ހިތާމަ އެނގޭނީ އަހަރެންނަށެވެ. އެހެންކަމާއިއެކުވެސް އަހަރެން ވާނީ އޭނާއަށް މާފުކޮށްފައެވެ. 

އަހަރެން އެވާހަކަތައް ކުރިންވެސް އަނބިމީހާއަށް ކިޔައިދިނީމެވެ. އަދި މިހާރު އެ އަޑުއިވުނު ވާހަކަތައް ކިޔައިދިނުމުން އަނބިމީހާގެ ޖަވާބަކަށްވީ "އޭނާ އާއި ވާހަކަ ދައްކާށެވެ! އެހީތެރިވެދޭށެވެ! އަދި އޭނާ ޤަބޫލުނަމަ އަހަރެމެންގެ ގެއަށް ގެންދަމާ ހިނގާށެވެ! ޙާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވެގެން ދެރަގޮތެއް މެދުވެރިނުކުރައްވަވާނެތެވެ! އިން ޝާ ﷲ!" 

ކޮންމެއަކަސް ހޮސްޕިޓަލުން ދޫކޮށްލުމުން އަހަރެމެން ގެއަށް އައީ އޭނާ ގޮވައިގެންނެވެ. ގެފެނުމުން އޭނާއަށް ގެ އެނގުނު ހެނެއްވެސް ހިޔެއް ނުވެއެވެ. އެއީ އޭނާ އުޅުނީ އެޅިގަލުން ރާނައި ސިމެންތިވެސް ނުޖަހާ ކުލަލާފައިހުރި ގެއެއްގައެވެ. އޭނާ ގޮސް އެވަނީ 10 ބުރި ފައުންޑޭޝަނެއްގައި 3 ބުރި ނިންމައި ތިރީގައި ބޮޑު ފިހާރައެއް ހުރިގެއަކަށެވެ. 

ލޯނު ދައްކާތީ އަތުގައި މާގިނަ ފައިސާތަކެއް ނެތުމުން ދިރިއުޅެމުން މިދަނީ މާބޮޑު ތަނަވަސްކަމެއްގައި ނޫން ނަމަވެސް ހަމަފުދިގެންނެވެ. 

ތަނަވަސްކަން އަދި ނެތުމުން ނޯކަރަކު ނުގެންގުޅޭތީ ކުޑަކޮޓަރި ހުހަށް ހުރުމުން އޭނާއަށް އެކޮޓަރިދީގެން އަދި ބައްޔަށް ފަރުވާ ކުރުމުގައިވެސް މިގެންދަނީ އެހީތެރިވަމުންނެވެ. އޭނާ ބޭނުންހައި ދުވަހަކު އެކޮޓަރީގައި ބަހައްޓަން އަހަރެމެން ވަނީ ނިންމައިފައެވެ. އޭނާއަކީ ވާރުތަވެރިން ތިބިނަމަވެސް މައިންބަފައިން ނެތް އެކަނިވެރިއަކަށްވާތީ ހެޔޮކަމެއް ކުރުމުގެ ބޭނުމުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނާއި މިވާހަކަކޮޅު ހިއްޞާ މިކުރީ ފަޚުރުވެރިވާކަށް ނޫނެވެ. އޭނާގެވެސް ހުއްދައާއިއެކު މިވާހަކަކޮޅުގައި ކިޔުންތެރިންނަށް ފިލާވަޅެއް ހިމެނޭތީއެވެ. މިހިސާބުން ކިޔުންތެރިން ދެން އުފައްދައިފާނެ ސުވާލަށްވެސް ޖަވާބުދޭނަމެވެ. އަހަރެން މާޔޫސްވެ ވަރަށް ނިކަމެތި ޙާލުގައި ހުއްޓާ އަހަރެންގެ އަތުގައި ހިފި މިހާރުގެ އަނބިމީހާ ދުނިޔޭގައި ހުއްޓާ އިތުރު ކައިވެންޏެއް ނުކުރާނަމެވެ. އޭނާގެ ހިތަށް އަނިޔާ ލިބިދާނެ ކިތަންމެ ކުޑަ ކަމެއްވެސް ނުކުރާނަމެވެ. 

އޭނާ ބުނީ އޭނާއަށް ކަންތައްތައް މެދުވެރިވި ގޮތުގެ ކިޔުންތެރިންނާ އޭނާ އަމިއްލައަށް ހިއްބާކުރާނެ ކަމަށެވެ. އެހެންވެ އެބައި މިވާހަކައިގައި ނުހިމެނީއެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް