އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާދިޙް ވަކިވެދިއުން: މިސްކިތްތަކުގަ ރޯދަވީއްލުން ދިނުމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް!

މާދިޙް ވަކިވެދިއުން: މިސްކިތްތަކުގަ ރޯދަވީއްލުން ދިނުމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 57 ސިކުންތު

ރަމަޟާން މަހު އެކަންޏެއް ނޫނެވެ! ހަރޯދައިގައި ވެސް ރޯދަވީއްލުން ދެއްވުމުގައި މާދިޙް ހުންނެވީ ވަރަށް ކުރީގައެވެ. މިއަހަރުގެ މިދަތި ޙާލަތުގައިވެސް އެންމެ ފަހު ދުވަހާއި ހަމައަށް ހަރޯދަވެރިންނަށް ރޯދަ ވީއްލުން ދެއްވުމުގައި މާދިޙް ވަރަށް ބުރަކޮށް އުޅުވެއްވެވިއެވެ. 

މި ޙަރަކާތުގެ ތެރެއިން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މާދިޙް ވިދާޅުވީ "މިކަން އަޅުގަނޑުމެން މިކުރަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން. ކުރިއާލައި ކަންކަން ހަމަޖައްސައިގެން." ކަމަށެވެ. 

ހަވީރު 4 ގެ ފަހުން ދަތުރުފަތުރުކުރުން ބަންދުވާތީ ހަރޯދަތެރޭގައި ރޯދަވީއްލުން ބަހަންޖެހުނީ ޢަޞްރު ނަމާދަށްފަހުގައެވެ. ގަޑިޖެހުމުގެކުރިން ބައްސަވާ ތަކެތި އަމިއްލަފުޅަށް މިސްކިތަށް ގެންނަވައެވެ. 

އަޅުގަނޑުގެ ހަނދާން ރަނގަޅުނަމަ މާދިޙް ވިދާޅުވީ މިސްކިތްތަކުގައި ރޯދަ ވީއްލުން ދިނުމުގެ މަސައްކަތްކުރައްވާތާ 10 ވަރަކަށް އަހަރުވެއްޖެ ކަމަށެވެ. 

މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް ދެއްވެވުން އެދި މިއަދުނޫސް ޓީމުން ދުޢާކުރަމުއެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދިވެސް ދުޢާކުރަމުއެވެ. އާމީން 

ތިރީގައި މިވަނީ މަދީޙްގެ ޚިދުމަތްތަކާއިބެހޭ ގޮތުން ވީނިޔުސްގައި ޢައްފާން މުޙައްމަދު ލިޔުއްވާފައިވާ ލިޔުމެކެވެ. 

 

މާދިހުގެ ވަކިވުން، ގެއްލިގެން އެދިޔައީ އަގުނުކުުރެވޭނެ ޚިދުމަތްތެރިއެއް

މ. ޖަވާހިރުވިލާ މާދިޙް އިސްމާޢީލް އަކީ ދިވެހި ކުޅިވަރުގެ އެކިއެކި ދާއިރާތަކަށް އަގުހުރި، އަގު ނުކުރެވޭނެ ޚިދުމަތްތަކެއް ކޮށްދީފައިވާ ކުޅިވަރުގެ ބަޠަލެކެވެ.

އެކި ކުޅިވަރުތަކުގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ގައުމު ފަޚުރުވެރިވާ ދަރިއެކެވެ. ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި އާއި ޓީމުތަކުގެ އޮފިޝަލުކަމުގެ އިތުރުން އެކިއެކި ކުޅިވަރު އެސޯސިއޭޝަން ތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ހިންގުންތެރިއެކެވެ. މާދިހްގެ ހިދުމަތް ކުޅިވަރު ކުލަބުތަކާއި ގައުމީ ޓީމުތަކަށްވެސް ލިބިފައިވާއިރު އޭނާގެ ހިދުމަތް ނުލިބޭ ކުޅިވަރެއް ރާއްޖޭގައި ނުކުޅެއޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ.

އެގޮތުން ފުޓުބޯޅަ، ކްރިކެޓް، ސްވިމިންގ، ބާސްކެޓްބޯޅަ، ނެޓްބޯޅަ އަދި އެތްލެޓިކްސް އަށް ރަސްމީ ހައިސިއްޔަތުގެ އިތުރުން އަމިއްލަ ހައިސިއްޔަތުން ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށްލެވެއެވެ. މާދިހް ފުރުއްވާފައިޥާ ބައެއް މަގާމުތަކުގެ ތެރޭގައި ރާއްޖޭގެ ކްރިކެޓް ބޯޑުގެ ވައިސް ޗެއާމަން ކަމާއިމ އެތްލެޓިކްސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމާއި، ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މެމްބަރުކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ކުޅަދާނަ ފިޒިއޯތެރަޕިސްޓެއްގެ އިތުރުން މާދިހް އަކީ އޯގާތެރި ދަރުމަވެރިއެއްގެ ގޮތުގައިވެސް އެތައް ހިދުމަތެއް ގައުމަށް ކޮށްދީފައިވާ ހެޔޮހިތެއްގެ ވެރިއެކެވެ.

މާދިހް ނިޔާވުމުގެ ހިތާމައިގައި މުޅި ގައުމު ބައިވެރިވަމުންދާއިރު ސަރުކާރުގެ އެކި އިދާރާތަކުގެ ވެރިންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންގެ އިތުރުން ކުޅިވަރުގެ ހިދުމަތްތެރިން ދަނީ މައްޔިތާގެ އާއިލާއިން ކުރަމުންދާ ހިތާމައިގައި ބައިވެރިވެ ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

މާދިހަކީ ރާއްޖޭން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރިއިރު، ޓީމުގެ ކޮންޓިންޖެންޓްގައި ހިމެނިގެންވެސް އެކިއެކި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ، އަދި މާދިހް ވަނީ މާލޭގެ އެކިއެކި ސްކޫލް ތަކުގައިވެސް ކުޅިވަރު ކުރިއަރުވައި ދަރިވަރުން ކުޅިވަރަށް އަހުލުވެރި ބަޔަކަށް ހެދުމަށްޓަކައި އެތައް ހިދުމަތެއް ކުރައްވާފައެވެ. އެގޮތުން ތާޖުއްދީން ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ސްޕޯޓްސް ކޯޑިނޭޓަރެއްގެ ގޮތުގައި މާދިހްގެ ހިދުމަށް މި ސްކޫލަށް ވަނީ ލިބިފައެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ކުއްލި ގޮތަކަށް މާދިހް އަޅުގަނޑުމެނާއި ވަކިވެގެންދިޔައިރު މާދިހުގެ ހިދުމަށް މިއަދާ ހަމައަށް ލިބެމުންދިޔަ ޢިޔާސުއްދީން ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނި މާދިހު އަކީ ހީވާގި ކަމާއެކު މަސައްކަތް ކުރެއްވި އެކުގައި މަސައްކަތް ކުރެއްވި ފަރާތްތަކާއި ގުޅޭ މަޖާ މިޒާޖެއްގެ ބޭފުޅެއް ކަމަށެވެ. އަދި މާދިހުގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުވައްޒަފުންނަށް ލިބިފައިވާ ހިދުމަތައް އެ ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މާދިހު އިސްމާއީލް އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލް އާއި އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމްގެ ބޭބެއެވެ. މާދިހު އިސްމާއީލް އަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރުކަން ދެ ފަހަރަށް ކުރެއްވެވި އަދި ސަރުކާރުގެ އިސް ބައެއް މަގާމުތައް ފުރުއްވަވައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިސްމާއީލް ޒަކަރިއްޔާގެ ބޭފުޅެކެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު 14 ވަނަ ދުވަހު ކޮވިޑް އާލާސްކަންފުޅުގައި އިސްމާއީލް ވަނީ އަވަހާރަވެފައެވެ.

އުމުރުން 51 އަހަރުގެ މާދިހް ނިޔާވީ ކުއްލި ގޮތަކަށް ބަލިވެ ހޯމަ ދުވަހުގެރޭ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

މާދިހްގެ ކުއްލި ވަކިވުމާއެކު މުޅި ކުޅިވަރު އާއިލާގެ އިތުރުން މުޅި ގައުމުވެސް ހިތާމައިގައި ވާއިރު އޭނާ ނެތުމަކީ ރާއްޖޭގެ ހުރިހާ ކުޅިވަރަކަށްވެސް ލިބޭނެ ބޮޑު އުނިކަމެއްގެ ގޮތުގައި ކުޅިވަރު އާއިލާއިން ފާހަގަކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް