އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އެހީތެރިއަކު ނެތި ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް އަމިއްލަ އެދުމެއް ނުބާއްވައި އެހީތެރިވުމުން ގެއަކާ ގޯއްޗެއް ލިބުނު ގޮތުގެ ވާހަކަ!

ޙަޤީޤީ ޙާދިސާ: އެހީތެރިއަކު ނެތި ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް އަމިއްލަ އެދުމެއް ނުބާއްވައި އެހީތެރިވުމުން ގެއަކާ ގޯއްޗެއް ލިބުނު ގޮތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު

މިކިޔައިދެނީ މާކުރީ ޒަމާނުގައި ހިނގި ކަމެއް ނޫނެވެ. މީގެ 10 ވަރަކަށް އަހަރުކުރިން ހިނގި ކަމެކެވެ. މީހަކު ކުރި ތަޖުރިބާއެއް ނޫނެވެ. އަހަރެން އަމިއްލައަށް ކުރި ތަޖުރިބާއެކެވެ. 

ބައްޕައަކީ އުމުރުން ދުވަސްވެފައި ހުރި މީހެކެވެ. ގަދަ ހުމެއްޖެހި އެތައް މައްސަލަތަކެއް ކުރިމަތިވުމުން ބައްޕަ އޮތީ އައިޖީއެމްއެޗެގައި އެޑްމިޓްކޮށްފައެވެ. ހެނދުނުގެ ވަގުތު ބައްޕަ ގާތު އިންނަނީ ދައްތައެވެ. އޮފީސް މަސައްކަތް ނިންމައި ޢަޞްރު ނަމާދުކޮށްލައިގެންދާ ގޮތަށް ދަންވަރު ވަންދެން ބައްޕަ ބަލަހައްޓަނީ އަހަރެންނެވެ. ނިދަން ދަނީ ބޮޑު ބޭގެ ގޮސްދިން އިރަކުންނެވެ. 

މިގޮތަށް އުޅެން ފެށިތަނާ ހަމަ އެ ވޯޑުގައި ވަރަށް ބަލި ޙާލުގައި މުސްކުޅި ފިރިހެނަކު އޮންނަތަން ފެނުނެވެ. އޭނާގެ ގާތަށް ދުވާލަކު އެއް ފަހަރު ކަހަލަ ގޮތަކަށް ނޫނީ މީހަކު ނާދެއެވެ. އަބަދުހެން އޮންނަނީ އެކަންޏެވެ. އެހެންވެ އޭނާ އާއި ވާހަކަ ދައްކާލައި ރައްޓެހިވީމެވެ. އަދި އަހަރެން ހުންނަ ވަގުތުތަކުގައި ހަމަ އަހަރެންގެ ބައްޕަގެ ކަންކަން ބަލަހައްޓާފަދައިން އެބޭބެގެ ކަންކަން ބަލަހައްޓަން ފެށީމެވެ. އަދި ޢާއިލާގެ އެހެން މީހުން ގާތުންވެސް އެބޭބެ އަށް އެހީތެރިވެދޭން އެދުނީމެވެ. 

2 ހަފްތާއެއްހައި ދުވަސްފަހުން ގަދަވުމުން ބައްޕަ ގެއަށް ފޮނުވާލިއެވެ. ގެއަށް އައުމަށްފަހުގައިވެސް އެބޭބެގެމަތިން ހަނދާންވާތީ ހޮސްޕިޓަލަށް ޒިޔާރަތްކުރަމެވެ. އޭނާގެ ޙާލުބަލަމެވެ. 

އެހައިތަނަށްވެސް ހަމައެކަނި އެނގޭވަރަކީ އެބޭބެއަކީ މާލޭގައި އެކަނި ދިރިއުޅޭ މާލޭ މީހެއްކަމެވެ. ކިޔާނަމަކީ ހުސައިންބެ ކަމެވެ. އަހަރެން އޭނާއަށް އެހީތެރިވީ ހަމަ އެކަނި މާތް ﷲ އަށްޓަކައެވެ. އެހެންވެ އިތުރު މައުލޫމާތު ހޯދަން ސުވާލެއްވެސް ނުކުރަމެވެ. 

މަހެއްހައި ދުވަސްފަހުން ހުސައިންބެވެސް ގަދަވެގެން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ދޫކޮށްލީ އަހަރެން އޭނާގެ ގާތުގައި ހުރި ވަގުތެއްގައެވެ. އާސަންދައިން ދޭ އެއްޗެއް އުނިކޮށް ބިލަށް ދައްކަން ޖެހޭ ފައިސާ ދެއްކީވެސް އަހަރެންނެވެ. 

ހުރިހާ ކަމެއް ނިމިގެން ނުކުމެ ޓެކްސީއަށް އަރަމުން ދާންވީ އެޑްރެސް އެހުމުން ޙުސައިންބެ ކިޔައިދިން އެޑްރެހަށް ޙުސައިންބެ ގޮވައިގެން ދިއައީއެވެ. ގެހުރީ ތަޅުލައިފައެވެ. ހުސައިންބެ ދިން ތަޅުދަނޑިއަކުން ގެ ހުޅުވައިގެން ގެއަށްވަނީއެވެ. 

ވަރަށް އާދައިގެ ގޮތަކަށް ހުރި 3 ކޮޓަރީގެ ގެއެކެވެ. ޙުސައިންބެ ގޮވައިގެން ގޮސް ހުސައިންބެ ނިދާ ކޮޓަރިކަމަށް ބުނި ކޮޓަރީގެ އެނދުގައި ބާއްވައި އެވަގުތަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދީފައި ފަހުން އަންނާނެ ކަމަށް ބުނެފައި ދާން އުޅުމުން ޙުސައިންބެ ބުންޏެވެ. 

"ދަރިފުޅާއެވެ. ބޭބެ ދޫކޮށްލާފައި ނުދާށެވެ! ތިހިރަ 2 ކޮޓަރި އެހުންނަނީ ހަމަ ހުހަށެވެ. ދަރިފުޅު ބޭނުން ކޮޓަރިއެއްގައި އުޅެދޭށެވެ. ބޭނުމިއްޔާ 2 ކޮޓަރީގައިވެސް ހަމަ އުޅެންވީއެވެ. ކައްކައި ކެވޭނެ ބަދިގެއެއްވެސް ހުންނާނެއެވެ. އަނބިދަރިން ތިބިނަމަ ގެނެސްގެން ގެންގުޅޭށެވެ. އިރާދަކުރެއްވިއްޔާ މިގެއިން ދަރިފުޅު ނެރޭނެ މީހަކު ނާންނާނެއެވެ." 

އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން އެއިރު ކުއްޔަށް އުޅެމުން އައި ތަން ދޫކޮށްލާފައި ހުސައިންބެ ބުނި ބަސް ޤަބޫލުކޮށް އެގެއަށް ބަދަލުވީމެވެ. އަދި އަމިއްލަ ބައްޕަ ވެސް ބަލަހައްޓާނެ ފަދައިން ހުސައިންބެ ބެލެހެއްޓީމެވެ. 

3، 4 އަހަރުފަހުން ހުސައިންބެ ބަންދުކޮށްފައި އޮތް ސިޓީއުރައެއް އަހަރެންގެ އަތަށް ދިނެވެ. އަދި ޙުސައިންބެ ދުނިޔޭގައި ނެތް ދުވަހަކުން ކަނޑައިގެން ބަލަން ބުނީމާ އުރަ ރައްކާކޮށްފައި ބޭއްވީއެވެ. 

ޙުސައިންބެ ކުއްލި ގޮތަކަށް ނިޔާވީ އެއިގެ އަހަރެއްހައި ދުވަސްފަހުންނެވެ. ނިޔާވުމުން ޖަނާޒާގެ ކަންކަން ނިންމާފައި ގެއަށް ގޮސް ސިޓީއުރަ ނަގައިގެން އެއިގަ އޮތް ލިޔުން ބަލައިލީމެވެ. އެލިޔުމުގައިވަނީ ގެއާއި ގޯތި އަހަރެންނަށް ހިބައިން ދީފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާނެ ޤާނޫނީ ކަންކަންވެސް އޮތީ ފުރިހަމަކޮށްފައެވެ. ކޯޓަށް ހުށަހެޅުމުން ރަޖިސްޓްރީ ބަދަލުކުރެވޭނެ ގޮތަށެވެ. 

އަހަރެން ދިރިމިއުޅެނީ އެގޭގައެވެ. ޙުސައިންބެއަށް ހެޔޮދުޢާކުރުންމަތީގައެވެ. ކިޔުންތެރިން ގާތު ބުނެލަން ބޭނުންވަނީ ނިކަމެތި ޙާލުގައި އޮތް މީހަކު ފެނިއްޖެނަމަ އެހީތެރިވާންވީ އެމިހާގެ ކިބައިން ލިބިދާނެ ކަމަކަށް ބަލައިގެނެއް ނޫނެވެ! ﷲ ތަޢާލާއަށްޓަކައެވެ. އެއިރުން ހީވެސް ނުކުރެވޭނެ ފަދަ ގޮތް ގޮތުނަ ﷲ ގެ ރަޙްމަތް ލިބޭނެތެވެ. އިން ޝާ ﷲ 

- މޫސަ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް