އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނިކުރުމުގެ ނިޔަތް ނެތި "އިން ޝާ ﷲ" ބުނުމަކީ ކުރެވޭ ކިހާބޮޑު ފާފައެއްކަން އެނގޭހެއްޔެވެ؟

ކައިވެނިކުރުމުގެ ނިޔަތް ނެތި "އިން ޝާ ﷲ" ބުނުމަކީ ކުރެވޭ ކިހާބޮޑު ފާފައެއްކަން އެނގޭހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 8 ސިކުންތު

މިހާރަކަށް އައިސް ދިރިއުޅުމުގެ ކަންކަމުގައިވެސް، އިސްލާމް ދީނާއި ގުޅުން ހުންނަ ކަންކަމުގައިވެސް އަދި މީހުންނާއި ކުރާ މުޢާމަލާތުތަކުގައިވެސް "އިން ޝާ ﷲ" ބުނުން މިވަނީ ވަރަށް ގިނަވެފައެވެ. އެއީ ކުރަންޖެހޭ ކަމެއްވެސް މެއެވެ. ﷲ ތަޢާލާގެ އަމުރުފުޅެއްވެސްމެއެވެ. 

މައްސަލައަކަށް ވެގެން މިއުޅެނީ "އިން ޝާ ﷲ" ބުނުމަކީ "ފަހަރެއްގައި" އެކަމެއް ކުރާނެ ކަމަށް ބުނުން ކަމަށް ހަދާކަމެވެ. އަދި އެއީ "ނުކުރާ ނަމޭ" ދިމާއަށް ބުނަން ނުކެރިގެން ބުނާ ބަހަކަށްވެސް ހަދައިގެން އުޅޭކަމެވެ. 

"އިން ޝާ ﷲ" އެވެ ބުނެފައި ދޫކޮށްލުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ އެއީ ވަރަށް ބޮޑު ކަމެކެވެ. އެއީ ވެވޭ ވަރަށް ބޮޑު އިޤްރާރެކެވެ! އެބަހުގެ މާނައަކަށް ހަދަން ޖެހޭނީ އެކަމެއް ކުރާނެ ކަމަށް ހިތުގައި އަޒުމް ކަނޑައެޅުމެވެ. އަދި އެފަދައިން ބުނެފިނަމަ އެކަމެއް ކުރަން ތިމާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ވެސް ޖެހޭނެއެވެ! ނޫންނަމަ އެކަންވާނީ ބޮޑު އޮޅުވައިލުމަކަށެވެ! ﷲ ތަޢާލާގެ އެންމެ މަތިވެރި ނަންފުޅު ބޭނުންކޮށްގެން އޮޅުވައިލުމަކަށެވެ!  

ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މީހަކު މަރުވެގެން އެކަން އެކަން އެންގުމުން ކަށުނަމާދަށް ދާނެކަމަށް ބުނެ "އިން ޝާ ﷲ" ކިޔައެވެ. ނަމަވެސް ކަށު ނަމާދަށް ދަނީ އެފަދައިން ބުނާ ވަރަށް މަދު މީހެކެވެ. ގިނަ މީހުންނަށް އޮންނަނީ ނުދެވިފައެވެ. ބައެއް މީހުން އެކަން ހަނދާން ހުންނަ ކަމަށްވެސް ނުވެއެވެ. 

ނަމާދު ވަގުތު ޖެހުމުން މީހެއްގެ ގާތު ނަމާދަށް ދާން ބުނި ނަމަވެސް ވަރަށް ފަސޭހައިން ދާނެ ކަމަށް ބުނާނެއެވެ. ފަހަތަށް "އިންޝާ ﷲ" ވެސް ގެންނާނެއެވެ. ނަމަވެސް ގިނަ ފަހަރު އޮންނަނީ ނަމާދު ނުކުރެވިފައެވެ. މީހަކު ކަމަކު އެދުނު ނަމަވެސް ކޮށްދޭނެ ކަމަށް ބުނެ ފަހަތުން "އިން ޝާ ﷲ" ކިޔާނެއެވެ. ނަމަވެސް ފަހުން ޚަބަރެއްވެސް ނުވާނެއެވެ. ގުޅި ނަމަވެސް ފޯނުވެސް ނުނަގާނެއެވެ. އެވަރުންވެސް ކަންކަން އިރާދައިގައި އަޅުވައި ނިންމައިލަނީ އެކަމާއިމެދު ސުވާލުކުރެވޭނެކަން ހަމަ ނުއެނގޭތީ ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިވާހަކަތައް މިދެއްކީ "އިން ޝާ ﷲ" ކިޔާތީ އެކަން ބޮޑުވެގެނެއް ނޫނެވެ. އެއީ ކިޔަން ޖެހޭ އެއްޗެކެވެ. ކޮންމެ ކަމަކާއި ގުޅިގެން ވެސް ކިޔަން ޖެހޭނެ އެއްޗެކެވެ. ފާހަގަ މިކުރަނީ "އިން ޝާ ﷲ" ބުނުމަށްފަހު ނުވަތަ ކިޔުމަށްފަހު އަމަލުނުކުރާ މައްސަލައެވެ. "އިން ޝާ ﷲ" ކިޔުމަކީ ކަމެއް ނުކުރާނެ ކަމަށް ފައުޅުގައި ބުނަން ނުކެރިގެން ބުނާ ބަހަކަށް ނުހެދުމުގެ މުހިންމުކަމެވެ. އެއީ ބިރުހުރި ކަމެކެވެ. 

ކަހްފި ސޫރަތުގެ 23 އަދި 24 ވަނަ އާޔަތް ބަލާށެވެ! 

“އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ!

ﷲ އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާހުށިއެވެ!" (ކަހްފި: 23،24)

"އިން ޝާ ﷲ" ބުނުމަށްފަހު ވެސް އެކަމެއް ކުރަން ހަނދާނެ ނެތުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ކަމެއް ކުރުމުގެ ނިޔަތް އަދި ޤަޞްދު ނެތި "އިން ޝާ ﷲ" ނުބުނާށެވެ! އަހަރެމެން ދައްކާ ހުރިހާ ވާހަކަތަކެއް އަހަރެމެންގެ ފަތުގައި މަލާއިކަތުން ލިޔުއްވަވަތެވެ. މީހާގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ "ﷲ އިރާދަކުރެއްވިއްޔާ" ކަމެއް ކުރާނެ ކަމަށް ބުނާނަމަ އެކަމެއް ހަމަ ޤީޤަތުގައިވެސް ކުރުމުގެ ނިޔަތް އޮންނަން ޖެހޭނެއެވެ. ހަނދާން ނެތުމާއި ކުރަން މަސައްކަތްކުރި ނަމަވެސް ނުކުރެވުމަކީ މުޅިން ތަފާތު ކަމެކެވެ. 

މީހަކަށް ކަމެއް ކޮށްދޭނެ ކަމަށް ބުނާނަމަ ބުނަން ޖެހޭނީ އެކަމެއް ކޮށްދެވޭނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ. ނޫން ނަމަ ކޮށްދެވެން ނެތްކަމަށް ބުނާށެވެ. އެކަމެއް ކޮށްދެވެން ނެތި ވެސް ކޮށްދޭން މަސައްކަތްކުރުމުގެ ނިޔަން އޮތްނަމަ އެގޮތަށް އެކަން ހާމަކުރާށެވެ! "އިން ޝާ ﷲ" ކޮށްދޭނަމޭ ބުނުމުގެ ބަދަލުގައި "އިން ޝާ ﷲ" ތިއަކަން ކޮށްދޭން މަސައްކަތްކުރާނަމޭ ބުނާށެވެ. 

މިފަދަ ކަންކަން ކިޔައިދޭން މިޖެހެނީ މިކަން ކަމަށް ނުވިސްނައި ބުނެވޭ ބަސްތަކުގެ ސަބަބުން މުޅި އިސްލާމީ އުންމަތަށް އެކަމުގެ ނޭދެވޭ އަސަރު ކުރާތީއެވެ. މިހާރުވެސް މީހަކު "އިން ޝާ ﷲ" ބުނެފިނަމަ ގިނަ ބައަކަށް އެމީހާ އެކަން ނުކުރާނެކަން ޔަޤީން ކުރެވެއެވެ. މިއީ އެކަމުގެ އަސަރު މުޅި އިސްލާމީ އުންމަތަށް ކުރަމުންދާ ކަމެކެވެ. ވީމާ މިފަދަ ކަންކަމަށް ސަމާލުކަން އިތުރުކުރަން އެބަ ޖެހެއެވެ. 

ވަރަށް ބޮޑަށް ޢާންމުވެފައިވާ ކަމެއްވެސް ފާހަގަކޮށްލާނަމެވެ. ދެމީހަކު އުޅެނީ ލޯބިވެގެންނެވެ. ނަމަވެސް އެއިގެ ތެރެއިން އެކަކު އުޅެނީ ލޯބިވެގެން ކަމަށްހެދިގެންނެވެ. ލޯބިވާ މީހާ ކުރި ސުވާލަކީ "އަަހރެންނާ ހަމަ ކައިވެނިކުރާނަން ހެއްޔެވެ؟" މިހާލަތުގައި ކައިވެނިކުރުމުގެ ނިޔަތް ނެތި "އިން ޝާ ﷲ" ބުނުންވާނީ ﷲ ތަޢާލާގެ އެންމެ މަތިވެރި ނަންފުޅު ބޭނުންކޮށްގެން ހަދާ ބޮޑު ދޮގަކަށެވެ. އެންމެ ބޮޑު އޮޅުވައިލުމަކަށެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ފާފަވެރިވާނެއެވެ. 

ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާގެ ނަންފުޅު ބޭނުންކުރަންޖެހޭނީ ރަނގަޅު ނިޔަތުގައެވެ. ނޫންނަމަ އެކަމުގެ ޢުޤޫބާތް އެމީހަކާއި އަރައިހަމަކުރާނެއެވެ! އެއީ ޔަޤީންކުރަންޖެހޭނެ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް