އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަހްފު ސޫރަތުގެ ފުރަތަމަ އަދި އެންމެ ފަހު ދިހަ އާޔަތް ހިތުދަސްނުކޮށް އިސްލާމް ދީނުގަ ސާބިތުވެ ހުރުން އުނަދަގޫ ކަމަކަށްވެއްޖެ!

ކަހްފު ސޫރަތުގެ ފުރަތަމަ އަދި އެންމެ ފަހު ދިހަ އާޔަތް ހިތުދަސްނުކޮށް އިސްލާމް ދީނުގަ ސާބިތުވެ ހުރުން އުނަދަގޫ ކަމަކަށްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 36 ސިކުންތު

ބޮޑު ދައްޖާލުގެ ކުރިން ދައްޖާލުތަކެއް ފައުޅުވާނެ ކަމާއި ފައުޅުވާ ދައްޖާލުންތައް، ބޮޑު ދައްޖާލަށް މަގުފަހިކޮށްދޭން މަސައްކަތްކުރާނެ ކަމުގެ މައްޗަށް ވަރަށް ގިނަ ދަރުސްތަކުގައި ވާނީ އަލިއަޅުވާލެވިފައެވެ. މިރޭވެސް އެކަމަށް ކުޑަބަހެއް ބުނެލާނަމެވެ. 

އަހުރެމެންނާއިއެކު މިސްކިތުގައި ވަގުތުތައް ހޭދަ ކުރި ދެ މީހަކު ނުފެންނާތީ ބެލިއިރު ވަނީ ފައުޅުވެގެން އުޅޭ ދައްޖާލުނަތްކުގެ ތެރެއިން ދައްޖާލެއްގެ މަޅީގައި ޖެހި ބަނދެވިފައެވެ. މިވާހަކަ މިދައްކަނީ މުސްލިމުންގެ ޢަދަދު މަދުވާތީއެއް ނޫނެވެ. މުސްލިމުންގެ ޢަދަދު ދަނީ އިތުރުވެ ގިނަވަމުންނެވެ. 

އެދެމީހުން ގެއްލުނުފަހުން މިސްކިތުން އިތުރަށް ފެންނަން ފެށި މޫނުތަކުގެ މިހާރުވެސް 20 އަށްވުރެ ގިނައެވެ. ވީމާ އެކަމަށް ކަންބޮޑުވަނީއެއްނޫނެވެ. ކަންބޮޑު މިވަނީ އެންމެ އަޚަކަށް ނަމަވެސް މަގު ގެއްލުމުންނެވެ. ސުވަރުގެއަށް ކުރަމުންދާ ދަތުރުގެ ވަކިހިސާބަކުން ނަރަކައަށް މިސްރާބްޖަހާތީއެވެ. 

ވީމާ ބުނެލަން އޮތީ ކަހްފު ސޫރަތުގެ ފުރަތަމަ 10 އާޔަތާއި އެންމެ ފަހު ދިހަ އާޔަތް ހިތުދަސްނުކޮށް އިސްލާމް ދީނުގަ ސާބިތުވެ ހުރުން އުނަދަގޫ ކަމަކަށްވެއްޖެ ކަމަށެވެ. ހިތްވަރުކޮށްލައިގެން ނަމަވެސް މި 20 އާޔަތް ހިތުދަސްކޮށްލާށެވެ! އުފަންވެގެން މިއުޅޭ ދައްޖާލުންތަކުގެ ފިތުނައިންވެސް ސަލާމަތްކުރައްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ކަހްފު ސޫރަތުގެ މާތްކަން: 

ކަހްފު ސޫރަތުގެ މާތްކަމާއި ބެހޭގޮތުން އެތައް ޙަދީޘްތަކެއް ވާރިދުވެގެންވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކަކީ ޞައްޙަ ޙަދީޘްތަކުގައިވީއިރު ޞައްޙަ ނޫން ޙަދީޘްތައްވެސް އެބަހުއްޓެވެ. އޭގެތެރެއިން ޞައްޙަ ބައެއް ޙަދީޘް ތިރީގައި ހިމަނާލަމެވެ. 

عن أبي الدرداء أن النبي صلى الله عليه وسلم قال : “مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ” وفي رواية “من آخر سورة الكهف” [ رواه مسلم ]

އަބުއްދަރުދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙަމައްދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާކު ދައްޖާލުގެ ކިބައިން ރައްކާތެރިވެގެންވެއެވެ.” އަދި ބައެއް ރިވާޔަތްތަކުގައި “ކަހްފު ސޫރަތުގެ ފަހު ދިހައާޔަތް…” މިފަދައިންވެސް ވާރިދުވެގެންވެއެވެ.

އަދިވެސް ރިވާވެގެންވެއެވެ. وقال رسول الله صلى الله عليه وسلم : “مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنْ “فِتْنَةِ” الدَّجَّالِ” [ صححه الألباني في سلسلة الأحاديث الصحيحة / 582 ]

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާ ދައްޖާލުގެ ފިތުނައިން ރައްކާތެރިވެގެންވެއެވެ". 

وقال صلى الله عليه وسلم : “مَنْ قَرَأَ سُورَةَ “الْكَهْفِ” فِي يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ” [ صححه الألباني في صحيح الترغيب والترهيب / 736 ]

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  "ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ."

ކަހްފު ސޫރަތުގެ މާތްކަން: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް