އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އެންމެ މަދުން އާމްދަނީ ލިބުނު ނަމަވެސް ޢާއިލާއިން އެންމެ އުފަލުގަ ދިރިއުޅެނީ އެ ދެމަފިރިން ކަމަށް ބުނާ ފިރިއެއްގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: އެންމެ މަދުން އާމްދަނީ ލިބުނު ނަމަވެސް ޢާއިލާއިން އެންމެ އުފަލުގަ ދިރިއުޅެނީ އެ ދެމަފިރިން ކަމަށް ބުނާ ފިރިއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

އަޅުގަނޑުގެ ދޮށްޓަށް 3 ބޭބެ ތިބެއެވެ. އެންމެ ހަގީ އަޅުގަނޑެވެ. އަޅުގަނޑު ކައިވެނިކުރީ 3 ވަނަ ބޭބެވެސް ކައިވެނިކުރިތާ 2 އަހަރުފަހުންނެވެ. ބޭބެމެންގެ ކައިވެނިން ލިބުނު ތަޖުރިބާއަށް ބަލައި އަޅުގަނޑު ކައިވެނިކުރީ ވަރަށް ފަޤީރު އަދި ކިރިޔާ ތަންދޮރު އެނގޭވަރަށް ކިޔަވައިގެން ހުރި ކުއްޖަކާއެވެ. 

ކައިވެނިކުރަން އުޅުނުއިރު މަލާމާތުގެ ބަސްތައްވެސް ރައްދުކުރިއެވެ. އަދި އަޅުގަނޑަށް އެވަނީ ސިހުރު ޖެހިފައިކަމަށްވެސް ބުނެއުޅުނެވެ. މިޒަމާނުގައި ނުކިޔަވާހުރި، ވަޒީފާ އަދާ ނުކުރާ ކުއްޖަކާއި ކައިވެނިކޮށްގެން ލިބޭނީ ކޮންއުފަލެއްތޯވެސް ސުވާލު އުފެއްދިއެވެ. 

އަޅުގަނޑުގެ ކައިވެންޏަށް މިހާރު 8 އަހަރުވެއްޖެއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ޢާއިލާގެ ނިޞްބަތުން އެންމެ މަދުން ފައިސާ ލިބެނީ އަޅުގަނޑަށް ކަމަށްވެސް ވެދާނެއެވެ. އަނބިމީހާއަށް އާމްދަނީ ނުލިބޭތީ ހުރިހާ ޚަރަދެއްކުރަންޖެހެނީ އަޅުގަނޑަށް ލިބޭ މުސާރައިންކަމަށްވުމުން ބައެއް ކަންކަން ނުކުރެވި ހުންނަންވެސްޖެހެއެވެ. 

ނަމަވެސް ފަޚުރުވެރިކަމާއިއެކު ބުނެލަން ބޭނުމީ އެންމެ އުފަލުގައި ދިރިއުޅެނީ އަޅުގަނޑެވެ. މަސައްކަތުން ނިމިގެން ގެއަށް އައިސް އަނބިމީހާއަށް އިންތިޒާރުކުރާކަށް ނުޖެހެއެވެ. އަނބިމީހާ ހުންނަނީ އަޅުގަނޑުގެ އިންތިޒާރުގައެވެ. އަޅުގަނޑަށް އެންމެ ބޮޑަށް ބޭނުންވާ ގަޑީގައި އަނބިމީހާއަށް އޮފީހަށްދާންޖެހޭތީ އެކަނިވެގެން ހުންނާކަށްވެސް ނުޖެހެއެވެ. އަދި މައެއްގެ ޚިދުމަތް އެންމެ ބޮޑަށް ލިބެނީ އަޅުގަނޑުގެ ދަރިންނަށެވެ. މައިމިހާ އޮފީހުގައިވެގެން ދަރިން އެކަނިވެ ނިކަމެތިވެގެން އުޅޭކަށްވެސް ނުޖެހެއެވެ. އެހެންވެ އެންމެ އުފަލުގައި ތިބެނީ އަޅުގަނޑުގެ ދަރިންނެވެ. 

މީގެ އިތުރުން 4 ބެއިންގެ 4 އަނބިންގެ ތެރެއިން ފިރިމީހާއަށް އެންމެ ޤަދަރުކުރަނީ އަޅުގަނޑުގެ އަނބިމީހާއެވެ. އެންމެ ބަސްއަހަނީވެސް އެންމެ ކިޔަމަންތެރީވެސް އަޅުގަނޑުގެ އަނބިމީހާއެވެ! 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ އަޅުގަނޑު ޙިއްޞާމިކުރީ އަޅުގަނޑުގެ ތަޖުރިބާއެވެ. ކަމުދާނެ ބައަކާއި ކަމުނުދާނެ ބައަކު ތިބޭނެކަންވެސް އެނގެއެވެ. ނަމަވެސް އަޅުގަނޑުގެ ތަޖުރިބާގައި ބުނެވެން އޮތީ ފައިސާ ކިތަންމެ މުހިންމު ނަމަވެސް ހަމައެކަނި ފައިސާއަށް ބަލައިގެން ދިރިއުޅުން އުފާވެރިކުރެވިދާނެކަމަށް އަޅުގަނޑަށް ޤަބޫލުނުކުރެވޭ ކަމަށެވެ. 

އަނބިންގެ ކިބައިން ލިބެންޖެހޭ އުފަލާއި ހިތްހަމަޖެހުން ލިބޭނީ އެމީހުން އަނބިންގެ މަޤާމުގައި ޤަދަރާއި ޢިއްޒަތްދީފައި ބައިތިއްބައިގެން ކަމަށެވެ. އަނބިންނެއް ކަމަކު ގިނަ ވަޒީފާ އަދާކުރަންޖެހުމުން ބުރަވާނެއެވެ. ލޮޑުވެސްވާނެއެވެ. އެކަންކަން ޙައްލުކުރެވޭނީ ކުރިން މިބުނި ގޮތަށް އަނބިން، އަނބިންގެ ވަޒީފާގައި ބައިތިއްބައިގެންނެވެ. 

އަޅުގަނޑަށް ވިސްނޭގޮތުން ދެމަފިރިން ވަޒީފާއަދާކޮށްގެން ކިތަންމެ ބައިވަރު ރުފިޔާތަކެއް ލިބުނު ނަމަވެސް ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާ ނުކުރެވޭނަމަ އެ ރުފިޔާތަކުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ ދިރިއުޅުމުގައި އޮތީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ 

އިދިކޮޅު ކޮމެންޓް ގިނަވެދާނެއެވެ. ނަމަވެސް މިއީ އަޅުގަނޑުގެ ވިސްނުމެވެ. އަޅުގަނޑުގެ މިވިސްނުމަށް އަޅުގަނޑުގެ އަނބިމިހާ ފުރިހަމައަށް ތާއީދުކުރެއެވެ. އޭނާ ހުރީ އެންމެ އުފާވެރި އަނބިމީހެއްގެ ގޮތުގައެވެ. އެވަރުން އަޅުގަނޑަސް ފުދެއެވެ. 

- އިބްރާހީމް މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް