އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލްކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރު: ފަނަރަ ދުވަހަށް ވަޙީ މެދުކެނޑުނު ސަބަބު-

އަލްކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރު: ފަނަރަ ދުވަހަށް ވަޙީ މެދުކެނޑުނު ސަބަބު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 35 ސިކުންތު

( وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣ )

(وَلَا تَقُولَنَّ) މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ.

މި އާޔަތް ބާވާލެއްވުނު ސަބަބު:

ގުރައިޝުން މަދީނާގައި ތިބި ޔަހޫދީންގެ ގާތަށް ބަޔަކު މީހުން ފޮނުވާ ބުންޏެވެ. "އަހަރުމެންގެ ތެރޭގައި ނަބީ ކަމަށް ދަޢްވާ ކުރާ މީހަކު އެބަ އުޅެއެވެ. ދެން ޔަހޫދީން އެބައިމީހުންގެ ގާތުގައި ބުންޏެވެ. އެކަލޭގެފާނާއި ތިން ކަމަކުން ސުވާލު ކުރާށެވެ. އެއީ:

1. އެބައިމީހުންގެ ރަށުން ނިކުމެގެން ގޮސް ހޮހޮޅައަކަށް ވަން ޒުވާނުންގެ ވާހަކަ އާއި،

2. ހުޅަނގާއި އިރުމަތީގެ ހުރިހާ ގައުމުތަކެއްގެ މިލްކުވެރިކަން އެމީހަކަށް ލިބުނު މީހެއްގެ ވާހަކަ އާއި،

3. ފުރާނަ އާއި ބެހޭ ގޮތުން ސުވާލު ކުރާށެވެ.  

ދެން އެބައިމީހުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ކަހަފް ބާގައިގެ މީހުންގެ ވާހަކަ އިން ސުވާލު ކުރި ހިނދުގައި ޙަދީޘް ކުރެއްވިއެވެ. "މާދަމާ ޖަވާބެއް ދެއްވާނަމެވެ." އެހެންނަމަވެސް ފަނަރަ ދުވަސް ވަންދެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވަޙީ ބާވާނުލެއްވި މެދުކެނޑިގެން ދިޔައެވެ. ކުރީގެ އުއްމަތްތަކުގެ މީހުންގެ ވާހަކަ އަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެއްގޮތަކަށްވެސް އެނގިވަޑައިގަންނަވާ ވާހަކަ ތަކެއް ނޫނެވެ. އެކަލޭގެފާނަކީ ކުރީގެ ފޮތްތައް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެއް ނޫނެވެ. ސޫރަތުލް ޢަންކަބޫތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ ﴿٤٨  ) މާނައަކީ: " އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافر ން شك ކުރީހެވެ". ސުލައިމާން ޢަލައިހިއްސަލާމް އިމްތިޙާނު ކުރެއްވި ފަދައިން މާތް ﷲ އެކަލާންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިމްތިޙާނު ކުރައްވާ 15 ދުވަހަށް ވަޙީ މެދުކަނޑުއްވާލެއްވެވިއެވެ.  

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަނަރަ ދުވަސް ވަންދެން ވަޙީ މެދުކެނޑިގެން ދިޔައެވެ. މި ކަމާއި އެކަލޭގެފާނު ވަރަށް ކަންތައްބޮޑުވެ ވަޑައިގަތެވެ. ސަބަބަކީ އޭގެ ސަބަބަބުން އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނުގެ ބަސް ދޮގުކުރުމަށް އޮތް ޙުއްޖަތަކަށް އެކަން ހަދާފާނެތީވެއެވެ. ޙަގީގަތުގައި މިއީ އެކަލޭގެފާނު ދޮގު ކުރަން އޮތް ޙުއްޖަތެއް ނޫނެވެ. ސަބަބަކީ ބޮޑުވަރަކަށް އެބައިމީހުން ބުނާނީ މުޙައްމަދުގެފާނުގެ މައްޗަށް ބާވާލައްވާކަމަށް ވިދާޅުވި ވަޙީ ކޮބައިހެއްޔޭ އެވެ؟ މާދަމާ ޚަބަރު ކުރައްވާނެކަމަށް ވަޢްދުވެވަޑައިގެން ކަންތައް ނުކުރައްވާ ކަމަށެވެ. ނަމަވެސް ޙަގީގަތަކީ، ވަޙީ ލަސްވެ، އެކަންތައްތަކުގެ ޚަބަރު ކުރެއްވުން ލަސްވުމުން ދޭހަވަނީ އެކަލޭގެފާނުގެ ތެދުވެރި ކަމެވެ. ސަބަބަކީ އެކަލޭގެފާނަކީ ދޮގުވެރިޔެއްނަމަ، ވާހަކަ އެއް ހައްދަވައިގެން އެބައިމީހުންނަށް ކިޔައިދެއްވައިފީހެވެ. ވަޙީ ލަސްވުމުން، އެވާހަކަތައް ކިޔާ ނުދެއްވާ ލަސްވުމުން ދޭހަވަނީ އެކަލޭގެފާނަކީ ތެދުވެރި ނަބިއްޔެއް ކަމެވެ.

(وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣ إِلَّا أَن يَشَاءَ اللَّـهُ ۚ  ) "އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ." 

ﷲ އިރާދަކުރެއްވިއްޔާ އޭ ބުނެ މުސްތަގްބަލްގެ ކަންތައްތަކަށް ބަސްބުނެފިނަމަ ދެފައިދާ އެއް ލިބެއެވެ. އެއީ:

1. ﷲ އެކަމެއް ފަސޭހަކޮށްދެއްވައެވެ.

2. އެކަމެއް ނުވިނަމަވެސް، އެމީހަކު ދޮގު ހެދި ކަމަކަށް ނުވާނެއެވެ. މިޘާލަކަށް: ﷲ އިރާދަކުރެއްވިއްޔާ މާދަމާ މިވެނި ކަމެއް ކުރާނަމޭ ބުނެ، އެކަމެއް ނުވިނަމަވެސް، އެމީހަކު ދޮގު ހެދި ކަމަކަށް ނުވާނެއެވެ. ސަބަބަކީ އެމީހެއްގެ ހިތުގައި އޮތީ އެކަމެއް ކުރުމެވެ. ނަމަވެސް، ﷲ ގެ އިރާދަފުޅުގައި ނެތީމާ ނުވީއެވެ.  

(وَاذْكُر رَّبَّكَ إِذَا نَسِيتَ ) "އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު ހަނދުމަ ކުރައްވާށެވެ!" އެބަހީ މުސްތަގްބަލް އަށް އަޅުވާ ކަމެއް ކުރާނެކަމަށް ބުނާނަމަ "ﷲ އިރާދަކުރައްވައިފިނަމަ" މފިދައިން ބުނުމަށް އަމުރު ކުރައްވާފައިވާކަން ހަނދުމަފުޅު ކުރައްވާށެވެ. 

އިންސާނުންނަކީ ހަނދާން ނެތޭ ބަޔެކެވެ. ސޫރަތުލް ބަގަރާގެ 286 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا  ) މާނައަކީ: " އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ!" 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا  ) މާނައަކީ: "ހަނދާން ނެތިގެން ނުވަތަ ނިދިގެން ނަމާދެއް ދޫވެއްޖެނަމަ، ހަނދާން ވުމުން، ނުވަތަ ހޭލެވުމުން އެނަމާދެއް ކުރާ ހުށިކަމެވެ." 

"އިރާދަ ކުރައްވައިފިނަމަ" އޭ ބުނަން އިންސާނަކު ހަނދާންނެތިއްޖެނަމަ، ހަނދާންވުމާއި އެކުގައި އެހެން ބުނަންވާނެއެވެ. ނަމަވެސް، މިހިސާބުން އުފެދޭ ސުވާލަކީ ހަނދާންވުމާއި އެކު "އިރާދަކުރައްވައިފިނަމަ" އޭ ބުނުމުން އެމީހަކަށް އޭގެ ފައިދާކުރާނެތޯ ނުވަތަ ނޫންތޯ އެވެ؟  

ބައެއް ޢިލްމުވެރިން ވިދާޅުވަނީ އަހަރެއް ދެއަހަރެއް ފަހުން ވިޔަސް ހަނދާންވެގެން "އިރާދަ ކުރައްވައިފިނަމަ" އޭ ބުނެފިނަމަ، އޭގެ ފައިދާ އެމީހަކަށް ކުރާނެ ކަމަށެވެ. ސަބަބަކީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ (وَاذْكُر رَّبَّكَ إِذَا نَسِيتَ  ) "އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު ހަނދުމަ ކުރައްވާށެވެ!" މިފަދައިންނެވެ. ވީމާ، އޭނާ ހަނދާންވުމުން އެފަދައިން ބުނީއެވެ.

ނަމަވެސް، އެހެންބައެއް ޢިލްމުވެރިން ވިދާޅުވަނީ ބަސްބުނުމާއި، "އިރާދަ ކުރައްވައިފިނަމަ" އޭ ބުނުމާއި ދެމެދުގައި މާބޮޑަށް ދޭތެރެ ދުރުވެފައިވާނަމަ، އޭގެ ފައިދާ ނުކުރާނެ ކަމަށެވެ. އާޔަތުގައި އެވާ (وَاذْكُر رَّبَّكَ إِذَا نَسِيتَ  ) "އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު ހަނދުމަ ކުރައްވާށެވެ!" ގެ ބޭނުމަކީ އެމީހަކު ހަނދާންވުމުން "އިރާދަ ކުރައްވައިފިނަމަ" އޭ ބުނުމުން ފާފަވެރި ނުވާނެ ކަން ބަޔާން ކުރެއްވުމެވެ. މިޘާލަކަށް މީހަކު މިވެނި ކަމެއް ކުރާނަމޭ ބުނެ ހުވާކުރި އިރުގައި، "އިރާދަ ކުރައްވައިފިއްޔާ" އޭ ބުނެފައިވާނަމަ، އެކަމެއް ފުރިހަމަ ނުވިނަމަވެސް، އޭނާ ކައްފާރާ ދޭކަށް ނުޖެހޭނެއެވެ.

( وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ) "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!"

( عَسَىٰ  )  މި ލަފްޡު މަޚްލޫގެއްގެ ފަރާތުން އަތުވެއްޖެނަމަ، އޭގެ މާނައަކީ "އުއްމީދެވެ." ނަމަވެސް، ޚާލިގްވަންތަ ﷲ ގެ ޙަޟްރަތުން ( عَسَىٰ   ) މި ލަފްޡު އަތުވެއްޖެނަމަ، އޭގެ މާނައަކީ ޔަގީނުންވެސް އެކަމެއް ވުމެވެ. ސޫރަތުއް ނިސާގެ 98 އަދި 99 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (  إِلاَّ الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاء وَالْوِلْدَانِ لاَ يَسْتَطِيعُونَ حِيلَةً وَلاَ يَهْتَدُونَ سَبِيلاً

فَأُولَئِكَ عَسَى اللَّهُ أَن يَعْفُوَ عَنْهُمْ وَكَانَ اللَّهُ عَفُوًّا غَفُورًا ) މާނައަކީ: "ހިޖްރަކުރާނެ ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި ހިޖްރަ އަށް ދާނެ މަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިން މެނުވީއެވެ. އެއުރެންގެ ކިބައިން ﷲ ޢަފޫ ކުރައްވާނެއެވެ. ގިނަގިނައިން ޢަފޫ ކުރައްވާ ފާފަފުއްސަވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

މި އާޔަތުގައި ( عَسَىٰ   ) ބޭނުން ކުރައްވާފައި އެވަނީ އެބައިމީހުންގެ ފާފަ ފުއްސަވައިފިކަން އެންގެވުމުގެ ގޮތުންނެވެ.

ސޫރަތުއް ތައުބާގެ 18 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ وَأَقَامَ الصَّلاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلاَّ اللَّهَ فَعَسَى أُوْلَئِكَ أَن يَكُونُواْ مِنَ الْمُهْتَدِينَ   ) މާނައަކީ: "ﷲގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ގާއިމްކޮށް، ޒަކާތްދީ، ﷲ ފިޔަވާ އެހެން ފަރާތެއް ދެކެ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔެކެވެ."

މިތަނުގައި (عَسَىٰ   ) ބޭނުން ކުރައްވާފައިވަނީ އެބައިމީހުންނަކީ ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައި ބަޔާން ކުރެއްވުމުގެ ގޮތުންނެވެ.  

އިންސާނެއްގެ ފަރާތުން (عَسَىٰ   ) އަތުވެއްޖެނަމަ، އޭގެ މާނައަކީ އުއްމީދު ކުރުމެވެ. ( وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ) "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ އަލްކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރު ފޮތުން-

 

 

އާރޓިކަލް ރޭޓްކުރައްވާ


28%
ވ.ރަނގަޅު
0%
ރަނގަޅު
28%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް