އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫސުފުގެފާނު ވާހަކަ 12: އެތައް އަހަރެއްފަހުން ޔޫސުފުގެފާނުގެ ހުވަފެންފުޅު ސީދާވުން.

ޔޫސުފުގެފާނު ވާހަކަ 12: އެތައް އަހަރެއްފަހުން ޔޫސުފުގެފާނުގެ ހުވަފެންފުޅު ސީދާވުން.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 33 ސިކުންތު

ޢަލީ އިޙްސާން ފިރާޤު 

ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގަތުން 

ޔޫސުފުގެފާނުގެ އެދިވަޑައިގަތުމުގެ މަތީން، އެކަލޭގެފާނުގެ އަޚުން އެބޭކަލުންގެ ޢިއްޒަތްތެރި ބައްޕާފުޅާއި، އެބޭފުޅުންގެ ޢާއިލާއާގެން ކަންޢާނުގެ ބިން ދޫކުރައްވައި މިޞްރަށް ވަޑައިގަތުމަށްޓަކައި ދަތުރުފުޅު ފެއްޓެވިއެވެ. ޔޫސުފުގެފާނަށް އެކަލޭގެފާނުގެ އަހުލުވެރިން ވަޑައިގަންނަވާ ޚަބަރު ލިބިވަޑައިގަތުމުން އެބޭފުޅުންނާ އިސްތިޤުބާލު ކުރެއްވުމަށްޓަކައި، މިޞްރުގެ ރައްބޭރަށް ނުކުމެވަޑައިގަތެވެ.

މިޞްރުގެ ރަސްގެފާނު، ދައުލަތުގެ އެންމެހައި އަމީރުންނާއި، ކަމުވޮށިގެންވާ އެންމެހައި، މީސްތަކުން ޔޫސުފުގެފާނާއެކު، މާތް ގެ ނަބިއްޔާ ޔަޢުޤޫބުގެފާނަށް އިސްތިޤުބާލު ކުރެއްވުމަށްޓަކައި، ވަޑައިގަތުމަށް އެންގެވިއެވެ. ބުނެވޭ ގޮތުގައި، ޚުދު ރަސްގެފާނު އަމިއްލަފުޅަށް ޔަޢުޤޫބުގެފާނަށް އިސްތިޤުބާލު ކުރެއްވުމަށްޓަކައި، މިޞްރުގެ ރައްބޭރަށް ނުކުމެވަޑައިގެންނެވިއެވެ. އެބޭކަލުން މިޞްރަށް އާދެވުމާއެކު ޔޫސުފުގެފާނު ވިދާޅުވިއެވެ.

[اللَّه ގެ އިރާދަފުޅާއެކު، އަމާންކަން ލިބިގެންވާ حال ގައި، مصر އަށް ވެދެވަޑައިގަންނަވާށެވެ!]

އޭގެ އެތައް ޒަމާނެއް ކުރީން، ސަލާމްލެއްވި ޔޫސުފުގެފާނަށް ފެނިވަޑައިގެންނެވި ބަރަކާތްތެރި ހުވަފެންފުޅުގެ ތަޢުބީރު ފުރިހަމައަށް ތަމްސީލުވެވިގެން ދިޔައީ، މިޞްރުގެ ބިމުގައެވެ. މިކަން ބަޔާން ކުރައްވައި ޔޫސުފު ސޫރަތުގެ 100 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ وَخَرُّوا لَهُ سُجَّدًا ۖ وَقَالَ يَا أَبَتِ هَـٰذَا تَأْوِيلُ رُؤْيَايَ مِن قَبْلُ قَدْ جَعَلَهَا رَبِّي حَقًّا ۖ وَقَدْ أَحْسَنَ بِي إِذْ أَخْرَجَنِي مِنَ السِّجْنِ وَجَاءَ بِكُم مِّنَ الْبَدْوِ مِن بَعْدِ أَن نَّزَغَ الشَّيْطَانُ بَيْنِي وَبَيْنَ إِخْوَتِي ۚ إِنَّ رَبِّي لَطِيفٌ لِّمَا يَشَاءُ ۚ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ ﴿١٠٠

މާނައީ: [އަދި يوسف ގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން تخت އަށް އުފުއްލެވިއެވެ. އަދި އެ އެންމެން އެކަލޭގެފާނަށް ކުރުނީސްކޮށް، سجدة އަށް ތިރިވެގަތޫއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބައްޕާއެވެ! ކުރިން ތިމަންނާއަށް ފެނިވަޑައިގަތް ހުވަފެނުގެ މާނައަކީ، މިއީއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެ ހުވަފެން حق ތެދެއް ކަމުގައި ލެއްވިއެވެ. އަދި ތިމަން ޖަލުން ނެރުއްވުމާއި، ތިމަންނާއާއި، ތިމަންގެ أخ ންނާ ދެމެދު شيطان އާ ނުބައިކޮށްފުމަށް ފަހުގައި، بدوى ންގެ ދިރިއުޅުމުން ތިޔަބައިމީހުން ގެންނެވި ކަމާއި، މިހުރިހާ ކަމެއްގައި ތިމަންނާއަށް އެކަލާނގެ ރަނގަޅުގޮތް މެދުވެރިކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމަކަށް އޯގާވަންތަ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.]

މިދެންނެވި އާޔަތުގައި، ޔޫސުފުގެފާނުގެ މައިބަފައިންނޭ އޮތް ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނުގެ ބަފައިކަލުންނާއި، މައިފުށުގެ ބޮޑުދައިތާފުޅު ކަމަށް ބައެއް މުފައްސިރުން ވިދާޅުވެފައިވެއެވެ. ނަމަވެސް، މުޙައްމަދު ބިން އިސްޙާޤާއި، އިބްނު ޖަރީރުއް ޠަބަރީ، ވިދާޅުވެފައިވަނީ އޭރު އެކަލޭގެފާނުގެ ޙަޤީޤީ މައިކަނބަލުންވެސް ދުނިޔޭގައި އިންނެވި ކަމަށެވެ. އަދި އިބްނު ޖަރީރު ވިދާޅުވެފައިވެއެވެ. [ޔޫސުފުގެފާނުގެ މައިކަނބަލުން އެކަލޭގެފާނު ތުއްޕުޅުއިރު އަވަހާރަވެފައިވާކަމަށް ދަލީލު ކުރާ އެއްވެސް ޞައްޙަ ދަލީލެއް ވާރިދުވެގެން އައިސްފައެއް ނެތެވެ. ކީރިތި ޤުރްއާނުގެ ޡާހިރީ މާނައިން ވެސް ދަލީލު ލިބެނީ އެކަމަނާ ދުނިޔޭގައި އިންނެވި ކަމަށެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،211 ޞަފްޙާ}

ޢަބްދު ބިން މަސްޢޫދު ރަޟިޔަ ޢަންހު ވިދާޅުވެފައިވެއެވެ. [ޔަޢުޤޫބުގެފާނުގެ އަހުލުބައިތުން މިޞްރަށް ވަދެވަޑައިގެންނެވި އިރު އެބައިމީހުންގެ ޢަދަދެއް ކަމުގައިވީ، ނުވަދިހަ ތިން މީހުންނެވެ.] ޢަބްދު ބިން ޝައްދާދު ވިދާޅުވެފައިވަނީ، އޭރު އެބައިމީހުންގެ ޢަދަދަކީ އަށްޑިހަ ތިން މީހުން ކަމަށެވެ. މަސްރޫޤުގެ އަރިހުން ރިވާވެގެން އައިސްފައިވަނީ، އޭރު އެބައިމީހުންގެ ޢަދަދަކީ، ތިން ސަތޭކަ ނުވަދިހަ މީހުން ކަމަށެވެ. އަދި މިނޫންވެސް އިތުރު އެތައް ރިވާޔަތްތަކެއް އެބައިމީހުންގެ ޢަދަދާމެދު ވާރިދު ވެގެން އައިސްފައިވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 500}

އަވަހާރަވުން

ސަލާމްލެއްވި ޔޫސުފުގެފާނު، އެކަލޭގެފާނަށް އަރަހުށި މާތް ދެއްވައިފައިވާ އެންމެހައި ނިޢުމަތްތަކަކަށް ފުރިހަމައަށް ޝުކުރުވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނު އެދިވަޑައިގެން ދުޢާފުޅު ކުރައްވަމުން ގެންދެވީ، މުސްލިމަކު ކަމުގައިވާ ޙާލު މެނުވީ މަރުނުގެންނެވުމަށެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި، ޔޫސުފު ސޫރަތުގެ 101 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ ﴿١٠١

މާނައީ: [އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ مثال އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!]

ތަފްސީރުލް ޖަލާލައިނީގައި، ލިޔެވިގެންވެއެވެ. [ޔޫސުފުގެފާނު [ مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!] ވިދާޅުވެ ދުޢާފުޅު ކުރެއްވިތާ، ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީތަނާ އެކަލޭގެފާނު އަވަހާރަވެއްޖެއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ، ސަތޭކަ ވިހި އަހަރުފުޅެވެ. އެކަލޭގެފާނު އަވަހާރަވުމުން ފަސްދާނުލެވިފައިވަނީ، މަރުމަރު ހިލައިގެ ސަންދޯޕުޅެއްގައި، މިޞްރުގެ ނީލަކޯރުގެ ތެރޭގައެވެ.]{ تفسير الجلالين/ المحلي و السيوطي}

މިޞްރުގައި، ޔޫސުފުގެފާނާއި، ޔަޢުޤޫބުގެފާނުގެ ދިރިއުޅުއްވި ގޮތުގެ އެއްވެސް ކަހަލަ ބަޔާނެއް ކީރިތި ޤުރްއާނުގެ ނައްޞުން ވާރިދުވެގެން އައިސް ފައެއް ނެތެވެ. މި މަޢުޟޫގައި ވާރިދުވެގެން އައިސްފައިވާ ޞައްޙަ ޙަދީޘެއްވެސް ފޮތްތަކުގައި ބަޔާންވެގެން އައިސް ފައެއް ނެތެވެ. މި މަޢުޟޫގައި ވާރިދުވެގެން އައިސް ފައިވަނީ މުޅިންވެސް ތާރީޚީ ރިވާޔަތްތަކެވެ. ތާރީޚަކީ މާބޮޑު އިތުބާރެއް ނެތް އެއްޗެއްކަމުގައި ވިޔަސް، އެތަނުން ބައެއް ރިވާޔަތްތައް މިތަނުގައި ބަޔާން ކުރަން ގަސްތުކުރަމެވެ. އެއީ، ތާރީޚު ފޮތްފޮތުގައާއި، ތަފްސީރު ފޮތްފޮތުގައި، މި ވާހަކަތައް ބަޔާން ކުރެވިފައި ވާތީއެވެ.

އިމާމު އިބްނު ކަޘީރު އޭނާ ލިޔުއްވައިފައިވާ އަލްބިދާޔަތު ވައްނިހާޔަތުގައި، ބަޔާންކުރައްވައިފައިވެއެވެ. ޙަސަނުލް ބަޞަރީ ވިދާޅުވެފައިވެއެވެ. [ޔޫސުފުގެފާނު ވަޅުގެ ތެރެއަށް އެއްލައިލެވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން ސަތާރަ އަހަރުފުޅުގައެވެ. އެކަލޭގެފާނު ބައްޕާފުޅާ ވަކިން އަށްޑިހަ އަހަރުފުޅު ހޭދަކުރެއްވިއެވެ. އަދި ބައްޕާފުޅާއި މަންމާފުޅާ އަލުން ބައްދަލުވެވަޑައިގެންފަހުން، ތޭވީސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އެކަލޭގެފާނު އަވަހާރަވީ ޢުމުރުފުޅުން ސަތޭކަ ވިހި އަހަރުފުޅުގައެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 505}

އަދިވެސް އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. އަހުލުކިތާބުންގެ ފަރާތުން މުޙައްމަދު ބިން އިސްޙާޤު ރަޙިމަހު، ރިވާކުރައްވައިފައިވެއެވެ. [ޔަޢުޤޫބުގެފާނު، ޔޫސުފުގެފާނުގެ އަރިހުގައި މިޞްރުގައި ސަތާރަ އަހަރު ދުވަސްވަންދެން ހުންނެވިއެވެ. އެއަށްފަހު ޔަޢުޤޫބުގެފާނު އަވަހާރަވެއްޖެއެވެ. އެކަލޭގެފާނު އަވަހާރަވުމުގެ ކުރީން ޔޫސުފުގެފާނަށް، ވަޞިއްޔަތް ކުރައްވައިފައިވަނީ، އަވަހާރަވުމުން ބައްޕާފުޅު އިސްޙާޤުގެފާނާއި، ކާފާކަލުން އިބްރާހީމުގެފާނުގެ އަރިހަށް ގެންގޮސް ފަސްދާނުވެޑުވުމަށެވެ.]{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 503}

ابن أبي حاتم ރިވާކުރައްވައިފައިވެއެވެ. [މިޞްރުގެ ޢަޒީޒު إطفير އަވަހާރަވުމުން، ރަސްގެފާނު ރައްޔާން ބިން ވަލީދު، ޢަޒީޒުގެ އަނބިކަނބަލުންނާ، ޔޫސުފުގެފާނާ ކާވެނިކޮށްދެއްވިއެވެ. ޔޫސުފުގެފާނަށް އެކަމަނާގެ ބަނޑުފުޅުން، أفرائيم بن يوسف އާއި، ميشا بن يوسف ލިބިވަޑައިގަތެވެ. މީގެ ތެރެއިން أفرائيم އަށް نون އޭ ކިޔުނު ދަރިކަލަކު ލިބިވަޑައިގަތެވެ. يوشع ގެފާނަކީ މިދެންނެވި نون އަށް ލިބިވަޑައިގެންނެވި ދަރިކަލެކެވެ. އަދި ޔޫސުފުގެފާނަށް رحمة އޭ ކިޔުނު ދަރިކަނބަލަކުވެސް ލިބިވަޑައިގަތެވެ. އެ ދަރިކަނބަލުންނަކީ، ސަލާމްލެއްވި އައްޔޫބުގެފާނު އަނބިކަނބަލުނެވެ.] { رواه ابن أبي حاتم في " التفسير " (7/2161)، والطبري في " جامع البيان " (16/151}

ނިމުނީ....

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް