އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދަތިޙާލުގަ ހުރެ ނިކަމެތި އެކަނިވެރި މައަކަށް އެހީތެރިވި ޒުވާނަކަށް ތަނަވަސް ރަން ދުނިޔެއެއް ލިބުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ދަތިޙާލުގަ ހުރެ ނިކަމެތި އެކަނިވެރި މައަކަށް އެހީތެރިވި ޒުވާނަކަށް ތަނަވަސް ރަން ދުނިޔެއެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

އަޅުގަނޑުގެ އަވަށްޓެރިޔާއަކީ ވަރަށް ނިކަމެތި ޙާލެއްގައި ދިރިއުޅެމުން އަންނަ އަންހެނެކެވެ. އޭނާގެ ވަރަށް ޒުވާން އުމުރުގައި 3 ދަރިން ލިބުނުތަނާ އޭނާގެ ފިރިމީހާ ދުނިޔެ ދޫކޮށްފިއެވެ. އެދުވަހުން ފެށިގެން އޭނާ ދިރިއުޅެމުން އަންނަނީ އެކަނިވެރި މައެއްގެ ގޮތުގައެވެ. 

އޭނާއަށް ލިބޭ ހަމައެކަނި އާމްދަނީއަކީ ގޭގެ ކޮޓަރިއެއް ކުއްޔަށްދީގެން ލިބޭ މަދުފައިސާކޮޅެކެވެ. 4 މައިން އެއިން ދިރިއުޅޭނެ ޙާލު ހިތަށް ގެންނާށެވެ. އަޅުގަނޑަށް ވަޒީފާއެއް ލިބި ފުރަތަމަ މަހުގެ މުސާރަ ލިބުމުންވެސް އަވަށްޓެރިޔާއަށް ޞަދަޤާތެއް ކުރީމެވެ. އަދި އެއިގެ ފަހުން ކޮންމެ މަހަކުވެސް ކޮންމެވެސް މިންވަރެއް ޞަދަޤާތް ކުރަމެވެ. އެއިގެ އިތުރުން އެގޭގެ ތަނެއް މަރާމާތުކުރަންޖެހުން ފަދަ ކަމެއް ކުރަންޖެހުނުނަމަވެސް ކުރެވޭވަރުގެ ކަންކަން ކޮށްދެމެވެ. މީހުން ހޯދައިގެންގޮސްވެސް ކޮށްދެމެވެ. 

އަޅުގަނޑުވެސް ކައިވެންޏެއް ކުރީމެވެ. ކައިވެންޏަށް އަހަރުފުރުނުތަނާ ވީސައިކަލް އެކްސިޑެންޓެއްގައި ފަޔަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. ދަނޑިބުރިއަކާއި ނުލައި ހިނގައި އުޅެވޭނެ ކަމުގެ އުންމީދުވެސް ކެނޑުނެވެ. އެޙާލަތުގައި އުޅެމުން ދަނިކޮށް އަނބިމީހާ އަޅުގަނޑު ދޫކޮށްލާފައި ހިނގައްޖެއެވެ. 

އެއްރެއަކު ފަތިސްނަމާދުކޮށްލައިގެން ކިޔަވާލަން ގޭގައި އިނދެފައި އިރުއެރުމުން ނުކުމެ ދަނޑިބުރީގެ އެހީގައި މަޑުމަޑުން ހިނގަމުން ގޮސް އަވަސްޓެރިޔާގެ ގޭގެ ދޮރުމައްޗަށް އެރިއިރު އަންހެން މީހާ ހުރީ ގޭދޮރުމަތީގައެވެ. އަރާހަމަވުމުން އަޅުގަނޑު ގޭތެރެއަށް ވެއްދިއެވެ. އަދި ހޫނުފެންފޮދެއް ހިފައިގެން އައިސް ފައި ބޮނޑިތާންކޮށްފައި ކަޅުދިރި ތެޔޮފޮދެއް އުނގުޅައިދިނުމަށްފަހު އަޅުގަނޑަށް ހެޔޮދުޢާކުރިއެވެ. އަދި މާދަމާވެސް ހަމައެގަޑީގައި އައިސްދިނުމަށް އެދުނެވެ. 

އަޅުގަނޑު ވަރަށް ގިނަ ތަންތަނުން ފަރުވާ ހޯދީމެވެ. ކަސްރަތުކުރުވައި ތެޔޮދަމައިދީ ކަންކަންވެސް ކުރިއެވެ. ނަމަވެސް ލުޔެއް ލިބިފައި ނެތުމުން މާބޮޑު އުންމީދެއް ނެތްނަމަވެސް ދައްތަ ދެރަވެދާނެތީ އަނެއް ދުވަހުވެސް ދިއައީމެވެ. 

ކަންކަންވީގޮތް ބުނުމުން ޤަބޫލުކުރަންވެސް އުނދަގޫވެދާނެއެވެ. ބަރާބަރު 10 ވަނައަށް އޮތް ދުވަހު ދަނޑިބުރި އެއްލާލެވިއްޖެއެވެ. ދަނޑިބުރިއާއި ނުލާ މަޑުމަޑުން ހިނގެން ފަށައިފިއެވެ. މަހެއްހައިދުވަސްވީއިރު ހަމަ އެކުގައި ރަނގަޅުވެއްޖެއެވެ. 

އެ ދައްތައަކީ ބޭސްކުރާ، ތެޔޮދެމުން ފަދަ ކަންކަންކުރާ އަންހެނެއްވެސް ނޫނެވެ. ނަމަވެސް ޑޮކްޓަރުންނާއި ފިޒިއޮތެރަޕިސްޓުންގެ ފަރުވާއިން ނުލިބުނު ޝިފާ ލިބުނީ އެދައްތަގެ އަތުންނެވެ. 

އެއިގެ ކުޑަދުވަސްކޮޅެއްފަހުން އެއްރޭ އެގެއަށް ދިއުމުން "މިއުޅެނީ ވަރަށް ލަދުވެތި ވާހަކައެއް ދައްކަން" ކަމަށް ބުނެފައި އެދުނީ އޭނާގެ ދޮށީ އަނހެންދަރިފުޅާއި ކައިވެނިކުރުމަށެވެ. އެއީ އަޅުގަނޑަށްވުރެ 10 އަހަރު ހަގު ކުއްޖަކަށްވުމުން ކުޑަކޮށް ވިސްނައިވެސްލީމެވެ. ނަމަވެސް ދަރިފުޅު ހިތުން ރުހުމުން އެދޭނަމަ ކައިވެނިކުރަން އެއްބަސްވީމެވެ. އަދި އޭނާހިތުގެ އަޑިން ރުހޭކަން ހާމަކުރުމުން ކައިވެނިކުރީމެވެ. 

މިކިޔައިދިނީ މީގެ 17 އަހަރު ކުރީގައި ހިނގާފައިވާ ކަމެއްގެ ވާހަކައެވެ. ދެން ބުނެލަން އޮތީ މިއަދުގެ ވާހަކައެވެ. ދެވަނަ ކައިވެނިކުރިއިރު އުޅުގަނޑު މަސައްކަތްކުރީ ވިޔަފާރިވެރިއެއްގެ ސެކެޓްރީއަކަށެވެ. ކުރަމުން އައީ އޭނާގެ ވިޔަފާރީގެ މަސައްކަތެވެ. 

މިއަދު އަޅުގަނޑަކީ މެލޭސިޔާގައި އަމިއްލަ ވިޔަފާރިކުރާ މީހެކެވެ. އަޅުގަނޑުގެ މައިންބަފައިންނާއި އަނބިމީހާގެ ޢާއިލާވެސް ގެނެސްގެން މިގެންގުޅެނީ މެލޭސިޔާގައެވެ. މިލިއަނަރަކަށް އަދި ނުވެވުނަސް މިލިއަނުން ކޮންމެ މަހަކުވެސް އެބަ ވިފަޔާފިކުރަމެވެ. ކޮވިޑުގައި ގިނަ ވިޔަފާރިތައް ބަނގުރޫޓުވިނަމަވެސް އަޅުގަނޑުގެ ވިޔަފާރިއަށް އަސަރުކުރީ ވަރަށް ކުޑަމިންވަރަކަށެވެ. 

އަޅުގަނޑު މެލޭސިޔާގައި ހުރިނަމަވެސް ރާއްޖޭގެ ނޫސްތައް ކިޔަމެވެ. މިއަދުނޫސް ވަރަށް ފަރުވާތެރިކަމާއިއެކު ކިޔަމެވެ. ޙަޤީޤީ ހާދިސާއެއް ހަމަ ޝާއިޢުކުރާއިރަށް އެވާހަކައެއް ދެމަފިރިން ތިބެގެން އެކުގައި ކިޔަމެވެ. 

އަޅުގަނޑު ބުނެލަން ބޭނުންވަނީ ވަރަށް ކުޑަކުޑަވާހަކައެކެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނު ވަރަކުން ނިކަމެތިންނަށް ޚާއްޞަކޮށް އަވަށްޓެރިންނަށް ހެޔޮ ނިޔަތުގައި އެހީތެރިވާށެވެ. ސަބަބު އިތުރަށް ކިޔާކަށް ނެތީމެވެ. އަޅުގަނޑު މިކިޔައިދިން ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! 

- އިބްރާހީމް ޝާކިރު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް