އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަޅުގަނޑުގެ ހެދުމުގެ ތެރެއިން ފެނުނު ކަޅު ހިޔަނި- ބިރުވެރި ތަޖުރިބާއެއް!

ޙަޤީޤީ ޙާދިސާ: އަޅުގަނޑުގެ ހެދުމުގެ ތެރެއިން ފެނުނު ކަޅު ހިޔަނި- ބިރުވެރި ތަޖުރިބާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

މިޒަމާނުގައި މިފަދަ ކަމެއް ހިނގިކަމަށް ބުނުމުން ގިނަބައަކަށް ޤަބޫލުކުރަންވެސް އުނދަގޫވެދާނެއެވެ. ނަމަވެސް މިކިޔައިދެނީ އަޅުގަނޑަށް ތަޖުރިބާކުރަން ޖެހުނު ކަމެއްގެ ވާހަކައެވެ. 

ހެދުން ފެއްސީ ހަމަ ޢާންމުކޮށް ހެދުން ފައްސާ ތަނުންނެވެ. ފަހައިގެން ގެނެސް ދޮންނަންވެސް ދޮވުނީމެވެ. ހެދުން ލައިގެން އޮފީހަށް ދިއަ ދުވަހު އަޅުގަނޑަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވެއެވެ. ކޮންމެ ކަމެއްވެސް ކުރެވެނީ އަލުން ކުރަން ޖެހޭނެ ގޮތަށެވެ. 

ހީކުރެވުނީ އެއީ މޫޑު ގޯސްވުމުން މެދުވެރިވާ ކަމެއް ކަމަށެވެ. މެންދުރުވާން ގާތްވެފައި ހުއްޓާ ގައިގައި ކަށިއަޅާހެންވެސް ހީވާން ފެށިއެވެ. މަސައްކަތްކުރަން އުނދަގޫވާވަރުވިއެވެ. އެހެން އިންދާ އޮފީހުގެ އެންމެ ދުވަސްވީ މުވައްޒިފް މެންދުރު ނަމާދުން ފައިބައިގެން އައިސް ގާތުގައި ހުއްޓިފައި ބުންޏެވެ. "ގެއަށް ގޮސް ހެދުން ބަދަލުކޮށްގެން އަންނާށެވެ. ތިއަ ހެދުމުގައި ގޯހެއް އެބަ އުޅޭހެން ވަރަށް ބޮޑަށް ހީވެއެވެ." 

އަޅުގަނޑު އިތުރު ސުވާލެއްވެސް ނުކުރަމެވެ. އޭނާއަކީ ވަރަށް ބޮޑު ތަޤްވާވެރިއަކަށްވުމުން އެފަދަ ބަހެއް ބުނާނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެންކަން ޔަޤީންކުރެވޭތީއެވެ. އެހެންވެ އަވަހަށް ގެއަށް ގޮސް ފެންވަރައި ހެދުން ބަދަލުކޮށްގެން އައީއެވެ. 

އެހިސާބުން ގައިހިރުވުންވެސް ހުއްޓިއްޖެއެވެ. މޫޑްވެސް ރަނގަޅުވެއްޖެއެވެ. ކަންކަންވެސް ރަނގަލަށް ކުރެވެން ފަށައިފިއެވެ. އޮފީސް ނިމިގެން ގެއަށްދާން އުޅެމުން އެބޭބެ ގާތު އަހައިލީމެވެ. "މެންދުރު އެހެން ބުނުއްވީ ކީއްވެގެންތޯއެވެ؟" 

އެބޭބެ ބުންޏެވެ. "ޚަދީޖާގެ ހެދުމުން އިތުރު ކަޅު ހިޔަންޏެއް ފެންނަހެން ހީވީއެވެ!" 

އަނެއްދުވަހު އޮފީހަށް ދިއައީ ހެދުން ހިފައިގެންނެވެ. އެބޭބެއަށް ހެދުން ދީފައި މީހަކަށް ދައްކާލައިގެން ނަމަވެސް ހެދުމުން އެއްވެސް ކަމެއް ފެނޭތޯ ބަލައިލަ ދިނުން އެދުނީމެވެ. 

އެއިގެ 2، 3 ދުވަސްފަހުން އެ ބޭބެ ހެދުން ގެނެސް ދެއްކިއެވެ. ބުރަކަށީގައި ޖެހޭނެ ގޮތަށް ވަރަށް ފަނޑުކުލައަކުން ކުޑަ އަކައެއް ކުރަހާފައި ހުއްޓާ ފެނުނެވެ. އަދި ހެދުން އަންދާލަން ބުނުމުން އަނދައިލީއެވެ. 

ކަންބޮޑުވީވަރުން އެކަމެއް ކޮށްފައި އެވަނީ ފަހާތަނުންކަމެއް ގޭގައި ހިއްކަން އަޅާފައި ހުއްޓާ ނަގައިގެންކަމެއް ނޭނގޭތީ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެކަން އެނގޭތޯ ވަރަށް ގިނައިން ދުޢާކުރުމުން ފެނުނު ހުވަފެނުގައި ފެނުނީ ފަހާތަނުގައި ހިނގާފައިވާ ކަމެއް ކަމެވެ. އަދި އެކަންކުރީ ފަހާތަނުގެ މުވައްޒިފުންނާ ގާތް ގުޅުމެއް އޮންނަ މީހަކު އަޅުގަނޑުގެ ބޭނުމުގައި ކުރިކަމެއް ކަމަށެވެ. 

ހުވަފެނަށް އިތުބާރުކުރަން ބުނާކަށްވެސް ނެތީމެވެ. ނަމަވެސް މިއީ އަޅުގަނޑަށް މެދުވެރިވި ކަމަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިން ހޭލުންތެރިކުރުވުމުގެ ގޮތުން މިވާހަކަ ކިޔައިދިނީއެވެ. 

- ސާމިރާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް