އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޯ ޕްލާސްޓިކް ޑޭސްގެ ނަމުގައި ދިރާގުން ހޭލުންތެރިކުރުމުގެ ކެމްޕެއިނެއް ފަށައިފި

ނޯ ޕްލާސްޓިކް ޑޭސްގެ ނަމުގައި ދިރާގުން ހޭލުންތެރިކުރުމުގެ ކެމްޕެއިނެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 49 ސިކުންތު

ދިރާގުން "21 ނޯ ޕްލާސްޓިކް ޑޭސް" ގެ ނަމުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމާ ދެކޮޅަށް ހޭލުން ތެރިކަން އިތުރު ކުރުމުގެ ގޮތުން ޚާއްޞަ ކެމްޕެއިނެއް ފަށައިފިއެވެ. މި ކެމްޕެއިން ފަށާފައިވަނީ ބައިނަލް އަޤްވާމީ ކޯސްޓަލް ކްލީން އަޕް އެވެއަރނަސް މަސް 2021 ފާހަގަކުރުމާއި ގުޅިގެންނެވެ. 

އެއް ފަހަރު ބޭނުން ކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން ވެފައިވަނީ ދިރިއުޅުމުގައި އަށަގަނެފައިވާ ނޭދެވޭ އާދައަކަށެވެ. އާ އާދައެއް އަށަގެންނެވުމަށް އެކަމެއް 21 ދުވަހަށް ކުރުމަކީ ވަރަށް މަޝްހޫރު ކަމެކެވެ. އެގޮތުން ދިރާގުން ފެށި މި ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީ 21 ދުވަހުގެ ތެރޭގައި މި ނޭދެވޭ އާދަ ދޫކޮށްލާ، ޕްލާސްޓީކް ނޫން ގޮތްތައް ދިރިއުޅުމުގެ އެކި ކަންތައްތަކުގައި ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އެގޮތުން، މި ކެމްޕެއިންގައި ބައިވެރިވެވޭނީ #21NoPlasticDays މި ހޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި އެމީހެއް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކާ ދެކޮޅަށް ނުވަތަ މި އާދަ ދޫކޮށްލުމަށް ކުރަން ގަސްތުކުރާ ކަންތައް ހިއްސާކޮށްލައިގެންނެވެ.

މި ކެމްޕެއިނުގައި ބައިވެރިވުމަށް ކޮންމެ މީހަކުވެސް އެއްފަހަރު ބޭނުން ކޮށްފައި އެއްލާލާ ޕްލާސްޓިކް ގެންގުޅުން މަދުކުރުމަށް ކޮންމެވެސް އެއް އާދައެއް ދޫކުރުމަށް އަޒުމު ކަނޑައަޅަން ވާނެއެވެ. މީގެ ތެރޭގައި ކާ އެއްޗެހި އަޅާ ޑިސްޕޮސަބަލް ޕްލާސްޓިކް ޓޭކްއަވޭ ކޮންޓައިނަރ ތަކުގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ކޮންޓައިނަރ ބޭނުން ކުރުން އަދި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅާއި ފެންފުޅި ފަދަ ތަކެތި ބޭނުން ކުރުން ހުއްޓާލުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުންވެސް ކަނޑުފަޅުތައް ހިމާޔަތް ކުރަން ކުރެވިދާނެ އިތުރު އެތައް ކަމެއް ހިމެނިދާނެއެވެ 

ކޮންމެ ހަފުތާއެކު މި ކެމްޕެއިނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަސީބުވެރި 3 ފަރާތެއް ހޮވިގެންދާނެއެވެ. އަދި 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖުމްލަ 9 ފަރާތް ހޮވިގެން ދާނެއެވެ. އަދި މި ފަރާތްތަކަށް "ޕްލާސްޓިކް ފްރީ ސްޓާޓަރ ޕެކް" ހަދިޔާއެއްގެގޮތުގައި ލިބިގެންދާނެއެވެ. މި ގިފްޓް ޕެކްގައި ހިމެނެނީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި ގެންގުޅެވޭނެ ތަކެއްޗެވެ.

ދިރާގު މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދް ވިދާޅުވީ "މި ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ސަބަބުން ކަނޑުތަކަށް ލިބެމުންދާ ގެއްލުމާ މެދު މުޖުތަމައު އިން ވިސްނާ،  ފަރުދީ ޒިންމާ އަދާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ ކަންކަން ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ބަދަލުކުރުމަށް ބާރު އެޅުން". 

"ލައިފް ބިލޯ ވޯޓަރ" އަކީ އަލިފުދާލުގެ ދެމެހެއްޓެނިވި ލަނޑުދަޑިތަކުގެ ތެރެއިންވެސް މުހިންމު އެއް ލަނޑުދަޑިއެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާޢީ ޒިންމާގެ މުހިންމު އެއް ތަނބުވެސް މެއެވެ. އެގޮތުން  2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ފެށި ކެއަރ ފޯ ދި އޯޝަންސް ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައިއެވެ. މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައިއެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ.

އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ. 2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ޚާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ. މީގެ އިތުރުން، 2016 ވަނަ އަހަރުން ފެށިގެން ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅާ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޔަކީވެސް ދިރާގެވެ. އަދި ހަމަ އެހެންމެ ދިރާގުން ވަނީ މިދިޔަ އަހަރު ކޮވިޑް19ގެ ސަބަބުން އިތުރުވި ޕީ.ޕ.އީ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަސައްކަތްތަކެއް ކޮށްފައިއެވެ. 

 

  

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު