އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަޅުގަނޑު މަސައްކަތް ފެށީ ރެސްޓޯރަންޓެއްގެ ބަދިގެއިން- ލިބޭ އާމްދަނީ މިހާރު ރައީސުލްޖުމްހޫރިއްޔާއަށްވުރެ ގިނަ-: މަރްޔަމް

ޙަޤީޤީ ޙާދިސާ: އަޅުގަނޑު މަސައްކަތް ފެށީ ރެސްޓޯރަންޓެއްގެ ބަދިގެއިން- ލިބޭ އާމްދަނީ މިހާރު ރައީސުލްޖުމްހޫރިއްޔާއަށްވުރެ ގިނަ-: މަރްޔަމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 41 ސިކުންތު

ފުރަތަމަ މިވާހަކަ އަޑުއައްސަވައިލައްވާށެވެ. 

ލޫސީއަކީ ސްކޫލަށް ދިއަ ނަމަވެސް ކިޔެވި ކުއްޖެއް ނޫނެވެ. ފިލާވަޅު ދަސްކުރުމަކީ އެއްގޮތަކަށްވެސް އޭނާ ކުރާ ކަމެއް ނޫނެވެ. އޭނާ ސްކޫލްގައި އުޅެމުން ވެސް ކިޔެވީ އޭނާގެ ރީތިކަމަށް ތަޢްރީފްކުރާ ފިރިހެނުންގެ ފޮތްތަކުންނެވެ. މުދައްރިސުންނަކީ ވެސް ގަޔާވާ ފިރިހެނުން ކަމަށް ބަލައިގެންނެވެ. 

އެކަމުގެ ނަތީޖާޢަކީ ލޫސީއަށް ޔޫސެޓެއް ލިބި ފާސްނުވެފައި އެހެންކުދިން ފާސްވި ނަމަވެސް އެކުގައި ކިޔެވި ދަރިވަރުން ވަޒީފާއެއް ނުލިބި އިންތިޒާރުގައި ތިއްބައި ލޫސީ ކައިވެނިކޮށްލައިގެން ނުލާހިކު އަގުބޮޑު ދިރިއުޅުމެއް ފަށައިފިއެވެ. 

ޖަބީނާ އަކީ ލޫސީ އާއިއެކުގައި ކިޔެވި ކުއްޖެކެވެ. މަތިން ފާސްވެސްވިއެވެ. ޖަބީނާގެ މަޤްޞަދެއް އޮތުމުން ވަޒީފާއަދާކުރަންފެށީ ރެސްޓޯރަންޓެއްގައެވެ. އޭނާ ބޭނުންވީ ކެއްކުމާއި ވެއިޓަރުކަމާއި މިހެންގޮސް ރެސްޓޯރަންޓެއްގައި ކުރާނެ ހުރިހާ މަސައްކަތްތަކެއް ދަސްކުރާށެވެ. އެއިގެ ފަހުން--- އެއީ ބޮޑު ސިއްރެވެ. 

ލޫސީ ތަނަވަސް މީހަކާއި ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ޖަބީނާ މަސައްކަތްކުރާ ރެސްޓޯރަންޓަށް ކާންދެވޭ ފަހަރުތަކުގައި ޖަބީނާއަށް މަލާމާތާ ފުރައްސާރަ ކުރެއެވެ. ރެސްޓޯރަންޓެއްގައި މަސައްކަތްކުރާތީއެވެ. އޭނާފަދަ ތަނަވަސް އަންތބަކަށްވާން މަސައްކަތްނުކުރާތީއެވެ. ނަމަވެސް ޖަބީނާ ކަންބޮޑެއް ނުވެއެވެ. ހަމަ މަސައްކަތުގައި ހުރީއެވެ. 

ލޫސީމެންގެ ކައިވެންޏަށް 5 އަހަރުވިތަނާ ލޫސީގެ ފިރިމީހާ އަށް ލޫސީ ކަމުނުގޮސްގެން ބާކީކޮށްލައިފިއެވެ. ސަބަބެއްކަމަށް ބުނީ ވިޔަފާރިއާއިބެހޭ އެއްވެސް ކަމެއް ދަސްވެފައިނެތުމާއި ދަސްކުރަން ޝައުޤުވެރިކަން ނެތުމެވެ. ހަމައެކަނި ކުރަންއެނގޭ ކަމަކީ ފައިސާ ޚަރަދުކުރުންކަމަށްވާތީކަމެވެ. 

ވަރިކުރުމުން ފުރަތަމަ 3 އަހަރު ހިނގީ ވަޒީފާއެއް ލިބޭތޯއެވެ! ކޮންމެ ތަނަކުންވެސް ބުނަނީ ތައުލީމެއް ތަޖުރިބާއެއް ނެތި ދޭނެ ވަޒީފާއެއް ނެތްކަމަށެވެ. އެއަށްފަހު ކޮފީބާތަކަށް ގޮސް އެކަނި އިނދެއިނދެ ވަރުބަލިވާއިރުވެސް އަނގައިން ބުނާނެ ރީތި ތަނަވަސް ފިރިހެނަކުވެސް ނުލިބެއެވެ. ހައްތާވެސް ވާހަކަދައްކަނީ އުމުރުން ދުވަސްވީ، އަތުގައި މާގިނަ ފައިސާ ނެތް މީހުންނެވެ. 

މިހެން އުޅުމުގެ ތެރޭގައި އެކުގައި ކްލާހުގައި ކިޔެވި ކުއްޖެއްގެ ދަރިފުޅެއްގެ ވަލީމާއަކަށް ދައުވަތު ލިބުނެވެ. އެއީ ވަރަށް ފަހުން ހުޅުވި ރަށުގެ އެންމެ މަޝްހޫރު އެއްރެސްޓޯރަންޓެވެ. އެހެންވެ ދާން ލާނެ އައު ހެދުމެއްލާން ބޭނުންވެގެން ބެލިއިރު ހުރިހާ ހެދުންތައް ހުރީ ބައުވެފައެވެ. މޭކަޕްކުރާނެ ސާމާނެއް ނެތެވެ. ޖަހާނެ ސެންޓެއް ނެތެވެ. އަޅާނެ އަގުބޮޑި ގަހަނާއެއްވެސް ނެތެވެ. މިހެން ގޮސް ބަލައިފިނަމަ އެފަދަ ދައުވަތަކަށްދާން ލާނެ ފެންވަރުގެ އެކައްޗެއްވެސް ނެތެވެ. 

ހުރި ފޭރާމުން ޒީނަތްތެރިވެގެން ރެސްޓޯރަންޓަށް ދިއުމާއިއެކު ދޮރުމަތިން ފުރަތަމަ މަރުޙަބާކީ ޖަބީނާއެވެ. ޖަބީނާ އާއި ވާހަކަދައްކަން މަޑުކޮށްލިތަނާ ތަނުގެ މުވައްޒިފުން "މެޑަމް" ކިޔައިގެން ޖަބީނާ އާއި މުޚާޠަބް ކުރާތީ އެތަނުގެ ވެރިއަކީ ޖަބީނާކަން ވިސްނގެން ސުވާލުކުރުމުން ޖަބީނާ ބުނީ އޭނާގެ މަސައްކަތުން ހުޅުވި ތަނެއްކަމަށެވެ. އަދި ހިންގަނީ އޭނާ ކަމަށެވެ. 

ލޫސީއަށް ވިސްނުނެވެ. ޖަބީނާ އޭނާގެ އަމިއްލަ މަސައްކަތުން ތަނަވަސްކަން ހޯދީއެވެ. ރަނގަޅު ދިރިއުޅުމެއް ލިބުނީއެވެ. އާވާރާވެގެން އުޅެވުމުން އޭނާ ބާކީވީއެވެ. 

މިވާހަކައިގައި ޙަޤީޤަތް އޮތް މިންވަރެއް އެނގޭނީ ލިޔުނު މީހަކަށެވެ. މިވާހަކަ އަޅުގަނޑު ކިޔާފައިވަނީ ސޯޝަލް މީޑިއާއިންނެވެ. މިވާހަކަ ކިޔާފައި މިއީ ވަރަށް ޢިބްރަތްތެރި ފިލާވަޅަކަށްވުމުން މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާކޮށްލަން ބޭނުންވީއެވެ. 

މިވާހަކަ އާއި އަޅުގަނޑުގެ ޙަޔާތާއި ހުރި ގުޅުން އަޅުގަނޑުގެ އެކުވެރިންނަށް ރަނގަޅަށް އެނގޭނެއެވެ. އަޅުގަނޑަކީ ހަމަ ޖަބީނާ ފަދައިން ކިޔަވައިގެން ނުކުމެ ރެސްޓޯރަންޓެއްގެ ބަދިގޭގައި މަސައްކަތްކުރަން ފެށި އަންހެނަކީމެވެ. އަދި މިވީ 6 އަހަރެވެ. މިހާރު އަޅުގަނޑުގެ އަމިއްލަ ރެސްޓޯރަންޓެއް އެބަހުއްޓެވެ. ޕާޓީތައް ބާއްވައިދެމެވެ. އޯޑަރުތަކަށް ކެއުން ހަމަޖައްސައިދެމެވެ. 

އަޅުގަނޑުގެ ފިރިމީހާއަކީ މަސައްކަތުގައި އަޅުގަނޑުގެ ބައިވެރިޔާއެވެ. ބޭރުން ކުރަންޖެހޭ ހުރިހާކަމެއް ކުރުމުގައި އިސްކޮށް ހުންނަނީ ފިރިމީހާއެވެ. ކެއްކުމާއި ރެސްޓޯރަންޓް ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުލަނީ އަޅުގަނޑެވެ. މަހަކު ލިބޭ އާމްދަނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށްވުރެ މަދެއް ނޫނެވެ. 

އަޅުގަނޑު އަބަދުވެސް ޖަބީނާ ފަދައިން އަބަދުވެސް ވިސްނަމުން އައީ އަމިއްލަ މަސައްކަތުން ދިރިއުޅޭށެވެ. ކާމިޔާބުކުރެވުނީ ބުރަ މަސައްކަތުންނެވެ. ނަމަވެސް މިހާރު މިހުރީ ހިތްހަމަޖެހިގެންނެވެ. 

ވީމާ އަޅުގަނޑު ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ ބޮޑު މަޤާމެއް ލިބޭ ވަޒީފާތަކަށް އެންމެން ކުރިމަތިލާންވެއްޖެނަމަ އަތުން މަސައްކަތްކުރާނެ ބައަކު ނުތިބޭނެއެވެ. ބަލަންވީ މަޤާމަކަށް ނޫނެވެ. ރަނގަޅު އާމްދަނީއެއް ހޯދުމަށެވެ. 

- މަރްޔަމް އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް