އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަނބިމިހާ ވަރިކުރަން ބޭއްވި މަޖިލީހުގަ އަނބިމީހާ ފްލެޓެއް ގަނެފިކަމާ މާބޮޑު މުސާރަ ލިބެން އުޅޭކަން އެނގުމުން ވަގުތުން ބޭނުންވީ ރުޖޫޢަކުރަން!

ޙަޤީޤީ ޙާދިސާ: އަނބިމިހާ ވަރިކުރަން ބޭއްވި މަޖިލީހުގަ އަނބިމީހާ ފްލެޓެއް ގަނެފިކަމާ މާބޮޑު މުސާރަ ލިބެން އުޅޭކަން އެނގުމުން ވަގުތުން ބޭނުންވީ ރުޖޫޢަކުރަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 37 ސިކުންތު

އަޅުގަނޑުމެންގެ ކައިވެންޏަށް 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. ދިރިއުޅެނީ ފިރިމީހާގެ ގޭގައި ވަރަށް ކުޑަކުޑަ ކޮޓަރިއެއްގައެވެ. އެތަނުން ނުކުމެވި ތަނަވަސް ތަނެއްގައި ދެމަފިރިން ދިރިއުޅުމަކީ އަޅުގަނޑު އަބަދުވެސް އެންމެ ކުރަން ބޭނުންވާ ކަންތަކެވެ. 

އެންމެ ބޮޑު އެއް ސަބަބަކީ ޢާއިލާއެއްގެ ތެރޭގައި ދިރިއުޅެންޖެހުމުން ދެމަފރިންގެ މިނިވަންކަން ގެއްލޭކަމެވެ. އެންމެ ކުޑަމިނުން ބޭނުން އެއްޗެއް ކައްކައިލެވެންވެސް ނުއޮންނަކަމެވެ. މިނިވްނަކަމާއިއެކު ސޯފާގައި ދެމަފިރިންނަށް އިށީނދެލެވެންވެސް ނުއޮންނަކަމެވެ. އަޅުގަނޑަކީ މިފަދަ ވަރަށް ގިނަ ކަންކަމަށް ވަރަށް ބޮޑަށް ބޭނުންވާ އަނހެނަކަށްވެފައި އެކަންކަން ނުލިބޭތީ އަބަދުވެސް ދެރަވެއެވެ. 

އަޅުގަނޑު އޮފީހުގައި އިތުރުގަދީގައި މަސައްކަތްވެސް ކުރަމެވެ. އެއީ ފްލެޓެއް ގަންނާނެ ފައިސާ އެއްކުރެވޭތޯއެވެ. ފްލެޓެއް ލިބިއްޖެނަމަ ދެމަފިރިންނަށް އެކަނި އުފާވެރިކަމާއެކު މިނިވަންކަމުގައި ދިރިއުޅެވޭނެތީއެވެ. 

ނަމަވެސް ފިރިމީހާ އެކަންކަމަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އޮފީހުން އަުމަށްފަހު އޭނާ ބަލާނީ ކޮންމެވެސް ކުޅިވަރެއް ކުޅެވޭތޯއެވެ. މަހަށްދެވޭތޯއެވެ. ނޫނީ ކޮފީއެއްގައި ވަގުތު ހޭދަކުރެވޭތޯއެވެ. އާމްދަނީ އިތުރުކުރަން މަސައްކަތްކުރުމަކީ އޭނާ އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. 

ކޮންމެއަކަސް މިކަމުގައި ދެމީހުންގެ މެދުގައި ވާހަކަދެކެވޭ ކޮންމެ ފަހަރަކު އަޅުގަނޑާއި ދިމާއަށް ބުނާނީ ތަނަވަސް ގެދޮރުހުރި މީހަކާ އަވަހަށް ކައިވެނިކުރުމަށެވެ. ނޫނީ ރިޒޯޓް އޯނަރަކާއި ކައިވެނިކުރުމަށެވެ. އެކޮޓަރިން އޭނާއަށް ފުދޭކަމަށެވެ. 

މިފަދަ ގޮތަކަށް ދިރިއުޅެމުން ދަނިކޮށް ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ނިދަން އައުން ލަސްވާން ފެށިއެވެ. އަޅުގަނޑާއިމެދު ކުރިއަށްވުރެ ބޮޑަށް ފަރުވާކުޑަކުރެވެން ފެށިއެވެ. އެއިން ކަމަކަށްވެސް އަޅައެއް ނުލަމެވެ. އަޅުގަނޑު މަސައްކަތްކުރަމުން ދިއައީ އާމްދަނީ އިތުރުކުރެވޭތޯއެވެ. އުފަލުގައި ދިރިއުޅެވޭނެ މަގެއް ފެނޭތޯއެވެ. 

އެއްދުވަހަކު އަޅުގަނޑު ހަވީރު ގެއަށް ދެވުނުއިރު ފިރިމީހާ ކޮޓަރީގައި އޮތެވެ. އަދި އަޅުގަނޑު ވަރިކުރަން ބޭނުންކަމަށްވެސް ބުންޏެވެ. "ދެން ރަނގަޅުވާނީ ދެމީހުން ވަކިވުން. މިއަދު އެނގިއްޖެ މަސްނިމުމުން ވަޒިފާއިން ވަކިވާކަން. އަހަރެންގާތު ބުނާނެ އިތުރަށް މަސައްކަތްކުރަން. އެކަމަކު ވަޒީފާ ދޫކޮށްލިއިރު އެންމެ ކުޑަމިނުން ބުނެވެސް ނުލާ! އެހެންވީއިރު ކޮބާތަ އަހަރެންގެ ބޭނުމަކީ؟ ނެތެއްނު އެއްވެސް ބޭނުމެއް!"  

ފިރިމީހާ ދއްކި ވާހަކަތަކަށް ޖަވާބެއް ނުދެމެވެ. އެއީ ދެމަފިރިން ވަކިވުން ކުރިއަށްލައިގެން ވާހަކަދެއްކުމުންނެވެ. އަޅުގަނޑު އެއްވެސް ވާހަކައެއް އަހާނުލައި އަމިއްލައަށް ގޮތް ނިންމީތީއެވެ. 

އަޅުގަނޑު ފާޚާނާއަށްވަދެލާފައި ނުކުތްއިރު ފިރމީހާ ކޮޓަރިއަކު ނެތެވެ. މޭޒުމަތީގައި އޮތް ކަރުދާސްކޮޅެއް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. "މިއަދު އޮންނާނީ ވަރިކުރަން ކޯޓަށް ފޯމުވެސްލާފަ. ދެން ރަނގަޅުވާނީ ދެމީހުން ވަކިވުން" 

އަޅުގަނޑު ވަރަށް ދެރަވިއެވެ. ސަބަބަކީ ފރިމީހާ އާއި ވަކިވުމަކީ އަޅުގަނޑު ކުރަން ވިސްނައިގެން ހުރި ކަމަކަށް ނުވާތީއެވެ. އެހެންވެ އެގޮތަށް ކަންތައް ކުރުމުން ގިސްލާ ރޮވެންވެސް ރޮވުނެވެ. 

ރޯންއިންދައި ދޮރުގައި ޓަކިޖެހުމުން ހުޅުވިއިރު އޭނާގެ ދައްތައެވެ. ކަންތައްތައް ވެގެން އުޅޭގޮތް އެނގުނީ އެހިސާބުންނެވެ. މިހުރިހާ ކަމެއް މިކުރީ އަޅުގަނޑުގެ ވަޒީފާ އާއި ގުޅިގެނެއް ނޫނެވެ. އެއީ ދެއްކި ބަހަނާއެކެވެ. ދަރިން ނުލިބުން ޢާއިލާގެ ކުރިމަތީގައި ބަހަނާއަކަށް ދައްކާފައި އަންނަ ހަފްތާގައި މާރީތިކުއްޖަކާއި ކައިވެނިކުރަނީއެވެ. 

އެހިސާބުން ދަބަހަކަށް އެތިކޮޅު އަޅާލައިގެން ގެއިން ނުކުމެގެންދިއައީމެވެ. އަޅުގަނޑު ނުކުމެގެން ދިއައީ މީހެއްގެ ގެއަކަށް ނޫނެވެ. އެޑްވާންސް ދެއްކުމުން އެއިގެ 3 ދުވަސްކުރިން ތަޅުދަނޑިލިބިފައިވާ އަޅުގަނޑުގެ ފްލެޓަށެވެ. ފިރިމީހާ ގާތު ފްލެޓް ގަތްވާހަކަ ނުބުނެ ހުރީ އެތަނަށް ފަރުނީޗަރުވައްދައި ހުރިހާ ކަންކަން ކޮށްފައި "ސަރޕްރައިޒެއް"ގެ ގޮތުގައި ފްލެޓަށް ބަދަލުވާން ބުނަންވެގެންނެވެ. އެގޮތަށް ދިމާވުމުން ވަގުތުން ގޮސްވަނީއެވެ. 

ދެން އޮތީ ވަޒީފާގެ ވާހަކައެވެ. އެއީ ހަމަ ތެދެކެވެ. އަދާކުރަމުން އައި ވަޒީފާ ދޫކޮށްލީމެވެ. ނަމަވެސް ކަމެއް ނުކޮށް ގޭގައި ހުންނާކަށް ނޫނެވެ. އަޅުގަނޑަށް އެއިރު ލިބެމުން އައި މުސާރައަށްވުރެ ދެގުނަ އިތުރަށް މުސާލިބޭނެ ވަޒީފާއެއް ލިބުމުން ކުރިންހުރި ވަޒީފާދޫކޮށްލީއެވެ. 

ފިރިމީހާއަށް މިކަންކަން އެނގުނީ ވަރިކުރުމުގެ ޝަރީޢަތުގެ މަޖިލީހުގައި ކިޔައިދިނުމުންނެވެ. ކޯޓުން ނުކުތްގޮތަށް ބޭނުންވީ ކައިވެނި ރުޖޫޢަކުރާށެވެ! ނަމަވެސް އެއިން އެއްވެސް އަދެއް ނުއަހާ އަޅުގަނޑު ދިއައީއެވެ. 8 މަސްދުވަސްފަހުން އަޅުގަނޑު ދެވަނަ ކައިވެނިކުރީމެވެ. މިހާރު ދިރިއުޅެމުން މިދަނީ އަޅުގަނޑު ބޭނުންވާ ގޮތަށެވެ. ދެމަފިރިން އެކަންޏެވެ. ބޭނުންވާ މިނިވަންކަމުގައެވެ. 

އެއިގެފަހުން 3 އަހަރުވެގެންދިއައީއެވެ. އޭނާ އަދިވެސް ކައިވެންޏެއް ކުރިކަން އެނގިފައެއް ނުވެއެވެ. އެނގޭ ކަމަކީ ގުޅައި އަލުން ދެމީހުން ގުޅުމަށް ނުއެދޭ ދުވަހެއް މަދުވާނެކަމެވެ. އަދިވެސް އަޅުގަނޑު އޭނާދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް އޭނާދެކެވާލޯބީގެ އަގެއްގެ ގޮތުން އޭނާ އަލުގަނޑާއިމެދު ކަންތައްކުރިގޮތް ހަނދާން ނައްތާލާކަށް ބޭނުމެއް ނޫނެވެ. އެއީ އަޅުގަނޑަސް ދުވަހަކުވެސް ކުރެވޭނެ ކަމެއްވެސް ނޫނެވެ. 

- ނަހުލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް