އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުންމަތަށް ދޫކުރެއްވެވި އެންމެ އަގުހުރި ފިލާވަޅުތަކުގެ ތެރެއިން މާތް ރަސޫލާ ޞޢވ, ގެ ކެތްތެރިކަން: 2

އުންމަތަށް ދޫކުރެއްވެވި އެންމެ އަގުހުރި ފިލާވަޅުތަކުގެ ތެރެއިން މާތް ރަސޫލާ ޞޢވ, ގެ ކެތްތެރިކަން: 2


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 23 ސިކުންތު

ޢަލީ އިޙްސާން ފިރާޤު

 

އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޚުޒައިމާ ރަޟިޔަﷲ ޢަންހާއަކީ، މަދަނީ ދައުރުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ކާވެނިބައްލަވައިގެންނެވި ބޭކަނބަލެކެވެ. ވަރަށް އަޅުވެރި، މިސްކީނުންގެ ޙައްޤުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ބޭކަނބަލެކެވެ. އިސްލާމީ ތާރީޚުގައި އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ [މިސްކީނުންގެ މަންމަ] ގެ ގޮތުގައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އާއި އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޚުޒައިމާ ރަޟިޔަﷲ ޢަންހާ ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަމަނާ އަވަހާރަވެއްޖެއެވެ. އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުފުޅު ކުރެއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم  އެވެ. ފަސްދާނުވެޑުވީ އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުންނެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށް ހަތް ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ތިން ފިރިހެންބޭފުޅުންނާއި، ހަތަރު އަންހެން ބޭފުޅުންނެވެ. އޭގެތެރެއިން، އިބްރާހީމުގެފާނު ފިޔަވައި އެހެން ހުރިހައި ބޭފުޅުންގެ މައިކަނބަލަކީ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. އިބްރާހީމުގެފާނުގެ މައިކަނބަލަކީ، މާރިޔަތުލް ޤިބްޠިއްޔާ ރަޟިޔަﷲ ޢަންހާއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ދަރިކައުކަނބަލުންގެ ތެރެއިން އެންމެ ދޮށިފުޅީ އަލްޤާސިމެވެ. އެކަލޭގެފާނުވަނީ ނުހަނު ތުއްޕުޅުއިރު އަވަހާރަވެފައެވެ.  މައްކީ ދައުރުގައި އެކަލޭގެފާނުގެ ބޭފުޅުންގެ ތެރެއިން ދެން އަވަހާރަވި ދަރިކަލުންނަކީ ޢަބްދުﷲ ގެފާނެވެ. އެކަލޭގެފާނު އަވަހާރަވުމުން މައްކާގެ މުޝްރިކުން މާތް ރަސޫލާއަށް ފުރައްސާރަކުރުމުގެ ގޮތުން [އަބްތަރު] އޭ ކިޔައި އުޅުނެވެ. އެއީ އެކަލޭގެފާނުގެ ނަންފުޅާއި ޝަރަފު ދަމަހައްޓާނެ އެއްވެސް ދަރިކަލަކު ނެތްކަމަށްޓަކައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށް އެފަހަރު ލިބިވަޑައިގެންނެވި ހިތާމަފުޅުތައް ލުއިކޮށްދެއްވީ ޢާލަމްތަކުގެވެރި ރަސްކަލާނގެއެވެ. ސޫރަތުލް ކައުޘަރު ބާވައިލައްވައިގެންނެވެ.

ހިޖުރައިން ދެވަނަ އަހަރުގެތެރޭގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ދަރިކަނބަލުން އައްސައްޔިދާ ރުޤައްޔާ ރަޟިޔަﷲ ޢަންހާއަށް ކަށިވިދުރީގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. އެދުވަސްވަރަކީ ބަދުރު ހަނގުރާމައިގެ ތައްޔާރީތައް ވަމުންދިޔަ ދުވަސްވަރެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ ލޯފުޅުގެ ނޫރުފުޅުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަނބަލުންގެ ޙާލުކޮޅާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. އެކަމަނާގެ ޙާލުކޮޅު ވަރަށް ޚާއްޞަ ސަމާލުކަމެއްދެއްވައިގެން ބައްލަވަމުން ގެންދެވިއެވެ. ބަދުރުހަނގުރާމައަށް ނުކުމެވަޑައިގަންނަވަމުން ރުޤައްޔަތުގެފާނުގެ ފިރިކަލުން ޢުޘްމާނުގެފާނު ހަނގުރާމައަށްވަޑައިނުގެން މަޑުކުރެއްވުމަށް އެންގެވިއެވެ. އެކަމަނާގެ ޙާލުކޮޅު ބެއްލެވުމަށްޓަކައެވެ.

ބަދުރުހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ފޮނިކާމިޔާބީގެ ޚަބަރު ދެއްވުމަށްޓަކައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ފޮނުއްވެވީ އެކަލޭގެފާނުގެ އަރިސް ޞަޙާބީ ޒައިދު ބިން ޙާރިޘަތު ރަޟިޔަﷲ ޢަންހެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެންނެވިއިރު، އައްސައްޔިދާ ރުޤައްޔާ ރަޟިޔަﷲ ޢަންހާގެ މަހާނަފުޅަށް ފަސްލެވެމުންދަނީއެވެ.  އައްސައްޔިދާ ރުޤައްޔާ އަވަހާރަވީ ޚަބަރު މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އަރިހުގައިވި ބޭކަލުންނަށް އެ މާތް ލޯފުޅުން ކަރުނަފޮދު އޮހޮރިގެން ދިޔަ މަންޒަރު ފެނިވަޑައިގަތެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  މަދީނާއަށް ވަޑައިގެން އެކަމަނާ ފަސްދާނުވެޑުވިފައިވާ ތަނަށް ވަޑައިގެން އެކަމަނާގެ މައްޗަށް ހެޔޮދުޢާފުޅު ކުރެއްވިއެވެ.

އައްސައްޔިދާ ޒައިނަބު ރަޟިޔަﷲ ޢަންހާއަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަމަނާދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. އެކަމަނާ މައްކާގައި އިންވަނިކޮށް، އެކަމަނާގެ ފިރިކަލުންނަށް ޝަރުޠުކުރައްވައިގެން މަދީނާއަށް ގެންނެވީވެސް ޚުދު މާތް ރަސޫލާ صلّى اللّـه عليه وسلّم  އެވެ. އެކަމަނާގެ ހިޖުރައިގެ ދަތުރުފުޅުގައި ވަރަށް ބޮޑު އަނިޔާއެއް ލިބިވަޑައިގަތެވެ. އެކަމަނާ ސަވާރުވެވަޑައިގެން އިންނެވި ޖަމަލަށް ޚައްބާރު ބުން އަސްވަދު ޙަމަލާދިނުމުން ޖަމަލުމަތީން ވެއްޓިވަޑައިގެން ލިބިވަޑައިގެން އަނިޔާއެވެ. އޭރު އެކަމަނާ އިންނެވީ އާލާސްވެވަޑައިގެންނެވެ. ނަމަވެސް ޖަމަލުމަތީން ވެއްޓިވަޑައިގެންނެވުމުގެ ސަބަބުން ހައްޔަރުން ނެއްޓިވަޑައިގެންނެވިއެވެ.

އައްސައްޔިދާ ޒައިނަބު ރަޟިޔަﷲ ޢަންހާ އަވަހާރަވީވެސް އެ އާލާސްކަންފުޅުގައެވެ. އެކަމަނާ އަވަހާރަވީ ދުވަހު މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ހުންނެވީ ވަރަށް މޮޅިފުޅުންނެވެ. އެކަމަނާގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ދިޔަ ވަގުތު އެތަނުން ދުރައްޖެހިވަޑައިނުގެން ހުންނެވިއެވެ. އެކަމަނާ ކަންފުން ކުރެއްވުމަށްޓަކައި އެކަލޭގެފާނުގެ އިޒާރުކޮޅު ދެއްވިއެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދުފުޅު ކުރެއްވީ ޚުދު އެކަލޭގެފާނެވެ. ފަސްދާނުވެޑުވީ އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުންނެވެ. ޒައިނަބުގެފާނާ ބެހޭގޮތުން އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. 

[ ޒައިނަބަކީ އަހަރެން އެންމެ ލޯބިވާ އަހަރެންގެ އެންމެ ރަނގަޅު ދަރިފުޅެވެ. އޭނާއަށް އެ އަނިޔާތައް ބަދުދާސްތު ކުރަންޖެހުނީ އަހަރެންގެ ސަބަބުންނެވެ.]

އައްސައްޔިދާ އުއްމު ކުލްޘޫމަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ތިންވަނަ ދަރިކަނބަލުންނެވެ. ހިޖުރައިން ނުވަވަނަ އަހަރު ކުޑަދުވަސްކޮޅަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެކަމަނާ އަވަހާރަވެއްޖެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އިމާމުވެވަޑައިގެން އެކަމަނާގެ މައްޗަށް ކަށުނަމާދުފުޅު ކުރެއްވިއެވެ. އެކަމަނާ ފަސްދާނުވެޑުވުމަށްފަހު ވަރަށް ގިނަވަގުތު ޤަބުރުފުޅު ކައިރީގައި މޮޅިފުޅުން އިންނެވިއެވެ. އެދުވަހު އެކަލޭގެފާނުގެ ބަރަކާތްތެރި ލޯފުޅުން ކަރުނައިގެ މުތީތައް އޮހެރެމުން ދިޔަތަން ދެކެވަޑައިގެންނެވިމަކަށް އަނަސު ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް