އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތުގެ ވާހަކަ 12: ބަރުޒަޚުގެ ޢާލަމުގަ ތިބޭނެ 4 ޙާލަތު-

ޤިޔާމަތުގެ ވާހަކަ 12: ބަރުޒަޚުގެ ޢާލަމުގަ ތިބޭނެ 4 ޙާލަތު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 59 ސިކުންތު

فصل(5)

قبر ތަކުގެ أهل ވެރީން ދަންނައެ، އެއުރެން ތިބޭހުށީ ހަތަރު حال އެއްގެ މައްޗަށެވެ. އެއިތެރެއިން ދެލޯ އޮހޮރި މަސްތައްވިރިއްޖައުމަށް ދާނދެން އިށީދެ ތިބޭމީހުންވެއެވެ. އެއަށް ފަހުގައި އެމީހުންގެ نفس ދުނިޔޭގެ އުޑަށްވުރެ ތިރީގައި مَلَكُوتِيَّ عَالَم ގެތެރެއިންވާހައި ތަނެއްގައި ހިގަހިގައި ތިބޭހުށި. ބައެއްމީހުން ފުރަތަމަ ތާޅަފިލީގެ އަޑަށް ދާނދެން ނިދީގައި ތިބެދާ ހުއްޓެވެ. 

އެމީހުންގެ މައްޗަށް މާތްރަސްކަލާނގެ ނިދި ފޮނުއްވައިފައި ވެއެވެ. ފުރަތަމަ ތާޅަފިއްޔާއެކުގައި ހެއި އަރާފައި މަރުވެދާހުއްޓެވެ. ބައެއްމީހުންގެ ފުރާނަ قبر ގައި ހުންނަހުށީ ދެމަސް ތިންމަސް ދުވަހުގައެވެ. އެއިގެ ފަހުގައި އެނަފްސް ސުވަރުގޭގައިވާ ދޫނިތަކެއްގެ ބުރިކަށި މަތީގައި ސަވާރުވެގެން ސުރުގޭގައި ތިބޭހުއްޓެވެ. މިއީ صحيح حديث ގައި ވާރިދުވެގެންވާ މަގުންނެވެ. ސަލާމާތް صلوات ލެއްވި އިތުރު އެކަލޭގެފާނުން حديث ކުރެއްވިޔޭ. مؤمن އާގެ ފުރާނަ ސުވަރުގޭގެ ގަސްގަހުގައިވާ ދޫނިތަކުގައިވާހުއްޓެވެ. 

ހަމަ އެހެންމެ شهيد ންގެ روح ތަކާމެދުގައި އިތުރު އެކަލޭގެފާނުންގެ އަރިހުން سوال ވެވުނުހިދުގައި حديث ކުރެއްވިޔޭ. شهيد ންގެ ފުރާނަތައް ތިބޭހުށީ، ސުވަރުގޭގައިވާ ގަސްގަހުގައި ތިބޭ ނޫކުލައިގެ ދޫނިތަކެއްގެ ތެރޭގައެވެ. ބައެއްމީހުންގެ ފުރާނަ އެމީހުންގެ ލޯ އޮހޮރިއްޖައުމަށް ދާންދެން އޭގައި ތިބެދާ ހުއްޓެވެ. ހަތަރުވަނަ ބާވަތަކީ، نبى ބެއިކަލުންނާއި ވަލީވެރީންގެ ފުރާނަފުޅުތަކެވެ. ފަހެ އެބެއިކަލުންނަށް ކޮންމެތަނެއްގައި އުޅުއްވުމަށް خيار ލިބިގެންވެއެވެ. އެއިތެރެއިން ބައެއްބޭކަލުން قيامة ވެއްޖައުމަށްދާންދެން ބިންމަތީގައި ހިންގަވަ ހިންގަވާ ތިއްބަވަތެވެ. ابوبكر ގެފާނާއި، عمر ގެފާނާއިދެބޭކަލުން މިބައިގެ ތެރެއިންވާކަމަށް އަހުރެން ހީކުރަމެވެ. 

رَسُولُ اللهِ ގެފާނަށް ތިން عالم ގައި އުޅުއްވުމުގެ خيار ލިބިވަޑައިގެން ވެއެވެ. މިދަރަޖައަށް إشارة ކުރައްވައި އެކަލޭގެފާނުން حديث ކުރައްވައި ފައިވެޔޭ އަހުރެން މިބިމުގައި ތިނަކަށްވުރެ ގިނައިން ލަހައްޓަވައިފައި ވުމަށްވުރެ، އަހުރެންގެ މާތްކަން މާތްރަސްކަލާނގެ حضرة ގައި ބޮޑުވެގެންވެއެވެ. މިތިނެއްވީ ތިންދިހަ ކަމުގައެވެ. 

سَيِّدنا حًسَين ގެފާނު شهيد ވީ އިތުރު އެކަލޭގެފާނަށްފަހު ތިރީސް އަހަރުންނެވެ. ދެންފަހެ އުޑަށް ވަޑައިގެންފިއެވެ. އަދި އެބެއިކަލުންކުރެ ހަތްވަނަ އުޑުގައި ތިއްބެވުން خيار ކުރައްވާފައިވާ ބެއިކަލުން ވެއެވެ. އެއީ، سَيِّدُنَا إبراهِيمُ ގެ ފާނުފަދަ ބެއިކަލުންނެވެ. حديث ގައި ވެޔޭ، ސަލާމާއި صلوات ލެއްވި އިތުރު އެކަލޭގެފާނު مِعْرَاج އަރައިވަޑައިގަތްރޭގައި إبراهيم ގެފާނާއި ހަތްވަނަ އުޑުގައި ބައްދަލުވެވަޑައިގަތެވެ. އެކަލޭގެފާނުން އިންނެވީ بَيْتُ الْمَعمور އަށް ލެގިވަޑައިގެންނެވެ. އެކަލޭގެފާނުން ވަށައިގެން إسلام ންގެ މަރުވާ ޅަކުދީންތައް ތިބޫއެވެ. عيسى ގެފާނުން ހުންނެވީ ފަސްވަނަ އުޑުގައެވެ. 

ކޮންމެ އުޑެއްގައިމެ މިގޮތުގެމަތީން رسول ބޭކަލުންނާއި، ނަބީބޭކަލުން ތިއްބަވާނެއެވެ. އެބެއިކަލުން އެތިއްބަވާ عَالم އެއްގައި ފުރަތަމަ ތާޅަފިލީގެ އަޑަށް ދާނދެން ތިއްބަވާހުއްޓެވެ. އެބެއިކަލުންގެ ތެރޭގައި ހުރިހައި عَالم އެއްގައި އުޅުއްވުމަށާއި ތިއްބެވުމަށް خيار ލިބިގެންވާ ބޭކަލުންނަކީ، އަހުރެމެންގެ ކައު އިތުރު رَسُول الله ގެފާނާއި، إبراهيم ގެފާނާއި، مُوسَى ގެފާނާއި، عيسى ގެފާނާއި، މިބެއިބެއިކަލުންނެވެ. މިބެއިކަލުން ކޮންމެ عالم އެއްގައި އުޅުއްވައިފާނެއެވެ. 

ވަލީވެރިން ދަންނައެ. އެއިތެރޭގައި ހަމަ މިދުނިޔޭގެ ގޮތުގައި އުޅުއްވާ ބެއިކަލުންވެސް ވެއެވެ. أبو يزيد البُسْطَانى ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނުން عرشى ގެ ކައިރީގައިވާ ދޮލަގަކުން ފަރީއްކުޅުއްވާން އިންނެވިއެވެ. 

ކަށްވަޅުތަކުގެ أهل ވެރީން ތިބޭހުށީ މިބުނި ހަތަރު ބާވަތުގެ މައްޗަށެވެ. ފަހެ އެއިތެރޭގައި عَذَاب ލިބޭމީހުންނާއި، رَحْمَة ލިބޭމީހުންނާއި، އިހާނަތްތެރިކަން ލިބޭމީހުންނާއި، މާތްވެގެންވާ މީހުންނާއި ވެއެވެ. ފަހެ މާތްކަން ލިބިގެންވާ މީހުން އެމީހުންގެ ގާތްމީހަކު މަރަށް حاضر ވެއްޖެއްޔާއި، އެތަނަށް حاضر ވެ އުޅުއްވާނެތެވެ. އެމަރުވާމީހާގެ ފުރާނަ ހިތުގެ ތެރެއަށް حاضر ވުމުން އެމީހާ މިހުރިހާ ކަމެއް ދެކޭނެއެވެ. އެމީހާޔަށް ދުނިޔޭގެ عَالم ކުޑަވެފައި ދެން މިފެންނަ عَالم ގެ ބޮޑުކަމާއި ތަނަވަސް ކަމުން ދޫވީއްލިގެން ވިއަސް، ވާހަކަ ދައްކާކަށް ތަނަވަސްވުމަކާއި ބޭނުމެއް ނުވާހުއްޓެވެ. އެކަމަކު އެވާހަކަތައް ދައްކައި އުޅުނު މީހުންވެސް އަހުރެން ދުށީމެވެ. ބައެއް صالح އަކު މަރަށް حَاضر ވީ ވަގުތުގައި އެކަލޭގެފާނުންގެ ކުރީން މަރުވެފައިވާ ދަރިއަކު، އައިސް ގެއަށް ވަދެގެން އެވާހަކަ ދައްކައި އޭނާއާއި ވާހަކަ ދައްކައި އުޅުނުތަން ދުށީމެވެ. މަރަށް حاضر ވެފައި އޮތްމީހާ އޮތީ އެންމެ ރަގަޅަށް ހެއިހުރެގެން ކަންތައް تصوّر ވެވޭ ގޮތުގައެވެ. مَلكوتِىّ عًالم ގެ މިކަހަލަ ސިއްރުތައް، ރަގަޅަށް އެފެންނަނީ ކޮންމެވެސް މާތްވެގެންވާ صالح ންގެ މީހުންނަށެވެ. 

އަހުރެމެން މާތްރަސްކަލާނގެ ކިބައިން އެދި ދަންނަވަނީ މިކަންކަމުގެ ސިއްރުތަކާއި މެދުގައި މިވާހަކަ ދައްކައި އުޅޭ ކަންތައް ތަކުގެ مَعْرفَة ވެރިކަން ފުރިހަމައަށް ދެއްވުމުގެ ދީލަތިކަމުން އަހުރެމެންގެ މައްޗަށް އޮއްސެވުމަށެވެ. شكّ ތަކާއި وَهُم ތަކުން سَلاَمة ވާހުށީ އެއިރުންނެވެ. آمين މިސިފަވެގެން މިދިޔަ ހުރިހާ ބާވަތްތަކުގެ ތެރެއިންވެސް ދުނިޔޭގެ ރޭދުވާ ވަމުންދާގޮތް ވަކިވާހުށީ އެމީހާގެ ލޯ އޮހޮރިގެންނުދާ މީހުންނަށާއި، މަތިވެރިވެގެންވާ عالم އަކަށް އަރައިގެން ނުދާ މީހުންނަށާއި ކޮންމެ عالم އެއްގައި އުޅުއްވުމަށް خيار ލިބިގެންވާ މާތް ބެއިކަލުންނަށާއި އެވެ. ބައެއްމީހުންނަށް ހުކުރު ދުވަހާއި عيد ދުވަސް ވަކިވާހުއްޓެވެ. މިދަރަޖައިގެ މީހުން ދުނިޔެއިން މީހަކު ނުކުމެއްޖެއްޔާއި އެމީހާގެ ފުރާނަ އާއި ބައްދަލުކޮށް ދެން ދުނިޔޭގައި މަރުނުވެ ތިބި ތިމާގެ ގާތް މީސްމީހުންގެ خبرއަހައިވެސް އުޅޭނެތެވެ. ބައެއް ބައެއް މީހުން މަރުވެގެން އެދާފުރާނައާއި ދަންނަ އެއްވެސް މީހަކާ ބައްދަލު ނުވެވި ހިގައިދާނެއެވެ. އެއީ އެމީހާއަށް ލިބިފައިވާ އަބާއްޖަވެރިކަމުން ގެއްލިގެންވާތީއެވެ. މިހެން މިއަހައި އުޅޭ ސުވާލުތަކުގެ ތެރޭގައި މިވެނިމީހާ ކޮބައިހޭ އެހީމާ ތިޔަމީހާ މަރުވެއްޖެއޭ ބުނެވުމުން އެމީހުންނަށް އެމީހާ ފެނިފައިނުވާނަމަ اِنَّا لِلَّهِ وَاِنَّا اِلَيْهِ رَاجعُوْنَ އެވެ. ތިޔަމީހާއެއް ނުފެނެޔޭ. ގެއްލުނީތާއޭ، هَاوِيَة އަށް ދިޔައީތާއޭ ބުނެހިތާމަކުރާނެތެވެ.

- (މިސިލްސިލާގައި މި ގެނެސްދެނީ ރާއްޖޭގެ މަޝްހޫރު ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ދީނީ ޢިލްމުވެރިޔާ ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" އެވެ. މިލިޔުމުން ކިޔުންތެރިންނަށް އަގުހުރި ފައިދާތަކެއް ކުރާނެ ކަމުގެ އުންމީދުގައެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް