އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާ ފިރިމީހާއަށް އަދާކުރަންޖެހޭ 7 ޙައްޤު!: ޝައިޚް މުޙައްމަދު ޝާފިޢު

އަނބިމީހާ ފިރިމީހާއަށް އަދާކުރަންޖެހޭ 7 ޙައްޤު!: ޝައިޚް މުޙައްމަދު ޝާފިޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 43 ސިކުންތު

1- ފިރިމީހާއަށް ކިޔަމަންވުން

އަނބިމީހާ ބެހެލެއްޓުން ޙަވާލުކުރައްވާފައިވަނީ ފިރިމީހާއާއެވެ. ފިރިމީހާއަށް އަނބިމީހާ ރަނގަޅުގޮތުގައި ބެލެހެއްޓޭނީ އަނބިމީހާ ފުރިހަމައަށް ފިރިމީހާއަށް ކިޔަމަންގަނެގެންނެވެ. (الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ الله بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ) މާނައަކީ: "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ".

ފިރިމީހާއަށް ކިޔަމަންގަތުން ވަނީ ހެޔޮ ކަންކަމުގައެވެ. އުރެދުމެއްވާ ކަމެއްގައި ފިރިމީހާއަށް ކިޔަމަންގަތުމެއް ނުވެއެވެ. އަދި ފިރިމީހާއަށް ކިޔަމަންތެރިނުވުމަކީ ބޮޑު ފާފައެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لِأَحَدٍ لَأَمَرْتُ النِّسَاءَ أَنْ يَسْجُدْنَ لِأَزْوَاجِهِنَّ؛ لَمَا جَعَلَ الله لَـهُمْ عَلَيْهِنَّ مِنَ الْـحَقِّ.- رواه أبو داود وصححه الحاكم ، ووافقه الذهبي ، وصححه الألباني في ” صحيح أبي داود " .

"އެއްވެސް މީހަކު މީހަކަށް ސަޖިދަ ކުރުމަށް ތިމަންކަލޭގެފާނު އަމުރު ކުރައްވާނެނަމަ އަނބީން އެކަނބަލުންގެ ފިރީންނަށް ސަޖިދަކުރުމަށް ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ. އެއީ ފިރީންނަށްޓަކައި އެކަނބަލުންގެ މައްޗަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ ގިނަގުނަ ޙައްޤުގެ ސަބަބުންނެވެ."

2- އެއްދާންކުރުން

ފިރިމީހާ އެއްދާންކުރަން އެދިއްޖެ ކޮންމެ ހިނދެއްގައި އެކަމަށް އިޖާބަ ދިނުމަކީ އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއްދާންކުރުމަށް ޢުޛުރުވެރިވާފަދަ ޝަރުޢީ ޢުޛުރެއް އޮވެގެން މެނުވީ އެކަން ނުކޮށް ހުރުން ހުއްދަވެގެން ނުވެއެވެ. އެފަދަ ޝަރްޢީ ޢުޛުރުތަކަކީ ޙައިޟުވުން، ފަރުޟު ރޯދަޔަކަށް ހުރުން، ބަލިވުން ފަދަ ކަންކަމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( إِذَا دَعَا الرَّجُلُ امْرَأَتَهُ إِلَى فِرَاشِهِ فَأَبَتْ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا الْمَلَائِكَةُ حَتَّى تُصْبِحَ ) رواه البخاري (3237) ومسلم (1436) .

"ފިރިމީހާ އޭނާގެ އަނބިމީހާ އަށް އެއްދާން ކުރުމަށް ގޮވާލާ ހިނދު، އެކަމަށް އޭނާ ފުރަގަސްދިނުމުގެ ސަބަބުން ނުވަތަ އެކަމުން މަނާވެގަތުމުގެ ސަބަބުން ފިރިމީހާ ރުޅިއައިސްގެން ހުރެ ނިދައިފިނަމަ އަނެއްދުވަހުގެ ހެނދުނު ވަންދެން މަލާއިކަތުން އޭނާއަށް ލަޢްނަތް ދޭނެތެވެ". 

3- ފިރިމީހާގެ ހުއްދަނެތި ގެއަށް މީހުން ނުވެއްދުން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

لَا يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ وَلَا تَأْذنُ فِي بَيتِهِ إِلَّا بِإِذْنِهِ {رواه البخاري (5191) ومسلم (1026} "އަންހެނަކަށް، އެކަނބުލޭގެ ފިރިމީހާ ޙާޟިރުވެ ހުއްޓާ، އޭނާގެ އިޛުނައާ ނުލައި ރޯދަ ހިފުން (އެބަހީ ސުންނަތް ރޯދަ) ހުއްދަވެގެން ނުވެއެވެ. އަދި ފިރިމީހާގެ ގެއަށް އޭނާގެ އިޛުނައާ ނުލައި މީހަކު ވެއްދުންވެސް ހުއްދަވެގެން ނުވެއެވެ".  

4- ފިރިމީހާގެ އިޛްނައާ ނުލައި ގެއިން ބޭރަށް ނުދިޔުން

ޝާފިޢީންނާއި ޙަންބަލީން ވިދާޅުވާގޮތުން އަނބިމީހާގެ ބައްޕަ ބަލިވެ އޮތްނަމަވެސް އޭނާއަށް ޒިޔާރަތްކުރަން ދާނަމަވެސް ދާންވާނީ ފިރިމީހާގެ އިޛްނަ ހޯދައިގެންނެވެ. މިކަމުގެ ބޭނުމަކީ އަނބިމީހާ ނުރައްކަލަށް ހުށަހެޅިދާނެ ކަންކަމުން އަނބިމީހާ ރައްކާތެރިކުރުމެވެ. އެގޮތުން ގިނަފަހަރަށް ހިލޭ ފިރިހެނުންނާއެކު ތަންތަނަށް ދިޔުމުން އެފަދަ ނުރައްކަލަށް ހުށަހެޅެއެވެ. އަދި ހިލޭ ފިރިހެނުންނާއެކު ޙަރާމް ގުޅުންތައް އުފެދި އެކަމުގެ ސަބަބުން ކައިވެނީގެ ގުޅުމަށް ބުރޫ އަރައެވެ.

5- އަދަބުވެރިވުން

ހެޔޮކަންތައް ކުރުމަށް ފިރިމީހާ ކޮށްފައިވާ ޢަމުރަށް އަނބިމީހާ ނުކިޔަމަންތެރިވާނަމަ ފިރިމީހާއަށް އެއަންހެނާއަށް ޢަދަބުދިނުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ އެކަނބަލުން ނުކިޔަމަންތެރިވެއްޖެނަމަ އެކަނބަލުންނާއި އެއްދާންކުރުން ދޫކޮށްލައިގެން، އެކަނބަލުންނަށް ޢަދަބުދިނުމާއި، އެކަނބަލުންގެ ގައިގައި ޖަހައިގެން ޢަދަބުދިނުމަށް މާތްﷲ ޢަމުރު ކުރައްވާފައި ވުމުންނެވެ.

މާތް ﷲ ވަޙީ ކުރައްވައެވެ. (وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ) 

މާނައަކީ: "އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞީޙަތްދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ!". 

6- ފިރިމީހާއަށް ޚިދުމަތްކޮށްދިނުން

ފިރިމީހާ އަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ފުރިހަމަ އަށް އަދާކޮށް ދިނުމަކީ އަނބިމީހާ ގެ މައްޗަށް އޮތް ވާޖިބެކެވެ. 

7- ފިރިމީހާއާ އެކުގައި ރިވެތި ގޮތުގައި ދިރިއުޅުން

ފިރިމީހާއާ ރިވެތިގޮތުގައި މުޢާމަލާތްކުރުމާއެކު ރިވެތި ގޮތުގައި ފިރިމީހާއާއެކު ދިރިއުޅުން އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ) 

މާނައަކީ: "އަދި ޝަރްޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރީންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ". 

މީގެ އިތުރުވުން ވެސް ފިރިމީހާއަށް ޝުކުރުވެރިވުމާއި، ފިރިމީހާގެ އަބުރު ރައްކާތެރިކުރުމާއި، ފިރިމީހާގެ ތަކެއްޗަށް ރައްކާތެރިވުމާއި ފިރިމީހާއަށް ޤަދަރުކޮށް އިޙްތިރާމްކުރުމަކީވެސް އަނބިމީހާ ކުރަންޖެހޭ ކަންކަމެވެ. 

މަރްޖިޢުތައް

https://islamqa.info/ar/answers/10680/

https://islamqa.info/ar/answers/223712

https://islamqa.info/ar/answers/211400

https://islamqa.info/ar/answers/19375 5

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް