އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ސްކޫލްތަކުގަ ޤުރްއާނުގެ އަޚްލާޤް ދަސްކޮށްދޭންފަށާނެ ކަމުގެ އުންމީދު ރައީސް ޞާލިޙް ދެއްވައިފި

ރާއްޖޭގެ ސްކޫލްތަކުގަ ޤުރްއާނުގެ އަޚްލާޤް ދަސްކޮށްދޭންފަށާނެ ކަމުގެ އުންމީދު ރައީސް ޞާލިޙް ދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 11 ސިކުންތު

ރާއްޖޭގެ ސްކޫލްތަކުގަ ޤުރްއާނުގެ އަޚްލާޤް ދަސްކޮށްދޭންފަށާނެ ކަމުގެ އުންމީދު ރައީސް ޞާލިޙް ދެއްވައިފި އެވެ. 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކީރިތި ޤުރްއާނުން ހިފޭނެ މާގިނަ ބޭނުންތައް ހުންނާނެކަން އެމަނިކުފާނަށް ޔަޤީން ކަމަށެވެ. އަދި އެ ބޭނުންތައް އަޅުގަނޑުމެންނަށް ހިފޭނީ، އަޅުގަނޑުމެންގެ ޢަމަލީ ދިރިއުޅުމުގައި، ކީރިތި ޤުރްއާން ތަންފީޒު ކުރަން ދަސްކޮށްގެން  ކަމަށެވެ. 

މީގެ އިތުރުން "އެއީ ކީރިތި ޤުރްއާނުގެ އަޚްލާޤު އުނގެނި ދަސްކުރުން. އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް، ކީރިތި ޤުރްއާނުގެ އަޚްލާޤުން ޙައްލު ލިބެން އެބަހުރި" ކަމަށް ވިދާޅުވެފައިވުމުން އެއީ ރާއްޖޭގެ ސްކޫލްތަކުގައި ޤުރްއާނުގެ އަޚްލާޤް ކިޔަވައިދޭން ފެށުމުގެ ވިސްނުންފުޅު އެމަނިކުފާނުގެ ކިބައިގައި ހުރުންކަން ފާހަގަކުރެވެއެވެ. 

ރައީސް ޞާލިޙް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު މަޢްހަދުން ކިޔެވި ދަރިވަރުންނާއި ޢަރަބިއްޔާއިން ކިޔަވާ ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް މަދުކަން ފާހަގަކޮށް ސަރުކާރުގެ އެހެން ސްކޫލްތަކުގައިވެސް އެއަޚްލާޤް ކިޔަވައިދިނުމަށް ގިނަބައަކު ދަނީ ތަކުރާރުކޮށް އެދެމުންނެވެ 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު 

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ 

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ދައުލަތުގެ ވަޒީރުން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލް، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ކޯސްތަކުން ދަސްވެނިވި ދަރިވަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މި ޝަރަފުވެރި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކައި، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި މި ރަސްމިއްޔާތުގައި، ދެންމެ ދަސްވެނިވި ހުރިހާ ދަރިވަރުންނަށް، އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔުމަކީ، އެއަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ލިބޭ ކަމެއް.

އާދެ، ތިޔަބޭފުޅުން ދަސްވެނިވެވަޑައިގަތީ ވަރަށް މުހިންމު ދާއިރާތަކަކުން. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އެންމެ ޤަދަރުކުރެވޭ ދެ ދާއިރާއިން. ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި، މިސްކިތްތަކުގެ މުދިމުންނާއި އިމާމުންނަކީ، ކާބަފައިންގެ ޒަމާނުން ފެށިގެން، މުޖުތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އައި ބައެއް.

ރަށު ފެންވަރުގައި ކަންކަން ރާވައި ހިންގާއިރު، އެމީހުންގެ ލަފަޔާއި އިރުޝާދު ހޯދާ. މުޅި މުޖުތަމަޢު އެމީހުންގެ ބަސް ޤަބޫލުކުރޭ. އޭރު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ ދަރަޖައަކަށް އެ އިޙްތިރާމު އޮތް. މުޖުތަމަޢުގައި ޞުލްޙަޔާއި ހަމަޖެހުން އޮތް. އޭރު ދިވެހިން އުޅެމުން އައީ، އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވެ، އެހީތެރިވާ އެއް ޢާއިލާއެއްގެ ގޮތުގައި.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް އެ އާދަތައް އެބަ ބޭނުންވޭ. އެ އަޚްލާޤު އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ. އެ ހަމަޖެހުމާއި، އެ އުފާވެރިކަން އަލުން އަނބުރާ އެބަ ގެންނަންޖެހޭ. އެކަން ކުރުމުގައި ތިޔަބޭފުޅުންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން.

ތަޖުވީދު މަގުން ޤުރްއާން ކިޔަވަން ދަސްކޮށް، ޤުރްއާން ހިތުދަސްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. ރީތި ރާގުތަކާއި، ތަޖުވީދު މަގުން ޤުރްއާން ކިޔެވުމަކީ، އަޑުއަހާ މީހުންގެ ހިތްތަކަށް ވަރަށްބޮޑު ފިނިކަމެއް ލިއްބައިދޭ ކަމެއް. އަދި އެއީ ދަރުމައާއި ޘަވާބުވެސް އިތުރުވާނެ ކަމެއް. 

“”"ހަމައެއާއެކު، ކީރިތި ޤުރްއާނުން ހިފޭނެ އެއަށްވުރެ މާގިނަ ބޭނުންތައް ހުންނާނެކަން އަޅުގަނޑަށް ޔަޤީން. އެ ބޭނުންތައް އަޅުގަނޑުމެންނަށް ހިފޭނީ، އަޅުގަނޑުމެންގެ ޢަމަލީ ދިރިއުޅުމުގައި، ކީރިތި ޤުރްއާން ތަންފީޒު ކުރަން ދަސްކޮށްގެން. އާދެ، އެއީ ކީރިތި ޤުރްއާނުގެ އަޚްލާޤު އުނގެނި ދަސްކުރުން. އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް، ކީރިތި ޤުރްއާނުގެ އަޚްލާޤުން ޙައްލު ލިބެން އެބަހުރި".

 

އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ، އިސްލާމީ ތަރުބަވީ އަޚްލާޤު ދަންނަ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް އިސްލާމްދީނުން ފެންނަން އޮތީ، އިޖުތިމާޢީ ޢަދާލަތާއި ހަމަހަމަކަމާއި، މެދުމިނުގެ އެންމެ މަތިވެރި އުޞޫލުތައް. ބައިބައިވުމާއި ވަކިވަކިވުމެއް ނޫން. އިސްލާމީ އަޚްލާޤު ދަޢުވަތު ދެނީ، އޯގާތެރިކަމާއި ލޯތްބާއެކު އެކުވެރިވެ، އެއްބައެއްގެ ގޮތުގައި އުޅުމަށް.

އާދެ، އަޅުގަނޑުމެންގެ އިސްލާމް ޓީޗަރުން ވިދާޅުވާ ގޮތުން، ކީރިތި ޤުރްއާނުގެ ޢިލްމަކީ، ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއް. ނަމަވެސް، އެ ޢިލްމުތަކުގެ ބޭނުން ހިފޭ ތަނެއް އަޅުގަނޑުމެންގެ ތެރެއަކުން ނުފެނޭ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ޤުރްއާން ޓީޗަރުންނާއި، ޙާފިޡުންނާއި އިމާމުން އުފެއްދުމަށްވުރެ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ދައުރު މާ ފުޅާވާންވެއްޖެ.

އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ކީރިތި ޤުރްއާނުގެ ޢިލްމުތައް ފެތުރުން. ޤުރްއާނުގެ ޢިލްމީ ކަންޒުން އަޅުގަނޑުމެންގެ ސިކުނޑިތައް މުއްސަނދިވެގެން ދާނީ، ކީރިތި ޤުރްއާނުގެ ޢިލްމީ ދިރާސާތައް ކޮށްގެން. މި ޒަމާނުގެ ޢިލްމީ ހޯދުންތައްވެސް، ކީރިތި ޤުރްއާނުގެ ޢިލްމީ ޙަޤީޤަތްތަކުން އިތުރު ފުރިހަމަވެގެންދާނެކަން ޔަޤީން.

އެހެންވީމާ، އަޅުގަނޑަށް ވިސްނޭގޮތުގައި، މި މަރުކަޒުގެ ދައުރު މާބޮޑަށް އެބަ ފުޅާވާންޖެހޭ. ޤުރްއާނާބެހޭ މަރުކަޒެއް ހުރުމުގެ ޙަޤީޤީ ފައިދާ ލިބޭނީ އޭރުން.

މި ސަރުކާރުން އިރާދަކުރެއްވިއްޔާ، ޤުރްއާނާބެހޭ މަރުކަޒު މިއަށްވުރެ ފުޅާކޮށް، ދީނީ ޢިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން، މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

މިރޭ ދަސްވެނިވި ޤުރްއާން މުދައްރިސުންނާއި އިމާމުންވެސް، އެބޭފުޅުންގެ ޢަމަލީ މަސައްކަތުގައި އިސްކަން ދެއްވަންވީ، އެ ބޭފުޅުން އެ އުނގެނިވަޑައިގެންނެވި އެއްޗެއް، ޢަމަލީ ދިރިއުޅުއްވުމުގައި ތަންފީޒު ކުރެއްވުމަށް. ހަމައެއާއެކު، އެހެން މީހުންނަށް އެ ކަންކަން ދަސްކޮށްދެއްވައި، ޤުރްއާނުގެ ތަރުބަވީ އަޚުލާޤުގެ މަތީގައި ދެމިތިބުމަށް ބާރުއެޅުއްވުމަށް.

މިކަމުގައި ޤުރްއާން މުދައްރިސުންގެ ދައުރު ވަކިން ބޮޑު ކަމުގައި އަޅުގަނޑު ދެކެން. އެ ބޭފުޅުންނަކީ، އަޅުގަނޑުމެންގެ ތެރެއިން ކުދިންތަކަކަށް އުނގަންނައިދެއްވުމުގެ ޒިންމާ އަދާކުރައްވާނެ ބޭފުޅުން. އެ ބޭފުޅުން ޤުރްއާން ކިޔަވައިދެއްވާއިރު، އެ ބޭފުޅުންގެ އަޚްލާޤުވެސް ހުންނަންވާނީ، ކީރިތި ޤުރްއާނުގެ އަޚްލާޤީ އިމުގެ ތެރޭގައި ކަމަށް އަޅުގަނޑު ދެކެން.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، ދީނީ ޢިލްމު، ޤުރްއާނުގެ ޢިލްމު، ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް، މި ސަރުކާރުން އިސްކަންދޭނެ. ޖަޒީރާ ތަރައްޤީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ ޢިލްމު އުނގަންނައިދީ ފެތުރުން. މިގޮތުން، މިހާރުވެސް އިތުރު ކަންތައްތަކެއް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. މި އަންނަ އަހަރު ފެށިގެން އަންނައިރުގައި، ޙާފިޡުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ޚަރަދުތައް އިރާދަކުރެއްވިއްޔާ، ސަރުކާރުން ހަމަޖައްސައިދޭނަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަމުން، މިރޭ ދަސްވެނިވި ހުރިހާ ބޭފުޅުންނަށް، އަދިވެސް އެއްފަހަރު، ވަރަށް އިޚްލާޞްތެރި މަރްޙަބާއެއް ދަންނަވައި ތަހުނިޔާ އަދާކުރަން. ތިޔަބޭފުޅުންނަކީ މުޖުތަމަޢަށް ހުރި ނަމޫނާ ބޭފުޅުންތަކެއް ކަމުގައި ވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މެދުގައި ޞުލްޙަވެރިކަމާއި، އަމާންކަމާއި ހަމަޖެހުން ދަމަހައްޓަވައި، ތަނަވަސްކަމާއި ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް