އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފިރިމީހާ ޖަހައިގަންނަން އުޅުމުން ކައިވެނި ސަލާމަތްކުރަން ބުއްދިވެރި އަންހެނަކު ބޭނުންކުރި މޮޅު އުކުޅުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ފިރިމީހާ ޖަހައިގަންނަން އުޅުމުން ކައިވެނި ސަލާމަތްކުރަން ބުއްދިވެރި އަންހެނަކު ބޭނުންކުރި މޮޅު އުކުޅުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

މިހެން ބުނުމުން ބައަކު ދެކޮޅުވެސް ހަދާފާނެއެވެ. ނަމަވެސް އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެންގެތެރެއިން ގިނަ އަނބިންނަކީ ފިރިމީހާ އެހެން އަންހެނަކާއި ލޯބީގެ ގޮތުން ގުޅުމުން މައްސަލަތައް ކުރިމަތިވާ ބައެކެވެ. ބައެއް ފަހަރު ކައިވެނި ނުރޫޅި ސަލާމަތްވަނީ އަނބިމީހާ ރޯން ނަމަވެސް ދަރިންގާތު ގޭގައި އިންނަންބޭނުންވުމުންނެވެ. ނުވަތަ ދެއަންތބަށް ކައިވެނިކުރަން އެއްބަސްވުމުންނެވެ. ފިރިމީހާ ހޯދާ ލޯބިވެރިޔާގެ ކިބައިން ފިރިމީހާ ސަލާމަތްކުރެވެނީ ވަރަށް މަދު އަންހެނަކަށެވެ.  

އަޅުގަނޑުގެ ފިރިމީހާ ލޯބިވެރިއަކު ހޯދީ ކައިވެންޏަށް 15 އަހަރުގައެވެ. ދަރިންގެ އުމުރުން 12 އަހަރާއި 13 އަހަރުގައެވެ. އަޅުގަނޑު ނިންމީ އެނގޭކަން ނާންގައި ހުންނާށެވެ. އެއީ އެނގޭކަން އެނގިހުރެ އެކުގައި އުޅޭނަމަ "އެޅިހާބަތަކަށް ރިހަ" ވެގެން ހުންނަނީކަމަށް ޤަބޫލުކޮށް އޭނާގެ ހިތް އާސްމާނަށް އަރާނެތީއެވެ. 

ކޮންމެއަކަސް ލޯބިވެރިޔާއަކަށް ކެތެއް ނުކުރެވުނެވެ. އަޅުގަނޑު ގާތުން ވަރިނުކުރުވިގެން ތެޅިފޮޅެން ފަށައިފިއެވެ. އެއްދުވަހަކު އަޅުގަނޑުގެ ނަމްބަރަށް ގުޅާފައި ބުންޏެވެ. "އަހަރެންނާއިމެދު ކުށްހީނުކުރާށެވެ. އަހަރެން ކަލޭގެ ފިރިމީހާ ޖަހައިގަތީއެއް ނޫނެވެ. މަސައްކަތު މާޙައުލުން ބައްދަލުވެގެން އޭނާ އަހަރެން ފަހަތުން އަޅައިގަތީއެވެ. ދުރުވާން ވެސް މަ މަސައްކަތްކޮށްފީމެވެ. ނަމަވެސް ދުރަކު ނުހުރެއެވެ. ހަމަކައިރިވަނީއެވެ. 

އޭނާ ކަލޭދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. ކަލެއާއިއެކު ދިރިއުޅެނީ ދަރިންނަށްޓަކައެވެ. ފިރިމީހާ ބަދަލުވެއްޖެކަން މިހާރު ކަލެއަށްވެސް އެނގޭނެއެވެ. ވީމާ ކަލެއަށްވެސް ފައިދާބޮޑުވާނީ އޭނާގެ ކިބައިން ވަރިވެ ކަލޭދެކެ ލޯބިވާ މީހަކު ހޯދީމައެވެ." 

އަޅުގަނޑު ބުނީ ތިއަކަމަށް މަޝްވަރާކޮށްލަން ގެއަށް އައުމަށެވެ. އޭނާ އެއްވެސް ޖެހިލުމެއް ނެތި ގެއަށް އައުމުން ވަރަށް ރަނގަޅަށް މެހްމާންދާރީ އަދާކުރީމެވެ. ބުނީމެވެ. "ފިރިމީހާ ތިއަކަންވެސް ތިއަކުރަނީ ވަރަށް ވަގަށެވެ. އެއްވެސް ކަމެއް އަހަރެންނަކަށް ނުއަންގައެވެ. ނުވެސް އަންގާނެއެވެ. އޭނާއަކީ އަހަރެންނާއި ދަރިންދެކެ ވަރަށް ލޯބިވާ ފިރިއެކެވެ. ދެން ވާނެ ގޮތަކީ ޒުވާން އަންހެނަކު ހިލޭ ފިރިހެނުންނަށް އެމީހުން ބޭނުންވާ ގުޅުންތައް ބާއްވައިދޭނަމަ ލޯބިވާ ވާހަކައާއި ހުރިހާ ވާހަކަތަކެއްވެސް ދައްކާނެތާއެވެ. ދެދަރިން ވިހައި އުމުރުން 40 އަހަރުވެފައި ތިބި އަހަރެމެން ފަދަ ސިފަ ހުތުރު އަންހެނުންނަށް ޒުވާން ފިރިހެންކުދިންވެސް ލޯބިވާކަމަށްބުނެ މެސެޖުކުރަނީ ވިއްޔާއެވެ. މިހާރުވެސް ފިރިމީހާއަށްވުރެ ޒުވާން 2،3 ފިރިހެނުން 2 ދަރިންނާއިއެކުގައިވެސް ކައިވެނިކުރަން ބޭނުން ކަމަށްބުނެ އެބަ މެސެޖުކުރެއެވެ. އެމީހުން އަހަރެން އެކިރަނީ ތަފާތު މިންގަނޑަކުންނެވެ. ބޭރުފުށުގެ ސިފައަކުން ނޫނެވެ. ތެދުވެރި ގެވެހި އަންތބެއްގެ ގޮތުންނެވެ. އެއިގެ ތެރޭގައި ވަރަށް ތަނަވަސް މީހަކުވެސް ހިމެނެއެވެ. (މިއީ އަޅުގަނޑު ބުނި ދޮގެކެވެ. އަޅުގަނޑަށް ފޯނުކޮށް މެސެޖްކުރާ އެއްވެސް ހިލޭ ފިރިހެނަކު ނުހުންނާނެއެވެ. ބޭނުންވީ އެއަޑު ފިރިމީހާއަށް އިއްވާށެވެ. ވަރިކޮށްފިނަމަ މާރަނގަޅު ފިރިއަކު ލިބޭނެ ކަމުގެ ޔަޤީންކަން ވަރަށް ބޮޑަށް އޮވެއެވެ. މިއަދުނޫހުގައި އެލިޔާ މުފްތީ މެންކުގެ ވާހަކަތަކަށް އަޅުގަނޑު ވަރަށް ބޮޑަށް އިތުބާރުކުރަމެވެ.) އެހެންވީމާ ކަލޭގެ ތިއަހުރި ޒުވާންކަމާއި ރީތިކަމުގެ މަސްތުގައި ފިރިމީހާ ގާތު ބުނެގެން ވަރިކޮށްދޭށެވެ. އަހަރެންދެކެ އެހައި ލޯބިން އުޅެމުން ދަނިކޮށް ވަރިކޮށްދޭން ބުނާކަށް ނުކެރޭނެއެވެ." 

ވާހަކަ ދައްކައި ނިމޭއިރަށް އަޅުގަނޑު ހަދައިދިން ކޮފީތަށި ހިސްކޮށްލައިފިއެވެ. އަދި ފަހުން ތަންކޮޅެއް ރަނގަޅަށް ވާހަކަ ދައްކަން އަންނާނެ ކަމަށްބުނެފައި ނުކުމެގެން ހިނގައްޖެއެވެ. 

ފިރިމީހާ ގާތު އޭނާ ފޯނުކުރިވާހަކަވެސް ގެއަށް އައި ވާހަކަވެސް ނުބުނަމެވެ. 2، 3 ދުވަސްފަހުން ފިރިމީހާ މަސައްކަތް ނިންމާފައި ތަންކޮޅެއް އަވަހަށް ގެއަށް އައެވެ. ބުންޏެވެ. "ވަރަށް ބޮޑަށް މާފުކުރާށެވެ! ނުބުނި ނަމަވެސް ހުރިހާ ކަމެއް އެނގިއްޖެއެވެ. އަހަރެންނަށް ކުށެއް ކުރެވިއްޖެއެވެ. ނަމަވެސް އެކަންވިސްނުމުން އެކަން ހުއްޓާލައިފީމެވެ. ދެން ދުވަހަކުވެސް އެފަދަ ކުށެއް ނުކުރާނަމެވެ. ތިބާ އާއި 2 ދަރިންނާއި ދުވަހަކުވެސް ވަކިނުވާނަމެވެ. އެހެން އަނހެނަކާއިއެކު އެއްވެސް ގުޅުމެއް ނުބާއްވާނަމެވެ." 

އެއިގެފަހުން މިހާރު އަނެއްކާވެސް 15 އަހަރުވީއެވެ. އެފަދަ ކަމެއް އިހްޞާޞްކުރާކަށް ނުޖެހެއެވެ. ފިރިމީހާ ވީވައުދު އޭނާ އެބަ ހިފަހައްޓައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑަށް ކަންތައް ކުރެވުނީ މާމޮޅު ގޮތަކަށް ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އެގޮތަށް ކަންތައް ކުރުމުން އަޅުގަނޑުގެ ކައިވެނި މިވަނީ ސަލާމަތްކުރެވިފައެވެ. އިން ޝާ ﷲ 

- ރިޝްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް