އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ހިނިތުންވެލަން ނުވެސް ލިބި ވިހި އަހަރުވަންދެން އަނިޔާލިބުނު އަންހެނަކަށް އަބަދު ހިނިތުންވެ އުފަލުގަ ހުންނަން ލިބުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ހިނިތުންވެލަން ނުވެސް ލިބި ވިހި އަހަރުވަންދެން އަނިޔާލިބުނު އަންހެނަކަށް އަބަދު ހިނިތުންވެ އުފަލުގަ ހުންނަން ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތް ކިޔައިދީފިނަމަ ގިނަ ބައަކު އަޅުގަނޑަކީ މޮޔައެއްކަމަށްވެސް ބުނެފާނެއެވެ. ނަމަވެސް އެގޮތަށް ނިންމުމުގެ ކުރިން ނަތީޖާއަށް ބަލައިލުންވެސް ރަނގަޅުވާނެއެވެ. 

އަޅުގަނޑު ކައިވެނިކުރީ 20 އަހަރުގައެވެ. ކައިވެންޏަށްފަހު އަޅުގަނޑަށް ދިރިއުޅެން ޖެހުނު ޙާލުގެވާހަކަ ބަޔާންކުރަންވެސް އުނދަގުލެވެ. ތެދަށްބުނާނަމަ ބުނަން ޖެހޭނީ އުފަލާއި ހިނިތުންވުމަކީ އަޅުގަނޑާއި އެއްގޮތަކަށްވެސް ރައްޓެހި ކަންކަމެއް ނޫނެވެ. އެހެންކަމުން އުފާވާނެ ފުރުޞަތެއްވެސް އަދި ހިނިތުންވާނެ ފުރުޞަތެއްވެސް ހަމަ އެންމެ ފަހަރަކުވެސް ލިބުނު ހަނދާނެއް ނެތެވެ. 

ކައިވެނިކުރިތަނާ އަހަރު ދެކޮޅު ކަހަލަގޮތަކަށް 3 ދަރިން ލިބުނެވެ. ދަރިން ހޯދުނީ ދަރިން ލިބުމުން ރަނގަޅު ބަދަލެއް ފެނުމުގެ އުންމީދުގައެވެ. ނަމަވެސް އެ އުންމީދުތައް ދިއައީ ހަމަ ވަޔަށް ބުރައިގެންނެވެ. ދަރިން ލިބުމުން ކަންކަން ގޯހުން ގޯހަށް ބަދަލުވުން ނޫން އެއްވެސް ކަމެއް ނުފެނެއެވެ. 

ޙަޔާތުގެ ކަންކަން އަޅުގަނޑު ހިއްޞާކުރަމުން ދިއައީ މަންމައާއި އެކަންޏެވެ. އެހެން އެއްވެސް މީހެއްގެ ގާތުގައި އެއްވެސް ވާހަކައެއް ނުދައްކަމެވެ. މަންމަ ބުނަމުން ދިއައީ ކިރިޔާވެސް ކެތްކުރެވޭނެނަމަ ކެތްތެރިވުމަށެވެ. ފެންނަ ކަންކަން ނުފެންނަ ކަންކަމަށް ހެދުމަށެވެ. އިވޭއަޑުތައް ނުއިވޭކަމަށް ހެދުމަށެވެ. ހަގުދަރިފުޅަށް 18 އަހަރުފުރެންދެން ކޮންމެ ޙާލެއްގައިވެސް ކެތްތެރިވުމަށެވެ. އަދި އަޅުކަންކޮށް ދުޢާކުރުމުގައި ސާބިތުވުމަށެވެ. 

އަޅުގަނޑު މަސައްކަތްކުރީ މަންމަ ދިން ނަޞޭޙަތަށް ޢަމަލުކުރުމަށެވެ. އެކަމުގަ ހުރި ބުރަކަމާއިއެކުގައިވެސް މަންމަ ބުނި ގޮތަށް ޢަމަލުކުރަން މަސައްކަތްކުރީމެވެ. އަޅުގަނޑަށް ފިރިމހާގެ ކިބައިން ސަލާމަތްވެވޭނީ ކައިވެންޏަށް 22 އަހަރުގައެވެ. އެއިރު އަޅުގަނޑުގެ އުމުރުން އޮންނާނީ 42 އަހަރަށެވެ. ވީމާ އުމުރުގެ ބޮޑުބައި އޮންނާނީ ނިމިފައެވެ. އެހެންކަމާއިއެކުވެސް މަންމަގެ ބަސް ޤަބޫލުކޮށް ކެތްތެރިވީމެވެ. 

އެއީ ކައިވެންޏަށް 20 ވަނަ އަހަރުގައެވެ. ހަމަ އާދައިގެ ދުވަހެކެވެ. އާދައާއި ޚިލާފް އެއްވެސް ކަމެއް މެދުވެރިއެއްވެސް ނުވެއެވެ. ފިރިމީހާ އޮފީހުން އައިސް ގެއަށްވަނުމުން ކާންހަދައިދިނުމުން ކައިނިމިގެން ސޯފާގައި އިށީނދެލާފައި އަޅުގަނޑަށް ގޮވާލުމުން ގާތަށް ދިއައީމެވެ. ބުނީ 3 ބަހެވެ. "ތިއައިނީ ވަރިކޮށްފަ! ގެއަށްދޭ!" 

އަޅުގަނޑަށް ލިބުނު އުފަލުގެ ބޮޑުކަމުން ވަގުތުން ޝުކުރުގެ ސަޖިދަކުރީމެވެ. އަދި އަވަސްއަވަހަށް ތައްޔާރުވެލައިގެން ގެއަށްދާން ނުކުންނަން ފެށުމުން ގޭގެ ދޮރާށި ތަޅުލިއެވެ. ބުނީ ދެވޭނީ 3 މަސް ފަހުން ކަމަށެވެ. އަޅުގަނޑު ވަގުތުން ފުލުހުންނަށް ގުޅީމެވެ. ގެއިން ނެރެދިނީ ފުލުހުންނެވެ. 3 ދަރިން އަޅުގަނޑު ގާތަށް އުޅެން އައީ އެއްދުވަސްފަހުންނެވެ. 

އަޅުގަނޑު މަންމަމެންނާއިއެކު ގޭގައި އުޅެ، ޢިއްދައިގެ 3 މަސް ހަމަވީދުވަސް ނޫން އަނެއް ދުވަހު ފިރިމީހާގެ ގޭގައި އަޅުގަނޑު އުޅުނުއިރު އެންމެ ގާތް އަވަށްޓެރިންގެ ތެރޭގައި ހިމެނޭ މީހަކު އަޅުގަނޑަށް ގުޅިއެވެ. އޭނާގެ އަނބިމީހާއަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާވެސްމެއެވެ. ވީމާ އަޅުގަނޑު އުޅުނު އެންމެ ރަނގަޅަށް އެނގޭނެ އެއްބައަކީ އެދެމަފިރިންނެވެ. އަޅުގަނޑުގެ އެކުވެރިޔާ، އޭނާގެ އަނބިމީހާ ވަނީ ދުވަސްކޮޅެއްކުރިން މަރުވެފައެވެ. އެކުވެރިޔާގެ ފިރިމީހާ ބުނީ އަޅުގަނޑާއި ކައިވެނިކުރަން ބޭނުން ކަމަށެވެ. އެކަމަށް އަޅުގަނޑު އެއްބަސްވީމެވެ. 

އަޅުގަނޑުގެ މިހާރުގެ އުމުރަކީ 55 އަހަރެވެ. ދެވަނަ ކައިވެންޏަށް 15 އަހަރެވެ. ފާއިތުވި 15 އަހަރަށް ބަލައިފިނަމަ އުފަލުން ހިނިތުންވުން ނޫންކަމެއް ކުރާކަށް ނުޖެހެއެވެ. ހިތްހަމެޖެހުން ނޫން ކަމެއް ނުލިބެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިން ގާތު ބުނެލަން ބޭނުންވަނީ އަޅުގަނޑު ކެތްތެރިވި ވަރަށް ކެތްތެރި ނުވެވުނު ނަމަވެސް ކެތްތެރިވާން މަސައްކަތްކުރާށެވެ. ޚާއްޞަކޮށް ހެޔޮލަފާ މައިންދޭ ނަޞޭޙަތް ޤަބޫލުކުރާށެވެ. އަނިޔާ ލިބެމުންދާ މީހާގެ ދުޢާއަށް ހުރަހެއް ނެތްކަމަށް އޮންނަ ބަސްފުޅަށް އިތުބާރުކުރާށެވެ. ވަގުތު ނަގައިފާނެއެވެ. ނަމަވެސް ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް