އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައްޕަ ނަރަކައިން ސަލާމަތްކުރަން 8 އަހަރުގެ ކުޑަ އަންހެންދަރިފުޅު ބޭނުންކުރި މޮޅު އުކުޅުގެ ވާހަކަ-

ބައްޕަ ނަރަކައިން ސަލާމަތްކުރަން 8 އަހަރުގެ ކުޑަ އަންހެންދަރިފުޅު ބޭނުންކުރި މޮޅު އުކުޅުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

މައިންބަފައިން ކުރަންވީ ކަންކަމާ އުޅެންވީ ގޮތް ބުނެދިނުމުގެ ޙައްޤު ދަރިންނަށް އޮވޭތޯ ކިޔުންތެރިއަކު ވަނީ ސުވާލުކުރައްވައިފައެވެ. 

ޖަވާބަކީ އެއީ މައިންބަފައިންނަމަވެސް ދިރިއުޅުމުގައި ހުންނަ ނުރަގަޅުކަންކަން ނުވަތަ ހިފިފައި ހުންނަ ނުބައި އާދަތައް މައިންބަފައިންނަށް ބުނެދީ އިޞްލާޙްކުރަން މަސައްކަތްކުރުމަކީ މައިންބަފައިން ދެކެ ލޯބިވާނަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެއީ އަދި މައިންބަފައިން އުޅެންވީ ގޮތް ބުނެދިނުމެއް ނޫނެވެ. 

ދަރިފުޅުގެ އަތުގައި ހިފައިގެން ދަމާ ގެންގޮސް ސުވަރުގެ ވައްދަން މަސައްކަތްކުރަން ތިބި މައިންބަފައިންގެ އަތުގައި ހިފައިގެން ސުވަރުގެއާއި ދިމާއަށް ދަމައި ގެންދަން މަސައްކަތްކުރުމެވެ. އެފަދަ ދަރިން ތިބިނަމަ އޮތީ އިންތިހާއަށް ޝުކުރުވެރިވުމެވެ. 

ތިރީގައި އެވަނީ މިފަދަ ވަރަށް ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެވެ. ވިދާޅުވާށެވެ! 

އަހަރެންނަކީ ފައިސާވެރިއެކެވެ. އިމެއް ނެތި އަނބިދަރިންނަށް ޚަރަދުކުރާ މީހަކީމެވެ. އަނބިދަރިންނާއި ގުޅުން ބާއްވައިގެން ދިރިއުޅޭ މީހަކީމެވެ. އަދި އަވަށްޓެރިންނާއި މުޖުތަމައުގެ ގިނަ ބައަކާއި ވަރަށް ގާތުން ގުޅުން ބާއްވައި އެހީތެރިވަމުން އައި މީހަކީމެވެ. އެހެންކަމުން ދުވަހަކުވެސް މީހަކު އަހަރެންގެ ކުރިމަތީގައި އަހަރެން ލަދުގަނެ ދެރަވާނެ ޖެހޭ ފަދަ ބަހެއް ދުވަހަކުވެސް ނުބުނެއެވެ. 

އަހަރެންގެ އުމުރުން 50 އަހަރުވީތަނާ އަހަރެންގެ ދޮށީ އަންހެން ދަރިފުޅު އަހަރެންނަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދިނެވެ. އެއިރު އޭނާގެ އުމުރަކީ އެންމެ 8 އަހަރެވެ. އެވަގުތަކީ ބިންގަނޑު އަހަރެންގެ ފައިދަށުން ދެމިގަނެގެން ދިއަ ވަގުތެވެ. ތުރުތުރު އަޅައިގެންފައި ބިންމައްޗަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ނުވެއްޓުނު ނަމަވެސް ފައިގެ ބާރު ދޫވެގެން ދިއަކަން ޔަޤީނެވެ.

ގެއަށް ވަންއިރު އަނބިމީހާ އާއި ހުރިހާ ދަރިން ސިޓިންގ ރޫމްގައި ތިއްބެވެ. އެހެން ދަރިންނާއި ހަގްކޮށްލުމަށްފަހު އަހަރެން މަސައްކަތްކުރީ އަންހެން ދަރިފުޅާއި ވެސް ހަގްކޮށްލާށެވެ! ހެވިފައި ހުރެގެން ދަރިފުޅާއި ކައިރިވުމުން ފުރަތަމަ އަތް އެޅީ އޭނާގެ ނޭފަތުގައެވެ. އަދި ބުންޏެވެ. "ލޯބިވާ ބައްޕާއެވެ! ބައްޕަ ރޭގަނޑު ގެއަށް އަންނައިރު ގައިން ތިއަ ދުވާ ސެންޓުގެ ވަސް ދުވާ އެއްވެސް ސެންޓުފުޅިއެއް މިގޭގައި ހުރިތޯ ވަރަށް ބަލައިފީމެވެ. ނަމަވެސް ނުފެނުނެވެ. ބައެއް ރޭރޭ ބައްޕަ ގެއަށް އަންނައިރު ޖަހާފައި ތިއަ ހުންނަ ސެންޓުގެ ވަސް ޖެހުމުން މޭނުބައި ކުރެއެވެ. ހޮޑު ލަވައެވެ! ބައްޕައަށް ހަމަ ތިއަ ސެންޓުން ދުވަނީ މީރުވަސް ހެއްޔެވެ؟" 

އަހަރެންގެ ބަސް ހުއްޓުނެވެ. ބުނާނެ އެއްޗެއް ނުވެސް އެނގުނެވެ. ތަފާތު އިބާރާތަކުން ދަރިފުޅު އެބުނީ އަހަރެންގެ ގައިން ބަނގުރާވަސް ދުވާ ވާހަކައެވެ. އެވަހުން އޭނާއަށް އުނދަގޫވާ ވާހަކައެވެ. އަދި ބަނގުރާ ބުއިމަކީ ޙަރާމް ކަމެއް ކަމުގެ ވާހަކައެވެ. އަހަރެން ސޯފާގައި އިށީނީމެވެ. އަދި ގިސްލާ ރޯންވެސް ފެށުނެވެ. އަދި ވަޢުދުވީމެވެ. "ބައްޕަގެ ގައިން ދެން ދުވަހަކުވެސް މިވަހެއް ނުދުވާނެއެވެ. އެކަން ޔަޤީންކުރާށެވެ! އަދި ހުރިހާ ދަރިންވެސް ބައްޕައަށް މާފުކުރާށެވެ!" 

އެއަށްފަހު އަހަރެން ތައުބާވީމެވެ. އެއަށްފަހު ދުވަހަކުވެސް ކްލަބަކަށް ނުދަމެވެ. ރައްޓެއްސަކު ދައުވަތު ދިން ނަމަވެސް ވަގުތުން ހަނދާނަށް އަންނަނީ ދަރިފުޅު ކުރި ސުވާލެވެ. 

އަހަރެންގެ ހުރިހާ ދަރިންނަށްޓަކައި ޚާއްޞަކޮށް އެދަރިފުޅަށްޓަކައި އަހަރެން ވަރަށް ގިނައިން ހެޔޮ ދުޢާކުރީމެވެ. ނަތީޖާވެސް ވަރަށް ރަނގަޅެވެ. އިން ޝާ ﷲ. 4 ދަރިންނަކީވެސް ވަރަށް ތަޤްވާވެރި ކުދިންނެވެ. 

- އެންމެންވެސް މި ވާހަކައިން ޢިބްރަތް ޙާޞިލުކުރުން އެދި އިބްން ޢައްމާރުގެ ނަމުގައި ބައްޕައަކު އޭނާގެ އަމިއްލަ ފޭސްބުކްގައި ލިޔެފައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު