އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅިގެން މާލޭގެ 4 ސަރަހައްދެއް ބަންދުކުރަނީ

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅިގެން މާލޭގެ 4 ސަރަހައްދެއް ބަންދުކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ބަންގްލަދޭޝްގެ ބޮޑުވަޒީރުގ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ޑިސެމްބަރު 23 ވަނަ ދުވަހު މާލޭގައި ކުރިއަށްދާ ރަސްމީ ހަރަކާތްތަކާ ގުޅިގެން އެހަރަކާތްތަކަށް މާލޭގެ ހަތަރު ސަރަހައްދެއް ބަންދުކުރުމަށްވަނީ ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ބަންދުކުރުމަށް ހަމަޖެހިފައިވާ ހަތަރު ސަރަހައްދަކީ ޖުމްހޫރީ މައިދާން ސަރަހައްދާއި ރައީސް އޮފީސް ހިމެނޭ ސަރަހައްދާއި ހޮޓެލް ޖެން ހިމެނޭ ސަރަހައްދާއި ރައްޔިތުންގެ މަޖިލިސްކުރާގެ ހިމެނޭ ސަރަހައްދެވެ. މި ސަރަހައްދުތައް  މާދަމާގެ ހެނދުނު 07:00 އިން 20:00 އަށް، ހަރަކާތްތަކަށް އެކި ވަގުތުތަކުގައި އާންމު ދަތުރު ފަތުރަށާއި ފައިމަގުގައި އުޅުއްވާ ފަރާތްތަކަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

އެސަރަހައްދުތައް ބަންދުކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ތަންތަނަކީ:

  • ބޮޑުތަކުރުފާނު މަގު އެމް.އެމް.އޭ ކައިރި
  • އޯކިޑްމަގު/ ޖޫމްހޫރީ މައިދާން ޖަންގްޝަން
  • ބޮޑުތަކުރުފާނު މަގު/ ބީއެމްއެލް ކައިރިން (ލޮޓަސް ގޯޅި)
  • ނާދީ ގޯޅި
  • އަމީރު އަޙްމަދު މަގު/ ފިނިހިޔާ ގޯޅި ކަންމަތި
  • ސޯސަންމަގު/ މެދުޒިޔާރަތްމަގު ޖަންގްޝަން
  • އަބަދަށްފެހިމަގު/ ގުލޭނޫރަންމަގު ކަންމަތި
  • ގުލޭނޫރަންމަގު/ ކަރަންކާމަގު ކަންމަތި
  • ހިތަށްފިނިވާމަގު/ކަރަންކާމަގު ކަންމަތި
  • ކަޅުހުރާމަގު/ހަދީބީ މަގު ކަންމަތި
  • ހުސްނުހީނާމަގު/ ބޮކަރުމާ ގޯޅި ކަންމަތި
  • ނޫރާނީ ގޯޅި/ ހިތަށްފިނިވާމަގު ކަންމަތި
  • މެދުޒިޔާރަތްމަގު/ ދަރުމަވަންތަ ސްކޫލު ކަންމަތި
  • ޝަހީދު އާދަމް ނަސީރު ހިނގުން
  • ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުން

މީގެއިތުރުން އެސަރަހައްދުތަކުގައި ހިމެނޭ ޕާކިންގ ޒޯންތަކުގައި މިރޭގެ 20:00 އިން ފެށިގެން ޑިސެމްބަރު 23 ވަނަ ދުވަހުގެ 20:00 އާހަމައަށް ޕާކް ނުކުރެވޭނެއެވެ. އަދި މިވަގުތުތަކުގައި އެސަރަހައްދުތަކުގައި ހުރި ޕާކިންގ ޒޯންތަކުގައި ނުނަންގަވާ ހުރި އުޅަނދެއްވާނަމަ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެއުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެއެވެ.

ފުލުހުން ބުނެފައިވަނީ މިއަދުގެ 18:00 އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ ފަޅުތެރެއަށް އޮޑިދޯނި ފަހަރާއި ލޯންޗު، ޑިންގީ ފަދަ ތަކެތި ވަނުމަކީ މަނާކަމެއްކަމަށާއި އެސަރަހައްދު ބޭނުންކުރާ ފެރީތަކުން ދަތުރުކުރައްވާ ބޭފުޅުން ފެރީދަތުރު ރާވާ އެޖެންޓުން މެދުވެރިކޮށް ލަފާ ފުރާ ސަރަހައްދަށް އައިސްފައިވާ ބަދަލު އޮޅުންފިލުވައި، ކަނޑައަޅާ ސަރަހައްދުތަކަށް ވަޑައިގެންނެވުމަށް އިލްތިމާސްކުރާކަމަށެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ދަތުރުފުޅާ ގުޅިގެން ސިނަމާލެ ބްރިޖްގެ އޮޕަރޭޝަނަށް އެއްވެސް ބަދަލެއް ގެނެސްފައިނުވެއެވެ. އަދި ކުރިއެކޭ އެއްގޮތަށް އާއްމު ދަތުރު ފަތުރަށް ބްރިޖް ބޭނުންކުރެވޭނެއެވެ.

މީގެއިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަންނަވާ ބޭފުޅުން އެމްއޭސީއެލް އިން ކަނޑައަޅުއްވާފައިވާ ގޮތަށް އަމަލުކުރުމަށާއި ރަސްމީ ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި ވެލާނާ ބިލްޑިންގ، ހުރަވީ ބިލްޑިންގ، ޣާޒީ ބިލްޑިންގ އަދި ބަންދުކުރެވޭ ސަރަހައްދުގައި ހިމެނޭ އޮފީސްތަކަށް ވަޑައިގަންނަވާ މުވައްޒަފުންނަށް އެސަރަހައްދަށް ވަދެވޭނީ ބަންޑާރަކޮށްޓާއި ހުކުރު މިސްކިތުގެ އުތުރުން އޮންނަ ޝަހީދު އާދަމް ނަސީރު ހިނގުމުން އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުން އަންގާ ގޮތެއްގެ މަތިން ކަމުގައި ދަންނަވަމެވެ. އަދި އޮފީސްތަކަށް ވަޑައިގަންނަވާ މުވައްޒަފުން ދުރާލައި ބަންދުކޮށްފައިވާ ސަރަހައްދުތަކުގެ ބޭރުން ޕާކްކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރަސްމީ ހަރަކާތްތަކަށް ދައުވަތު ލިބިވަޑައިގެން، ފާހާއެކު ހަރަކާތްތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެކްސެސް ހަމަޖެހިފައިވަނީ ބަންޑާރަކޮށީގެ ހުޅަނގުން، އިސްލާމީ މަރުކަޒާ ވީފަޅިން (ކުރީގެ ވެލިމަގު) ނާއި އިރުމަތީ ފަރާތު، ބޮޑުތަކުރުފާނު މަގު/ ކޯސްޓްގާޑް ބިލްޑިންގ ކައިރިން ގާއިމްކުރެވިފައިވާ ގޭޓުތަކުން ސްކްރީން ކުރެވިގެންނެވެ.

ބަންގްލަދޭޝް ބޮޑުވަޒީރުގެ ރަސްމީ ދަތުރުފުޅާ ގުޅިގެން މާލޭގެ އާންމު ދަތުރުފަތުރަށް އަންނަ ބަދަލުތަކަށް ދުރާލައި ތައްޔާރުވެ، ބަންދުކުރެވިފައިވާ މަގުތައް ނޫން އެހެން މަގުތައް އިހްތިޔާރުކުރައްވައިގެން ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދެވުމަށާއި އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ދިވެހި ފުލުހުންނަށް ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު