އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހޯދަމުން އަންނަ ސްޓެޓިސްޓިކްސް ހޯދުމަށް ޕޯރޓަލްއެއް އިފްތިތާޙްކޮށްފި

މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހޯދަމުން އަންނަ ސްޓެޓިސްޓިކްސް ހޯދުމަށް ޕޯރޓަލްއެއް އިފްތިތާޙްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ޔޫ.އެން.ޑީ.ޕީގެ އެހީގައި ދިވެހިރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް އީ-ލައިބްރަރީއެއްގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

މިގޮތުން ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ޖޭސްޓޯރ ލައިބްރަރީގެ ޚިދުމަތެވެ. މި ޚިދުމަތް ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށް ހިންގަމުންދާ 14 ކޮލެޖް އަދި ޔުނިވަރސިޓީއަކަށް ޖޭސްޓޯރ ސަބްސްކްރިޕްޝަން ސެޓްފިކެޓް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ހަވާލުކޮށްދެއްވިއެވެ.

ޖޭސްޓޯރ ލައިބްރަރީއިން އެކި ޑިސިޕްލިންތަކުން 12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖަރނަލް އަރޓިކަލްތަކާއި ފޮތްތައް ކިޔުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މި ޙަފްލާގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހޯދަމުން އަންނަ ސްޓެޓިސްޓިކްސް ހޯދުމަށް މި އަހަރު އަލަށް ހެދުނު ޕޯރޓަލްވެސް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން އިފްތިތާޙްކޮށްދެއްވިއެވެ. 

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ދެއްކެވި ވާހަކަފުޅުގައި ކިޔަވައިދިނުމަށް މިފަދަ ލައިބްރަރީއެއްގެ ޚިދުމަތް ދަރިވަރުންނާއި ލެކްޗަރާއިންނަށް ލިބުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޖޭސްޓޯރ ފަދަ އީ-ލައިބްރަރީއެއްގެ ސަރވިސް ލިބުމަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު އިތުރަށް ހަރުދަނާވާނެކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ކިޔަވައިދޭ ހުރިހާ ތަންތަނަކީ އެއް ޢާއިލާއެއްކަމާއި، އެގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމާއި، އޭގެ ސަބަބުން މުޖުތަމަޢުއަށް ވަރަށް ރަނގަޅު އަސަރެއް ކުރާނެކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއަދު ތަޢާރަފުކުރެވުނު ޕޯރޓަލް މެދުވެރިކޮށް ތަފާސް ހިސާބު ހޯދަން ފެށުމުން މިނިސްޓްރީއަށް ބޭނުންވާ ތަފާސްހިސާބުތައް ފަސޭހަކަމާއެކު ލިބި އަދި މިނިސްޓްރީއިން މަތީތައުލީމާއި ގުޅޭކަންކަމުގައި ހަދާ  އުސޫލުތައް ހެދުމުގައި މިމައުލޫމާތުގެ ބޭނުންކުރެވި ހަރުދަނާ އުސޫލުތަކެއް ހެދިގެންދާނެކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ.  

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ބަޔާނެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު