އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޫރަތުލްފާތިޙާގެ ތަފްސީރު: 6 ވަނަ އާޔަތް

ސޫރަތުލްފާތިޙާގެ ތަފްސީރު: 6 ވަނަ އާޔަތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 21 މިނެޓް, 5 ސިކުންތު

ތަޢާލާގެ ވަޙީބަސްފުޅު:(صِرَاطَ الّذِيْنَ أَنْعَمْتَ عَلَيْهِمْ )

މާނައީ: " (އެއީ) އެއުރެންނަށް އިބަ އިލާހު ނިޢުމަތްދެއްވި މީހުންގެ މަގެވެ. " 

މި އާޔަތަކީ ކުރީގެ ވަޙީބަސްފުޅު އިތުރަށް ބަޔާންކޮށްދިނުމަށްޓަކައި އެ ބަސްފުޅާއި ގުޅުވައިގެން ގެންނަވާފައިވާ ބަސްފުޅެކެވެ. ﷲ ތަޢާލާ ނިޢުމަތްދެއްވި މީހުންނަކީ އަންނަނިވި އާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ މީހުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

(ومن يطع الله و الرسول فأولئك مع الذين أنعم الله عليهم من النبيين والصديقين والشهداء والصالحين وحسن أولئك رفيقا) 

މާނައީ: ” ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބަޔެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، صدّيق ންނާއި، شهيد ންނާއި، صالح ންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ. " 

ތަޢާލާގެ ވަޙީބަސްފުޅު:

(غَيْرِ الْمَغْضُوبِ عَلَيْهِمْ )

މާނައީ: ” އެއުރެންގެ މައްޗަށް ކޯފާލެއްވިގެންވާ މީހުންގެ މަގެއްނޫނެވެ. “ 

ކޯފާލެއްވިގެންވާ މީހުންނަކީ ޔަހޫދީންނެވެ. އަދި ޙައްޤު އެނގުމަށްފަހު އެއަށް ޢަމަލުނުކުރާ ކޮންމެ މީހެކެވެ. 

ތަޢާލާގެ ވަޙީބަސްފުޅު: (وَ لَا الضَّالِّيْنَ)

މާނައީ: ” އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ. “ 

މަގުފުރެދުނު މީހުންނަކީ މާތް ނަބިއްޔާ صلى الله عليه وسلم ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން އުޅުނު ނަޞާރާއިންނެވެ. އަދި ޖާހިލުކަންމަތީ ޙައްޤާއި ޚިލާފަށް ޢަމަލުކުރާ ކޮންމެ މީހެކެވެ. 

(غير المغضوب عليهم ) މި އާޔަތުގައި އައިސްފައިވާ (عليهم) ގެ ދެ ޤިރާއަތެއް މުތަވާތިރު 7 ޤިރާއަތުގެ ތެރޭގައި އައިސްފައިވެއެވެ. އެއީ މި ކަލިމައިގައިވާ “ހާ” ގައި އުބުފިލި ޖަހައިގެންނާއި އިބިފިލި ޖަހައިގެންނެވެ. އުބުފިލި ޖަހައިގެން (عَلَيْهُمْ) އެވެ. އަދި އިބިފިލި ޖަހައިގެން (عَلَيْهِمْ) އެވެ. 

އަދި ދަންނާށެވެ! މީސްތަކުން މިހާރު ކިޔަވަން މި ގެންގުޅޭ މުސްޙަފުގައި ވާ ޤިރާއަތް ފިޔަވައި އެހެން ޤިރާއަތަކުން ޢާއްމުން (ދީނީ ޢިލްމު އުނގެނިފައި ނުވާ މީހުން) ގެ ގާތުގައި ކިޔެވުމަކީ 3 ގޮތަކުން ބަލާއިރު އެދެވިގެންވާ ކަމެއް ނޫނެވެ. 

1.    ތަޢާލާ ބާވައިލެއްވި މި މަތިވެރި ޤުރުއާނާއި މެދު ޢާއްމުންގެ ހިތްތަކުގައި ވަނީ ވަރަށް ޚާއްޞަ ޤަދަރެއްދެވިފައެވެ. އެބައިމީހުންގެ ހިތްތައް ވަނީ އެ ފޮތް މަތިވެރިކުރުމުން ފުރިފައެވެ. މިގޮތަށް ކަންތައް އޮއްވާ އެބައިމީހުންނަށް އެ ޤުރުއާން އެކި އިރު އިރު އެކިގޮތަށް ކިޔެވޭ އަޑު އިވިއްޖެނަމަ އެބައިމީހުންގެ ހިތުގައި އެ ޤުރުއާނަށް ދެވިފައިވާ ޤަދަރުކުޑަވެގެން ހިނގައިދާނެއެވެ. އެހެނީ އެބައިމީހުންނަކީ ދީނީ ޢިލްމު އުނގެނިފައިނުވާ ޢާއްމުން ތަކެކެވެ. އެބައިމީހުންނަށް ޞައްޙަ ޤިރާއަތްތަކާއި ކުށްތައް ވަކިކުރަން ނޭނގޭނެތީއެވެ.

2.    ޢާއްމުންގެ ގާތުގައި ޤިރާއަތްތައް ދަންނަ ޤާރީއަކު ކިޔެވިޔަސް އެމީހުން ތުހުމަތު ކުރާނީ ޤާރީ އަށް ނޭނގި ނުބައިކޮށް ކިޔަނީ ކަމަށެވެ. އެހެނީ އެ ޤާރީ އެކިޔަވަނީ ޢާއްމުން ދަންނަ ޤިރާއަތަކުން ކަމުގައި ނުވާތީއެވެ. މިކަމާހެދި ޢާއްމުން އެމީހުން އެއްވެ އުޅޭތަންތަނުގައިވެސް އެ ޤާރީއެއްގެ ވާހަކަ ދައްކަންފާށައިފާނެއެވެ. 

3.    ޢާއްމުންނަށް އެ ޤާރީ އެކިޔަވަނީ އެހެން ޤިރާއަތަކަށްކަން އެނެގޭތީވެ އޭނާއާއި މެދު ހެޔޮކޮށްހީކޮށްފާނެއެވެ. އޭރުން އޭނާ ކޮންމެ ގޮތަކަށް ކިޔެވިޔަސް އެމީހުން އޭނާއަށް ތަބަޢަވާނެއެވެ. އެހާހިސާބުން ޤާރީއަށް ޤުރުއާން ކިޔެވުމުގައި ކުށެއް ކިއިއްޖެކަމުގައި ވަނީނަމަ އޭނާ އަށް އެކިޔެވުނީ މުސްޙަފުތަކުގައިވާ ޤިރާއަތަކަށްވެސް ނޫނެވެ. އަދި މުތަވާތިރު އެހެން ޤިރާއަތަކަށްވެސް ނޫނެވެ. މިކަމެއް ޢާއްމުންނަކަށް ނޭނގޭނެއެވެ. އެހެންކަމުން މިއީވެސް ރަނގަޅުގޮތެއް ނޫނެވެ. 

މިގޮތުން ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވެފައި ވެއެވެ. ( حدثوا الناس بما يعرفون، أتحبون أن يكذبون الله و رسوله )

މާނައީ: ” މީސްތަކުންނަށް ބުނެދޭއިރު އެބައިމީހުން ދަންނަ ވާހަކައިން އެބައިމީހުންނަށް ބުނެދޭށެވެ. އެބައިމީހުން ދުވަހަކުވެސް އަޑުނާހާފަދަ ބީރައްޓެހިވާހަކައިން ބުނެނުދޭށެވެ. މީސްތަކުން އެބައިމީހުން ﷲ އާއި ރަސޫލާ ދޮގުކުރުމަށް ތިޔަބައި މީހުން ލޯބިކުރަނީތޯއެވެ. " 

އަދި އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.

( إنك لا تحدث قوما حديثا لا تبلغه عقولهم إلا كان لبعضهم فتنة )

މާނައީ: ” ހަމަކަށަވަރުން ތިބާ ބަޔަކަށް އެބައިމީހުންގެ ސިކުންޑިތައް އެހިސާބަށް ފޯރާފައި ނުވާފަދަ ވާހަކައެއް ކިޔައިދީފިނަމަ އެބައިމީހުންގެ ތެރެއިން ބަޔަކު ފިތުނަވެރި ނުވެ ނުދާނެއެވެ." ” 

ޢުމަރު ބުން އަލްޚައްޠާބު ރަޟިޔަﷲޢަންހު އަށް ހިޝާމް ބުން ޙަކީމް، ޢުމަރުގެފާނު އަޑުނާހާގޮތަކަށް އާޔަތެއް ކިޔަވާވިދާޅުވި އަޑުއިވިވަޑައިގެން އެ މައްސަލަ ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ގެންދެވިއެވެ. ދެން ނަބިއްޔާ صلى الله عليه وسلم ހިޝާމް އަށް ދެންނެވިއެވެ. ކިޔަވާށެވެ. ދެން ހިޝާމް ކިޔެވި ހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތި އާޔަތް ބާވައިލެއްވުނީ ތިގޮތަށެވެ. ދެން ޢުމަރުގެފާނަށް ވިދާޅުވިއެވެ. ކަލޭގެފާނުވެސް ކިޔަވާވިދާޅުވާށެވެ. ދެން އެކަލޭގަފާނުވެސް ކިޔަވާވިދާޅުވުމުން ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. "ތި އާޔަތް ތިގޮތަށް ބާވައިލެއްވުނެވެ." އެހެނީ ފަހެ ޤުރުއާން ބާވައިލެއްވިފައި ވަނީ ޢަރަބިންގެ 7 ބަހުރުވައަކުންނެވެ. އަދި ކުރީގައި މީސްތަކުން ޤުރުއާން ކިޔަވަމުން ދިޔައީވެސް އެ ބަހުރުވަތަކުންނެވެ. އެއަށްފަހު ޢުޘްމާން ރަޟިޔަﷲޢަންހު އެއް ބަހުރުވައިގެ މައްޗަށް ޤުރުއާން ޖަމަޢަކުރެއްވިއެވެ. އެއީ މީސްތަކުންގެ މެދުގައި ޤުރުއާންކިޔަވާނެ ރަނގަޅު ގޮތާއިމެދު ޚިޔާލުތާފާތުވުންތައް ގިނަވާން ފެށުމުން އެ ޚިލާފުތައް ބޮޑުވެދާނެކަމުގެ ބިރަށް އެކަލޭގެފާނު ކުރެއްވިކަމެކެވެ. ފަހެ އަކަލޭގެފާނު ޤުރުއާން ޖަމަޢަކުރެއްވީ އެއް ބަހުރުވައިންނެވެ. އެއީ ޤުރައިޝުންގެ ބަހުރުވައިންނެވެ. އެހެނީ ނަބިއްޔާ ޤުރުއާން ބާވައިލެއްވުނީ ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށެވެ. އަދި އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވުނީ ޤުރައިޝުންގެ ތެރެއިންނެވެ. އަދި އެއަށް ފަހު އެހެން ބަހުރުވަތައް މީސްތަކުން ހަނދާންނެތުނެވެ.

ފަހެ ޢުމަރު ރަޟިޔަﷲޢަންހު އެކަލޭގަފާނު އަޑު ނާއްސަވާ ގޮތަކަށް ޤުރުއާން ކިޔެވުމުން ކަންތައް ކުރެއްވި ގޮތަކީ މިއީ ކަމުގައި ވީ އިރު ދީނީ ޢިލްމު ނުދަންން ޢާއްމުންގެ މީހަކަށް މުސްޙަފުގައި މިހާރު ލިޔެވިފައިވާ އެމީހުން ދަސްކޮށްފައިވާ ޤިރާއަތް ފިޔަވައި އެހެން ޤިރާއަތަކަށް ޤުރުއާން ކިޔެވުމުން ވާނެ ގޮތާއި މެދު ތިބާ ވިސްނާލައްވާށެވެ! 

އަށް ޙަމްދުހުއްޓެވެ. ކޮންމެ އިންސާނަކު ހުރިހާ ޤިރާއަތަކުން ޤުރުއާން ކިޔެވުން ވާޖިބުވެގެން ނުވާކަމުގައި ޢިލްމުވެރިން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. އެއްޤިރާއަތުން ކިޔެވިކަމުގައި ވިޔސް ފުދެއެވެ. އެހެންކަމުން ފިތުނަތަކުން ތިޔަބައިމީހުން ދުރުހެލިވާށެވެ. އަދި ފިތުނަތަކަށް މަގުފަހިވާ ސަބަބުތަކުންވެސް ދުރުހެލިވާށެވެ. 

މަތީގައި ބަޔާންވެދިޔަ ދެ އާޔަތުގައި ހިމެނޭ ފާއިދާތައް: 

( ނޯޓު: މި ތާގައި އަލް ޢައްލާމާ މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައި މިވަނީ (صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ) މިއީ 2 އާޔަތް ކަމަށެވެ. އެހެންނަމަވެސް ތިޔަބޭފުޅުންނަށް މުސްޙަފުން ފެންނަން އޮންނާނީ 1 އާޔަތުގެ ގޮތުގައެވެ. ވުމާއެކު އަޅުގަނޑު ބުނެލަން ބޭނުންވާ ވާހަކަ އަކީ އަލްފާތިހާގެ އާޔަތްތަކުގެ ތެރެއިން 2 އާޔަތަކާއި މެދި އިލްމުވެރިން އިޚްތިލާފުވެ ވަޑައިގެންފައިވެއެވެ. އެއީ މުސްޙަފުގައި ފުރަތަމަ އާޔަތްކަމުގައި ފެންނަން އޮންނަ (بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ) އާއި މުސްޙަފުގައި 7 ވަނަ އާޔަތްކަމުގައި ފަހާގަކޮށްފައި އޮންނަ (صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ) އާއި މެދުގައެވެ. ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި އަލްފާތިޙާގެ އާޔަތްތަކުގެ ޢަދަދު 7 ކެވެ. އެހެން ނަމަވެސް ޚިޔާލު ތަފާތުވެފައި ވަނީ 7 އާޔަތް ކަނޑައަޅާނެ ގޮތަކާއިމެދުގައެވެ. ނަމަވެސް މި ފޮތުގައި މި ޚިލާފުތަކުގެ ވާހަކަ ތަފްސީލްކޮށް ޒިކުރުކުރާކަށް އަޅުގަނޑު ނެތީމެވެ.  

އެހެންނަމަވެސް ޢިލްމުވެރިންގެ ރައުޔު ތަކުގެ ތަރެއިން އަލްޢައްލާމާ މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ ބުރަވެވަޑައިގަންނަވާ ރައުޔު ޒިކުރުކޮށްލާނަމެވެ. އެކަލޭގެފާނު ބުރަވެ ވަޑައިގަންނަވާގޮތުގައި (بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ) އަކީ އަލްފާތިޙާގެ ފުރަތަމަ އާޔަތެއް ނޫނެވެ.  އަދި އެއީ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ބާވައިލައްވާފައިވާ މުސްތަޤިއްލު އާޔަތެކެވެ. އަދި އެކަލޭގެފާނު ބުރަވެވަޑައިގަންނަވާ ގޮތުގައި އަލްފާތިޙާގެ ފުރަތަމަ އާޔަތަކީ (الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ) އެވެ.  އަދި 6 ވަނަ އާޔަތަކީ (صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ ) މިއެވެ. އަދި 7 ވަނަ އާޔަތަކީ (غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ) މިއެވެ.  ) 

1.    ޖުމަލްކޮށް ޒިކުރުކުރެއްވުމަށް ފަހު ތަފްސީލްކޮށް ޒިކުރުކުރެއްވުން. މިގޮތުން ﷲ ތަޢާލާގެ ވަޙީބަސްފުޅު (اهدنا الصراط المستقيم) ގައި ޒިކުރު ކުރައްވާފައި ވަނީ ޖުމްލަކޮށް ސީދާވެގެންވާ ތެދުމަގަށް ހިދާޔަތް ދެއްކެވުމަށެވެ. އަދި ( صراط الذين أنعمت عليهم ) މި އާޔަތުގައި ސީދާވެގެންވާ ތެދުމަގަކީ ކޮބައިކަން ތަފްސީލްކޮށް ބަޔާން ވެފައިވެއެވެ. މިގޮތަށް ފުރަތަމަ ޖުމްލަކޮށް ގެންނެވުމަށްފަހު ފަހުން ތަފްސީލްކޮށް ގެންނެވުމުގެ ފާއިދާއެއް ވެއެވެ. އެއީ އެއްޗެއް ޖުމްލަކޮށް ބުނެވިއްޖެ ނަމަ އޭގެ ތަފްސީލަކީ ކޮބައިތޯ ބެލުމަށް ނަފްސު އަވަސްވެގަނެ އެކަމަށް އެދުންވެރިވެއެވެ. އަދި ނަފްސު މި ހާލަތުގައި ވަނިކޮށް އެ އެއްޗެއްގެ ތަފްސީލް އަންނައިރު އެ ތަފްސީލް އެ އަންނަނީ އެ ޤަބޫލްކުރަން ތައްޔާރަށް ހުރި ނަފްސެއްގެ މައްޗަށެވެ. އަދި މިގޮތަށް އައުމުގެ އެހެން ފާއިދާއެއްވެސް ވެއެވެ. އެއީ ﷲ ތައާލާ ނިޢުމަތްދެއްވި މީހުން ވަނީ އެއިލާހުގެ ސީދާވެގެންވާ ތެދުމަގުގެ މަތީގައިކަން އެންގެވުމެވެ. (ނިޢުމަތް ދެއްވެވި މީހުންނަކީ ނިސާ ސޫރަތުގެ 69 ވަނަ އާޔަތުގައި އަންގަވާފައިވާ މީހުންނެވެ. މި އާޔަތް ކުރީގައި ބަޔާންވެ ހިނގައްޖެއެވެ.) 

2.    މި ދެ އާޔަތުގައި ހިމެނޭ ފާއިދާ ތަކުގެ ތެރޭގައި، އެއިލާހު ނިޢުމަތްދެއްވެވި މީހުންނަށް ދެއްވާފައިވާ ހިދާޔަތުގެ ނިޢުމަތަކީ ހަމައެކަނި އެއިލާހުގެ ފަޟުލަވަންތަކަމުން އެއިލާހު ދެއްވާފައިވާ ނިޢުމަތެއްކަން ބާޔާންކޮށް އެ ނިޢުމަތް އެއިލާހަށް ނިސްބަތްކުރުން ހިމެނެއެވެ. 

3.    މީސްތަކުން ތިން ބަޔަކަށް ބެހިގެންވާކަން އެންގެވުން. މިގޮތުން މީސްތަކުން ބެހިގެންވަނީ ﷲ ނިޢުމަތްދެއްވެވި މީހުންނާއި އެބަޔެއްގެ މައްޗަށް ކޯފާލެއްވިގެންވާ މީހުންނާއި މަގުފުރެދިފައިވާ މީހުންނަށެވެ. މި ތިން ބައިގެ ވާހަކާ ކުރީގައި ބަޔާންވެ ހިނގައްޖެއެވެ.ސީދާވެގެންވާ ވާ ތެދުމަގުން ނިކުތުމަށް މެދުވެރިވަނީ ދެ ސަބެބެކެވެ: އެއީ ޖާހިލުކަން ނުވަތަ ނުކިޔަމަންތެރިކަމެވެ. 

ނުކިޔަމަންތެރިކަމުގެ ސަބަބުން ސީދާވެގެންވާ ތެދުމަގުން ނިކުތް މީހުންގެ އެންމެ ކުރީގައިވަނީ ޔަހޫދީންނެވެ. އަދި އެބައި މީހުންގެ ޖާހިލުކަމުގެ ސަބަބުން ނުވަތަ ޙައްޤަކީ ކޮބައިކަން ނޭނގުމުގެ ސަބަބުން ސީދާވެގެންވާ ތެދުމަގުން ނިކުތް މީހުންގެ އެންމެ ކުރީގައިވަނީ ނަޞާރާއިންނެވެ. މިއީ ނަބިއްޔާ صلى الله عليه وسلم ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން ނަޞާރާއިން ވީ ޙާލެވެ. އެހެން ނަމަވެސް އެކަލޭގެފާނުގެ ނަބީކަމާއިގެން ވަޑައިގަތުމަށްފަހު އެބައިމީހުންނަށް ޙައްޤަކީ ކޮބައިކަން އެނގިއްޖެއެވެ. އަދި އެބައިމީހުން ޙައްޤާއި ޚިލާފުވެގަތީއެވެ. ވުމާއެކު އެއަށްފަހު  އެބައި މީހުންނާއި ޔަހޫދީން އެއް ދަރަޖަޔަކަށް އައީއެވެ. އެހަންކަމުން މިދެބައިމީހުންނަކީވެސް އެބަޔެއްގެ މައްޗަށް ކޯފާލެއްވިގެންވާ މީހުންނެވެ. 

4.    މި ދެ އާޔަތުގައި ހިމެނޭ ފާއިދާތަކުގެ ތެރޭގައި ކީރިތި ޤުރުއާނުގެ ބަލާޣާތްތެރިކަން ހިމެނެއެވެ. އެހެނީ ( المغضوب عليهم ) ގައި އައިސްފައި ވަނީ “އެބަޔެއްގެ މައްޗަށް ކޯފާ އިސްކުރެވިގެންވާ މީހުން” މި ފަދައިންނެވެ. “ތިމަން އިލާހު ކޯފާލެއްވި މީހުން” މި ފަދައިންނެއް ނޫނެވެ. މި އިން އަންގައިދެނީ އެބައިމީހުންގެ މައްޗަށް ﷲ ތަޢާލާ އާއި އެއިލާހުގެ ވަލީވެރިންގެ ފަރާތުންވެސް ކޯފާ ހުރިކަމެވެ. 

5.    މި ދެ އާޔަތުގައި ހިމެނޭ ފާއިދާތަކުގެ ތެރޭގައި، އެންމެ ބޮޑު ކަންތައް އެއާއި ޖެހިގެން އަންނަ ބޮޑު ކަމަށްވުރެ އިސްކުރުން ހިމެނެއެވެ. އެހެނީ ﷲ ތަޢާލާ އެވަނީ މަގުފުރެދުނު މީހުންގެ ކުރިން އެބައިމީހުންގެ މައްޗަށް ކޯފާލެއްވުނު މީހުންގެ ވާހަކަ ގެންނަވާފައެވެ. އެހެނީ އެބައިމީހުންގެ މައްޗަށް ކޯފާލެއްވުނު މީހުން ޙައްޤާއި ޚިލާފުވީ މިންވަރު މަގުފުރެދުނު މީހުންނަށްވުރެ މާބޮޑުވެގެންވެއެވެ. އެހެނީ ހައްޤަކީ ކޮބައިކަން އެނގުމަށްފަހު އެއާއި ޚިލާފުވީ މީހުން ޙައްޤަށް ރުޖޫޢަވުމަކީ ނޭނގުމުގެ ސަބަބުން މަގުފުރެދިފައިވާ މީހުން ޙައްޤަށް ރުޖޫޢަވުމަށްވުރެ މާ އުނދަގޫކަމެކެވެ. 

6.    ކޮންމެއަކަސް މި ސޫރަތަކީ ވަރަށް މާތް މަތިވެރި ސޫރަތެކެވެ. އަދި އަޅުގަނޑަށްވެސް އަދި އެހެން މީހަކަށްވެސް މި ސުރަތުގައިވާ އެންމެހާ މަތިވެރި މަޢުނަތައް ފުރިހަމަޔަށް ދެނެގަތުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިއީ ދެލީގެ ތިތްކެކެވެ. (އެބަހީ މަދުމިންވަރެކެވެ.) ފަހެ މި ސޫރަތާއި މެދު އިތުރަށް އެނގެން ބޭނުންވެއްޖެ ބޭފުޅެއްގެ މައްޗަށް ވަނީ އިބްނުލް ޤައްޔިމް ރަޙިމަހުﷲ ގެ مدارج السالكين ފޮތް ކިޔުމެވެ.

- ނިމުނީ -  

- އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު

 


 

 

 

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު