އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލް ޞޢޥ ގެ ސީރަތު: މާތް ޢަޚްލާޤުފުޅު- ދަސްކުރަންޖެހޭ މުހިންމު ފިލާވަޅުތަކެއް!

ރަސޫލް ޞޢޥ ގެ ސީރަތު: މާތް ޢަޚްލާޤުފުޅު- ދަސްކުރަންޖެހޭ މުހިންމު ފިލާވަޅުތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 33 ސިކުންތު

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ މާތް ޢަޚްލާޤުފުޅު 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޤައުމުގެ މީހުންގެ މެދުގައި އެކަލޭގެފާނު މައްޝޫރުވެވަޑައިގެންފައިވަނީ ވަރަށް ހިތްހެޔޮ، އަޚްލާޤުރަނގަޅު މާތް ބޭކަލެއްގެ ގޮތުގައެވެ. ދީލާތިކަމުގެ ގޮތުން އަރާހުންނެވި ބޭކަލެއްގެ ގޮތުގައެވެ. އަދި މުރޫއަތްތެރިކަމުގެ ގޮތުންވެސް އަރާހުންނެވި ބޭކަލެއްގެ ގޮތުގައެވެ. އަދި ކެތްތެރިކަމާއި ރުޅިމަޑުކަމުގެ ގޮތުންވެސް ފާހަގަކޮށްލެވޭ ބޭކަލެއްގެގޮތުގައެވެ. އަވަށްޓެރިންނަށް ކަމޭހިއްތަވާ ބޭކަލެއްގެގޮތުގައެވެ. 

އަދި އެކަލޭގެފަނު ފާހަގަކުރެވިފައިވަނީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ބޭކަލެއްގެ ގޮތުގައެވެ. ބަސްބުނުމުގައި އެންމެ ތެދުވެރި ކަލޭގެފާނުގެ ގޮތުގައެވެ. އަދި މާފުކުރުމުގައި އަރާހުންނެވި ބޭކަލެއްގެ ގޮތުގައެވެ. ޞަދަޤާތް ކުރެއްވުންވެސް ގިނަ ބޭކަލެއްގެ ގޮތުގައެވެ. އަދި ޢަމަލު ތަކުގައި އެންމެ ކިޔަމަންތެރި ބޭކަލެއްގެ ގޮތުގައެވެ. އަދި ޢަހްދަށް ވަފާތެރިބޭކަލެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނަކީ އާމާނާތްތެރިވުމުގެ ލާމަޘީލް މިޘާލެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ޤައުމުގެ އަހުލުވެރިން އެކަލޭގެފާނަށް އަލްއަމީން (އަމާނާތްތެރިޔާ)ގެ ލަޤަބު ދިނެވެ. 

އެކަލޭގެފާނުގެ މާތް އަޚްލާޤުފުޅަށް އަޅުގަނޑުމެން ބަލާލާއިރު އެކަލޭގެފާނަކީ އިންސާނުންގެ ތެރެއިން ހުރިހާ ގޮތަކުންވެސް އެންމެ ދީލަތި ކަލޭގެފާނުކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. އަދި އެކަލޭގެފާނަކީ އިންސާނުންގެ ތެރެއިން އެންމެ މަތިވެރި ހުރިހާ އިންސާނުންގެ ސާޙިބާކަމާއި އަދި އެންމެ ރަނގަޅަށް ކަންތައްތައް އެނގިލައްވާ، އެންމެ ހިއްވަރުފުޅުގަދަ އަދި އެންމެހާ އޯގާތެރި ސިފަތަކެއް އެންމެ ފުރިހަމަޔަށް ލިބިވަޑައިގެންހުންނެވި ކަލޭގެފާނެވެ. އެކަލޭގެފާނުގެ ދީލަތިކަމުގެ ތެރޭގައި ހުރިހާ ވައްތަރެއްގެ ދީލަތިކަމެއް ހިމެނިގެން ވެއެވެ. 

މިގޮތުން ލާރީގެ ގޮތުން ދީލަތިވެވަޑައިގެންނެވިއެވެ. އަދި ﷲ އަށްޓކައި އެކަލޭގެފާނުގެ ނަފްސުފުޅުން ދީލަތިވެވަޑައިގެންނެވިއެވެ. ﷲ ތަޢާލާގެ ދީން ފެތުރުއްވުމަށްޓަކައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމަކާއި ޘާބިތުކަމާއިއެކު ކުރިމަތިލެއްވިއެވެ. މިގޮތުން ﷲ ގެ އަޅުން ޙައްޤު ދީނާއި ދިމާލަށް އެނބުރުއްވުމަށްޓަކައި އެބައިމީހުންނަށް ފައިދާހުރި އެކިއެކި ކަންތައްތައް އެކަލޭގެފާނު ކުރެއްވިއެވެ. އެކަލޭގެފާނު އެބައިމީހުންގެ ފަޤީރުންނަށް ކާންދީ އުޅުއްވިއެވެ. އަދި އެބައިމީހުންގެ ޖާހިލުންނަށް ވަޢްޟު ނަޞޭޙަތް އިއްވައި އިޞްލާޙުވޭތޯ މަސައްކަތްކުރެއްވިއެވެ.  

އަދި މީސްތަކުންގެ އެކިއެކި ޙާޖަތްތައް ފުއްދައިދެއްވުމުގައި އެކަލޭގެފާނު ދެމިހުންނެވިއެވެ. އެކަލޭގެފާނު  މީސްތަކުންގެތޭރޭގައި ދިރިއުޅުއްވާން ފެއްޓެވީއްސުރެ އެކަލޭގެފާނު އެބައިމީހުންނާއި މުޢާމާލާއްކުރެއްވީ މިފަދަ އޯގާވެރި މާތް ޢަޚްލާޤުންނެވެ. މިކަމަށް ޚަދީޖާ ރަޟިޔަﷲ ޢަންހާގެ މި ބަސްފުޅުން ހެކިލިބެއެވެ. އެކަމަނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި މުޚާޠަބު ކުރައްވައި ވިދާޅުވެފައިވެއެވެ. ” ﷲ ގަންދީ ބުނަމެވެ. ދުވަހަކުވެސް ﷲ، ކަލޭގެފާނަށް އިހާނެތިގޮތެއް މެދުވެރިނުކުރައްވާނެއެވެ. ހަމަކަށަވަރުން ކަލޭގެފާނު ރަޙިމުގެ ގުޅުން ދަމަހައްޓަވަމުއެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނު މެހުމާނުންނަށް ކަމޭހިއްތަވަމުއެވެ. އަދި ޔަތީމުންނާއި އަޅާލައްވަމުއެވެ. އަދި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވަމުއެވެ. އަދި ކަލޭގެފާނު ޙައްޤާއި އެއްކޮޅުވާބަޔަކަށް އެހީތެރިވަމުއެވެ." މިއީ ރަސޫލު ކަމާއިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ ކިބައިގައިހުރި މާތް ސިފަތަކެވެ. އަދި ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު މިސިފަތައް އިތުރުވެ ފުރިހަމަވެގެންދިޔައެވެ. 

މަސްރޫރު ބުން މުޚްރަމަތު ބުނެފައިވެއެވެ: "ތިމަންގެ މަންމަފަރާތު ބޮޑުބޭބޭއެއްކަމުގައި އަބޫޖަހުލު ވީއިރު ތިމަން އޭނާޔަށް ބުނީމެވެ. އޭ ބޮޑުބޭބެއެވެ! މުޙައްމަދުގެފާނު އެކަލޭގެފާނުގެ ގޮވާލެއްވުމާއިގެން ވަޑައިގެންނެވުމުގެ ކުރިން ތިޔަބައިމީހުން އެކަލޭގެފާނަކީ ދޮގުވެރިއެއްކަމުގައި ތުހުމަތު ކުރައްވަންތޯއެވެ؟ ދެން އަބޫ ޖަހުލު ބުންޏެވެ. އޭ ތިމަންގެ އުޚްތުގެ ދަރިޔާއެވެ! ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން މުޙައްމަދުގެފާނަކީ ޒުވާނެއްކަމުގައި ވީއިރު ތިމަންމެންގެ ތެރޭގައި އެކަލޭގެފާނަށް ގޮވައިއުޅެނީ އަލްއަމީން(އަމާނާތްތެރިޔާ)ގެ ނަމުންނެވެ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅު ނުރަވީއިރުވެސް އެކަލޭގެފާނަކީ ދޮގުހައްދަވާ ބޭކަލަކު ކަމުގައިނުވެއެވެ. ތިމަން ދެންނެވީމެވެ: އޭ ބޮޑުބޭބެއެވެ! ދެން ބޮޑުބޭބެ އެކަލޭގެފާނަށް ތަބާނުވީ ކީއްވެގެންތޯއެވެ؟ 

އަބޫ ޖަހުލު ބުންޏެވެ. އޭ ތިމަންގެ އުޚްތާގެ ދަރިއެވެ! ތިމަންމެންނާއި ބަނޫހާޝިމްހެ ގެ ދަރިންނާއި ޝަރަފުވެރިކަމުގެ ގޮތުން ޚިލާފުއުފެދުނީއެވެ. ފަހެ އެބައިމީހުންވެސް ކާންދިނެވެ. އަދި އަހަރެމެންވެސް ކާންދިނީމެވެ. އަދި އެބައިމީހުން ފެންބޯން ދިނެވެ. އަދި އަހަރެމެންވެސް ފެންބޯންދިނީމެވެ. އެބައިމީހުން އަމާންދީ އުޅުނެވެ. އަހަރެމެންވެސް އަމާންދީއުޅުނީމެވެ. އަދި އެއްޗަކަށް ސަވާރުވެއްޖެނަމަ ތިމަންމެންނާއި އެބައިމީހުން ވީ، ކުޑަކުޑަކޮށް ކުރިއަރަ ފަސްވެ ކުރިއަރައި ފަސްވާ ދެ އަސް ފަދައިންނެވެ.  

ދެން ބަނޫހާޝިމްގެ ދަރިން ބުންޏެވެ. "ތިމަންމެންގެ ތެރެއިން ނަބިއްޔަކު އެބަހުއްޓެވެ. ފަހެ އަހަރެމެނަށް މިފަދައިން ނަބިއްޔަކު ގެނެވޭނީ ކޮންއިރަކުތޯއެވެ؟" އަބޫޖަހުލުގެ މިބަސްތަކަށް ރައްދުދެއްވައި ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. 

(اللهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُ ) (سورة الأنعام 124) މާނައީ:  ” ﷲ، އެކަލާނގެ ރަސޫލުކަން ދެއްވާނެ މީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. “ 

- އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު