އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނީސާތަކުގެ ފިރިހެނުން އަންހެނުންނާމެދު ދެކެމުން އައިސްފައިވާ ގޮތް

ކަނީސާތަކުގެ ފިރިހެނުން އަންހެނުންނާމެދު ދެކެމުން އައިސްފައިވާ ގޮތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 6 ސިކުންތު

ކަނީސާތަކުގެ ފިރިހެނުން ދެކެމުން އައި ގޮތުގައި އަންހެނުންނަކީ އިންސާނާގެ ނަފުސުގެ ތެރެއަށް ޝައިޠާނާ ވަންނަ މަގެކެވެ. އަދި އަންހެނުންގެ ކިބައިން ވަނީ ގެއްލުމާއި ހަލާކުކަމުގައި އެބައިމީހުން ދެކެއެވެ. އަދި އަންހެނުންނަކީ އޭގެ ޒާތުގައި ޝައިޠާނުން ކަމުގައިވެސް އެބައިމީހުން ޤަބޫލުކޮށް އުޅުނެވެ. 

ފާދިރީ ކްރިސްޓޮމް އަންހެނުންނާމެދު ބުނެފައިވެއެވެ. "އަންހެނުންނަކީ އެބައިމީހުންގެ ފަރާތުން ގެއްލުމާއި ހަލާކުވާ ބަޔެކެވެ. ޠަބީޢަތުގައިވެސް ހެއްލުންތެރި ބައެކެވެ. އަދި އެބައިމީހުންގެ ކިބައިން ކާރިސާއެއް ކުރިމަތިވުން އެދެވިގެންވާ ބަޔެކެވެ. އަދި ގެތަކަށް ހުރި ނުރައްކަލެކެވެ. އަދި ވޭންހުރި ފިތުނައެކެވެ. އަދި ފޮރުވިގެންވާ ނުބައިކަމެކެވެ."

[1]

ފާދިރީ ޓާރޓަލިއަން ބުނެފައި ވެއެވެ. "އެއީ އިންސާނާގެ ނަފުސުގެ ތެރެއަށް ޝައިޠާނާ ވަންނަ މަގެކެވެ. އިލާހީ ޤާނޫނާ ފުށޫއަރާ، އަދި އިލާހުގެ ސޫރަކަމަށްވާ ފިރިހެނުންގެ ސޫރައަށް އައިސްފައިވާ އުނިކަމެކެވެ."

[2]

ފާދިރީ ބުނަވެންޗަރ އޭނާގެ ދަރިވަރުންނަށް ކިޔައިދީފައިވެއެވެ. "ތިޔަބައިމީހުންނަށް އަންހެނަކު ފެނިއްޖެކަމުގައިވާނަމަ، ތިޔަބައިމީހުންނަށް އިންސާނަކު ފެނުނުކަމުގައި ނުދެކޭށެވެ. އެހެނެއްކަމަކު އެއީ ވަޙްޝީސޫފި (ވަލުޖަނަވާރު) އެކެވެ. ހަމަކަށަވަރުން ތިޔަބައިމީހުނަށް އެ ފެންނަނީ ޝައިޠާނާއެވެ." [3]

އިޓަލީގެ ފަލްސަފާވެރިއެއްކަމަށްވާ ތޯމަސް އެކުއިނަސް ފިރިހެނުންނާ އަޅާ ކިޔާ އަންހެނުން ސިފަކޮށްފައިވަނީ އެއީ އުނި ފިރިހެނުން ކަމުގައެވެ. އެހެންކަމަށް އޭނާ ދެކެނީ އިންސާނުން މިން ކުރުމުގައި އެންމެ ފުރިހަމަކަމަށް މިންކުރެވޭ މިސާލަކީ ފިރިހެނުންކަމުގައި ދެކޭތީއެވެ. 

އަދި މި ވަރުންވެސް ފުދުނީކީ ނޫނެވެ. މިއަށްފަހު މީލާދީން 586 ވަނަ އަހަރު، އަންހެނުންނަކީ އިންސާނުން ތޯ އަދި އަންހެނުންގެ ރޫޙެއް ވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް މަޝްވަރާގެ ބައްދަލުވުމެއް ފަރަންސޭސިވިލާތުގެ ނަޞާރާއިން ބޭއްވިއެވެ. ބައްދަލުވުމަށް ފަހުގައި ކަނޑައެޅުނީ އަންހެނުންނަކީ އުނި، އައިބު ރޫޙެއްވާ އިންސާނުން ކަމަށެވެ. އަދި ކާމިޔާބު ލިބިގެންވާ (ނަރަކައިގެ ޢަޒާބުން ރައްކާތެރިވެގެންވާ) ރޫޙެއް ލިބިގެން ނުވާކަމަށެވެ. އެބައިމީހުން މަރްޔަމުގެފާނު މިކަމުން އިސްތިސްނާ ކުރެއެވެ. އެއީ ޢީސާ عليه السلام ގެ މަންމާފުޅަށް ވީތީއެވެ. ހަމައެއާއެކު އަންހެނުން ޚަލްޤު ކުރެއްވުނީ ހަމައެކަނި ފިރިހެނުންނަށް ޚިދުމަތް ކުރުމަށްކަމަށްވެސް ކަނޑައެޅުނެވެ.

އަދި ހަމައެހެންވެ ފާފަތަކުގެ ނަތީޖާތައް ތަފްސީރުކޮށްދިނުމުގައި ކަނީސާތަކުން ބުނެއެވެ. "ހަމަކަށަވަރުން އަންހެނުން ފިރިހެނުންނާ އެކުވެގެންވެސް އަދި ހަމަހަމަވެގެންވެސް ނުވެއެވެ. އެހެނެއްކަމަކު އެބައިމީހުން ވެގެންވަނީ ފިރިހެނުންނަށް ހުރި ފިތުނައެއްކަމުގައެވެ. ފިރިހެނުންގެ އަޅުވެތިކަމުގައި އަންހެނުން ގެންގުޅެނީ އޭނާއަށް ދަރިފަސްކޮޅެއް އުފަންކުރުމަށެވެ.” މި ޢިބާރާތުގައި އެއް ވަޖުހުން ފާފަތަކުގެ ވާހަކަ ދެކެވޭއިރު އަނެއް ވަޖުހުން ދެކެވިފައިވަނީ އަންހެނުންނާ ފިރިހެނުން ހަމަހަމަވެގެން ނުވާ ކަމެވެ. އެއަށްފަހު ފިރިހެނުންގެ އެދުންވެރިކަމުގެ ނަޒަރުން އަންހެނުންނާ މެދު ޢަމަލުކުރުން ސިފަކޮށްފައިވަނީ އަޅުންފަދައިންނެވެ. އަދި ފިރިހެނުންގެ އެދުންތައް ފުއްދައިދިނުމާއި އޭނާގެ ދަރިފަސްކޮޅު އުފަންކުރުން ނޫން ވަޒީފާއެއް އަންހެނާއަށް ނުވާކަމެވެ." 

މި އެންމެހާ ކަންކަމަށް ނަޒަރު ހިންގާލާއިރު އެނގިގެންދަނީ ހުޅަނގުގައި އުފެދިގެން ދިޔަ އަންހެނުންގެ މިނިވަންކަމުގެ ޙަރަކާތަކީ އެމީހުންނަށް ކުރިމަތި ކުރުވަމުން ދިޔަ އަނިޔާވެރިކަމާ ގުޅިގެން އުފެދިގެން އައި ޠަބީޢީ ހަރަކާތެއްކަމެވެ. އެހެން ނަމަވެސް އެ ސިފައިގައި ފެށުނު ޙަރަކާތްވަނީ އެއް އަނިޔާވެރިކަމުން އަނެއް އަނިޔާވެރިކަމަށް ބަދަލުވެގެން ގޮސްފައެވެ. އެހެނީ ފުރަތަމަ އަނިޔާވެރިކަމަކީ އެ ކުރިމަތިވަމުން ދިޔަ އަނިޔާތަކުގެ ގަދަފަދަ ކަމާއެކުވެސް، އަންހެނާގެ ޠަބީޢަތާއި އޭނާގެ އަސާސީ ވަޒީފާއިން ބޭރުވެގެން ނުވާ ކަމެކެވެ. އެހެނެއްކަމަކު އެކަން ބަދަލުވެގެން ދިޔަދިޔުމުގައި، ގޮވާލާ ގިނަ ގޮވާލުންތަކުން ސިފަވެގެން ދަނީ އަންހެނުންގެ އަމިއްލަ ފިޠުރަތާއި ޠަބީޢަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދާ މަންޒަރެވެ! 

- ނުނިމޭ

- އައްޝައިޚް ޙަސަން ޒިޔާން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު