އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބީ ރައީސްގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށް ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން: ކާނަލް ނާޒިމް

އިންތިޚާބީ ރައީސްގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށް ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން: ކާނަލް ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 5 އަހަރު، އެމަނިކުފާނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ދެއްވައިފިއެވެ.

 

ކާނަލް ނާޒިމް މިމޭރުމުން ވިދާޅުވީ ބޭސްފަރުވާއަށް މެލޭސިޔާގައި ހުންނެވުމަށްފަހު އެނބުރި ރާއްޖެވަޑައިގެން މިރޭ އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނަސް މައުލޫމާތު ދެއްވަމުންނެވެ.

 

ކާނަލް ނާޒިމް މިރޭ ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ދިފާޢުކޮށް ދަމަހައްޓަން ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

 

ކާނަލް ނާޒިމް ވިދާޅުވީ އެމަނިކުފާނު ފްރޭމްކުރި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ކުރެވެން ޖެހޭނެ ކަމަށާއި އެމަނިކުފާނު ފްރޭމްކުރުމުގައި ރައީސް ޔާމީނާއި އެއިރުގެ ސީޕީ ޙުސައިން ވަޙީދުގެ ބައިވެރިވުން ވަރަށް ބޮޑު ކަމަށެވެ. އަދި އެއީ އެދެބޭފުޅުންގެ ފުރިހަމަ ބައިވެރިވުން އޮވެގެން ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. "އަޅުގަނޑު އަބަދުވެސް ދަންނަވަމުން އަންނަ ފަދައިން ޑިފެންސް މިނިސްޓަރުގެ ގެއަށް ރޭގަނޑު ދަންވަރު އެގޮތަކަސް ފުލުހުންނަކަށް ނުވަދެވޭނެ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ނެތި."

 

ކާނަލް ނާޒިމް ވިދާޅުވީ މި މައްސަލަ ނުބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު ނުއަޅައި ދޫކޮށްލައިފި ނަމަ އެފަދަ ޖަރީމާތައް ދާނީ ތަކުރާރުވަމުން ކަމަށާއި ރައްޔިތުންގެ އެއްވެސް މީހަކަށް އެއްވެސް ސަލާމަތް ކަމެއް ނުލިބޭނެ ކަމަށެވެ.

 

ނާޒިމް ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުން ވޯޓުނުލި ސަބަބަކީ ދިވެހިންނަކީ އެއްވެސް އިރެއްގައި ވައްކަން ކުރުމަށާއި އަނިޔާވެރިވުމަށާއި ޖަރީމާ ހިންގަން ތާއީދުކުރާ ބައަކަށް ނުވާތީ ކަމަށާއި ދިވެހިންނަކީ އަބަދުވެސް ޞުލްހަވެރިކަމަށާއި އިންޞާފަށް ލޯބިކުރާ ބައަކަށްވާތީ އަދި ވައްކަން ކުރުމާ ދެކޮޅު ބައަކަށްވާތީ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ޖީބަށް ލުއި، އަމާން ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިވެފައި އޮތުން ކަމަށެވެ.

 

ނާޒިމް ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރުމާއިއެކު އެމަނިކުފާނު މިނިވަންކުރުމަށް ކޯލިޝަނުގެ 4 ލީޑަރުން މަސައްކަތް ކުރައްވަން ފެށްޓެވި ކަމަށާއި 4 ލީޑަރުންނަށްވެސް ޖެހިވަޑައިގަތީ ޖަލަށް ވަޑައިގަންނަވަން ކަމަށެވެ. "އަޅުގަނޑާއިމެދު ކަންތައްތައް ކުރިގޮތުން އަޅުގަނޑު ފުރަތަމަ ދުވަހުވެސް ދެންނެވިން އެއްވެސް ދިވެހި ރައްޔިތަކަށް ރައީސް ޔާމީނުގެ ވެރިކަމުގަ މިޤައުމުގަ އެއްވެސް ވަރަކަށް ސަލާމަތްކަމެއް ނެތޭ."

 

ކާނަލް ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ޢާއިލާއިން އެމަނިކުފާނު ސަލާމަތްކުރުމަށްޓަކައި، މިނިވަންކުރުމަށްޓަކައި ވަރުބަލި ކަމެއް ނެތި ވަރަށް ވަރުގަދަ ހިތްވަރާއިއެކު މަސައްކަތްތަކެއް ކުރި ކަމަށެވެ. "އަޅުގަނޑުގެ އަންހެނުންނާއި ކޮއްކޮ (އާދަމް ޢާޒިމް) ވަނީ ނަމޫނާ މަސައްކަތްތްކެއް ކޮށްފަ. އަންހެނުންވަނީ ލިބުނު ހުރިހާ ފުރުޞަތުތަކެއްގައި އަޅުގަނޑާއި ބައްދަލުކޮށްފަ. ޢާއިލާގެ އެންމެންވެސް މަސައްކަތްކުރި، އެންމެންގެ ނަން ކިޔުމަކީ ފަސޭހަކަމެއް ނޫން. ރާއްޖޭގަ އާއި ރާއްޖެއިން ބޭރުގައި ވެސް ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ." ކަމަށް ވިދާޅުވެ އެމަނިކުފާނު މިނިވަންކުރުމަށް މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ކާނަލް ނާޒިމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

 

ކާނަލް ނާޒިމްގެ ވާހަކަފުޅު (އޯޑިއޯ):

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް