އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ގެ މޯގޭޖްކޮށް ލޯނު ހޯދައިދޭ، ހުސްގަނޑުގަ ސޮއިކޮށްދޭ އަނބިންނަށް ވަރަށް މުހިންމު ވާހަކައެއް! ހަދިޔާއަކަށް ޖަލަށް ފޮނުވާލި އަންތބަކު ބަދަލުހިފިގޮތުގެ ވާހަކަ-

މިއީ ގެ މޯގޭޖްކޮށް ލޯނު ހޯދައިދޭ، ހުސްގަނޑުގަ ސޮއިކޮށްދޭ އަނބިންނަށް ވަރަށް މުހިންމު ވާހަކައެއް! ހަދިޔާއަކަށް ޖަލަށް ފޮނުވާލި އަންތބަކު ބަދަލުހިފިގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 17 ސިކުންތު

އަޅުގަނޑުމެން ކައިވެނީކުރީ ވަޒީފާއަދާކުރަމުންނެވެ. ދެމީހުންގެ މަސައްކަތުން ފައިސާކޮޅެއް ޖަމާކޮށްގެން އަމިއްލަ ވިޔަފާރިއެއް ފެށީމެވެ. އަޅުގަނޑުގެ ގެ މޯގޭޖްކޮށް ލޯނެއް ނަގައި އެފައިސާވެސް ބޭނުންކޮށްގެންނެވެ. އެވިޔަފާރިއައީ ކުރިއަރަމުންނެވެ. ދެން ފެނުނީ ފިރިމީހާ އަމިއްލައަށް ވިޔަފާރިއެއް ފަށައި ވަރަށް ބާރަށް އެވިޔަފާރިކުރިއަރަންފެށިތަނެވެ. ދުވަސްކޮޅަކުން އޭނާގެ ހުރިހާ ސަމާލުކަމެއް އޭނާގެ އަމިއްލަ ވިޔަފާރިއަށް ދޭން ފަށައިފިއެވެ. 

އަޅައެއް ނުލަމެވެ. އޭނާ ބޭނުންވާ ގޮތަކަށް ކަންކަންކުރަން ދޫކޮށްލައިގެންހުރީއެވެ. އަހަރެއްހައި ދުވަސްވީތަނާ ފުލުހުން އައިސް އަހަރެން ހައްޔަރުކޮށްފިއެވެ. އަހަރެން ބޮޑެތި ޚިޔާނާތްތަކެއްވެފައިވާކަމުގެ ކުށުގައެވެ. އެކަމުގެ ހެއްކަކަށް ފުލުހުން ދެއްކި ލިޔުންތަކުގައިވަނީ އަޅުގަނޑުގެ ސޮޔެވެ. ނަމަވެސް އެއީ އަޅުގަނޑުކޮށްފައިވާ މުޢާމަލާތުތަކެއް ނޫނެވެ. ފިރިމީހާ އަޅުގަނޑަށް އަންގައިވެސް ނުލާ ކޮށްފައިވާ މުޢާމަލާތުތަކެކެވެ. އަޅުގަނޑުލައްވައި ހުސްގަނޑުތަކެއްގައި ސޮއިކުރުވައިގެންނެވެ. 

ފިރިމީހާ ބުނީ އެކަން އެހެންކުރީ ކުއްލިއަކަށް ފައިސާ ބޭނުންވެގެން ކަމަށާއި އަޅުގަނޑަކީ އަންހެނަކަށްވެފައި ކުޑަކުއްޖެއްގެ މަންމަ ވީމާ ޖަލަށް ނުލާނެތީ ކަމަށެވެ. ފިރިމީހާ އެހެންބުނި ނަމަވެސް އަޅުގަނޑުގެ މައްޗަށް 10 އަހަރު ދުވަހުގެ ޙުކުމެއް އިއްވައި ޖަލުގައި ބަންދުކުރިއެވެ. ކުޑަ ދަރިފުޅަކު ހުންނަ ވާހަކަ ބުނުމުން ބުނީ ދަރިފުޅާއިމެދު ވިސްނާ މައިން ޚިޔާނާތްތެރިނުވާނެ ކަމަށެވެ. އެދުވަހު އަޅުގަނޑު ފިރިމީހާގެ ކިބައިން އެދުނީ އެންމެ ކަމަކަށެވެ. އެއީ ލިބިފައިވާ ދަރިފުޅަށް ދެރަގޮތެއް ނުހަދައި ބަލަހައްޓައިދިނުމެވެ. އިތުރު އެއްވެސް ކަމަކު ނުއެދެމެވެ. 

ޖަލުގައި އަޅުގަނޑު 6 އަހަރު ދުވަސް ހޭދަކުރިތަނާ މިނިވަންކޮށްދީފިއެވެ. 4 އަހަރުވަންދެން އެއްވެސް ކުށެއް ނުކޮށް ހުރުން ޝަރުޠުކޮށެވެ. މިނިވަންވުމުން ޓެކްސީއެއްގައި ގެއަށް ދިއުމުން އެނގުނީ ފިރިމީހާ އަޅުގަނޑު ވަރިކޮށްފައި އެހެން މީހަކާއި ކައިވެނިކޮށްގެން ގޭގައި އުޅޭކަމެވެ.  

އަޅައެއް ނުލަމެވެ. ގޭގައި އުޅެންފެށީމެވެ. އެމީހުންވެސް އުޅެއެވެ. އެމީހުން ބޭރުކޮށްނުލީ ވަރަށް ބޮޑު މަޤްޞަދެއް އޮތުމުންނެވެ. އެއީ ފިރިމީހާގެ ޙަޤީޤަތް ހޯދުމެވެ. އޭނާގެ އަމިއްލަ ވިޔަފާރި އެހައިބާރަށް ކުރިއެރި ސަބަބާއި އަޅުގަނޑަށް އެހައި ބޮޑު ލަނޑެއް ދިން ސަބަބެވެ. 

ލިބޭ ފުރުޞަތުތަކުގައި ގޭގެ ތަންތަންތަން ބަލަމުން ދަނިކޮށް ގުދަނުގައި ފޮރުވާފައި ހުރި ކުޑަވަރެއްގެ ތިޖޫރީއެއް ފެނުނެވެ. ތަޖުރިބާކާރު މީހަކު ގެނެސްގެން ތަޅުހުޅުވައި ބެލިއިރު އޭގައި ވަރަށް ގިނަ ލިޔުންތައް ހުއްޓެވެ. އެލިޔުންތަކަކީ އެކިފަހަރުމަތިން އެކިއެކި ކުންފުނިތަކަށް ފިރިމީހާ ހަދާފައިވާ މަކަރުތަކުގެ ލިޔުންތަކެވެ. އެއިގެ ތެރޭގައި އަޅުގަނޑު ބައްދާލަން ބޭނުންކުރި ލިޔުންތަކުގެ އަޞްލުވެސް ހުއްޓެވެ. 

އެރޭ ފިރިމީހާ އާއި އޭނާގެ އަނބިމީހާ ގެއަށް އައުމުން ސިއްރުން ފުލުހުންނަށް ގުޅައިގެން ގެނެސް ތިޖޫރީ ދެއްކީމެވެ. އަދި އޭގައި ހުރި ލިޔުންތައް ބަލައިފިނަމަ ބަލަންޖެހޭ ވަރަށް ގިނަ މައްސަލަތައް ހުންނާނެކަމަށްވެސް ބުނީމެވެ. 

ފިރިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ވަޅިއެއް ހިފައިގެން އައިސް ދިމާކުރީ އަޅުގަނޑުގެ ގައަށް ވަޅިހަރާށެވެ. އޭނާގެ ޢަމަލާއި ގުޅިގެން ވަގުތުން އޭނާ ހައްޔަރުކުރިއެވެ. ފުލުހުން އޭނާ ލައްވައި ތިޖޫރީ ހުޅުވައި ލިޔުންތައް ނަގައިގެން ބެލުމަށްފަހު ދިއައީ އޭނާގެ އަނބިމީހާވެސް ގޮވައިގެންނެވެ. އެއީ އެވައްކަންތައް ކޮށްފައިވަނީ ދެ މީހުން ގުޅިގެންކަމަށް ތުހުމަތުކުރެވުމުންނެވެ.

ތަޙްޤީޤަށްފަހު ދެމީހުންގެ މައްޗަށް ބޮޑު ޙުކުމެއް އިއްވިއެވެ. ކޮންމެ މީހަކު 32 އަހަރަށް ޖަލަށް ލުމަށެވެ. ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުދޭން އޭނާގެ ކުންފުނި ވިއްކާލުމަށާއި އެކައުންޓުތަކުގައި ހުރި ހުރިހާ ފައިސާއެއް ނެގުމަށްވެސް ޙުކުމްކުރިއެވެ. އަޅުގަނޑަށް ދިން އަނިޔާއަށްވެސް ބަދަލުހޯދައިދިނެވެ. 

ޢުމުރުން 7 އަހަރު ގެއްލިގެންދިއައީއެވެ. 6 އަަހަރު ޖަލުގައި ހޭދަކުރަންވެސް ޖެހުނީއެވެ. އެއަނިޔާތަކަށް ފުރިހަމަ ބަދަލެއް ފައިސާއަކުން ނުދެވޭނެއެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ލިބުނު ފައިސާ ބޭނުންކޮށްގެން އަލުން ވިޔަފާރިއެއް ފެށީމެވެ. އެކަކު ދެރައެއް ދިނީތީ މުޅި އުމުރު ހުހަށް ހުރުމަކީ ބުއްދިވެރިކަމަކަށްނުވާތީ ދެވަނަ ކައިވެނިކުރީމެވެ. ގެންގުޅުނު ވަރަށް އާދައިގެ މުވައްޒިފަކާއިއެވެ. 

އޭނާވީ ވަރަށް ހެޔޮލަފާ މީހަކަށެވެ. އޭނާގެ ކަންކަން ޔަޤީންކުރެވުމުން އިތުބާރުކޮށް ކުންފުނީގެ އިސް މަޤާމަކާއި ޙިއްޞާއެއްވެސް ދިނީމެވެ. ނަމަވެސް ކަންކަން ނިންމުމުގެ ބާރެއް ނުދެމެވެ. އެކައުންތްތަކުގައި އެކަނި ސޮއިކުރުމުގެ ހުއްދައެއްވެސް ނުދެމެވެ. އެކަންކަން ދެން ދުވަހަކުވެސް ނުކުރާނަމެވެ. އަޅުގަނޑުމެންގެ ކުންފުންޏަކީ މިހާރު ހަމަ އެންމެ ކާމިޔާބުކަމާއިއެކު ބާރަށް ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. 

އަހަރެންފަދަ ހުރިހާ އަންހެނުންނަށް ބުނަން އޮތީ ފިރިމީހާއަށް ކިތަންމެ ބޮޑަށް އިތުބާރުކުރެވުނު ނަމަވެސް "ބްލައިންޑް ނުވާށެވެ! ބްލޭންކް ސިގްނޭޗަރ ނުދޭށެވެ!" ފިރިންކުރަން ބޭނުންވާ ކޮންމެ ކަމަކަށް ދީލައިނުލާށެވެ. ފާރަވެރިވާށެވެ! ކިތަންމެ ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ. ނަމަނަމަ ހުސްގަނޑުގައި ސޮއިކޮށްފައި ނުދޭށެވެ. ކިތަންމެ ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ. ގިނަވާނީ އަހަރެންގެ ކުރީގެ ފިރިމީހާ ފަދަ މަކަރުވެރި، އަނިޔާވެރި، އެއްވެސް ރަޙުމެއް ނެތް ފިރިހެނުންކަމަށް ވިސްނައިގެން ދިރިއުޅޭށެވެ.  

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ އަމިއްލަ ގެ މޯގޭޖްކޮށް ފިރިމީހާއަށް ލޯނު ނަގައިދިނުމުން ޙާލުގައި ޖެހުނު ކިތަންމެ އަންހެނުންނެއްގެ ކަންކަން އަޅުގަނޑަށް އެނގޭތީއެވެ. އަޅުގަނޑަކީ ލޯޔަރަކަށްވުމުން މިފަދަ އެތައް މައްސަލައެއްގައި ވަކާލާތުކޮށްދިނުމުގެ ފުރުޞަތު ލިބިފައިވާތީއެވެ. އެތައް އަންހެނުންނަކަށް ޝަރުޢީ ލިޔުންތައްވެސް ތައްޔާރުކޮށްދީފައިވާތީ އަންހެނުން ހޭލުންތެރިކުރުވުމަށެވެ. 

ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ދެމްފިރިންގެ ނަމުގައި އެކައުންޓް ހުޅުވައި ފައިސާ ޖަމާކުރުމަށްފަހު އަނބިމީހާ ލައްވައި ހުސްގަނޑުގައި ސޮއިކުރުވައި އޭނާއަށް ވަގަށް އެއެކައުންޓް ފިރިމީހާއަށް އެކަނި އޮޕަރޭތްކުރެވޭގޮތް ހަދައި ވަގަށް ހުރިހާ ފައިސާކޮޅު ނެގުމަށްފަހު ވަރިކޮށްލާފައި ފިލުން ފަދަ ކަންކަން ވެސް ހިމެނެއެވެ. ވީމާ މިވާހަކައިގައި އެވަނީ ހަމަ ކޮންމެ އަންހެނަކުވެސް ވިސްނާލަންޖެހޭ ކަންކަން ކަމުގައި ފާހަގަކުރަމެވެ. 

- މޫނި / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް