އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ޙާލުގައި ޖެހުނު ދެމައިންނަށް އެހީތެރިވާން ގެއަށްވެއްދުނީތީ ކައިވެނި ރޫޅި، ކަރުނައަޅަންޖެހުނު އަންހެނަކަށް މާއުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ޙާލުގައި ޖެހުނު ދެމައިންނަށް އެހީތެރިވާން ގެއަށްވެއްދުނީތީ ކައިވެނި ރޫޅި، ކަރުނައަޅަންޖެހުނު އަންހެނަކަށް މާއުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 10 ސިކުންތު

އަނީސާއަކީ އަޅުގަނޑާއި އެއް އޮފީހެއްގައި ވަޒީފާއަދާކުރަމުން އައި މުވައްޒިފެކެވެ. އެއްދުވަހަކު ސައިކޮޓަރީގައި ދެކަނިވި ވަގުތެއްގައި ރޮއި ލޮލުން ކަރުނައަޅަމުން ބުނީ އޭނާގެ ފިރިމީހާ ރޭ އޭނާ ވަރިކޮށްލާއިފިކަމަށާއި ތަނެއް ހޯދައިގެން 3 ދުވަހަުގެ ތެރޭގައި ގެއިން ނުކުންނަން ބުނެފައިވާ ކަމަށެވެ. 6 މަހުގެ ދަރިއަކު އެނައޮތް ކަމަށާއި ދާނެ އެއްވެސް ތަނެއް ނެތް ކަމަށެވެ. 

އަޅުގަނޑުމެންގެ ގޭގައި ހުހަށް ކޮޓަރިއެއް ހުރުމުން އޭނާ ގެންދިއައިމެވެ. އަނީސާގެ ޙަޤީޤަތް އެނގެންފެށީ ގޭގައި ގެންގުޅެން ފެށުމުންނެވެ. ވަރަށް ކަންނެތް އަންހެނެކެވެ. އަތުންފައިން އެއްވެސް މަސައްކަތެއް ނުކުރެއެވެ. އޮފީހުން ދިއުމަށްފަހު ކުރާ ކަމަކީ ފޯނާ ކުޅުމާއި ނިދުމެވެ. 

އެހެންކަމާއިއެކުވެސް ބަހެއް ނުބުނެ ކެތްތެރިވީމެވެ. ނަމަވެސް އުޅުން އިޞްލާޙްކޮށް ނަމާދުކޮށް ދުޢާކުރަން ބުނީމެވެ. ރަނގަޅު ފިރިއަކު ދެއްވަވާނީވެސް ރަނގަޅަށް އުޅުމުން ކަމަށް ބުނެދެމުން ދިއައިމެވެ. ހިތާމައަކީ އެއިން އެއްވެސް އަޑެއް އޭނާއަށް ނުއިވުނުކަމެވެ. 

އަދި ކުއްލިއަކަށް އޭނާ ވަޒީފާއިން ވަކިވުމުން ސުވާލުތަކެއް އުފެދުނެވެ؟ އޭނާ ވަޒީފާ އެދޫކޮށްލީ ކާކު އޭނާއަށް ޚަރަދުކުރާތީބާވައެވެ! ނަމަވެސް އެއީ އޭނާގެ އަމިއްލަ ކަމެއް ކަމަށް ބަލައި އެއްވެސް ސުވާލެއް ނުކުރަމެވެ. 

ގޭގައި އުޅޭތާ 4 ވަނަ މަހު އެއްރޭ ބާޒާރަށް ދިއަތަނާ ވިއްސާރަވެގެން ތަންކޮޅެއް އަވަހަށް ގެއަށްދެވުނުއިރު އަޅުގަނޑުމެން ދެމަފިރިން ނިދާ އެނދުގައި އޭނާއާއި އަޅުގަނޑުގެ ފިރިމީހާ ގުޅުން ހިންގަނީއެވެ. އައިރުޅީގައި ބަހެއް ނުބުނެ މަޑުކޮށްލިތަނާ އޭނާ (އަނީސާ) އަޅުގަނޑަށް އަމުރުކުރީ ނުރުހޭނަމަ ޒުވާބުނުކޮށް ގެއިން ނުކުމެގެންދިއުމަށެވެ. އެވަރުންވެސް ބަހެއް ނުބުނެ ކެތްކުރީމެވެ. އިރުކޮޅަކުން ފިރިމީހާ ބުނީ އަނީސާދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެކަމަށާއި ދެއަންތބަށް ކައިވެނިކުރަން ބޭނުންވާކަމަށެވެ.

އެހިސާބަށް ދިއުމުން ޖަވާބުގައި ބުނީމެވެ. "ދެއަންތބަކަށް ނޫނެވެ. އަހަރެން ވަރިކޮށްފައި އެއް އަންތބަށް ކައިވެނިކުރާށެވެ. އަދި ދެމީހުން ހަމަމިހާރު މިގެއިން ނުކުމެގެންދާށެވެ." 

އެގެއަކީ އަޅުގަނޑުގެ ގެކަން އަނީސާއަށް އެނގުނީ އެހިށާބުންނެވެ. ގެއާއިބެހޭ އެއްވެސް ވާހަކައެއް އަޅުގަނޑު އަނީސާ ގާތުގައި ނުދައްކާތީ ނުއެނގިއޮތީއެވެ. ނަމަވެސް ފިރިމީހާ އަނީސާގެ ގާތުގައި ބުނެފައި އޮތީ ގެއަކީ އޭނާގެ ގެކަމަށެވެ. އެހެންކަމުން އަނީށާހުރީ ވަރަށް ބޮޑު އޮޅުމެއްގެތެރޭގައެވެ. 

އެއިރު އަޅުގަނޑުގެ ދަރިއަކު ނެތުމާއިއެކު އަނީށާގެ ދަރިފުޅު ގެންގުޅެވުނީ އަމިއްލަ ދަރިއެއްފަދައިންނެވެ. އެހެންވެ އަނީސާކުރި ކުށަކަށް އެކުއްޖާ ނިކަމެތިކޮށްލަން ބޭނުން ނުވާތީ ބޭނުންނަމަ ކުއްޖާ ބާއްވާފައި ދެވިދާނެ ކަމަށާއި ނަމަވެސް ބާއްވަންޖެހޭނީ ކުއްޖާ އަޅުގަނޑަށް ދިންކަމުގެ ލިޔުމާއިއެކގައިކަމަށްވެސް ބުނީމެވެ. 

ލިޔުންދީފައި ކުއްޖާ ބާއްވާފައި ދެމީހުން ނުކުމެގެންދިއައީއެވެ. އަޅުގަނޑުގެ ދިރިއުޅުން ހަލާކުވެ އެކަނިވެރިވީއެވެ. ހަމަ އަޅުގަނޑަށްކުރެވުނު ކުށެއްގެ ސަބަބުންނެވެ. އެއީ އަނީސާ ގެއަށް ގެންދެވުނު ކަމެވެ. އެކަން އަޅުގަނޑުކުރީ ވަރަށް ރަނގަޅު ނިޔަތުގައެވެ. ޙާލުގައި ޖެހިފައިތިބި ދެމައިންނަށް އެހީތެރިވުމުގެ ނިޔަތުގައެވެ. ވީމާ އެކަމުގެ ޖަޒާއަކަށް އަޅުގަނޑަށް ދެރަގޮތެއް މިންވަރުނުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ކެތްތެރިވެގެން ހުރީމެވެ. 

ޢިއްދަ ހަމަނުވަނީސް އަޅުގަނޑާއި ގުޅެން ބޭނުންވެގެން މީސްމީހުން ގުޅަންފަށައިފިއެވެ. އެއްވެސް މީހަކަށް ޖަވާބުނުދީހުރެފައި ޢިއްދަ ހަމަވީތަނުން މީހަކު އިޚްތިޔާރުކުރީމެވެ. އިޚްތިޔާރުކުރީ ސިފައަށް ބަލައިގެނެއް ނޫނެވެ. ޙަދީޘްފުޅުގައިވާފަދައިން ދީންވެރިކަމަށާއި އަޚްލާޤަށް ބަލައިގެންނެވެ. ލޯބިވެގެންނެއްވެސް ނުއުޅެމެވެ. ދެފަހަރަކު ބައްދަލުވެ ވާހަކަދައްކާލާފައި ކައިވެނިކުރީއެވެ. 

ކައިވެންޏަށް 2 އަހަރުފުރުނުތަނާ އެއްދުވަހަކު ކުރީގެ ފިރިމީހާ އަޅުގަޑާއި ބައްދަލުކުރަން އޮފީހަށް ދިއައެވެ. ވަރަށް ދެރަވެފައި ބުނީ މިހައިތަނަށް ކުރި މަސައްކަތުން ޖަމާކުރެވުނު ހުރިހާ ފައިސާކޮޅު އެކައުންޓުގައި ހުއްޓާ ވަގަށް ނަގައިގެން އަނީސާ ފިލައިފިކަމަށެވެ. ބޭންކުލޯނެއްވެސް އޮތުމުން ލޯނަށް ފައިސާ ކަނޑާތީ ލިބޭ މުސާރައިން ތަނުގެ ކުލި ނުދެއްކިގެން ބޮޑު އަދަދަކުން ދަރަނިވެރިވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަށް ކުރެވުނު ކުށަށް މާފުކޮށްފައި އަލުން އޭނާ އާއި ކައިވެނިކުރުން އެދޭ ކަމަށެވެ. 

އެއިރު ބަލިވެ އިނދެ އަޅުގަނޑުގެ ބަނޑަށް 7 މަހެވެ. ގޮނޑިން ތެދުވެ ބަނޑު ދައްކައިލީމެވެ. "އަހަރެންނަކީ ކަލޭފަދައިން ފާހިޝް އަމަލުކުރާ މީހެއް ނޫނެވެ. ބަނޑުގައި މިއޮތީ އަހަރެންގެ ޙަލާލު ދަރިއެކެވެ. ނުހަނު ލޯބިވާ ފިރިއަކު އެބަހުއްޓެވެ. ކަލޭގެ ތިއަސްޓޯރީ ކޮންމެވެސް އެހެން އަނީސާއަކަށް ކިޔައިދީގެން ޙައްލުހޯދުން ރަނގަޅުވާނެއެވެ." އެހެން ބުނުމުން ޢޭނާ ނުކުމެގެންދިއައީ ކަރުނައަޅަމުންނެވެ. 

މިހާރު މިވަނީ ކައިވެންޏަށް 18 އަހަރުފުރިފައެވެ. ދެމަފިރިންގެ 2 ފިހާރަ އެބަހުއްޓެވެ. ދިރިއުޅެމުން މިދަނީ ނުހަނު ލޯބިންނެވެ. 2 ފިހާރަވެސް ހިންގަނީ ގޭގައި ތިބެގެންނެވެ. އެހެންވެ ގިނަވަގުތުތައް ހޭދަކުރަމުން މިގެންދެވެނީ ދަރިންނާއިވެސް އެކު ގޭގައެވެ. މުދައު ހޯދަން ބޭރަށް ދަތުރެއްކުރިނަމަވެސް ކުރަނީ ދެމީހުން އެކުގައެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ މިވާހަކަކޮޅު ޙިއްޞާމިކުރީ ވަރަށް ބޮޑަށް ޔަޤީންކޮށްފައި ނޫނީ ފިރިހެނުން ދައްކާވާހަކަ ޤަބޫލުނުކުރަން ނަޞޭޙަތްތެރިވުމަށެވެ. އަނހެނެއްެ ކިބައިން އެމީހުން ބޭނުންވާ ކަންކަން ޙާޞިލުކުރަން އުޅޭއިރު މުލީއާގެ ދައްކާފައި އެއީ އޭނާގެ ގެކަމަށްބުނަންވެސް މިހާރުގެ ގިނަ ފިރިހެނުން ފަހެއް ނުޖެހޭނެއެވެ. އަދި އަނބިމިހާގެ އެއްވެސް ކުށެއް ނެތި ބޭނުންހައި ގޮތެއް ހަދައިލުމަށްފަހު ރީތި ސްޓޯރީތައް ޖައްސަމުން ފަހަތުން ހިނގަންވެސް ލަދެއް ނުގަންނާނެއެވެ. 

އަޅުގަނޑަށް ފަހުން އެނގުނު ގޮތުގައި އަނީސާގެ އުޅުން ކުރިން ގޯސްނަމަވެސް އަޅުގަނޑުގެ ކުރީގެ ފިރިމިހާ އާއި ކައިވެނިކުރުމަށްފަހު އޭނާ އުޅުނީ ވަރަށް ރަނގަޅަށެވެ. ފިރިމީހާ އޭނާ އެއްލައިލުމުން ދެންކުރި ކައިވެނީގައި ވަރަށް ރަނގަޅަށް އެބަދިރިއުޅެއެވެ. 

ވިމާ މިފަދަ ކަންކަމަށް އަހަރެމެން އަންހެނުން ހޭލުންތެރިވެގެން ނޫނީ މިފަދަ ޙާލަތްތަކުން ސަލާމަތްވުން ފަސޭހައެއް ނުވާނެއެވެ. މިއީ އަޅުގަޑުގެ އަމިއްލަ ވިސްނުމެވެ.

 

- އަހްމީމާ / މިއަދުނޫހގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް