އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީފާއަށްބިރުން ޙައްޤުބަސްބުނަން ނުކެރި ޝައިޠޯނީ ޢަމަލުތައް ގިރިޓީކޮށްދޭ މީހުންނަށް ޤުރްއާނުގައިވާ މިއާޔަތްތައް ހަމަ ނުފެނަނަނީތަ؟

ވަޒީފާއަށްބިރުން ޙައްޤުބަސްބުނަން ނުކެރި ޝައިޠޯނީ ޢަމަލުތައް ގިރިޓީކޮށްދޭ މީހުންނަށް ޤުރްއާނުގައިވާ މިއާޔަތްތައް ހަމަ ނުފެނަނަނީތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 35 ސިކުންތު

އެމީހުން ނަމާދުކުރެއެވެ. ޢަރަބި އެނގޭތީ އަލްޙަމްދުގެ މާނަވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް ޙަޤީޤީ ވެރިފަރާތަކީ ކޮބައިކަން އެބައިމީހުންނަށް ވަނީ އޮޅިފައެވެ.

"ހަޤީޤީ ވެރިކަމަކީ ﷲ ތަޢާލާ ގެ ވެރިކަމެވެ.  

مَالِكِ يَوْمِ الدِّينِ ” (سورة الفاتحة)

މާނަ : ” ޤިޔާމަތްދުވަހުގެ ވެރި ރަސްކަލާންގެއެވެ." 

ދުނިޔެ އާއި އާޚިރަތުގައިވެސް ވެރިކަމަކީ ﷲ ތަޢާލާގެ ވެރިކަމެވެ. އިރާދަކުރެއްވި އަޅަކަށް ދެއްވައެވެ. އިރާދަކުރެއްވި އަޅެއްގެ ކިބައިން ނަންގަވައެވެ." 

ދަންނާށެވެ. ކިތައްމެ ގިނަބަޔަކު އެއްވެގެން ތިބާއަށް ފައިދާއެއް ހޯދައިދޭން ނުވަތަ ވަޒީފާ އެއް ހޯދައިދޭން ވިޔަސް މަސައްކަތްކުރިކަމުގައިވިޔަސް ﷲ ތަޢާލާގެ އިޒްނަފުޅާނުލާ ތިބާއަކަށް އެކަމެއް ހާސިލެއްނުވާނެއެވެ. އަދި ކިތައްމެ ގިނަބަޔަކު ތިބާއަށް ގެއްލުމެއްދޭން އުޅުނުކަމުގައި ވިޔަސް އެކަމެއްވެސް އެއިލާހުގެ އިޒްނަފުޅާއި ނުލާ ނުވާނެކަން ކަށަވަރެވެ. ދުނިޔޭގެ ޖާހާ މަޤާމާއި ވެރިކަން ހޯދުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކިތައްކިތައްމީހުންވޭހެއްޔެވެ. ޓެކްނޮލޮޖީގެ ފަސޭހަތަކާއިއެކު ދުނިޔޭގައި މަޖަލާއި އަރާމުގައި އުޅުމަށް އުންމީދުކުރަމުން އައި ކިތައްކިތައް ޒުވާނުން ތިބާގެ ކުރިމަތީގައި ދުނިޔެ އަޅާ ހިނގައްޖެ ހެއްޔެވެ. އެމީހުންނަށް ހަޤީޤީ އިޚްތިޔާރަކާއި ބާރެއްމިލްކުވެގެންވާނަމަ ވެރިކަމަށް އަރަންވީނޫންތޯއެވެ؟ ނުވަތަ އެ ޒުވާނުންތައް ދުނިޔޭގައި ތިބެންވީނޫންހެއްޔެވެ؟ ލޮބުވެތި އަޚުންނެވެ. އަހަރެމެންގެ މައްޗަށް ބާރުފޯރުވާ ގަދަފަދަ ވަންތަ އިލާހެއް ވޮޑިގެންވެއެވެ. އެއީ ﷲ ތަޢާލާއެވެ.  ދަންނާށެވެ. އެންމެހާކަމެއްގެ ނިމުން ވަނީ އެއިލާހަށެވެ. އަހަރެމެންނަށް ލިބިގެންވަނީ ކުޑަކުޑަ އިޚްތިޔާރެކެވެ. އޭގެ ބޭނުންކޮށްގެން އެއިލާހަށް ކިޔަމަންވުމުގެ މަގު އިޚްތިޔާރު ކޮށްގެން މެނުނުވީ ހަޤީޤީ ކާމިޔާބެއްނުލިބޭނެއެވެ. 

އަދި ހަމަ އެއާއެކު ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތަކަކީ އެންމެ ހެޔޮ ފުރިހަމަވެގެންވާ އިސްމުފުޅުތަކާއި ސިފަފުޅުތައްކަމާއި އަދި އެއިލާހު އިސްމުފުލުތަކާއި ސިފަފުޅުތަކުގައި އެއްވެސް މަޚްލޫޤަކާއި އެއްފަދަވެގެންނުވާކަމަށް އިޤްރާރުވާން ޖެހެއެވެ.

އަދި ހަމަ އެއާއި އެކު ތިބާ އަދާކުރާ އަޅުކަންތަށްވެސް ޚާލިސްކުރަން ޖެހޭނީ ހަމަ އެކަނި ﷲ ތަޢާލާ އަށެވެ. އަޅުކަމުގައި މީސްތަކުންގެ ރުހުން ހޯދުމުގެ ނިޔަތުގައި އަދާކުރެވޭ އަޅުކަމަކީ ބާތިލު އަޅުކަމެކެވެ. ﷲ ތަޢާލާ އަށް ޚާލިސްކުރަންޖެހޭ އަޅުކަމެއްގައި އެހެންފަރާތަކަށް ބައި އަޅައިފިނަމަ އެވާނީ ޝިރުކަކަށެވެ. ޝިރުކަކީ ތަވްޙީދުގެ ދިމާ އިދިކޮޅެވެ. ޝިރުކު ކުރާ ހާލު ތަވްބާނުވެ މަރުވެއްޖެމީހާ އަކަށް ދުވަހަކުވެސް ސުވަރުގެ ނުވަދެވޭ ހުއްޓެވެ. ދުޢާ ދެންނެވުމުގައާއި ކަންކަމުގައި ވާތްގަށް އެދުމުގައާއި ބިރުވެތިވުމާއި ލޯބިވުމާއި ކިޔަަމަން ވުމާއި ތަބަޢު ވުމުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙައްދުން ބޭރުވެގެން ނުވާނެއެވެ. ތިމާ ލޯބިކުރާ ޝަޚްޞިއްޔަތެއް ވިޔަސް ނުވަތަ ސިޔާސީ ފިކުރެއްވިޔަސް އެކަމުގައި މިންވަރެއް އޮންނަން ޖެހޭނެއެވެ. އަދި ބިރުވެތިވުމުގައިވެސް މިފަދައެވެ. އެއީ ﷲ ތަޢާލާ އާއި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ވާ ލޯތްބާއި އެއްފަދަ ލޯތްބަކަށް ވެގެންނުވާނެއެވެ. 

ކޮންމެ މީހަކުވިޔަސް މާތްވެގެންވާ އިސްލާމްދީނާއި ޚިލާފް ކަމެއް ކުރާކަމުގައި ވާނަމަ އެކަމާއި ނުރުހެން ޖެހޭނެއެވެ. އެހެނީ މުއުމިނުން އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ ﷲ ތަޢާލާއެވެ. ހަމަ އެފަދައިން ﷲ ތަޢާލާ ފިޔަވާ ޤަބުރުގައި އޮންނަމީހާ އަށް ދެއްނެވުމާއި މިފަދަ އެންމެހާކަންކަމަކީ ތައުޙީދު ބާތިލުކުރާ ކަންކަމެވެ. މިފަދަ ކަންކަމުން ދުރުވެހުރުން ހުއްޓެވެ. އެހެނީ އަޅުކަމަކީ ﷲ ތަޢާލާ އަށް ޚާއްސަކޮށް އަދާކުރަންޖެހޭ ކަމެކެވެ. އެއިލާހަށް ޚާއްސަވެގެންވާ ކަންކަމުގައި އެހެން ފަރާތެއްބައިވެރިކުރުމަކީ ޝިރުކެވެ. 

ތަވްޙީދަށް އީމާންނުވާމީހާ ކުރާ ޢަމަލަކުން ﷲ ތަޢާލާގެ ހަޒްރަތުން އޭނާއަށް ލިބޭނޭ އެއްވެސް މަންފާއެއްނެތެވެ. ޝަހާދަތުގެ ދެ ކަލިމައަށް އިޤްރާރުވުމަކީ އިސްވެ ބަޔާންކުރެވުނު ކަންކަމާއިމެދު ތިބާގެ ހިތުގެ އަޑިން އިޤްރާރުވެ އެ އަސާސުގެ މައްޗައް ތިބާގެ އަޤީދާ ބިނާކުރުމެވެ. އިންސާނާ ޚަލްޤުކުރެއްވުނީ ބިންމަތީގައި ތަވްހީދު ޤާއިމުކުރުމަށެވެ. ﷲ ތަޢާލާ ވަހީ ކުރައްވާފައި ވެއެވެ.  

وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ (56)” (الذاريات) \

މާނަ : ” އަދި ތިމަން އިލާހު އެއްކައުވަންތަކޮށް އަޅުކަންކުރުމަށް މެނުވީ ތިމަންއިލާހު އިންސާނުނާއި ޖިންނީން ނުހައްދަވަމެވެ،“

އެހެންކަމުން އަޅުގަނޑުމެން އެންމެ އިސްކަމެއްދޭންޖެހޭނީ ތަވްޙީދު ހިތުގައި ބިންވަޅު ނެގުމަށެވެ. އެހެން ނޫންނަމަ އަޅުގަނޑުމެން ކުރާ ޢަމަލުތައްމަތީ ޘާބިތުވެތިބުމަކީ ވަރަށް ނާދިރުކަމެކެވެ. ވަރަށް ގިނަބަޔަކު ދީނުގެ ޙުކުމުތައް އެނގެންފެށުމުން ޢަމަލު ތައްކުރަން ފަށައެވެ. ނަމަވެސް ފެންނަނީ ދިމާވާ ކުޑަކުޑަ އިމްތިޙާނަކުން ދާދިއަވަހަށް އެކަމުން އެއްކިބާވަމުންދާ މަންޒަރެވެ. ދުނިޔޭގެ ލައްޒަތާއި މަލައްޒަތް ފެނުމުން މަގުން ކައްސާލާތަނެވެ. އޭގެ ސަބަބަކީ އަޅުގަނޑުމެން މި އަޅުކަންތައް އަދާކުރާ ފަރާތަކީ ކޮންފަދަ ރަސްކަމެއްގެ މިލްކުވެރި ފަރާތެއްކަން ނޭންގުމާއި ، އަޅުކަމުގެ އަސްލު މަޤްޞަދު ސާފުވެފައި ނެތުމުންނެވެ.  

وَ ما قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعاً قَبْضَتُهُ يَوْمَ الْقِيامَةِ وَالسَّماواتُ مَطْوِيَّاتٌ بِيَمِينِهِ” (الزمر 67) 

މާނަ : ” ﷲ އަށް ޤަދަރުކުރުން ހައްޤުގޮތުގައި އެބައިމީހުން އެއިލާހަކަށް ޤަދަރެއްނުކުރެތެވެ. އަދި ޤިޔާމަތްދުވަހުން މުޅިބިން ވާހުށީ އެކަލާންގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އުޑުތައްވާހުށީ ފައްޖަހާލެވިފައި ވާ ހާލު އެކަލާންގެ ކަނައަތްޕުޅުގެ ތެރޭގައެވެ."

ނަމަވެސް ތަވްޙީދު ހިތުގައި ބިންވަޅު ނެގިފައިވާ މިހާ ، އޭނާ ކޮންމެ ހާލެއްގައި ވިޔަސް ނުވަތަ ދަތި އުނދަގުލެއް ކުރިމަތިވިޔަސް އަދި މީސްތަކުންގެ ކިބައި މަލާމާތާއި ފުރައްސާރަ ރައްދު ކުރެވުނަސް އޭނާ އަށް ޘާބިތުކަން ލިބޭނެތެވެ. އެހެނީ ﷲ ތަޢާލާ ފިޔަވާ އެއްވެސް އާރެއްބާރެއް މިލްކުވެގެންވާ ފަރާތެއްނުވާކަމާއި ކިޔަމަންވުން ހައްޤު ފަރާތަކީ އެއީ ކަމާއި އެއިލާހަށް އުރެދޭ ކަމެއްގައި އެއްވެސް މަޚްލުޤަކަށް ކިޔަމަންވުމަކީ ހުއްދަވެގެން ނުވާނޭ ކަމެއްކަމާއި އެންމެހާކަމެއް އެނބުރި ރުޖޫޢަވަނީ ފަރާތަކީ އެއީ ކަން އޭނާގެ ހިތުގައި ވަނީ ބިންވަޅުނެގިފައެވެ. އެހެނީ ޤިޔާމަތް ދުވަހަކީ ދުނިޔޭގައި ޖައްބާރުވެ ﷲ ތަޢާލާގެ ޝަރީޢަތަށް ފައިން އަރާއުޅުނު ވެރިން ހަމަބިމައްތިރިވާނޭ ދުވަހެވެ.  

رَبِّ السَّمَاوَاتِ وَالأَرْضِ وَمَا بَيْنَهُمَا الرحْمَنِ لا يَمْلِكُونَ مِنْهُ خِطَابًا" (النبأ 37) 

މާނަ : ” އުޑުތަކާއި ބިމާއި އެދެމެދުގައިވާހައި ތަކެއްޗެއްގެ ވެރި ރަޙްމާނުވަންތަ ރަސްކަލާންގެ ހަޟްރަތުންނެވެ. އެކަލާންގެ ހަޟްރަތަށް ބަސްބުނުމުގެ އެއްވެސް ބާރެއް އެއުރެންނަކަށް ލިބިގެނެއްނުވެއެވެ." 

އިބްރާހީމް ޢަލައިހިއްސަލާމްގެ ބަސްފުޅު ﷲ ތަޢާލާ ޤުރުއާނުގައި ޢިބްރަތެއްގެ ގޮތުގައި ބަޔާންކުރައްވާފައިވެއެވެ.  

الَّذِي خَلَقَنِي فَهُوَ يَهْدِينِ (78) وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ (79) وَإِذَا مَرِضْتُ فَهُوَ يَشْفِينِ (80) وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ (81)” (سورةُ الشُّعَرَاء) 

މާނަ : ” އެކަލާންގެއީ ތިމަން ހެއްދެވި ރަސްކަލާންގެއެވެ. އެކަލާންގެ ތިމަންނައަށް ހިދާޔަތް ދައްކަވަތެވެ. އަދި އެކަލާންގެއީ ތިމަންނައަށް ކާންދެއްވާ އަދި ބޯންދެއްވާ ރަސްކަލާންގެއެވެ. އަދި ތިމަން ބަލިވެއްޖެނަމަ ބަލިން ފަސޭހަކޮށްދެއްވަނީ އެކަލާންގެއެވެ. އަދި އެކަލާންގެއީ ތިމަން މަރުގަންނަވައި ދެން ތިމަން ދިރުއްވާނޭ ރަސްކަލާންގެއެވެ. “  

އަޅުގަނޑުމެންގެ ދަރީން ތަރުބިއްޔަތު ކުރަންޖެހެނީ މި އަސާސުގެ މައްޗަށެވެ. ތަވްހީދުގެ ބިންގަލުގެ މައްޗަށެވެ. 

 

މަޢްލޫމާތު: އަލް އަޚް ބިލާލް ޢަބްދުއްސައްތާރުގެ ލިޔުއްވުމަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް