އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ނަރަކައިން ސަލާމަތްކޮށްދޭ އެއްޗަކީ ތިބާ ކުރި ސުންނަތް ނަމާދާއި ހިފި ސުންނަތް ރޯދަކަމުގަ ވެދާނެ! ފަރުވާކުޑަކުރަން ހެޔޮނުވާނެ!

ތިބާ ނަރަކައިން ސަލާމަތްކޮށްދޭ އެއްޗަކީ ތިބާ ކުރި ސުންނަތް ނަމާދާއި ހިފި ސުންނަތް ރޯދަކަމުގަ ވެދާނެ! ފަރުވާކުޑަކުރަން ހެޔޮނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 18 ސިކުންތު

ސުންނަތް އަޅުކަން ކުރަން ގިނަ ބައަކު ދަނީ ޣާފިލުވަމުންނެވެ. ގިނަ ބައަކު ގެންދަނީ ފަރުވާކުޑަކުރަމުންނެވެ. ހަމައެކަނި ފަރުޟުތައް އަދާކޮށްލުމުން ފުދުނީކަމަށް ޤަބޫލުކުރާ މީހުން ދަނީ ގިނަވަމުންނެވެ. އެއީ ރަނގަޅު ވިސްނުމެކެވެ. ނަމަވެސް އެ ވިސްނުން ބާޠިލުވާ ސަބަބެއްވެސް އެބައޮތެވެ. އެއީ އަދާކުރި ފަރުޟް، އެކަންކަން ކުރުމުގައި ހުރި އުނިކަންތައްތަކުގެ ސަބަބުން  ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވިކަން ނުއެނގޭތީއެވެ. 

ވީމާ ތިރީގައިވާ ލިޔުން ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ! 

ސުންނަތް އަޅުކަންތައް ކުރަން ސަމާލުވުމުގެ މުހިންމުކަން 

بسم الله، الحمد لله والصلاة والسلام على من لا نبي بعده، أما بعد:

އިމާމު އައްޝާޠުބީرحمه اللهވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"މަންދޫބު (މުސްތަޙައްބު) އަޅުކަންތަކަކީ ވާޖިބު އަޅުކަންތަކަށް އެހީތެރިވެދޭ އެއްޗެކެވެ." 

އަޅުގަނޑުމެންނަށް ބައެއް ފަހަރު ބައެއް ސުންނަތް އަޅުކަންތަކަށް ސަމާލުކަން ނުދެވޭ ފަހަރުފަހަރު އާދެއެވެ. އެގޭތެރެއިން މިސާލަކަށް، ނަމާދުގެ ރަވާތިބު ސުންނަތްތައް، ވިތުރި، ދަމު ނަމާދު، ޞަދަޤާތް، ޢަރަފާތް ދުވަހު ރޯދަ، ޢާޝޫރާ ރޯދަ، ހޯމަ ބުރާސްފަތި ސުންނަތް ރޯދަ، އައްޔާމުލް ބީޟު ސުންނަތް ރޯދަ ފަދަ މުހިންމު ބައެއް ސުންނަތްތައްވެސް ހިމެނެއެވެ. 

ހަމަކަށަވަރުން، މިފަދަ ސުންނަތް އަޅުކަންތަކަކީ އެކަމުގެ މަތިވެރިކަމާއި ޘަވާބާއި ދަރުމައާއި ބެހޭގޮތުން ގިނަގުނަ ޙަދީޘްފުޅުތައް ވާރިދުވެފައި ހުރި ސުންނަތްތަކެކެވެ. ނަމަވެސް، މި ލިޔުމުގައި ފާހަގަކޮށްލަން ބޭނުންވަނީ، ސުންނަތް އަޅުކަންތަކުގެ މަތިވެރިކަމާއި ޘަވާބުގެ ވާހަކަ އެއްފަރާތުގައި ބޭއްވުމަށްފަހު، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވުމުގެ މުހިންމުކަމާއި އެކަމުގެ ބޭނުންތެރިކަމާ މެދުގައެވެ. 

އެގޮތުން ސުންނަތް އަޅުކަމަކީ، ވާޖިބު އަޅުކަންތަކަށް ފަރުވާތެރިވެ އެވާޖިބެއް ފުރިހަމަ ގޮތުގައި އަދާކުރުމަށް އެހީވެދޭ އެއްޗެކެވެ. 

އެހެނީ، މީހަކު ރަވާތިބު ސުންނަތަށް ފަރުވާތެރިވާނަމަ، ބަންގީގެ އަޑު އިވުމާއިއެކު އޭނާ މިސްކިތަށް ދާނެއެވެ. އަދި، ތަޙިއްޔަތުލް މަސްޖިދުގެ ދެރަކުޢަތް ކުރާނެއެވެ. ދެން އެއަށްފަހު އިހު ސުންނަތެއް އޮންނަ ނަމާދެއްނަމަ އެސުންނަތް ކުރާނެއެވެ. އެއަށްފަހު، ގަމަތްދިނުމާ ހަމަޔަށް ޒިކުރުކުރުމުގައި ނުވަތަ ޤުރުއާން ކިޔެވުމުގައި އިންނާނެއެވެ. ގަމަތް ދިނުމުން، ތަކްބީރަތުލް އިޙްރާމާއިއެކު ފަރުޟު ނަމާދު، ޖަމާޢަތުގައި އަދާކުރުމުގެ ތައުފީޤު ލިބިގެންދާނެއެވެ. އެހެންކަމުން، ނަމާދުގެ އިހު ސުންނަތަށް، ޙުރުމަތްތެރިކޮށް ހިތުމުގެ ސަބަބުން ފަރުޟު ނަމާދު އަޅުކަންވެސް އެންމެ ފުރިހަމަ ގޮތުގައި އަދާވީއެވެ. 

ނަމަވެސް، ސުންނަތް ނަމާދަށް ފަރުވާކުޑަކޮށްފިނަމަ އެމީހެއްގެ ޙާލު ހުންނާނެ ގޮތާމެދު ފިކުރު ހިންގާލަމާތޯއެވެ. ބަންގި ގޮވީމަވެސް އޭނާ މިސްކިތަށް ނުގޮސް މަޑުކޮށްލަނީއެވެ. ގަމަތް ދިނުމާ ކައިރިކޮށްފައި މިސްކިތަށް ދިއުމުގެ ޚިޔާލުގައެވެ. ގަމަތް ދޭން ގާތްގަނޑަކަށް ފަނަރަ ނުވަތަ ވިހި މިނިޓު ހުރުމާއެކު އެހާ އަވަހަށް ދިޔުމުގެ ބޭނުމެއްވެސް ނެތްކަމަށް ދެކިގެންނެވެ. ނުވަތަ ކޮންމެވެސް ކަމެއްގައި މަޝްޣޫލުވެ އުޅޭތީއެވެ. ކޮމްޕިއުޓަރު ދޮށުގައި، ނުވަތަ ޓީވީ ކުރިމަތީގައި، ނުވަތަ ހޮޓަލެއްގެ ސައި މޭޒު ދޮށުގައި، ނުވަތަ ރައްޓެއްސަކާ ވާހަކަ ދައްކާލަން ހުރީތީއެވެ. ގަމަތް ދޭން ފެށުމާއެކު އޭނާ ތެޅި ފޮޅެމުން މިސްކިތަކަށް ދާނެއެވެ. ވުޟޫ ކުރާ ބަޔަށްވަދެ އަވަސް އަވަހަށް ވުޟޫކޮށް ނިމިގެން، މިސްކިތަށް އަރާއިރު، ނަމާދުގެ ޖަމާޢަތުގެ ބައެއް ގެއްލޭނެއެވެ. އެއްކަލަ ސުންނަތް ނަމާދަށް ފަރުވާކުޑަ ކުރުމުގެ ސަބަބުން ޖަމާޢަތުގެ ފުރިހަމަ ޘަވާބާއި ދަރުމައިން އޭނާ މަޙްރޫމުވީއެވެ. ތަކުބީރަތުލް އިޙްރާމުގެ މަތިވެރިކަމުގައި ބައިވެރި ނުވެވުނީއެވެ. 

އިސްވެ އެ ދިޔައީ، ސުންނަތަށް ފަރުވާތެރިވާ މީހާއާ އެކަމަށް ފަރުވާކުޑަކުރާ މީހެއްގެ ހުރި ދުނިޔެވީ ތަފާތުގެ ވާހަކަ ކޮޅެކެވެ. މިފަދަ ވަރަށް ގިނަ ފަރަޤުތަކެއް އެ ދެމީހުންގެ އަޅުކަންތަކުގައި ހުރުމަކީ ނުވެ ނުދާނެ ކަމެކެވެ. ދެން، އާޚިރަތުގައި ދެމީހުންގެ ޙާލު ހުރި ގޮތުގެ ވާހަކައަށް ބަލައިލަމާތޯއެވެ. 

ޞައްޙަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ ބެހޭ ގޮތުންނެވެ. ފަރުޟު ފަސް ނަމާދެވެ. އެފަރުޟު ފަސް ނަމާދުގައި އުނި ކަމެއްވާނަމަ، ސުންނަތް ނަމާދުތަކުން އެ އުނިވި ބައި ފުރިހަމަ ކުރެވޭނެއެވެ. ހަމައެފަދައިން ރޯދަވެސް މެއެވެ. ފަރުޟު ރޯދައިގައި އުނި ކަމެއްވާނަމަ ސުންނަތް ރޯދައިން ފުރިހަމަ ކުރެވޭނެއެވެ. އެހެންކަމުން، އެއްކަލަ ދުނިޔެ މަތީގައި ސުންނަތް ނަމާދާއި، ޞަދަޤާތާއި، ސުންނަތް ރޯދައާއި އެހެނިހެންވެސް ސުންނަތް އަޅުކަންތައް ކޮށް އުޅުނު މީހާގެ ފަރުޟުތައް ފުރިހަމަ ކުރެވިގެން ދާނެއެވެ. ނަމަވެސް، އެއްކަލަ ފަރުވާކުޑަކުރި މީހާގެ ފަރުޟުތަކުގައި ހުރި އުނިކަން ފޫބައްދާނެ ސުންނަތް އަޅުކަންތަކެއް އޭނާގެ އެކައުންޓަކު ނުހުންނާނެއެވެ.

އެހެންކަމުން، އިމާމު އައްޝާޠުބީ رحمه الله، ވިދާޅުވެފައިވާ ފަދައިން، ސުންނަތް އަޅުކަންތަކަކީ، ވާޖިބު އަޅުކަންތަކުގެ ޚާދިމެވެ. ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް ފަރުޟު އަޅުކަންތަކަށް، ސުންނަތް އަޅުކަންތަކުގެ އެހީއާއި މަދަދަށް ވަނީ ވަރަށް ބޮޑަށް މުޙުތާޖުވެފައެވެ. އުނިކަމެއް ވާނަމަ، އެކަމެއް ފިލުވައި ދޭނެއެވެ. އަދި ހަމައެއާއެކު، ސުންނަތް އަޅުކަމަކީ، އޭގެ ޒާތުގައި، މާތް ﷲ ރުއްސަވާ އެތަކެއް ޘަވާބާއި ދަރުމައެއް ލިބިގެންދާނެ، ޒަރީޔާއެއްވެސް މެއެވެ. 

އެހެންކަމުން، ސުންނަތަކީ، އަގު ނުކުރެވޭފަދަ ބޮޑު ނިޢުމަތެކެވެ. އެއާމެދު އޯގާވަންތަ ﷲއަށް ޙަމްދުކުރަން ޖެހޭފަދަ މަތިވެރި ހަދިޔާއެކެވެ. 

އަޅުގަނޑުގެ ދުޢާއަކީ، ސުންނަތްތަކަށް ފަރުވާތެރިވުމުގެ ތައުފީޤު، އަޅަމެން އެންމެންނަށް، މާތް ﷲ މިންވަރު ކޮށްދެއްވުމެވެ. އަދި ޚާއްޞަކޮށް، ފަރުޟުތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާ ބަޔަކު ކަމުގައި އަޅަމެން ލެއްވުމެވެ. އާމީން! 

سبحانك اللهم وبحمدك لا إله إلا إنت نستغفرك ونتوب إليك. 

މަސްދަރު : ދިސަލަފިއްޔާ

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް